7.11.09

ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަ އުފަންވެވަޑައިގަތީ ކޮންދުވަހަކު؟

މުޙައްމަދު ޝަމްޢޫން
الحمد لله رب العالمين. والصلاة والسلام على أشرف الأنبياء والمرسلين. نبينا وحبيبنا وقدوتنا محمد وعلى آله وأصحابه ومن تبعهم بإحسان إلى يوم الدين. أما بعد

އަޅުގަނޑުމެންގެ ނަބިއްޔާ މުޙައްމަދު ޢަލައިހިއްޞަލާތު ވައްސަލާމް އުފަންވެވަޑައިގަތީ ހުކުރު ހަތްދުވަހުގެ ތެރެއިން ހޯމަ ދުވަހެއްގައެވެ. މިކަން ޞައްޙަ ޙަދީޘްތަކުން ސާބިތުވެއެވެ. އިމާމު އަބުލް ޙުސައިން މުސްލިމް ބިން ޙައްޖާޖް ބިން މުސްލިމް އަލް ޤުޝައިރިއްޔުއްނައިސާބޫރީ ރަޙިމަހުﷲ އެކަލޭގެފާނުގެ މުސްނަދުއްޞަޙީހް ނުވަތަ ޞަޙީހްމުސްލިމުގައި ރިވާ ކުރައްވަވާފައިވާ، އަބޫ ޤަތާދާ އަލްއަންޞާރީ ރަޟިޔަﷲ ޢަންހުގެ ޙަދީޘްފުޅެއްގައި އައިސްފައިވެއެވެ. ހޯމަ ދުވަހާއި ބެހޭގޮތުން ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ އާއި ސުވާލުކުރެވުނެވެ. އެހިނދު އެކަލޭގެފާނު ޙަދީޘްފުޅުކުރެއްވެވިއެވެ. ذَاكَ يَوْمٌ وُلِدْتُ فِيهِ وَيَوْمٌ بُعِثْتُ أَوْ أُنْزِلَ عَلَىَّ فِيهِ " އެއީ ތިމަންކަލޭގެފާނު އުފަންވެވަޑައިގެންނެވި ދުވަހެވެ. އަދި ތިމަންކަލޭގެފާނު ރަސޫލުކަމާއިގެން ފޮނުއްވެވުނު ދުވަހެވެ. ނުވަތަ ތިމަންކަލޭގެފާނަށް ވަޙީ ބާވައިލެއްވެވުނު ދުވަހެވެ." މި ޙަދީޘް އިމާމް އަބޫޙާތިމް މުޙައްމަދު ބިން ޙިއްބާން ރަޙިމަހުﷲ އެކަލޭގެފާނުގެ މުސްނަދުއްސަޙީހްގައި، އަދި އިމާމް އަބޫ ޢަބްދިﷲ އަޙްމަދު ބިން ޙަންބަލް ރަޙިމަހުﷲ އެކަލޭގެފަނުގެ މުސްނަދުގައިވެސް ރިވާކުރައްވަވާފައިވެއެވެ. އަދި އެ ދެފޮތުގައި ވާރިދުވެފައިވާ ސަނަދު ދިރާސާ ކުރެއްވެވުމަށްފަހު މަޝްހޫރު މުޙައްޤިޤު އަލް އައްލާމާ ޝުޢައިބު އަރުނައޫޠު އެ ސަނަދުތައްވެސް ޞައްޙަކަމަށް ވިދާޅުވެފައިވެއެވެ.

އެހެންކަމުން މިޙަދީޘުން އިސްތިދުލާލު ކުރައްވަވައި، އިމާމް ޢަބްދުﷲ ބިން މުޙައްމަދު ބިން އަބްދުލްވައްހާބު ރަޙިމަހުﷲ އެކަލޭގެފާނުގެ މަޝްހޫރު ސިޔަރަތު ފޮތް މުޚްތަޞަރު ސިޔަރަތުއްރަސޫލް ޞައްލަﷲ ޢަލައިހިވަސައްލަމްގައި، އިމާމް އަބޫ މުޙައްމަދު ޢަބްދުލްމަލިކު ބިން ހިޝާމް ބިން އައްޔޫބު އަލް ހިމްޔަރީ ރަޙިމަހުﷲ އެކަލޭގެފާނުގެ މަޝްހޫރު ސިޔަރަތު ފޮތް އައްސީރާ އައްނަބަވިއްޔާ ނުވަތަ ސީރަތު އިބްނު ހިޝާމްގައި، އިމާމް ޢިމާދުއްދީން އަބުލްފިދާއު އިސްމާއީލް ބިން ކަޘީރު އަލްޤުރަޝީ ރަޙިމަހުﷲ އެކަލޭގެފާނުގެ މަޝްހޫރު ފޮތް އަލްބިދާޔާ ވައްނިހާޔާއާއި އައްސީރާ އައްނަބަވިއްޔާގައި، އަލްއައްލާމާ މުޙައްމަދު ނާޞިރުއްދީން އަލް އަލްބާނީ ރަޙިމަހުﷲ އެކަލޭގެފާނުގެ ސިޔަރަތު ފޮތް ޞަޙީހު ސީރާ އައްނަބަވިއްޔާގައި، އަލްއައްލާމާ ޞަފިޔުއްރަޙްމާން މުބާރަކްފޫރީ ރަޙިމަހުﷲ އެކަލޭގެފާނުގެ މަޝްހޫރު ސިޔަރަތު ފޮތް އައްރަހީޤުލް މަޚްތޫމުގައި، ޑޮކްޓަރ އަކްރަމް ޟިޔާއުލްޢުމަރީ ޙަފިޟަހުﷲގެ އައްސީރާ އައްނަބަވިއްޔާ އައްޞަޙީހާގައި، އަދި ޕޮރޮފެސަރު ޑޮކްޓަރ މަހްދީ ރިޒްޤުﷲ ޢަހްމަދު ޙަފިޟަހުﷲގެ އައްސީރާ އައްނަބަވިއްޔާ ފީ ޟައުއިލް މަޞާދިރިލް އަޞްލިއްޔާގައި، ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ އުފަންވެވަޑައިގަތީ ހުކުރުހަތްދުވަހުގެ ތެރެއިން ހޯމަ ދުވަހެއްގައި ކަމަށް ލިޔުއްވަވާފައިވެއެވެ. އަދި އިމާމް އިބްނު ކަޘީރު ރަޙިމަހުﷲ އަލްބިދާޔާ ވައްނިހާޔާގައި ވިދާޅުވެފައިވެއެވެ. هَذَا مَا لَا خِلَافَ فِيْهِ أَنَّهُ صَلَّى اللهُ عَلَيْهِ وَسَلّمََ وُلِدَ يَوْمَ الإِثْنَيْنِ. " އެކަލޭގެފާނު އުފަންވެވަޑައިގަތީ ހޯމަދުވަހެއްގައި ކަމާމެދު އެއްވެސް ޚިލާފެއް (ޢިލްމުގެ އަހުލުވެރިންގެ މެދުގައި) ނުވެއެވެ.

ދެން އެއަށްފަހު އެކަލޭގެފާނު އުފަންވެވަޑައިގެންނެވި އަހަރަށް ބަލާލާއިރު މިކަމުގައި ޞައްޙަ ޞަރީޙަ އެއްވެސް ނައްޞެއް އައިސްފައި ނެތެވެ. އެހެންކަމުން ޢިލްމުވެރިން ވަނީ މިކަމާމެދު އިޚްތިލާފުވެފައެވެ. ބައެއް ޢިލްމުވެރިން އެކަލޭގެފާނު އުފަންވެވަޑައިގަތީ ޢާމުލްފީލްގެ 10އަހަރުން ފަހުންނޭ ވިދާޅުވަމުންދާއިރު އަނެއްބައި ޢިލްމުވެރިން 23 އަހަރު ފަހުންކަމުގައި ވިދާޅުވަމުންދެއެވެ. އަދި 30އަހަރު ފަހުންކަމުގައި ބައެއް ޢިލްމުވެރިން ވިދާޅުވަމުންދާއިރު އަނެއްބައި ޢިލްމުވެރިން 5އަހަރު ކުރީން ކަމުގައިވެސް ވިދާޅުވަމުންދެއެވެ. ނަމަވެސް މިއީ މަދު ޢިލްމުވެރިންތަކެއްގެ ރައުޔު ތަކެކެވެ. ޖުމްހޫރު(ގިނަ) ޢިލްމުވެރިން ބުރަވެވަޑައިގަންނަވަނީ، އެކަލޭގެފާނު އުފަންވެވަޑައިގަތީ ޢާމުލްފީލްގެ ނަމުން ނަންދެވިފައިވާ އަހަރުގައި ކަމަށެވެ. އޭގެތެރޭގައި މަތީގައި ބަޔާން ކުރެވިފައިވާ ހުރިހާ ފޮތެއްގެ މުއައްލިފުން ހިމެނިވަޑައިގަންނަވައެވެ. އިމާމް އިބްނު ކަޘީރު ރަޙިމަހުﷲ އެކަލޭގެފާނުގެ މަޝްހޫރު ފޮތް އަލްބިދާޔާ ވައްނިހާޔާގައި ނަގުލު ކުރައްވަވާފައިވާ އިބްރާހީމް ބިން އަލްމުންޒިރު ރަޙިމަހުﷲގެ ޤައުލެއްގައިވެއެވެ. وَ هُوَ الَّذِيْ لَا يَشُكُّ فِيْهِ أَحَدٌ مِنْ عُلَمَاِئنَا أَنَهُ عَلَيْهِ الصَّلَاةُ وَالسَّلَامُ وُلِدَ عَامَ الْفِيْلِ وَ بُعِثَ عَلَى رَأْسِ أَرْبَعِيْنَ سَنَةٍ مِنَ الْفِيْلِ. "ރަސުލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ އުފަންވެވަޑައިގަތީ ޢާމުލްފީލްގައިކަމާއި، އެކަލޭގެފާނު ނަބީކަމާއިގެން ފޮނުއްވެވުނީ ޢާމުލްފީލްގެ ފަހުން 40ވަނަ އަހަރުގެ ކުރީކޮޅުގައިކަމާމެދު އަހަރެމެންގެ ޢިލްމުވެރިންގެ ތެރެއިން އެއްވެސް ބޭފުޅަކު ޝައްކުނުކުރެތެވެ." އަދި އެކަލޭގެފާނު އުފަންވެވަޑައިގަތީ ޢާމުލްފީލްގައިކަން އަންގައިދޭ ގަރީނާތައް ވަރަށް ވަރުގަދަކަމަށް އައްސީރަތުއްނަބަވިއްޔާ އައްޞަޙީހާގައި ޑޮކްޓަރ އަކްރަމް ޟިޔާއުލްޢަމްރީވެސް ވިދާޅުވެފައިވެއެވެ. ޢާމުލްފީލްއަކީ އަބުރަހަތުލްއަޝްރަމު ކަޢުބާ ތެޅުމަށްޓަކާ ދިޔައަހަރެވެ.

އަދި އެކަލޭގެފާނު އުފަންވެވަޑައިގެންނެވި މަހާއި ދުވަހަށް ބަލާލާއިރުވެސް، އެއީ ކޮންދުވަހެއްކަން ކަނޑައެޅިގެން ބުނަން އެނގޭފަދަ ޞައްޙަ ޞަރީޙަ އެއްވެސް ނައްޞެއް އައިސްފައި ނުވެއެވެ. އެހެންކަމުން ޢިލްމުވެރިންވަނީ މިކަމުގައިވެސް ވަރަށް ބޮޑަށް އިޚްތިލާފުވެފައެވެ.

ޢިލްމުވެރިންގެ ރައުޔުތައް :
1) 2 ރަބީޢުލްއައްވަލް
އިމާމް އަބޫމަޢްޝަރު އައްސިންދީ ރަޙިމަހުﷲ ގެ ރައުޔަކީ މިއެވެ.

2) 8 ރަބީޢުލްއައްވަލް
އިމާމް ޢަބްދުﷲ ބިން މުޙައްމަދު ބިން އަބްދުލްވައްހާބު ރަޙިމަހުﷲ އާއި، އިމާމް އިބްނު ޙަޒަމް ރަޙީމަހުﷲ އާއި، އަލްޙާފިޟް އަލްއިމާމް މުހައްމަދު ބިން މޫސާ އަލްޚަވާރިޒްމީ ރަޙިމަހުﷲ އާއި، އަލްޙާފިޟް އަލްއިމާމް އަބުލްޚައްޠާބު އިބްނު ދަޙިއްޔާ ރަޙިމަހުﷲ ފަދަ ބޭކަލުންގެ ރައުޔަކީ މިއެވެ. ރަނގަޅުރައުޔަކީ މިއީ ކަމުގައި އަލްޙާފިޟް މުޙައްމަދު ބިން މޫސާ އަލްޚާވާރިޒްމީ ރަޙިމަހުﷲ އާއި އަލްޙާފިޟް އިބްނު ދަޙިއްޔާ ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. އަދި މިއީ ތާރީޚުގެ ޢިލްމުވެރިން ޞައްޙަ ކުރައްވަވާ ގޮތްކަމުގައި އަލްޙާފިޟް އިބްނު އަބްދުލްބައްރު ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ.
3) 9 ރަބީޢުލްއައްވަލް
މިއީ އައްރަޙީޤުލްމަޚްތޫމުގެ މުއައްލިފު އަލްއައްލާމާ ޞަފިޔުއްރަޙްމާން މުބާރަކްފޫރީ ރަޙިމަހުﷲ ފަދަ ޢާލިމުންގެރައުޔެވެ.

4) 10 ރަބީޢުލްއައްވަލް
މިއީ އިމާމް އަލްވާޤިދީ ރަޙިމަހުﷲ ފަދަ އިމާމުންގެރައުޔެވެ.

5) 12 ރަބީޢުލްއައްވަލް
މިއީ އިމާމް މުޙައްމަދު ބިން އިސްޙާޤު ރަޙިމަހުﷲފަދަ އިމާމުންގެރައުޔެވެ.

 ޚުލާޞާ
ޚުލާޞާއަކީ، ރަސޫލާ ޞައްލަﷲ ޢާލައިހިވަސައްލަމަ އުފަންވެވަޑައިގެންނެވީ ރަބީޢުލްއައްވަލް މަހެއްގެ ހޯމަ ދުވަހަކުކަމަށް ޢިލްމުވެރިންވަނީ އިއްތިފާޤުވެފައެވެ. އަދި ޖުމްހޫރު(ގިނަ) ޢިލްމުވެރިން ވިދާޅުވަނީ އެއީ ޢާމުލްފީލްގެ ރަބީޢުލްއައްވަލް މަހުގެ ހޯމަދުވަހެއްކަމަށެވެ. ނަމަވެސް ރަބީޢުލްއައްވަލުމަހުގެ ކޮން ހޯމަ ދުވަހެއްކަމެއް ކަނޑައެޅިގެން ބުނާކަށް ނޭނގެއެވެ. 12 ވަނަދުވަހަކީ އަޅުގަނޑުމެންގެ ތެރެއިން ގިނަމީހުންގެ މެދުގައި މަޝްހޫރުވެފައި އޮންނަދުވަހެވެ.

އިތުރަށް ވިދާޅުވޭ