Showing posts with label ސުވާލާއި ޖަވާބު. Show all posts
Showing posts with label ސުވާލާއި ޖަވާބު. Show all posts

10.11.09

ސުވާލާއި ޖަވާބު -3

ސުވާލު: ތަރާވީޙް ނަމާދުގައި ތަސްބީޙަ ކިޔުމަކީ އޮންނަކަމެއްތޯއެވެ؟ ނުވަތަ ނޫންތޯއެވެ؟ މި ދެގޮތުން ރަނގަޅު ގޮތަކީ ކޮބައިތޯއެވެ؟
ޖަވާބު: الْحَمْدُ لِلَّهِ رَبِّ الْعَالَمِيْنَ. وَالصَّلَاةُ وَالسَّلَامُ عَلَى أَشْرَفِ الْأَنْبِيَاءِ وَالْمُرْسَلِيْنَ. نَبِيِّنَا وَحَبِيْبِنَا وَقُدْوَتِنَا مُحَمَّدٍ وَعَلَى آلِهِ وَأَصْحَابِهِ وَمَنْ تَبِعَهُمْ بِإِحْسَانٍ إِلَى يَوْمِ الِّدْينِ. أَمَّا بَعْدُ
ޒިކުރުކުރުމަކީ(ތަސްބީޙަކިޔުމަކީ) އަޅުކަމެކެވެ. އަޅުކަމުގެ އަޞްލަކީ، (ޝަރުޢީ ދަލީލަކުން ޘާބިތުނުވާހާ ހިނދަކު) ހުއްދަނުވުމެވެ. ﷲގެ ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހިވަސައްލަމަވަނީ، އެކަލޭފާނުގެ އަޞްޙާބުބޭކަލުންނާއެކު ރަމަޟާންމަހުގެ ރޭއަޅުކަން، މަދު ރޭތަކަކުނަމަވެސް ކުރައްވަވާފައެވެ. އަދި އެކަލޭގެފާނުގެ މާތް ޞަޙާބީންވަނީ ވަކިވަކިންވެސް، އަދި ޖަމާޢަތުގައިވެސް ރަމަޟާންމަހުގެ ރޭއަޅުކަން ކުރައްވަވާފައެވެ. ނަމަވެސް އެއިން އެއްވެސް ބޭކަލަކު ކޮންމެ ދެރަކުޢަތަކަށްފަހު، ނުވަތަ ކޮންމެ ހަތަރު ރަކުޢަތަކަށްފަހު އަޅުގަނޑުމެންގެ ތެރެއިން ބައެއް އަޚުން ކުރަމުންދާގޮތަށް ދުޢާ(ޒިކުރު) ކުރެއްވެވިކަމަކަށް ޘާބިތުވެފައެއްނުވެއެވެ.
އެހެންކަމުން އެފަދަ ގޮތަކަށް ދުޢާކުރުމަކީ ނުވަތަ ޒިކުރު ކުރުމަކީ ދީނުގެ ތެރެއަށް އަލަށް ވެއްދިފައިވާ ކަންތައްތަކެއް ކަމުގައި ދަންނަވަމެވެ. އިބްނުލް ޙާއްޖުގެ ނަމުން މަޝްހޫރުވެވަޑައިގެންފައިވާ އިމާމު، އެކަލޭގެފާނުގެ ފޮތް 'އަލްމަދްޚަލް' ގައި ވިދާޅުވެފައިވަނީ އެއީ ބިދުޢައެއްކަމުގައެވެ.
ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަގެ ޙަދީޘްފުޅެއްގައި އައިސްފައިވެއެވެ. كُلُّ ِبدْعَةٍ ضَلَاَلةٌ "ކޮންމެ ބިދުޢައަކީ މަގުފުރެދުމެކެވެ." އެހެންކަމުން އަޅުގަނޑުމެންނަށް އޮތީ ދީނުގެ ތެރެއަށް އަލަށް ވެއްދިފައިވާ ކަންތައްތަކުން ދުރުވެ، އެކަންތައްތައް އަޅުގަނޑުމެންގެ މުޖުތަމަޢުން ނައްތާލުމުގައި އެކަކު އަނެކަކަށް އެހީތެރިވެ، ވާގިވެރިވުމެވެ. وَاللهُ أَعْلَمُ

ޖަވާބު ދިނީ: މުޙައްމަދު ޝަމްޢޫން

އިތުރަށް ވިދާޅުވޭ

9.11.09

ސުވާލާއި ޖަވާބު -2

ސުވާލު: ޙައިޟުވެރިޔާ ނުވަތަ ނިފާސްވެރިޔާގެ ކިބައިން ރަމަޟާންމަހު ގެއްލިގެންދާ ރޯދަ ގަޟާކުރުމުގެ ކުރިން، އޭނާ ހިފަންވީ ޝައްވާލުމަހުގެ ހަރޯދަތޯ؟ ނުވަތަ އޭނާ އިސްކުރަންވީ ޤަޟާކުރަންޖެހިފައިވާ ފަރުޟުރޯދަތައްތޯ؟ މި ދެގޮތުން އެންމެ ރަނގަޅު ގޮތަކީ ކޮބައިތޯ؟

ޖަވާބު: الْحَمْدُ لِلَّهِ رَبِّ الْعَالَمِيْنَ. وَالصَّلَاةُ وَالسَّلَامُ عَلَى أَشْرَفِ الْأَنْبِيَاءِ وَالْمُرْسَلِيْنَ. نَبِيِّنَا وَحَبِيْبِنَا وَقُدْوَتِنَا مُحَمَّدٍ وَعَلَى آلِهِ وَأَصْحَابِهِ وَمَنْ تَبِعَهُمْ بِإِحْسَانٍ إِلَى يَوْمِ الِّدْينِ. أَمَّا بَعْدُ
ޤަޟާކުރަންޖެހޭ ފަރުޟުރޯދަތަކެއް ހުއްޓައި ސުންނަތްރޯދަ ހިފުމާއި ބެހޭގޮތުން ޢިލްމުވެރިންގެ ދެ ރައުޔެއް އައިސްފައިވެއެވެ.

ފުރަތަމަ ރައުޔު: ފަރުޟުރޯދަ ޤަޟާކުރުމުގެކުރިން ސުންނަތް ރޯދަ ހިފުން ހުއްދަވެގެންނުވެއެވެ. އެހެނީ ފަރުޟަށްވުރެ ސުންނަތަށް އިސްކަން ނުދެވޭނެއެވެ.

ދެވަނަ ރައުޔު: ފަރުޟުރޯދަ ޤަޟާކުރުމުގެ ކުރިން ސުންނަތް ރޯދަ ހިފުމަކީ ހުއްދަކަމެކެވެ. އެހެނީ ފަރުޟު ރޯދަ ޤަޟާކުރުމުގެ ވަގުތު އަނެއް ރޯދަމަހާއި ހަމައަށް ދެމިގެންދެއެވެ.


ދެން އުފެދޭ ސުވާލަކީ މި ދެރައުޔުން، ރަނގަޅީ ކޮންރައުޔެއްތޯއެވެ؟ އާދެ، އަޅުގަނޑަށް ބޮޑަށް ބުރަވެވެނީ ދެވަނަ ރައުޔަށެވެ.

ސަބަބު: ފަރުޟު ނަމާދެއްގެ ވަގުތުވެފައި އޮއްވައި، ވަގުތު އޮވެއްޖެނަމަ އެފަރުޟު އަދާކުރުމުގެ ކުރިން ސުންނަތް ނަމާދެއް ކުރުމަކީ ހުއްދަކަމެކެވެ. ފަރުޟަށްވުރެ ސުންނަތަށް އިސްކަން ނުދެވޭނީ ފަރުޟު އަދާކުރާނޭ ވަގުތެއް ނެތްނަމައެވެ. ހަމަ މިގޮތަށް ރޯދަވެސް ފަރުޟުރޯދަ ޤަޟާކުރާނޭ ވަގުތު އޮވެއްޖެނަމަ، އެފަރުޟުރޯދަ ޤަޟާކުރުމުގެ ކުރިން ސުންނަތްރޯދަ ހިފުން ހުއްދަވާނެއެވެ. ނަމަވެސް އެ ފަރުޟުރޯދަ ޤަޟާކުރާނޭ ވަގުތުނެތްނަމަ، ފަރުޟަށްވުރެ ސުންނަތް ރޯދައަށް، އިސްކަން ނުދެވޭނެއެވެ.


މިސާލު: މީހަކު ޤަޟާކުރަންޖެހިފައި އޮތީ 8 ރޯދައެވެ. އެހެންވެއްޖެނަމަ، ޝަޢުބާންމަހުގެ 20 ނުވަތަ 21 ޖެހެންދެން އޭނާއަށް ސުންނަތް ރޯދަ ހިފިދާނެއެވެ. ނަމަވެސް ޝައުބާންމަހުގެ 20 ނުވަތަ 21 ޖެހުމަށް ފަހު އޭނާއަށް ސުންނަތް ރޯދަ ނުހިފޭނެއެވެ. އެހެނީ އޭނާ ޤަޟާކުރަންޖެހިފައިވާ 8 ރޯދަ ހިފުމަށް، އޭނާއަށް އިތުރުވަގުތެއް ނެތެވެ.


މިހާ ހިސާބަށް، މިވާހަކަ ދެކެވުނީ ފަރުޟުރޯދަ ޤަޟާކުރުމުގެ ކުރިން ސުންނަތްރޯދަ ހިފުމުގެ ޙުކުމާއި ބެހޭގޮތުންނެވެ. އާދެ، ހުއްދަތޯ ނުވަތަ ހުއްދަނޫންތޯއެވެ. ކުރީގައިވެސް ބަޔާންކުރި ފަދައިން އަޅުގަނޑަށް ބުރަވެވެނީ ހުއްދަ ކަމަށެވެ. ނަމަވެސް މިދެގޮތުން އެންމެ އައުލާކަންބޮޑީ(އެންމެ ރަގަޅީ)، ކޮންގޮތެއް ތޯއެވެ؟ ޖަވާބު: އެންމެ ރަގަޅީ ފުރަތަމަ، ފަރުޟުރޯދަ ޤަޟާކުރުމެވެ.

ސަމާލުކަމަށް: މަތީގައި ބަޔާން ކުރެވިފައިވާ ސުންނަތްރޯދަތަކުގެ ތެރޭގައި ޝައްވާލުމަހުގެ 6 ރޯދަ ނުހިމެނޭނެއެވެ. އެހެނީ ޝައްވާލުމަހުގެ 6 ރޯދަ، އެހެން ސުންނަތްރޯދަތަކާއި ތަފާތެވެ. ޝައްވާލުމަހުގެ 6 ރޯދައާއި ބެހޭގޮތުން ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްފުޅުކުރައްވަވާފައިވެއެވެ. مَنْ صَامَ رَمَضَانَ وَ أَتْبَعَهُ سِتًّا مِنْ شَوَّالَ كَانَ كَصِيَامِ الدَّهْرِ "ރަމަޟާންމަހު ރޯދަ ހިފުމަށްފަހު، ޝައްވާލުމަހު ހަ ރޯދަ ހިފައިފިމީހާ މުޅިއަހަރު ރޯދަހިފި ފަދައެވެ."


މި ޙަދީޘްފުޅުގައި އައިސްފައި މިވަނީ ރަމަޟާންމަހުރޯދަ ހިފުމަށްފަހު ޝައްވާލުމަހުގެ 6 ރޯދަހިފާ މީހެއްގެ ވާހަކައެވެ. އެހެންކަމުން ރޯދަޤަޟާކުރަން ޖެހިފައިވާ މީހާ، މުޅި ރަމަޟާންމަހުރޯދަ ހިފިކަމަކަށް ނުވާނެއެވެ. އޭނާ ރޯދަ ޤަޟާކުރުމުގެ ކުރިން ޝައްވާލުމަހުގެ 6 ރޯދަ ހިފިކަމުގައިވިޔަސް، ޙަދީޘުގައި ބަޔާންކުރެވިފައިވާ ޘަވާބެއް އޭނާއަކަށް ނުލިބޭނެއެވެ. އޭނާއަށް ލިބޭނީ ސުންނަތް ރޯދައެއް ހިފުމުގެ ޘަވާބެވެ.

ޙަދީޘްގައި ބަޔާންކުރެވިފައިވާ ޘަވާބު ލިބޭނީ ރޯދަ ޤަޟާކުރުމަށްފަހު ޝައްވާލުމަހުގެ 6 ދުވަހު ރޯދަ ހިފުމުންނެވެ. ޝައްވާލުމަހުގެ، ކޮންމެ 6 ދުވަހަކު ހިފިއަސް، އެމަހުގެ 6 ދުވަހު ރޯދަހިފިކަމަށްވާނެއެވެ. ފުރަތަމަ 6 ދުވަހު ހިފުން ލާޒިމުވެގެނެއް ނުވެއެވެ. وَاللهُ أَعْلَمُ

ޖަވާބު ދިނީ: މުޙައްމަދު ޝަމްޢޫން

އިތުރަށް ވިދާޅުވޭ

6.11.09

ސުވާލާއި ޖަވާބު -1

ސުވާލު: ރަމަޟާންމަހުގެ ދުވަހެއްގެ ފަތިސްވުމުގެ ކުޑަވަގުތުކޮޅެއްފަހުން، ޙައިޟުވެރިޔާ ޠާހިރުވެއްޖެނަމަ އެދުވަހު ކެއިންބުއިމާއި ރޯދަގެއްލޭ އެންމެހައި ކަންތައްތަކުން ދުރުވެހުރުން އޭނާގެ މައްޗަށް ލާޒިމުވާނެތޯއެވެ؟ އަދި އެ ދުވަހު އޭނަގެ ރޯދަ ޞައްޙަވާނެތޯއެވެ؟

ޖަވާބު: އެދުވަހު، ރޯދަގެއްލޭ ކަންތައްތަކުން ދުރުވެހުރުން އޭނަގެ މައްޗަށް ލާޒިމެއްނުވާނެއެވެ. އެހެނީ އެދުވަހު އޭނާ ރޯދައަށް ހުރިކަމުގައިވިއަސް އޭނަގެ ރޯދަ ޞައްޙައެއްނުވާނެއެވެ.ސަބަބަކީ އެދުވަސް ފެށުނުއިރު އޭނާ ހުރީ އުޒުރުވެރިއެއްގެ (ޙައިޟުވެރިއެއްގެ) ގޮތުގައެވެ. އޭނާއަށް އޮތީ އެދުވަހުގެ ރޯދަ، ފަހުން ޤަޟާކުރުން އެކަންޏެވެ.
އެދުވަހުގެ ބާކީއޮތް ވަގުތުގައި ރޯދަ ގެއްލޭ ކަންތައްތަކުން ދުރުވެ ހުންނަން ޖެހޭނީ އުޒުރުވެރިއެއްކަމުގައި ނުވާނަމައެވެ. އެހެން ޢިބާރާތަކުން ދަންނަވަނީނަމަ، އެދުވަހު ރޯދަހިފުން ވާޖިބުވާ މީހެއްކަމުގައި ވާނަމައެވެ. އުޒުރުވެރިއެއްކަމުގައި ނުވާމީހަކު އެދުވަހުގެ ކުރީކޮޅުގައި ރޯދަގެއްލޭފަދަ ކަމެއް ކޮށްފިނަމަ، ރޯދަ ޤަޟާކުރުމުގެ އިތުރަށް، އެދުވަހުގެ ބާކީއޮތް ވަގުތުގައި ރޯދަގެއްލޭ ކަންތައްތަކުން ދުރުވެހުރުންވެސް އޭނަގެ މައްޗަށް ލާޒިމުވާނެއެވެ.
ޖަވާބު ދިނީ: މުޙައްމަދު ޝަމްޢޫން

އިތުރަށް ވިދާޅުވޭ