19.11.09

އިސްލާމީ މަޝްހޫރު ބައެއް ޢިލްމްވެރިން އަވަހާރަވި ތާރީޚު -4

އަބޫ ޢައްމާރު މުޙައްމަދު ސިނާން
ހިޖުރައިން 300 އަހަރު ފަސް
303 ވަނަ އަހަރު
އައް ނަސާއީ
307 ވަނަ އަހަރު
އަބޫ ޔަޢްލާ އަލް މައުސިލީ
310 ވަނަ އަހަރު
އިބްން ޖަރީރް އައް ޠަބަރީ
311 ވަނަ އަހަރު
އަޙްމަދު ބިން މުޙައްމަދު އަލް ޚައްލާލް
އިބްން ޚުޒައިމާ
321 ވަނަ އަހަރު
އަބޫ ޖަޢުފަރު އައް ޠަހާވީ
324 ވަނަ އަހަރު
އަބޫ ހަސަން އަލް އަޝްޢަރީ
327 ވަނަ އަހަރު
އިބްން އަބީ ޙާތިމް
329 ވަނަ އަހަރު
އަލް ބަރްބަހާރީ
344 ވަނަ އަހަރު
އަލް އިރާޤީ، އަބުލް ޤާސިމް
349 ވަނަ އަހަރު
އަބޫ އަޙްމަދު އަލް އައްސާލް
354 ވަނަ އަހަރު
އިބްން ޙިއްބާން
360 ވަނަ އަހަރު
އަބޫބަކްރު އަލް އާޖުރީ
އައް ޠަބަރާނީ
370 ވަނަ އަހަރު
އަބޫބަކްރު އަލް ޖައްސާސް
371 ވަނަ އަހަރު
އަބޫބަކްރު އަލް އިސްމާޢީލް
385 ވަނަ އަހަރު
އައް ދާރުޤްޠުނީ
އިބްން ޝާޙީން، އަބޫ ހަފްޞް ޢުމަރު އިބްން އަޙްމަދު
386 ވަނަ އަހަރު
އަބޫ މުޙައްމަދު އިބްން އަބީ ޒައިދު އަލް ޤައިރަވާނީ
387 ވަނަ އަހަރު
އިބްން ބައްޠާ
388 ވަނަ އަހަރު
އަލް ޚައްޠާބީ
395 ވަނަ އަހަރު
އިބްން މަންދާ

ހިޖުރައިން 400 އަހަރު ފަސް
403 ވަނަ އަހަރު
އިބްން ހައްމާދު
405 ވަނަ އަހަރު
އަލް ޙާކިމް
406 ވަނަ އަހަރު
އަބޫ ޙާމިދު އަލް އިސްފަރާޢީނީ
418 ވަނަ އަހަރު
އައްލާލަކާއީ
421 ވަނަ އަހަރު
ޞުލްޠާން މަޙްމޫދް ޣަޒްނަވީ
429 ވަނަ އަހަރު
އައް ތަލަމަންކީ
430 ވަނަ އަހަރު
އަބޫ ނުޢައިމް އަލް އަޞްބަހާނީ
438 ވަނަ އަހަރު
އަބޫ މުޙައްމަދު އަލް ޖުވައިނީ
449 ވަނަ އަހަރު
އަބޫ އިސްމާޢީލް އައް ޞާބޫނީ
456 ވަނަ އަހަރު
އިބްން ޙަޒްމް
އަލް މާވަރްދީ
457 ވަނަ އަހަރު
އަލް ބައިހަޤީ
458 ވަނަ އަހަރު
އަބޫ ޔަޢްލާ
463 ވަނަ އަހަރު
އިބްން ޢަބްދުލްބައްރު
ޚަޠީބް އަލް ބަޣްދާދީ
470 ވަނަ އަހަރު
އައް ޝަރީފް އަބޫ ޖަޢްފަރު އަލް ހާޝިމީ
476 ވަނަ އަހަރު
އަބޫ އިސްޙާޤް އައް ޝީރާޒީ
477 ވަނަ އަހަރު
އަލް ބާޖީ، އަބޫ ވަލީދު އަލް މާލިކީ
481 ވަނަ އަހަރު
އަބޫ އިސްމާޢީލް އަލް ޙަރަވީ
489 ވަނަ އަހަރު
އައް ސަމްޢާނީ، އަބޫ މުދައްފަރު

އިތުރަށް ވިދާޅުވޭ

އިސްލާމީ މަޝްހޫރު ބައެއް ޢިލްމްވެރިން އަވަހާރަވި ތާރީޚު -5

އަބޫ ޢައްމާރު މުޙައްމަދު ސިނާން
ހިޖުރައިން 500 އަހަރު ފަސް
505 ވަނަ އަހަރު
އަލް ޣަޒާލީ
510 ވަނަ އަހަރު
އަލް ޚަލްވަދާނީ، އަބުލް ޚައްޠާބް
516 ވަނަ އަހަރު
އަލް ބަޣަވީ
532 ވަނަ އަހަރު
އިބްނުލް ޢަރަބީ އަލް މާލިކީ
535 ވަނަ އަހަރު
އަލް އަޞްބަހާނީ
544 ވަނަ އަހަރު
ޤާޟީ ޢިޔާޟް
561 ވަނަ އަހަރު
ޢަބްދުލްޤާދިރު އަލް ޖީލާނީ
571 ވަނަ އަހަރު
އިބްން އަސާކިރު
597 ވަނަ އަހަރު
އިބްން އަލް ޖަވްޒީ

ހިޖުރައިން 600 އަހަރު ފަސް
600 ވަނަ އަހަރު
ޢަބްދުލްޣަނީ އަލް މަޤްދިސީ
606 ވަނަ އަހަރު
އިބްނުލް އަޘީރު، އަލް މުބާރަކް، އަލް ޖަޒަރީ
620 ވަނަ އަހަރު
އިބްން ޤުދާމާ އަލް މަޤްދިސީ
630 ވަނަ އަހަރު
އިބްނުލް އަޘީރު، އަބުލް ޙަސަން، އަލް ޖަޒަރީ
643 ވަނަ އަހަރު
އިބްން އައް ޞަލާޙް އައް ޝަހްރަޒޫރީ އައް ޝާފިޢީ
ޟިޔާއުލް މަޤްދިސީ
652 ވަނަ އަހަރު
މަޖްދުއްދީން އިބްން ތައިމިއްޔާ
656 ވަނަ އަހަރު
ޙާފިޡް އަލް މުންޛިރީ އައް ޝާފިޢީ
660 ވަނަ އަހަރު
ޢިއްޒުއްދީން އިބްން ޢަބްދުއްސަލާމް، އައް ޝާފިޢީ
665 ވަނަ އަހަރު
އަބޫ ޝައްމާމް
671 ވަނަ އަހަރު
އަލް ޤުރްޠުބީ، އަބޫ ޢަބްދުﷲ މުޙައްމަދު އިބްން އަޙްމަދު އަލް މާލިކީ
676 ވަނަ އަހަރު
އަން ނަވަވީ
681 ވަނަ އަހަރު
އިބްން ޚާލިކާން
684 ވަނަ އަހަރު
އަލް ޤަރާފީ

އިތުރަށް ވިދާޅުވޭ

ނިޢުމަތްތަކުގެ ތެރެއިން – ދުޅަހެޔޮ ޞިއްޙަތު

މުޙައްމަދު ޝަމްޢޫން
الحمد لله رب العالمين. والصلاة والسلام على أشرف الأنبياء والمرسلين. نبينا وحبيبنا وقدوتنا محمد وعلى آله وأصحابه ومن تبعهم بإحسان إلى يوم الدين. أما بعد
އާދެ! ދުޅަހެޔޮ ޞިއްޙަތަކީ، ﷲ ތަޢާލާ އިންސާނުންނަށް ދެއްވެވި ނިޢުމަތްތަކުގެ ތެރެއިން ވަރަށް އަގުބޮޑު ނިޢުމަތެކެވެ. އިސްލާމްދީނުގައި ވަރަށްބޮޑު އަހަންމިއްޔަތުކަމެއް ދެވިފައިވާ ނިޢުމަތެކެވެ. މިކަން ﷲ ގެ ފޮތާއި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތަށް ބަލައިފިމީހަކަށް ވަރަށް ރަނގަޅަށް އެނގިގެންދާނެއެވެ. ﷲ ތަޢާލާވަނީ ޞިއްޙަތަށް ގެއްލުންވާފަދަ އެންމެހައި ކަންތަކުން ދުރުވެ ރައްކާތެރިވެ ތިބުމަށް އަމުރުކުރައްވަވާފައެވެ. (وَلاَ تُلْقُواْ بِأَيْدِيكُمْ إِلَى التَّهْلُكَةِ) البقرة: ١٩٥ " އަދި ތިޔަބައިމީހުންގެ އަމިއްލަ އަތްތަކުން ނަފްސު ހަލާކުގެތެރެއަށް އެއްލާ ނުލާށެވެ." ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ވަނީ ދުޅަހެޔޮ ޞިއްޙަތެއްދެއްވުން އެދި ﷲ ތަޢާލާގެ ހަޟްރަތުގައި ދެންނެވުމަށް އުންމަތަށް އިރުޝާދު ދެއްވަވާފައެވެ. أَيُّهَا النَّاس لاَ تَتَمَنَّوا لِقَاءَ العَدُوِّ، وَسَلُوا اللهَ العَافِيَةَ " އޭ މީސްތަކުންނޭވެ. އަދުއްވުންނާއި ބައްދަލުކުރުމަށް (ހަނގުރާމައަށް) ނެއެދޭށެވެ. ދުޅަހެޔޮ ޞިއްޙަތަކަށް އެދި ﷲ ގެ ޙަޟްރަތުގައި ދަންނަވާށެވެ."

އާދެ! ޤިޔާމަތްދުވަހު އެންމެފުރަތަމަ ސުވާލު ވެވޭ ނިޢުމަތްތަކުގެތެރޭގައި ދުޅަހެޔޮ ޞިއްޙަތުގެ ނިޢުމަތް ހިމެނެއެވެ. އެހެންކަމުން ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ވަނީ ދުޅަހެޔޮޞިއްޙަތެއް ﷲ ތަޢާލާ ދެއްވާފައިވާ މީހުންނަށް، މި ނިޢުމަތުގެ ބޭނުން ރަނގަޅުގޮތުގައި ހިފުމަށް ވަޞިއްޔަތްކުރައްވާފައެވެ. ﷲ ތަޢާލާ އަމުރުކުރައްވަވާފައިވާ ކަންތައްކުރުމުގައެވެ. އެއިލާހުގެ ރުހިވޮޑިގަތުން ޙާޞިލުކުރުމުގައެވެ. اِغْتَنِمْ خَمْسًا قَبْلَ خَمْسٍ " ފަސްކަމެއް ތިޔަބައިމީހުންނާއި ކުރިމަތިވުމުގެ ކުރިން ފަސްކަމެއްގެ ފައިދާ ހެޔޮގޮތުގައި ލިބިގަންނާށެވެ." އޭގެ ތެރެއިން އެއްކަމަކަށް އެކަލޭގެފާނު ޙަދީޘްފުޅު ކުރައްވަވާފައިވަނީ وَ صِحَّتَكَ قَبْلَ سَقَمِكَ " ބަލިވުމުގެ ކުރިން ދުޅަހެޔޮކަމުގެ ފައިދާ ހެޔޮގޮތުގައި ލިބިގަންނާށެވެ." ނަމަވެސް މަދުބަޔަކު މެނުވީ މި ނިޢުމަތުގެ ބޭނުން ހެޔޮގޮތުގައި ނުހިފައެވެ. އަގު ވަޒަނެއް ނުކުރެއެވެ. نِعْمَتَانِ مَغْبُونٌ فِيْهِمَا كَثِيْرٌ مِنَ النَّاِس: الصِّحَّةُ وَالْفَرَاغُ " ގިނަ ބަޔަކަށް އޭގެ އަގު ވަޒަންނުކުރެވޭ (އެއަށް ފަރުވާކުޑަކޮށްފައިވާ) ދެ ނިޢުމަތެއްވެއެވެ. އެއީ ޞިއްޙަތާއި ހުސްވަގުތެވެ."
އާދެ! މި ނިޢުމަތަކީ ﷲގެ އަމުރުފުޅުތަކާއި ޚިލާފަށް އުޅޭމީހުންގެ މައްޗަށްވާ ހުއްޖަތެކެވެ. އަދި އެއިލާހު އެންގެވި ގޮތަށް އުޅޭ މީހުންނަށްޓަކައިވާ ހުއްޖަތެކެވެ. އެހެންކަމުން މި ނިޢުމަތުން ފައިދާލިބޭނީ އެއިލާހު އެންގެވި ގޮތަށް އުޅޭ މީހުންނަށެވެ. ދުނިޔެއާއި ދުނިޔޭގައި ވާހައި އެއްޗަކަށް ވުރެ އެބައިމީހުންނަށް މި ނިޢުމަތުގެ ފައިދާ ބޮޑެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްފުޅެއްގައި އައިސްފައިވެއެވެ. وَالصِّحَّةُ لِمَنْ اتَّقَى خَيْرٌ مِنَ الْغِنَى " އަދި ޞިއްޙަތަކީ ތަޤުވާވެރީންނަށް، މުދަލަށް(މުއްސަނދިކަމަށް) ވުރެންވެސް އަގުބޮޑު އެއްޗެކެވެ." އެހެންކަމުން މުއުމިނުން އަބަދުވެސް ދުޅަހެޔޮ ޞިއްޙަތެއް ދެއްވެވުން އެދި ދުޢާ ކުރެއެވެ. އުއްމުލް މުއުމިނީން ޢާއިޝާ ރަޟިޔަﷲ ޢަންހާ ވިދާޅުވިއެވެ. لَوْ عَلِمْتُ لَيْلَةَ الْقَدْرِ مَا سَأَلْتُ رَبِّيْ عَزَّ وَجَلَّ فِيْهَا إِلاَّ الْعَافِيَةَ حَتَّى أُصْبِحَ " ތިމަންކަމަނާއަށް ލައިލަތުލްޤަދްރި އެނގިވަޑައިގެންފިނަމަ، ފަތިސްވެއްޖެއުމަށް ދާންދެން ﷲގެ ޙަޟްރަތުގައި ދުޅަހެޔޮ ސިއްޙަތެއްނޫން އެހެން އެއްޗެއް ދެއްވެވުން އެދި ނުދަންނަވާ ހުށީމެވެ."
އޭ ﷲ ފެނުމުގެ ނިޢުމަތް ދެއްވެވުމުން އެ ނިޢުމަތުގެ ބޭނުން ﷲ ޙަރާމް ކުރެއްވެވި ތަންތަނަށާއި އެއްޗިއްސަށް ބެލުމުގައި ހިފަމުންދާ މީހުންނޭވެ! ތި ނިޢުމަތުން މަޙުރޫމު ވެފައިވާ މީހުންނަށް ބަލައި ޢިބުރަތް ލިބިގަންނާށެވެ. ފެނުމުގެ ބާރު ﷲ ގެންދަވައިފިއްޔާ ދެން އަނބުރާ ގެނެސްދޭނީ ކާކުތޯއެވެ؟
އޭ އަޑުއިވުމުގެ ނިޢުމަތް ﷲ ދެއްވެވުމުން އެ ނިޢުމަތުގެ ބޭނުން ލަވަޔާއި މިއުޒިކާއި އަދިވެސް ﷲ ޙަރާމްކުރެއްވެވި އެއްޗެހި އަޑުއެހުމުގައި ހިފަމުންދާ މީހުންނޭވެ! ތި ނިޢުމަތުން މަޙުރޫމު ވެފައިވާ މީހުންނަށް ބަލައި ޢިބުރަތް ލިބިގަންނާށެވެ. އަޑުއިވުމުގެ ބާރު ﷲ ގެންދަވައިފިއްޔާ ދެން އަނބުރާ ގެނެސްދޭނީ ކާކުތޯއެވެ؟
އޭ ﷲ އަތް ދެއްވެވުމުން އެ ނިޢުމަތުގެ ބޭނުން މީހުންނަށް އަނިޔާކުރުމުގައްޔާއި ﷲގެ ދީނަށާއި އެ ދީނަށް ތަބާވާންް މަސައްކަތްކުރާ މީހުންނަށް މަލާމަތްކޮށް އެއްޗެހި ލިޔުމުގައި ހިފަމުންދާ މީހުންނޭވެ! ތި ނިޢުމަތުން މަޙުރޫމު ވެފައިވާ މީހުންނަށް ބަލައި ޢިބުރަތް ލިބިގަންނާށެވެ. ﷲ ތިއަތުގެ ބާރު ގެންދަވައިފިއްޔާ ދެން އެ ބާރު އަނބުރާ ގެނެސްދޭނީ ކާކުތޯއެވެ؟
އޭ ﷲ ފައި ދެއްވެވުމުން އެ ނިޢުމަތުގެ ބޭނުން ﷲ ޙަރާމްކުރައްވަވާފައިވާ ކަންތައްތައް ކުރުމުގައި ހިފަމުންދާ މީހުންނޭވެ! ތި ނިޢުމަތުން މަޙުރޫމު ވެފައިވާ މީހުންނަށް ބަލައި ޢިބުރަތް ލިބިގަންނާށެވެ. ﷲ ތިފައިގެ ބާރު ގެންދަވައި ތިބާއަކީ ނުކުޅެދޭ މީހަކަށް ހައްދަވައިފިއްޔާ ދެން ތިބާއަށް އެ ނިޢުމަތް އަނބުރާ ގެނެސްދޭނީ ކާކުތޯއެވެ؟
އޭ ﷲ ދުޅަހެޔޮ ޞިއްޙަތެއް ދެއްވެވުމުން އެއިލާހަށް އުރެދުމުގައި އެ ނިޢުމަތުގެ ބޭނުން ހިފަމުންދާ މީހުންނޭވެ! އަދިވެސް ﷲ އަށް ބިރުވެތިވާކަށް ނުވޭތޯއެވެ؟ އެ އިލާހު ތިނިޢުމަތް ގެންދަވައިފިއްޔާ ދެން އަނބުރާ ގެނެސްދޭނީ ކާކު ތޯއެވެ؟
ﷲ ތަޢާލާ އަޅުގަނޑުމެން އެންމެންނަށް ވެސް ހިދާޔަތު ދައްކަވާފާނދޭވެ. އަދި ބަލިވުމުގެ ކުރިން ޞިއްޙަތުގެ ބޭނުން ހެޔޮގޮތުގައި ހިފާ ބައެއްކަމުގައި އަޅުގަނޑުމެން އެންމެންވެސް ލައްވަވާށިއެވެ.
و صلى الله و سلم على نبينا و حبيبنا محمد وعلى آله وصحبه أجمعين. والحمد لله رب العالمين.

އިތުރަށް ވިދާޅުވޭ

ވަގުތު ފާއިތުވުމުގެ ކުރިން...

މުޙައްމަދު ޝަމްޢޫން
الحمد لله رب العالمين. والصلاة والسلام على أشرف الأنبياء والمرسلين. نبينا وحبيبنا وقدوتنا محمد وعلى آله وأصحابه ومن تبعهم بإحسان إلى يوم الدين. أما بعد.
ﷲ ތަޢާލާގެ ފޮތަށް ބަލައިފިމީހަކަށް އެއިލާހު ވަގުތުތައް ގަންދެއްވަވައި ހުވާ ވަޙީ ކުރައްވަވާފައިވާތަން ފެންނާނެއެވެ.ފަތިސްވަގުތު ގަންދެއްވަވައި އެއިލާހު ވަޙީކުރައްވަވާފައިވެއެވެ.)وَالْفَجْرِ( ޟުޙާވަގުތު ގަންދެއްވަވައި އެއިލާހު ވަޙީ ކުރައްވަވާފައިވެއެވެ.) وَالضُّحَى (މެންދުރުވަގުތު ގަންދެއްވަވައި އެ އިލާހު ވަޙީ ކުރައްވަވާފައިވެއެވެ.)وَالنَّهَارِ إِذَا تَجَلَّى( ހަވީރު ވަގުތު ގަންދެއްވަވައި އެއިލާހު ވަޙީ ކުރައްވަވާފައިވެއެވެ.) وَالْعَصْرِ (އަދި ރޭގަނޑުގެ ވަގުތު ގަންދެއްވަވައި އެއިލާހު ވަޙީ ކުރައްވަވާފައިވެއެވެ.)وَاللَّيْلِ إِذَا يَغْشَى (މިއިން ދޭހަވަނީ ކޮން އެއްޗެއްތޯއެވެ؟ އިސްލާމްދީނުގައި ވަގުތަށް ދެވިފައިވާ އަހަންމިއްޔަތުކަމެވެ. ވަގުތަށް ދެވިފައިވާ ޤަދަރެވެ. އެހެނީ ﷲ ތަޢާލާ އެއްޗެއް ގަންދެއްވަވާނީ އެ އިލާހުގެ ޙަޟްރަތުގައި އެއަށް ދެވިފައިވާ ޤަދަރެއްގެ މަތިވެރިކަން ބަޔާންކޮށް ދެއްވެވުމަށްޓަކައެވެ.
އާދެ ! ވަގުތަކީ ވަރަށް އަގުހުރި އެއްޗެކެވެ. އެއީ އިންސާނާގެ ރައުސުލްމާލެވެ. އޭނާގެ ޙަޔާތެވެ. މިދުނިޔޭގައި އޭނާ ވޭތުކުރާ ކޮންމެ ވަގުތުކޮޅަކީ އޭނާގެ ޙަޔާތުން މަދުވެގެންދާ ވަގުތުކޮޅެކެވެ. އަޖަލާ ގާތްކުރާ ވަގުތުކޮޅެކެވެ. އަލް އިމާމް ޙަސަނުލްބަޞަރީ ރަޙިމަހުﷲ ގެ ބަސްފުޅެއްގައި އައިސްފައިވެއެވެ. يا ابن آدم أنت أيام، كلما ذهب يوم منها ذهب بعضك، ويوشك إذا ذهب بعضك أن يذهب كلك وأنت لا تعلم، فاعمل، فاليوم عمل ولا حساب، وغدا حساب ولا عمل " އޭ އާދަމުގެ ދަރިޔާއެވެ. ތިބާއަކީ ދުވަސްތަކެކެވެ. ފާއިތުވެގެންދާ ކޮންމެ ދުވަހަކީ ތިބާގެ ޢުމުރުން މަދުވެގެންދާ ދުވަހެކެވެ. އަދި ތިބާ ޣާފިލުކަމުގެ ނިދިން ނިދާފައި އޮއްވާ، ދުވަސްތައް މަދުވަމުން މަދުވަމުންގޮސް، ތިބާގެ ނިމުން އައިސް ތިބާއާ ބައްދަލުކޮށްފާނެތެވެ. އެހެންވީމާ (ޣާފިލުކަމުގެ ނިދިން ހޭލައި) ހެޔޮ ޢަމަލުކުރާށެވެ. އެހެނީ މިއަދު(ދުނިޔޭގައި) އޮތީ ޢަމަލެވެ. ޙިސާބެއް ނެތެވެ. އަދި މާދަމާ (އާޚިރަތުގައި) އޮތީ ޙިސާބެވެ. ޢަމަލެއް ނެތެވެ." ނަމަވެސް މިކަމާ މެދު ވިސްނާ ފިކުރު ކުރަނީ ކޮންބައެއްތޯއެވެ؟ މިއިން ޢިބްރަތް ޙާޞިލުކުރަނީ ފަހެ ކޮންބައެއްތޯއެވެ؟
މީސްތަކުން މިވަނީ ދުނިޔޭގެ ކެހިވެރިމަޅިތަކުގައި ޖެހިފައެވެ. ޝައިޠާނާގެ ވަސްވާހަށް ތަބާވެފައެވެ. ޝަހުވަތުގެ ކަނޑަށް ޣަރަޤު ވެފައެވެ. ކުޅިވަރާއި މަޖަލަށް ގެއްލިފައެވެ. އެބައިމީހުންދަނީ އުފާ ފާޅުކުރަމުންނެވެ. އުފަންދުވަހުގެ ޕާރޓީތައް ބާއްވަމުންނެވެ. ކައިވެންޏާއި އެހެނިހެން ކަންތަކަށް އަހަރުފުރުމުގެ މުނާސަބަތުތައް ފާހަގަކުރަމުންނެވެ. އެއީ އެބައިމީހުންގެ ޢުމުރުން މަދުވާ ދުވަސްތަކެއްކަން އެބައިމީހުންނަކަށް އިޙްސާސެއްނުކުރެވެއެވެ. އެބައިމީހުންނަށް ވަގުތުގެ އަގު ވަޒަނެއްނުކުރެވެއެވެ. عن ابن عباس رضي الله عنهما قال: قال رسول الله: نعمتان مغبون فيهما كثير من الناس: الصحة والفراغ އިބްނު އައްބާސް ރަޟިޔަﷲ ޢަންހުމާ ވިދާޅުވިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްފުޅުކުރެއްވެވިއެވެ. " ގިނަ ބަޔަކަށް އޭގެ އަގު ވަޒަންނުކުރެވޭ (އެއަށް ފަރުވާކުޑަކޮށްފައިވާ) ދެ ނިޢުމަތެއްވެއެވެ. އެއީ ޞިއްޙަތާއި ހުސްވަގުތެވެ."
އާދެ! މަދުބަޔަކަށް މެނުވީ، ނިޢުމަތްތަކުގެ އަގު ވަޒަންކުރެވެނީ އެ ނިޢުމަތްތަކުން މަޙުރޫމުވުމުންނެވެ. ލޮލުގެ ނިޢުމަތުގެ އަގު ވަޒަންކުރެވެނީ ލޯ ފަންވީމައެވެ. ސިއްޙަތުގެ ނިޢުމަތުގެ އަގު ވަޒަންކުރެވެނީ ބަލިވީމައެވެ. އަދި ވަގުތުގެ ނިޢުމަތުގެ އަގުވަޒަން ކުރެވެނީ އެ ނިޢުމަތުން މަޙުރޫމުވުމުންނެވެ. އާދެ، މަރުވުމުންނެވެ. ޤަބުރުތަކުގެ އަހުލުވެރިންގެ ހަޅޭކުގެ އަޑު އިވޭނަމަ، މިކަން އަޅުގަނޑުމެންނަށް ވަރަށް ރަނގަޅަށް އެގުނީހެވެ. ދުނިޔޭގައި ބޭކާރުގޮތުގައި ނަގާލި ވަގުތުތަކާމެދު އެބައިމީހުންދަނީ ހިތާމަ ކުރަމުންނެވެ. އަދިއެއްފަހަރު އެވަގުތު ލިބޭނޭނަމަ ކިހާ ރަނގަޅުހޭ ބުނަމުންނެވެ.) رَبَّنَا أَخْرِجْنَا نَعْمَلْ صَالِحًا غَيْرَ الَّذِي كُنَّا نَعْمَلُ (" އޭ އަޅަމެން ހައްދަވައިގެންގުޅުއްވަވާ އިލާހެވެ. އަޅަމެން ކުރަމުންގެންދިޔަ (ނުބައި)ޢަމަލުތަކާއި ޚިލާފަށް ޞާލިހު ޢަމަލުކުރުމަށްޓަކައި، އަޅަމެން (ނަރަކައިން)ނެރުއްވަވާފާނދޭވެ.(އަދިއެއްފަހަރު ދުނިޔެއަށް ފޮނުއްވަވާފާނދޭވެ.)"
ނިޢުމަތްތަކުގެ އަގު ވަޒަންކުރެއްވެވި ބޭކަލުން، އެބޭކަލުންގެ ވަގުތުން އެންމެ ސިކުންތެއްވެސް ބޭކާރު ގޮތުގައި ހޭދަވެގެންދިޔަނުދެއްވެވުމަށް ވަރަށް ބޮޑު އަހަންމިއްޔަތުކަމެއް ދެއްވެވިއެވެ. އަލް އިމާމް ޙަސަނުލްބަޞަރީ ރަޙިމަހުﷲ ވިދާޅުވިއެވެ.( لقد أدركت أقواماً كانوا على أوقاتهم أشد حرصاً منكم على أموالكم) " ތިޔަބައިމީހުން މުދަލަށް ރައްކާތެރިވާވަރަށްވުރެ ބޮޑަށް އެބައިމީހުންގެ ވަގުތުތަކަށް ރައްކާތެރިވެލައްވާ ބޭކަލުންތަކަކާ ތިމަންކަލޭގެފާނަށް ބައްދަލުވިއެވެ." އެބޭކަލުންގެ ވަގުތުތައް އެބޭކަލުން ހޭދަކުރެއްވެވީ ޢިލްމު އުނގެނިވަޑައިގަތުމުގައެވެ. ނުވަތަ ޢިލްމު އުގަންނަވައި ދެއްވެވުމުގައެވެ. ނުވަތަ އަޅުކަންކުރެއްވެވުމުގައެވެ. ޚަޠީބުލްބަޣްދާދީ ރަޙިމަހުﷲ އަށް ބައްލަވާށެވެ. އެކަލޭގެފާނު މަގުމަތިން ހިންގަވާ ވަޑައިގަންނަވާއިރުވެސް ވަޑައިގަންނަވަނީ ފޮތެއް މުޠާލަޢާ ކުރައްވަވަމުންނެވެ. އަދި އިބްނުރަޖަބް އަލްހަންބަލީ ރަޙިމަހުﷲ އަށް ބައްލަވާށެވެ. އެކަލޭގެފާނު އަވަހާރަވުމަށްފަހު އެކަލޭގޭފާނު ލިޔުއްވަވާފައިވާ ފޮތްތައް އެކަލޭގެފާނުގެ މުޅި ޢުމުރަށް ބަހާލެވުނު އިރު ކޮންމެ ދުވަހަކަށް ނުވަފޮތް ވެއެވެ. އަދި ޖަޢުފަރު ބިން ޢަލީ ރަޙިމަހުﷲ އަށް ބައްލަވާށެވެ. އިމާމް މާލިކު ރަޙިމަހުﷲ ވިދާޅުވިއެވެ. ( ما دخلت على جعفر بن علي إلا وجدته على إحدى ثلاث: إما قائماً يصلي، أو جالساً يقرأ القرآن، أو جالساً يذكر الله) " ޖަޢުފަރުބިން ޢަލީ ރަޙިމަހުﷲ، ނަމާދު ކުރައްވަވަން ނުވަތަ ޤުރުއާން ކިޔަވާ ވިދާޅުވާން ނުވަތަ ޒިކުރުކުރައްވަަވަން ނުހުންނަވާ ވަގުތެއްގައި ތިމަންކަލޭގެފާނަށް، އެކަލޭގެފާނުގެ އަރިހަށް ނުދެވެއެވެ."
އެއިންބޭކަލެއްގެ ވަގުތުން އެންމެ ހިނދުކޮޅެއްވެސް ފައިދާއެއްނެތް ގޮތުގައި ހޭދަ ކުރެވިއްޖެއްޔާ، އެބޭކަލުން އެކަމާއި ރޮއެ ހިތާމަ ކުރައްވަވައެވެ. އިބްނު މަސްޢޫދު ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ. (ما ندمت على شيء ندمي على يوم غربت شمسه، نقص فيه أجلي ولم يزد فيه عملي). " ތިމަންކަލޭގެފާނުގެ (ހެޔޮ) ޢަމަލު އިތުރުނުވެ، ޢުމުރުން ފާއިތުވާ ދުވަހެއްގެ މައްޗަށް ތިމަންކަލޭގެފާނު ހިތާމަ ކުރައްވާ ވަރަށް، އެއްވެސް ކަމަކާ ތިމަންކަލޭގެފާނު ހިތާމަ ނުކުރައްވަމެވެ."
އޭ ލޮބުވެތި އަޚުންނާއި އުޚްތުންނޭވެ! މި ކަންތައްތަކުން ޢިބްރަތްލިބިގަނެ، ވަގުތުގެބޭނުން ހެޔޮގޮތުގައި ހިއްޕަވާށެވެ. ގެއްލިއްޖެ ވަގުތެއް އަނބުރާ ނުލިބޭނެއެެވެ. އަލް އިމާމް ޙަސަނުލްބަޞަރީ ރަޙިމަހުﷲ ގެ ބަސްފުޅެއްގައި އައިސްފައިވެއެވެ. "ما من يوم ينشق فجره إلا وينادى: (يا ابن أدم أنا يوم جديد وعلى عملك شهيد فاغتنمني وتزود مني، فأنا لا أعود إلى يوم القيامة ) " ހާލުގެ ދުލުން، ' އޭ އާދަމުގެ ދަރިޔާއެވެ. އަހަންނަކީ އާ ދުވަހަކީމެވެ. އަދި ތިބާގެ ޢަމަލުގެ މައްޗަށްވާ ހެކިވެރިޔަކީމެވެ. އަހަރެންގެ ބޭނުން ހެޔޮގޮތުގައި ހިފައި (އާޚިރަތަށްޓަކައި) ކޮއްތު އިތުރުކުރާށެވެ. ފަހެ ޤިޔާމަތާއި ޖެހެންދެން އަހަރެން ދެން އެނބުރި ނާންނާނަމެވެ.' ނުބުނާ ދުވަހަކަށް ފަޖުރު ނުލައެވެ." އެހެންކަމުން ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ވަނީ ވަގުތުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް އުއްމަތަށް ނަޞޭޙަތްދެއްވަވާ ވަޞިއްޔަތް ކުރައްވަވާފައެވެ. އެއީ ޢުމުރުގެ އެންމެ ފަހު ސިކުންތުކޮޅުކަމުގައި ވިއަސްމެއެވެ. އެކަލޭގެފާނުގެ ޙަދީޘްފުޅެއްގައި އައިސްފައިވެއެވެ. ( إن قامت الساعة وبيد أحدكم فسيلة، فإن استطاع ألا تقوم حتى يغرسها فليفعل ). " ތިޔަބައިމީހުންގެ ތެރެއިން މީހެއްގެ އަތުގައި ކުޑަ ކަދުރު ރުކެއް އޮއްވާ ޤިޔާމަތުގެ ވަގުތު ޖެހުނަސް، އޭނާއަށް ކުޅަދާނަކަން ލިބިގެންވާނަމަ އެ އިންދާފައި ނޫނީ ނުތެދުވާށެވެ."
އޭ ލޮބުވެތި އަޚުންނާއި އުޚްތުންނޭވެ! ދާއިމީ ދުނިޔެ ބާއްޖަވެރި ކުރުމަށްޓަކައި، މި ފަނާވަނިވި ދުނިޔޭގައި ލިބިފައިމިވާ ކުޑަ ވަގުތުކޮޅުގެ ބޭނުން އޭގެ އެންމެ ފުރިހަމަގޮތުގައި ހިއްޕަވާށެވެ. )كُلُوا وَاشْرَبُوا هَنِيئًا بِمَا أَسْلَفْتُمْ فِي الْأَيَّامِ الْخَالِيَةِ(" ދުނިޔޭގައި ތިޔަބައިމީހުން ހޭދަކުރި ދުވަސްތަކުގައި ތިޔަބައިމީހުން ކުރި ހެޔޮ ޢަމަލުތަކުގެ ޖަޒާއެއްގެ ގޮތުން އަރާމުގައި ކައިބޮއި އުޅޭށެވެ." މިފަދައިން ބުނެވޭ މީހުންގެ ތެރެއިން ވުމަށް މަސައްކަތް ކުރައްވަވާށެވެ. އެންމެ ސިކުންތެއްވެސް ފައިދާއެއްނެތް ގޮތުގައި ހޭދަނުކުރައްވަވާށެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޙަދީޘްފުޅެއްގައި އައިސްފައިވެއެވެ. (ليس يتحسر أهل الجنة على شيء إلا على ساعةٍ مرت بهم لم يذكروا الله عز وجل فيها ) " ﷲ ގެ މަތިން ހަނދުމަނުކޮށް، ދުނިޔޭގައި ހޭދަކުރެވުނު ވަގުތުކޮޅުފިޔަވައި އެހެން އެއްވެސް ކަމަކާއި، ސުވަރުގޭގެ އަހުލުވެރިން ހިތާމަ ނުކުރާނެއެވެ."
އޭ ލޮބުވެތި އަޚުންނާއި އުޚްތުންނޭވެ! ދުނިޔޭގައި، ﷲ ގެ އަމުރުފުޅުތަކާއި ޚިލާފުވެ، ފަނާވަނިވި ދުނިޔެއަށްޓަކާ އާޚިރަތް ވިއްކާލި މީހުން ދާންއޮތް ތަނަކީ ނަރަކައެވެ. އެހިނދު، ހެޔޮޢަމަލުކުރުމަށް ވަޢުދުވެ، އަދި އެއްފަހަރު ދުނިޔެއަށް ފޮނުއްވަވައި ދެއްވެވުން އެދި އެބައިމީހުން ރޯނެއެވެ. ދެންފަހެ ﷲ ތަޢާލާ އެބައިމީހުންނަށް ޖަވާބުގައި ވަޙީކުރައްވާނެތެވެ. )أَوَلَمْ نُعَمِّرْكُم مَّا يَتَذَكَّرُ فِيهِ مَن تَذَكَّرَ وَجَاءكُمُ النَّذِيرُ فَذُوقُوا فَمَا لِلظَّالِمِينَ مِن نَّصِيرٍ( "ހަނދުމަކުރާނޭ މީހަކު ހަނދުމަކުރާހާ ދުވަހު ތިމަންއިލާހު ތިޔަބައިމިހުންގެ ޢުމުރު ނުދަންމަވަންތޯއެވެ؟ އަދި އިންޒާރުކުރައްވަވާނޭ ބޭކަލަކު ތިޔަބައިމީހުންގެ ގާތަށް ވަޑައިގަތެވެ. ފަހެ ތިޔަބައިމީހުން ޢަޒާބުގެ ރަހަލިބިގަންނާށެވެ. އަނިޔާވެރިންނަށް ނަޞުރުދެއްވަވާނޭ ފަރާތެއްނުވެއެވެ."
އޭ ލޮބުވެތި އަޚުންނާއި އުޚްތުންނޭވެ! ސާޅީސް ނުވަތަ ފަންސާސް އަހަރުވަންދެން ދުނިޔޭގައި ހުންނަވާނޭކަމަށް އުއްމީދުނުކުރައްވަވާށެވެ.މިޖުމްލަ ކިޔާ ނުނިމެނީސްވެސް މަރާއި ބައްދަލުކުރަންޖެހިދާނެކަމަށް ވިސްނަވާށެވެ. މަޝްހޫރު ޅެންވެރިޔާ އަޙުމަދު ޝައުޤީ ވިދާޅުވެފައިވެއެވެ.
دقات قلب المرء قائلة له *** إن الحياة دقائق وثواني
ހިތުގެ ވިންދު އިންސާނާކައިރީ ބުނަމުންދެއެވެ. ހަމަކަށަވަރުން ޙަޔާތަކީ މިނެޓްތަކަކާއި ސިކުންތުތަކެކެވެ.

ހެދުނުވެއްޖެއްޔާ ހަވީރު ވަންދެން ދުނިޔޭގައި ހުންނަވާނޭކަމަށް އުއްމީދުނުކުރައްވަވާށެވެ. އަދި ހަވީރުވެއްޖެއްޔާ ހެދުނު ވަންދެން ދުނިޔޭގައި ހުންނަވާނޭކަމަށްވެސް އުއްމީދުނުކުރައްވަވާށެވެ. ހެޔޮ ޢަމަލުތައް، ފަހުންކުރުމަށް ލަސްނުކުރައްވަވާށެވެ. އޭ ލޮބުވެތި އުޚްތުންނޭވޭ! ޙައްޖުދުވަހު ނުވަތަ އަހަރުފެށޭ ދުވަހު ބުރުޤާ އެޅުއްވުމަށް ނުތިއްބަވާށެވެ. އެދުވަސް ޖެހުމުގެ ކުރިން މަރު އައިސް ބައްދަލުކޮށްފިއްޔާ ދެން ކުރާނެ ހަމަ އެއްކަމެއްވެސް ނޯންނާނެއެވެ. އަލްއިމާމް ޙަސަނުލްބަޞަރީ ރަޙިމަހުﷲ ވިދާޅުވިއެވެ. (إياك والتسويف فإنك في يومك ولست بغدك) " ' ސައުފަ ' (ފަހުންކުރާނަން ނުވަތަ ކުރާނަން)، މި ބަހުން ހުށިޔާރުވެ ރައްކާތެރިވާށެވެ. ފަހެ ހަމަކަށަވަރުން ތިބާ ތިހިރީ މިއަދުގައެވެ. މާދަމާއެއްގަނޫނެވެ." އަދި ސަލަފުންގެ އެހެންބޭކަލެއްގެ ކިބައިން ރިވާވެގެން އައިސްފައިވެއެވެ. (احذروا سوف فإنها من جنود إبليس) " ' ސައުފަ ' (ފަހުންކުރާނަން ނުވަތަ ކުރާނަން)، މި ބަހުން ހުށިޔާރުވެ ރައްކާތެރިވާށެވެ. ފަހެ ހަމަކަށަވަރުން އެއީ ޝައިޠާނާގެ ލަޝްކަރުގެ މީހެކެވެ."
تزود من التقوى فإنك لا تدري *** إذا جنّ ليل هل تعيش إلى الفجر
ތަޤުވާވެރިކާމާއި ހެޔޮޢަމަލު އިތުރުކުރާށެވެ. ރޭގަނޑުވެއްޖެއްޔާ ފަތިސްވަންދެން ދިރިހުންނާނޭކަމެއް ނޭނގެއެވެ.


އިތުރަށް ވިދާޅުވޭ

ނިޢުމަތްތަކުގެ ތެރެއިން - ޒުވާން ޢުމުރު

މުޙައްމަދު ޝަމްޢޫން
الحمد لله رب العالمين. والصلاة والسلام على أشرف الأنبياء والمرسلين. نبينا وحبيبنا وقدوتنا محمد وعلى آله وأصحابه ومن تبعهم بإحسان إلى يوم الدين. أما بعد
އާދެ! އިންސާނާ ޚަލްޤު ކުރެއްވެވުމަށްފަހު ﷲ ތަޢާލާވަނީ އަދަދުނުކުރެވޭހާ ގިނަގުނަ ނިޢުމަތްތަކެއް އޭނާއަށް ދެއްވަވާފައެވެ. އެ ނިޢުމަތްތަކާމެދު ވިސްނައި، އޭގެ އަގުވަޒަންކޮށް، އޭގެ ބޭނުން ﷲ އެންގެވި ގޮތަށް ހިފައި، އެ ނިޢުމަތް ދެއްވިކަމަށްޓަކާ އެއިލާހަށް ޝުކުރު އަދާކުރަނީ ކޮންބައެއްތޯބެއްލެވުމަށްޓަކައެވެ. އެހެންވީމާ ނިޢުމަތްތަކާއިމެދު ވިސްނައި އެއަށް ޝުކުރު އަދާކުރާ އަޅުންތަކެއްކަމުގައިވެވޭތޯ ގަދައަޅާ މަސައްކަތްކުރަމާތޯއެވެ!
އާދެ! ﷲ ތަޢާލާ އަޅުގަނޑުމެންނަށް ދެއްވެވި ނިޢުމަތްތަކުގެ ތެރެއިން ޒުވާންކަމުގެ ނިޢުމަތަކީ ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް އިސްލާމްދީނުގައި ދެވިފައިވާ ނިޢުމަތެކެވެ. މިކަން އަޅުގަނޑުމެންނަށް ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަގެ ޙަދީޘްފުޅުތަކުން ވަރަށް ރަނގަޅަށް ހާމަވެގެންދެއެވެ. އެކަލޭގެފާނުގެ ޙަދީޘްފުޅެއްގައި އައިސްފައި ވެއެވެ. عن معاذ بن جبل قال : قال رسول الله صلى الله عليه و سلم : لا تزول قدما عبد يوم القيامة حتى يسأل عن أربع خصال عن عمره فيما أفناه وعن شبابه فيما أبلاه وعن ماله من أين اكتسبه وفيما أنفقه وعن علمه ماذا عمل فيه. " މުޢާޒް ބިން ޖަބަލް ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްފުޅު ކުރެއްވެވިއެވެ. ހަތަރު ކަމަކާ ބެހޭގޮތުން ސުވާލު ކުރެވުމަށްފަހު މެނުވީ، ޤިޔާމަތްދުވަހު އަޅާގެފައި ހަރަކާތްނުކުރެވޭ ހުއްޓެވެ. އޭނާގެ ޢުމުރު ހޭދަކުރި ގޮތާ ބެހޭގޮތުންނެވެ. އަދި އޭނާގެ ޒުވާންދުވަސްވަރު ހޭދަކުރި ގޮތާ ބެހޭގޮތުންނެވެ. އަދި އޭނާ މުދާ ހޯދި ގޮތާއި، ހޭދަކުރި ގޮތާ ބެހޭގޮތުންނެވެ. އަދި އޭނާ ޢިލްމަށް ޢަމަލުކުރި ގޮތާ ބެހޭގޮތުންނެވެ." މި ޙަދީޘްފުޅުގައި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ބަޔާންކޮށްދެއްވަވާފައިވަނީ ޤިޔާމަތް ދުވަހު އަޅާއާއި ކުރެވޭނޭ ސުވާލުތަކުގެ ތެރެއިން ބައެއް ސުވާލުތަކެވެ. ފުރަތަމަ އޭނާގެ ޢުމުރު ހޭދަކުރި ގޮތާއި ބެހޭ ގޮތުންނެވެ. ﷲ ތަޢާލާ ރުހި ވޮޑިގަންނަވާ ގޮތުގައިތޯއެވެ. ނުވަތަ ޝައިޠާނާ ރުހޭ ގޮތަށްތޯއެވެ. އެއަށްފަހު އޭނާގެ ޒުވާންދުވަސްވަރު އޭނާ ހޭދަކުރި ގޮތާއި ބެހޭ ގޮތުންނެވެ.
އާދެ! ޒުވާންދުވަސްވަރަކީ ޢުމުރުގެ ބައެކެވެ. އެހެންކަމުން ޢުމުރާއި ބެހޭގޮތުން ސުވާލު ކުރެވުނީމަ، އޭގެތެރޭގައި ޒުވާންދުވަސްވަރުވެސް ހިމެނޭނެއެވެ. އެހެންކަމަށް ވުމާ އެކުވެސް ދެވަނަފަހަރަށް ޒުވާންދުވަސްވަރާއި ބެހޭގޮތުން ސުވާލު ވެވުމުން، އިސްލާމްދީނުގައި ޒުވާންދުވަސްވަރަށް ދެވިފައިވާ އަހައްމިއްޔަތުކަން އެނގިގެންދެއެވެ. އެހެންކަމުން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ވަނީ ޒުވާންދުވަސްވަރުގެ ބޭނުން ރަނގަޅުގޮތުގައި ހިފުމަށް ނަޞޭޙަތް ދެއްވަވާފައެވެ. عن ابن عباس رضي الله عنهما قال : قال رسول الله صلى الله عليه و سلم لرجل و هو يعظه : اغتنم خمسا قبل خمس : شبابك قبل هرمك و صحتك قبل سقمك و غناك قبل فقرك و فراغك قبل شغلك و حياتك قبل موتك. " އިބްނު ޢައްބާސް ރަޟިޔައްﷲ ޢަންހު ވިދާޅުވިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ މީހަކަށް ނަޞޭޙަތް ދެއްވަވަމުން ޙަދީޘްފުޅުކުރެއްވެވިއެވެ. ފަސްކަމެއް ތިބާއާއި ކުރިމަތިވުމުގެ ކުރިން ފަސްކަމެއްގެ ފައިދާ ހެޔޮގޮތުގައި ލިބިގަންނާށެވެ. މުސްކުޅިވުމުގެ ކުރިން ޒުވާންކަމުގެފައިދާ ހެޔޮގޮތުގައި ލިބިގަންނާށެވެ. ބަލިވުމުގެ ކުރިން ދުޅަހެޔޮކަމުގެ ފައިދާ ހެޔޮގޮތުގައި ލިބިގަންނާށެވެ. ފަޤީރުވުމުގެ ކުރިން މުއްސަނދިކަމުގެ ފައިދާ ހެޔޮގޮތުގައި ލިބިގަންނާށެވެ. މަޝްޣޫލުވުމުގެ ކުރިން ހުސްވަގުތުގެ ފައިދާ ހެޔޮގޮތުގައި ލިބިގަންނާށެވެ. އަދި މަރުވުމުގެ ކުރިން ޙަޔާތުގެ ފައިދާ ހެޔޮގޮތުގައި ލިބިގަންނާށެވެ."
އެހެންވީމާ ޒުވާންދުވަސްވަރުގެ ބޭނުން ހެޔޮގޮތުގައި ހިފަމާތޯއެވެ! ﷲ އަމުރު ކުރެއްވެވި ކަންތައްކުރުމުގައެވެ. އެއިލާހުގެ ރުހިވޮޑިގަތުން ހޯދުމުގައެވެ. ސަލާމަތް ހިތަކާއިގެން އަންނަ މީހަކަށް ފިޔަވައި، ސަލާމަތްކަމެއްނުވާ ދުވަހު ކުރެވޭނޭ ސުވާލުތަކަށް ޖަވާބު ތައްޔާރުކުރުމުގައެވެ.
އޭ ލޮބުވެތި އަޚުންނާއި އުޚްތުންނޭވެ! ސާޅީސް ނުވަތަ ފަންސާސް އަހަރުވީމާ އަޅުކަންކުރުމަށް ނުތިއްބަވާށެވެ.އެހެނީ ސާޅީސް ނުވަތަ ފަންސާސް އަހަރުވަންދެން ދުނިޔޭގައި ހުންނާނޭ ކަމުގެ ޔަޤީންކަން އޮތީ ފަހެ ކާކަށްތޯއެވެ؟ މަރު އައިސް ޖެހުމާއެކު މި ދުނިޔެއަށް އަލްވަދާޢު ކިޔަން ޖެހޭނެއެވެ. މި ދުނިޔޭގައި ހޭދަކުރާ ކޮންމެ ދުވަހަކީ އަޅުގަނޑުމެން މަރާއި ގާތް ކުރާ ދުވަހެކެވެ. އެދުވަހަކާއި ބެހޭގޮތުން ސުވާލުވެވޭނޭ ދުވަހެކެވެ. ވަގުތު ފާއިތުވުމަށްފަހު ކުރާނޭ އެއްވެސްކަމެއް ނޯންނާނެއެވެ. ޤިޔާމަތްދުވަހު 'ތިމަންނަ ވެއްޔަށްވީނަމަ ކިހާ ރަނގަޅުހޭ ' ބުނާ މީހުންގެ ތެރެއިން ނުވުމަށް މަސައްކަތްކުރުމުގައި އަޅުގަނޑުމެން އެކަކު އަނެކަކަށް އެހީތެރިވަމާ ހިންގަވާށެވެ. އަޅުގަނޑުމެންގެ ޒުވާންދުވަސްވަރުއްސުރެ މަރުވަންދެން ﷲ އެންގެވިގޮތަށް އުޅުމުގައި ދެމިތިބެން މަސަކަތްކުރަމާ ހިންގަވާށެވެ. އޭރުން ﷲ އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ވެގެންދާނީ ކާމިޔާބު ލިބޭމީހުންގެ ތެރެއިންނެވެ. އެހެނީ އަބޫހުރައިރާ ރަޟިޔައްﷲ ޢަންހުގެ އަރިހުން ރިވާވެގެން އައިސްފައިވާ ޙަދީޘްފުޅެއްގައިވެއެވެ. سَبْعَةٌ يُظِلُّهُمْ اللَّهُ فِي ظِلِّهِ يَوْمَ لَا ظِلَّ إِلَّا ظِلُّهُ. " ﷲ ގެ ހިޔާވަހިކަން ފިޔަވާ އެހެން އެއްވެސް ހިޔާވަހިކަމެއް ނުވާދުވަހު (ޤިޔާމަތްދުވަހު)، ﷲ ތަޢާލާ ހަތް ބަޔަކަށް އެއިލާހުގެ ހިޔާވަހިކަމުން ހިޔާވަހިކަން ދެއްވަވައެވެ." އޭގެ ތެރެއިން ދެވަނަ މީހަކަށް އައިސްފައި ވަނީ وَشَابٌّ نَشَأَ فِي عِبَادَةِ رَبِّهِ . " ﷲ އަށް އަޅުކަންކުރުންމަތީ ދެމިހުރެ ބޮޑުވެގެން އައި ޒުވާނާއެވެ."

އިތުރަށް ވިދާޅުވޭ