8.11.09

ލޮބުވެތި ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ނަސަބުފުޅު

މުޙައްމަދު ޝަމްޢޫން
الْحَمْدُ لِلَّهِ رَبِّ الْعَالَمِيْنَ. وَالصَّلَاةُ وَالسَّلَامُ عَلَى أَشْرَفِ الْأَنْبِيَاءِ وَالْمُرْسَلِيْنَ. نَبِيِّنَا وَحَبِيْبِنَا وَقُدْوَتِنَا مُحَمَّدٍ وَعَلَى آلِهِ وَأَصْحَابِهِ وَمَنْ تَبِعَهُمْ بِإِحْسَانٍ إِلَى يَوْمِ الِّدْينِ. أَمَّا بَعْدُ
އެކަލޭގެފާނަކީ ޢަދްނާނުގެ ދަރިކަލުން މަޢުދްގެ ދަރިކަލުން ނިޒާރުގެ ދަރިކަލުން މުޟަރުގެ ދަރިކަލުން އިލްޔާސްގެ ދަރިކަލުން މުދްރިކާގެ ދަރިކަލުން ޚުޒައިމާގެ ދަރިކަލުން ކިނާނާގެ ދަރިކަލުން ނަޟްރުގެ ދަރިކަލުން މާލިކުގެ ދަރިކަލުން ފިހުރުގެ ދަރިކަލުން ޣާލިބުގެ ދަރިކަލުން ލުއައްޔުގެ ދަރިކަލުން ކަޢުބުގެ ދަރިކަލުން މުއްރާގެ ދަރިކަލުން ކިލާބުގެ ދަރިކަލުން ޤުޞައްޔުގެ ދަރިކަލުން ޢަބްދުމަނާފުގެ ދަރިކަލުން ހާޝިމްގެ ދަރިކަލުން ޢަބްދުލްމުއްޠަލިބުގެ ދަރިކަލުން ޢަބްދުﷲގެ ދަރިކަލުން މުޙައްމަދު ޞައްލަﷲ ޢަލައިހިވަސައްލަމައެވެ.

މިއީ ޞަޙީޙުލް ބުޚާރީގައި އެކަލޭގެފާނުގެ ނަސަބުފުޅު ޒިކުރު ކުރެވިފައިވާ މިންވަރެވެ. އަދި މިއީ ޢިލްމުވެރިން ޢިޖުމާޢުވެފައިވާ މިންވަރުވެސްމެއެވެ. އެހެނީ އެކަލޭގެފާނުގެ ކާފަ ޢަދްނާން އިން ފެށިގެން އާދަމް ޢަލައިހިއްސަލާމްއާއި ހަމައަށް އެކަލޭގެފާނުގެ ނަސަބު އިތުބާރުކުރެވޭ އެއްވެސް މަގަކުން ޘާބިތުވެފައެއްނުވެއެވެ. ނަމަވެސް ޢަދްނާން އަކީ އިބްރާހީމް ޢަލައިހިއްސަލާމްގެ ދަރިކަލުން އިސްމާޢީލް ޢަލައިހިސަލާމްގެ ދަރިފަސްކޮޅުން ވަޑައިގެންނެވި ބޭކަލެއްކަން ޞައްޙަމަގުން ޘާބިތުވެފައިވެއެވެ.

އެކަލޭގެފާނުގެ މަންމާފުޅަކީ ބަނޫ ޒަހްރާގެ ބޭކަނބަލެކެވެ. އެކަލޭގެފާނުގެ ނަސަބުފުޅު މަންމާފުޅުގެ ނަސަބުފުޅާއި ބައްދަލުވަނީ ކިލާބް ބިން މުއްރާ އާއި ހަމައިންނެވެ.

ﷲ ތަޢާލާ އެކަލޭގެފާނު ލައްވަވާފައިވަނީ އިންސާނުންގެ ތެރެއިން އެންމެ ޠާހިރު، އެންމެ މަތިވެރި ނަސަބުން އަދި އެންމެ ޝަރަފުވެރި ޤަބީލާއިން ވަޑައިގެންނެވި ބޭކަލެއްކަމުގައެވެ. އިމާމް މުސްލިމް އެކަލޭގެފާނުގެ ޞަޙީޙުގައި ރިވާކުރައްވަވާފައިވާ ޙަދީޘްފުޅެއްގައި އައިސްފައިވެއެވެ. إِنَّ اللهَ اصْطَفَى كِنَانَةَ مِنْ وَلَدِ إِسْمَاعِيْلَ وَاصْطَفَى قُرَيْشًا مِنْ كِنَانَةَ وَ اصْطَفَى مِنْ قُرَيْشٍ بَنِيْ هَاشِمَ وَ اصْطَفَانِيْ مِنْ بَنِيْ هَاشِمَ. " ﷲ ތަޢާލާ އިސްމާޢީލް ޢަލައިހިއްސަލާމްގެ ދަރިފަސްކޮޅުން ކިނާނާ އިޚްތިޔާރުކުރައްވަވައި މާތްކުރެއްވެވިއެވެ. އަދި ކިނާނާގެ ދަރިފަސްކޮޅުން ޤުރައިޝުން އިޚްތިޔާރުކުރައްވަވައި މާތްކުރެއްވެވިއެވެ. އަދި ޤުރައިޝުންގެ ތެރެއިން ހާޝިމްވަންހަ މާތްކުރެއްވެވިއެވެ. އަދި ހާޝިމްވަންހައިން ތިމަންކަލޭގެފާނު އިޚްތިޔާރު ކުރައްވަވައި މާތް ކުރެއްވެވިއެވެ."

އިތުރަށް ވިދާޅުވޭ