Showing posts with label އަޙުމަދު ނާޒިޙް. Show all posts
Showing posts with label އަޙުމަދު ނާޒިޙް. Show all posts

27.12.09

ސުވަރުގެއަށް އެދުންވެރިވާ މީހުން.

އަޙްމަދު ނާޒިޙް
މަތިވެރިވެގެންވާ ސުވަރުގެއަށް ވަންނަން އެދޭ ކޮންމެމީހަކަށް ދަންނަވަމެވެ. ޙޫރުލް ޢީނުން ޙާޞިލުކުރުމަށް އެދޭ ކޮންމެމީހަކަށް ދަންނަވަމެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާގެ ވަޖުހުފުޅު ދުށުމަށް އެދޭ ކޮންމެ މީހަކަށް ދަންނަވަމެވެ. ސަލާމަތުގެ ގޮވައްޗަށް އެދޭ ކޮންމެ މީހަކަށް ދަންނަވަމެވެ.
ސުވަރުގެއަކީ ﷲ ސުބުޙާނަހޫ ވަތަޢާލާގެ އަމުރުފުޅުތަކަށް ކިޔަމަންތެރިވާ އަޅުންނަށްޓަކައި، ދުވަހަކުވެސް ލޮލަކަށް ފެނިފައިނުވާ، ކަންފަތަކަށް އިވިފައިނުވާ އަދި ހިތަކަށްވެސް ނުގެނެވޭފަދަ ފުރިހަމަ ގޮތަކަށް ތައްޔާރު ކުރައްވާފައިވާ ތަނެކެވެ. ހުރިހާ ހިތްހަމަޖެހުމަކާއި ނަފްސު އެދޭ އެންމެހާ ރިވެތި އެދުންތައް އެތަނުން ފުދޭ ގޮތަށެވެ. އެތަނަށް ވަދެއްޖެ މީހަކީ ދުވަހަކުވެސް އެތަނުން ބޭރު ވާނޭ މީހެއް ނޫނެވެ. އެމީހަކު އުފަލާއި ހިތްހަމަޖެހުމުގައި އަބަދުގެ އަބަދަށް އެތާގައި ދެމިހުންނާނެއެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީ ކުރައްވާފައިވެއެވެ.
فَلا تَعْلَمُ نَفْسٌ مَا أُخْفِيَ لَهُمْ مِنْ قُرَّةِ أَعْيُنٍ جَزَاءً بِمَا كَانُوا يَعْمَلُونَ (سورة السجدة 17)
"ފަހެ އެމީހުންނަށްޓަކައި (ސުވަރުގެވެރިންނަށްޓަކައި) ފޮރުއްވާފައިވާ ލޮލުގެފިނިކަން (އެބަހީ ލޮލަށް ފިނިކަންދެނިވި، ސުވަރުގޭގެ ނިޢުމަތްތަށް) އެއްވެސް ނަފްސަކަށް ނޭގޭނެއެވެ. (އެއީ) އެމީހުން ކޮށްއުޅުނު ޢަމަލުތަކުގެ ޖަޒާއެއްގެ ގޮތުންނެވެ."
އެސުވަރުގޭގެ ބިން ތައްޔާރުވެވިގެންވަނީ ގޮމަކަސްތޫރިންނެވެ. އެތާނގެ ފަންގިފިލާ އަކީ ﷲ ސުބުޙާނަހޫ ވަތަޢާލާގެ ޢަރުޝިކޮޅެވެ. އެތާނގެ ބިމުގައިވާ ވެލިފުއްތަށް ހެދިފައިވަނީ މުތާއި ޖައުހަރުންނެވެ. އެތަން ބިނާވެގެންވަނީ ރަނާއި ރިހިންނެވެ. ސުވަރުގޭގައި ސަތޭކަ ދަރަޖަ ވެއެވެ. ކޮންމެ ދެ ދަރަޖައެއްގެ ދެމެދުގައި އުޑާއި ބިމާއި ދެމެދުގައިވާ ދުރުމިންވެއެވެ. އެންމެ މަތީ ދަރަޖައަކީ ފިރުދައުސެވެ. އެތަނުން، ސުވަރުގޭގެ ކޯރުތައް ދެމިގެންވެއެވެ. ސުވަރުގޭގައި ހަތަރު ވައްތަރެއްގެ ކޯރުތައްވެއެވެ. އެއީ، ރަހައަށް ބަދަލެއް ނާންނަ ފެންކޯރުތަކާއި، ރަހައަށް ބަދަލެއް ނާންނަ ކިރުގެ ކޯރުތަކާއި، ބޯމީހުންނަށް ލައްޛަތު ލިއްބައިދޭ މަސްތުވުމެއްނެތް ރަލުގެ ކޯރުތަކާއި، ސާފު މާމުއިގެ ކޯރުތަކެވެ.
އެތާނގެ އަހުލުވެރިންގެ ކާނާއަކީ އެމީހުން ޚިޔާރުކުރާ މޭވާއެވެ. އަދި އެމީހުން އެދޭ ކޮންމެ ދޫންޏެއްގެ މަހެވެ. އެމީހުން ބޯހުށީ ކާފޫރާއި ރަންޖަބީލު އެއްކޮއްފައިވާ ރަލެވެ. ކެއިންބުއިމަށްފަހު ފާޚާނާ ކުރުމުގެ ބަދަލުގައި އެމީހުންގައިން ހިއްލާނީ ދަލެކެވެ. އެ ދަލުގެވަސް ގޮމަކަސްތޫރިގެ ވަސްފަދައެވެ. އެމީހުން ލާނީ ފަށުއި ފޭރާންތަކެވެ. އެމީހުންގެ އެނދުތަކުގެ ދަށްފުށް ހެދިފައިވަނީ ފަށުއިންނެވެ. އެމީހުން ބޭނުންކުރާ ތަށިތައް ހެދިފައިވަނީ އެތެރެފެންނަ ރަނާއި ރިހިންނެވެ. އެތާނގެ އަހުލުވެރިންގެ ރީތިކަން ސާދަވިލޭރޭގެ ހަނދުފަދަ ވާނެއެވެ. އެމީހުންގެ ޢުމުރަކީ، ޒުވާންކަމުގެ ކުންނު ކަމުގައިވާ ތެއްތިރީސް އަހަރެވެ. އެމީހުންގެ އަނބިންނަކީ ރީތިކަމުގެ ދެވަނައެއް ނުވާ ޙޫރުލްޢީނުންނެވެ. ސުވަރުގެވެރިންނަށް ލިބޭނެ އެންމެ ބޮޑު ނިޢުމަތަކީ ޖައްބާރުވަންތަ އިލާހުގެ ވަޖުހުފުޅު ފެނުމުގެ ނިޢުމަތެވެ.
ސުވަރުގެއިން އެންމެ ދަށް މަންޒިލް ލިބޭމީހާގެ ދަރަޖަ.
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޡް ކުރައްވާފައިވެއެވެ.
"سألَ مُوسى عليه السلام ربَّه: ما أَدْنى أَهل الجنَّة مَنْزِلَةً؟ قال: هو رجل يجيء بعد ما أُدخل أهل الجنة الجنة فيقال له: ادخل الجنة، فيقول: أي رب كيف وقد نزل الناس منازلهم وأخذوا أخذتهم فيقال له: أترضى أن يكون لك مثل ملك ملك من ملوك الدنيا؟ فيقول: رضيت رب. فيقول: لك ذلك ومثله ومثله ومثله، فيقول في الخامسة: رضيت رب، فيقول: هذا لك وعشرة أمثاله، ولك ما اشتهت نفسك، ولذت عينك. فيقول: رضيت" (رواه مسلم)
"މޫސާ ޢަލައިހިއްސަލާމް އެކަލޭގެފާނުގެ ވެރި ރަސްކަލާނގެއަށް ދެންނެވިއެވެ. ސުވަރުގެއިން އެންމެ ދަށުދަރަޖަ ލިބޭ މީހާގެ މަންޒިލަކީ ކޮބާހެއްޔެވެ؟ އެއިލާހު ވަޙީކުރެއްވިއެވެ. އެއީ ސުވަރުގޭގެ އަހުލުވެރިން ސުވަރުގެއަށް ވަނުމަށްފަހު އަންނަމީހެކެވެ. ފަހެ އޭނާއަށް ދެންނެވޭނެއެވެ. ސުވަރުގެއަށް ވަންނާށެވެ. ފަހެ އޭނާ ބުނާނެއެވެ. އޭއަޅު ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! ކިހިނަކުންތޯއެވެ؟ މީސްތަކުން އެބައިމީހުންގެ މަންޒިލުތަކަށް ވަދެއްޖެއެވެ. އަދި އެބައިމީހުންނަށް ކަނޑައެޅިފައިވާ ނިޢުމަތްތައް ޙާޞިލުކޮށްފިއެވެ. އެހިނދު އޭނާއަށް ދެންނެވޭނެއެވެ. ދުނިޔޭގެ ރަސްރަސްކަލުންގެ ތެރެއިން ރަސްކަލެއްގެ ރަސްކަންފަދަ ރަސްކަމެއް ތިބާއަށް ލިބުމަށް ތިބާ ރުހެންހެއްޔެވެ؟ އެހިނދު އޭނާ ބުނާނެއެވެ. އޭ ހައްދަވާބޮޑުކުރެއްވި ރަސްކަލާކޮ! އަޅު ރުހިއްޖައީމެވެ. އެހިނދު ﷲ ވަޙީކުރައްވާނެއެވެ. ތިބާއަށް އެފަދަ ރަސްކަމެކެވެ. އަދި އެފަދަ ރަސްކަމެކެވެ. އަދި އެފަދަ ރަސްކަމެކެވެ. އަދި އެފަދަ ރަސްކަމެކެވެ. އަދި ފަސްވަނަ ފަހަރު އޭނާ ބުނާނެއެވެ. އޭ ހައްދަވާބޮޑުކުރެއްވި ރަސްކަލާކޮ! އަޅު ރުހިއްޖައީމެވެ. އެހިނދު ﷲ ވަޙީކުރައްވާނެއެވެ. ތިބާއަށް އެއާއި އޭގެ ދިހަގުނަ ވެއެވެ. އަދި ތިބާގެ ނަފުސު އެދޭ ކޮންމެ އެއްޗެއް ތިބާއަށް ވެއެވެ. އަދި ތިބާގެ ލޮލަށް އަރާމުކަންދޭ ކޮންމެ އެއްޗެއްވެސް ތިބާއަށް ވެއެވެ. އެހިނދު އޭނާ ބުނާނެއެވެ. އަޅު ރުހިއްޖައީމެވެ."
ސުވަރުގެއަށް ވަދެވޭނެ ސަބަބުތައް.
• އިސްލާމް ދީނުގެ ރުކުންތަކަށް ރައްކާތެރިވުން.
• ﷲ ސުބުޙާނަހޫ ވަތަޢާލާ އަހަރެމެން ކުރުމަށް އެންގެވި ކޮންމެ ކަމެއް ކުރުން
• ﷲ ސުބުޙާނަހޫ ވަތަޢާލާ އަހަރެމެން އެކަމަކާ ދުރުހެލިވުމަށް އެންގެވި ކޮންމެ ކަމަކުން ދުރުހެލިވުން
• މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތުގައި ކޮލުދަތްތަކުން ހިފުން
• ތެދުވެރިކަން.
• ﷲގެ މަގުގައި ހޭދަކުރުން.
• ސަލާމްކުރުން ގިނަކުރުން.
• މިސްކިތްތައް ބިނާކުރުން.
• ގާތްތިމާގެ ކަމުގެ ގުޅުން ދެމެހެއްޓުން.
• ޔަތީމުން ބަލައިބޮޑުކުރުން.
• ރިވެތި އަޚުލާޤު.
• ފަތިސް ނަމާދާއި ޢަޞުރު ނަމާދަށް ރައްކާތެރިވުން.
• ސުންނަތް ނަމާދުތަކަށް ރައްކާތެރިވުން.
• ފަރުޟު ނަމާދުތަކަށް، ޖަމާޢަތަށް މިސްކިތަށް ދިއުން.
• މީހުންނަށް އުދަގުވާގޮތަށް މަގުމަތީގައި ހުންނަ އެއްޗިހި އެއްކައިރި ކުރުން.
• ބަލިމީހުންނަށް ޒިޔާރަތް ކުރުން.
• ރުޅި އަންނަހިނދު، އެރުޅި މައިތިރި ކުރުން.
• މީސްތަކުންނަށް މާފުކުރުން.
• އަމާނާތްތެރިވުން.
• ދުލާއި ލަދުވެތި ގުނަވަނަށް ރައްކާތެރިވުން.
• ކޮންމެ ފަރުޟު ނަމާދެއްގެފަހުގައި އާޔަތުލް ކުރްސި ކިޔެވުން.
• ސޫރަތުލް އިޚްލާޞް ކިޔެވުން ގިނަކުރުން.
• ދަމުނަމާދުކުރުން.
• ޙަސަދަވެރިކަމުން ދުރުހެލިވުން.
• އަނބިމީހާ އޭނާގެ ފިރިމީހާއަށް ކިޔަމަންތެރިވުން.
މުސްލިމް އަޚާއެވެ.
މިމަތިވެރި ބަގީޗާތަކާއި ގަނޑުވަރުތައް ޙާޞިލުކުރުމަށް ގަދައަޅާ މަސައްކަތް ކުރާށެވެ. މިމަތިވެރި ވެގެންވާ ސުވަރުގެ ލިބިއްޖެ މީހަކީ ކާމިޔާބު ލިބިއްޖެ މީހެކެވެ. މިސުވަރުގެ ޙާޞިލުކުރުމަށްޓަކައި މިއުއްމަތުގެ ސަލަފުން ވަނީ ވަރަށް ގަދައަޅައި މަސައްކަތް ކުރައްވާފައެވެ. އެބޭކަލުން ހިންގެވި މަގަކީ ކާމިޔާބު ބޭނުންނަމަ އަޅުގަނޑުމެންވެސް ހިނގަންވީ މަގެވެ.
اللهم إنا نسألك الجنة وما يقرب إليها من قول وعمل وصلى الله وسلم على نبينا محمد وآله وصحبه أجمعين

އިތުރަށް ވިދާޅުވޭ

5.12.09

އިންސާނެއްގެ ޙަޔާތުގައި ވަގުތުގެ މުހިއްމުކަން

އަޙުމަދު ނާޒިޙް
الحمد لله وصلى الله على نبيِّنا محمدٍ وعلى آله وصحبه وبعد:
މީހެއްގެ ޙަޔާތުގައި ވަގުތަކީ ހަގީގަތުގައި އޭނާގެ އުމުރެވެ. އަދި އޭނާގެ ވަގުތަކީ ﷲ ނޫން ފަރާތަކަށް ދެވިގެންވާނޭ އެއްޗެއް ނޫނެވެ. ވަގުތު ބޭކާރު ގޮތުގައި ހޭދަކުރާ މީހާއަށް މިދުނިޔޭގެ ޙަޔާތަށްވުރެ މަރު މާރަގަޅެވެ. ސަބަބަކީ، ޙަޔާތުގެ މިހާ މުހިއްމު ބައެއް ބޭކާރުގޮތުގައި ނަގާލާތީއެވެ.
ރަސޫލުﷲ ޞައްލައްﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ. "نِعْمَتانِ مَغْبُوْنٌ فِيْهِمَا كَثِيْرٌ مِنَ النَّاسِ: الصِّحَةُ وَالفَرَاغُ" (رواه البخاري ) މާނައީ: "މީސްތަކުންގެ ތެރެއިން ގިނަ ބަޔަކު އެކަމަކާމެދު ޣާފިލުވެފައިވާ ދެނިޢުމަތެއް ވެއެވެ. އެއީ ފުރިހަމަ ޞިއްޙަތާއި ހުސްވަގުތެވެ."
އަދި ޢުމަރު ރަޟިޔަﷲ ޢަންހު ވިދާޅުވެފައި ވެއެވެ. " إِنِي لَأَكْرَهُ أَنْ أَرَى أَحَدَكُمْ سَبَهْلَلاً لا فِيْ عَمَل دُنْيا وَلا فِي عَمَلِ آخِرِة" މާނައީ "ހަމަކަށަވަރުން ތިޔަބައިމީހުންގެ ތެރެއިން މީހަކު ދުނިޔެ އާއި އާޚިރަތުގެ ޢަމަލު ނުކޮށް، ބޭކާރުގޮތުގައި ހުންނަތަން ފެނުމަށް ތިމަން ނުރުހެމެވެ."
ޢުމަރު ރަޟިޔަﷲ ޢަންހުގެ މިބަސްފުޅުން ދުނިޔެމަތީގައި ކުރެވޭ ޢަމަލުތައް ދެބަޔަކަށް ބެހިގެން ވާކަން އެނގިއްޖެއެވެ. މިގޮތުން ޢަމަލުތައް ކުރުމުގައި ހަމައެކަނި ދުނިޔޭގެ ޢަމަލުތައް ކުރުމުގައި ހުސްވެގަތުމެއް ނެތެވެ. އަދި ހަމައެހެންމެ، ދުނިޔަވީ ޢަމަލުތައް ދޫކޮށް އުޚްރަވީ ޢަމަލުތަކަށް ގޮސް ހުސްވުމެއް ވެސް ނެތެވެ. މާތް ވެގެންވާ އިސްލާމްދީން އަޅުގަނޑުމެންނަށް އަމުރު ކުރަނީ މިދެމެދެވެ.
އިންސާނުންގެ ތެރެއިން ބުއްދިވެރިންނަކީ ވަގުތުގެ މުހިއްމުކަން ދަނެގަނެ އޭގެ ބޭނުން ފުރިހަމަ ގޮތުގައި ހިފާމީހުންނެވެ. މިގޮތުން ތިމާއަށް ފައިދާކުރަނިވި އެއްޗެއް އުގެނުމާއި ހެޔޮ އަމަލެއް ކުރުމާއި ދުނިޔަވީ ކަމެއް ކުރުމުގައިވެސް ވަގުތުގެ ބޭނުންހިފިދާނެއެވެ. މިއިން ކޮންމެ ކަމެއްގައިވެސް ތިމާގެ ނިޔަތް ރަނގަޅުވެއްޖެނަމަ އެކަމެއްގެ ސަބަބުން ދަރުމައާއި ޘަވާބު ލިބޭނެއެވެ.
މިއުއްމަތުގެ ސަލަފުއްޞާލިހުން ވަނީ ވަގުތުގެ ބޭނުން ފުރިހަމަ ގޮތުގައި ހިފުމަށް ވަރަށް ބޮޑަށް މަސަކަތްކުރައްވާފައެވެ. މިގޮތުން ޢަބްދުއްރަޙްމާން ބިން އަބީ ޙާތިމް އައްރާޒީ ކޭންބައްލަވާއިރާއި، ފާޚާނާއަށް ވަންނަވާއިރާއި އަދި ގޭތެރޭގެ އެހެން ކަންތައް ކުރައްވާ އިރު، ދަރިފުޅުކައިރީ ބުނުއްވައިގެން އެކަލޭގެފާނަށް އަޑުއިވޭވަރަށް ފޮތް ކިއުއްވައެވެ. އަދި އަލްއިމާމް ސުލައިމް ބިން އައްޔޫބް އައްރާޒީ އަކީ ވަގުތުގެބޭނުން ހިފުމުގައި މަޝްހޫރު ބޭކަލެކެވެ. އެކަލޭގެފާނު ކިތަންމެކުޑަ ވަގުތުކޮޅެއްވިޔަސް ބޭކާރުގޮތުގައި ނަގާނުލައެވެ. އެކަލޭގެފާނުގެ ވަގުތުތައް ހޭދަކުރަނީ ކިޔެވުމުގައްޔާއި ކިޔަވާދިނުމުގައްޔާއި އަދިވެސް މިފަދަ އަގުހުރި ކަންކަމުގައެވެ. އެކަލޭގެފާނު ވަނީ ވަރަށްގިނަ ފޮތްތައް ލިޔުއްވާފައެވެ. އަދި ލިޔަމުންދާއިރު ފަންސުރު ރަނގަޅުކުރަން ލިޔުން ހުއްޓާލަން ވެއްޖެނަމަ ޤުރުއާން ކިޔަވަން ފައްޓަވައެވެ. އެހެންނޫނީ ކޮންމެވެސް ޛިކުރެއްކުރައްވައެވެ. ކިތަންމެ ކުޑަވަގުތުކޮޅެއް ވިޔަސް ބޭކާރުކޮށްނުލުމަށެވެ.
އަޅުގަޑުމެންގެ ވަގުތުތައް އަޅުގަޑުމެންނަށް ހޭދަ ކުރެވެނީ މިފަދަ ގޮތަކަށްތޯއެވެ؟ އެހެންނޫނީ މިއާ އިދިކޮޅަށްތޯއެވެ؟ އަޅުގަނޑުމެން އެންމެންވެސް ވަގުތުނުވެގެން އެކަމާ ވާހަކަދައްކާ އަޑު ވަރަށްގިނައިން އިވެއެވެ. ކުރަންބޭނުންވާ އެތައްކަންތަކެއް ނުކުރެވިތިއްބާ ކޮންމެ ދުވަހެއްވެސް އަޅުގަނޑުމެންގެ ޙަޔާތާ ވަކިވަނީއެވެ. އަޅުގަނޑުމެންނަށް އަޅުގަނޑުމެންގެ ވަގުތުތައް ހޭދަކުރެވެނީ ކިހިނެތްތޯ ވިސްނާލަމާހެއްޔެވެ.
ދުވާލުގެ ގިނަވަގުތުތައް ނިދުމުގައި ހޭދަކުރުމަށްފަހު ރޭގަނޑަކީ ކުޅިވަރުކުޅުމަށް އޮންނަ ވަގުތަކަށް އަޅުގަނޑުމެން ހަދައިފީމުއެވެ. އެއްބަޔަކު އެމީހުންގެ ރޭތައް ހޭދަކޮއްލަނީ ޓީވީ ދޮށުގައެވެ. އަނެއްބަޔަކު ގުރޫޕް ހަދާލައިގެންތިބެ ބޭކާރުވާހަކަ ދެއްކުމާއި ޣީބަބުނުމުގައެވެ. އެހެންނޫނީ ކޮންމެވެސް ޙަރާމްކަމެއް ކުރުމުގައެވެ. ޓީވީއަށް އަޅުގަނޑުމެން ގެއްލިފައިވާ މިންވަރަކީ، ޓީވީ ޑްރާމާތަކުގައި އުޅޭމީހުންގެ އާއިލާތަކަށް ދާންދެން އަޅުގަނޑުމެންނަށް އެގެއެވެ. އަނެއްބަޔަކަށް ނޭނގި ދުނިޔޭގެތާކު ފުޓުބޯޅަ މެޗެއް ނުކުޅެވެއެވެ. މިއީ އަޅުގަނޑުމެން ދުނިޔެއަށް ފޮނުއްވާފައިވާ މަގުސަދު ތޯއެވެ؟
އަޅުގަނޑުމެންގެ އަމިއްލަ ނަފްސު ހިސާބު ކުރަންވެއްޖެއެވެ. އަޅުގަނޑުމެންގެ ތެރެއިން އެއްވެސް މީހަކަށް އެމީހަކު މަރުވާނެ ވަގުތެއް އެނގޭހެއްޔެވެ؟ ކުޅިވަރާއި މަޖަލުގައި ޣާފިލުވެފައި ތިއްބާ މަރުވެގެންދިޔައީ ކިތައް މީހުންތޯއެވެ؟ އެފަދަ ހާދިޘާތަކުން ފިލާވަޅުލިބިގަންނަން ވެއްޖެކަން ކަށަވަރެވެ.
ދުޢާއަކީ އަޅުގަނޑުމެން އެންމެންނަކީވެސް ދުނިޔަވީ ޣާފިލުކަމުން ސަލާމަތްވެ، އުޚްރަވީ ޙަޔާތް ބާއްޖަވެރި ކުރުމަށް މަސަކަތްކުރާ ބައެއްގެގޮތުގައި ލެއްވުމެވެ.
وصلى الله تعالى وسلم على نبيه محمد وآله وصحبه أجمعين.

އިތުރަށް ވިދާޅުވޭ

ފަތިސް ނަމާދު ކުރުމުގައި ދެމިތިބޭމީހުން

އަޙުމަދު ނާޒިޙް
الحمد لله وصلى الله على نبيِّنا محمدٍ وعلى آله وصحبه وبعد:
އެއީ ކާމިޔާބު ލިބިގެންވާ ބައެކެވެ. އެއީ މޫނުތައް އަލިވެގެންވާ ބައެކެވެ. އެމީހުންގެ ނިތްކުރިތަކުގެ ވިދުން ގަދަ ވެގެންވާ ބައެކެވެ. އެއީ އެމީހުންގެ ވަގުތު ތަކުގައި ބަރަކާތް ލެއްވިގެންވާ ބައެކެވެ. ތިބާއަކީ އެމީހުންގެ ތެރެއިންވާ މީހެއް ނަމަ، އެމަތިވެރި ނިޢުމަތަށް، ﷲއަށް ޙަމްދު ކުރާށެވެ. އަދި ތިބާއަކީ އެމީހުންގެ ތެރެއިންވާ މީހެއް ނޫންނަމަ، ދުޢާއަކީ ﷲ ސުބުޙާނަހޫ ވަތަޢާލާ ތިބާ އެމީހުންގެ ތެރެއިން ލެއްވުމެވެ. އެއީ ކޮންބައެއްކަން ތިބާއަށް އެނގޭހެއްޔެވެ؟
އެއީ ފަތިސް ނަމާދު ކުރުމުގައި ދެމިތިބޭ މީހުންނެވެ. މިމަތިވެރި ވެގެންވާ ފަރުޟު އަދާކުރުމުގައި ދެމިތިބޭ މީހުންނެވެ. އެއީ މި މަތިވެރިވެގެންވާ އިސްލާމީ ޝަރީޢަތުގައި ވަރުގަދައަށް ހިފަހައްޓައިގެންތިބޭ މީހުންނެވެ. އެމީހުން ކޮންމެ އާދުވަހެއް ފަށައިގަންނަނީ މިމަތިވެރި ޢަމަލުންނެވެ. މިމަތިވެރި ނަމާދު އަދާކުރުމުގައި ދެމިތިބޭމީހުންނަށް ﷲ ގެ ހަޟުރަތުގައި، މަލާއިކަތުން ހެކިވެވަޑައިގަންނަވައެވެ. އަދި ޖަމާޢަތުގައި މިމަތިވެރި އަޅުކަން އަދާކޮށްފި މީހާ، މުޅި ރޭގަނޑު އެއްކޮށް ނަމާދުކުރި ފަދައެވެ.
މިމަތިވެރި ނަމާދަށް ރައްކާތެރިވުމަކީ ސުވަރުގެ ވަނުމުގެ ސަބަބުތަކުގެ ތެރެއިން ސަބަބެކެވެ. މިނަމާދަށް ވުޟޫކުރުމަކީ އެހާމެމަތިވެރި ކަމެކެވެ. އަދި މިއަޅުކަން އަދާކުރުމަށް ހިނގާފައި ދިއުމަކީ ނުހަނު ޘަވާބު ހުރިކަމެކެވެ. މިނަމާދުގެ ފަހުގައިވާ ވަގުތަކީ ބަރަކާތް ބާވައިލައްވާ ވަގުތެކެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ. "اللهمَّ بَارِكْ لأُمَّتي في بُكُوْرِها" (أخرجه أحمد وأبو داوود والترمذي وابن ماجه)
މާނައީ: "އޭ ﷲ! ތިމަންކަލޭގެފާނުގެ އުއްމަތަށް އެއުއްމަތުގެ ހެނދުނުގައި ބަރަކާތް ލައްވާދޭނވެ."
އެއީ މިވަޤުތުގެ ބަރަކާތުގެ އަހުލުވެރިންނެވެ. އަދި އެމީހުންނަކީ حيَّ على الصلاة، حيَّ على الفلاح އަށް އިޖާބަދޭ މީހުންނެވެ. އެމީހުންނަށް އަމާންކަމާއި ސަލާމަތްކަން ހުއްޓެވެ. އެމީހުންނަކީ ފުރިހަމަގޮތުގައި އަޅުވެތިވުމުގެ މާނަ އެނގޭ، الصَّلاةُ خَيْرٌ مِن النَّومِ އަށް ފުރިހަމަ ގޮތުގައި އިޖާބަދޭ މީހުންނެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ.
"بَشِّرِ المشَّائينَ في الظُّلَمِ إلى المسَاجدِ بِالنُّورِ التَّامِ يَوْمَ القِيامَةِ" (أخرجه الترمذي وأبو داوود)
މާނައީ: "މިސްކިތްތަކަށް އަނދިރީގައި ހިނގާފައިދާ މީހުންނަށް، ޤިޔާމަތްދުވަހުގައި ފުރިހަމަ ނޫރެއް ވާކަމުގެ އުފާވެރި ޚަބަރު ދޭށެވެ."
ސުވަރުގޭގައި ﷲ ސުބުޙާނަހޫ ވަތަޢާލާގެ ވަޖުހުފުޅު ފެންނާނޭ މީހުންނަށް އެދުވަހުން އެލިބޭ ނަސީބަށްވުރެ ބޮޑު ނަސީބެއް އެއްވެސް އިންސާނަކަށް ދުވަހަކުވެސް ނުލިބޭނެއެވެ. އެދުވަހުން އެ ނަސީބު ލިބިއްޖެ މީހަކަށް އިމެއްނެތް އުފާވެރިކަން ހުއްޓެވެ.
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ.
"إنَّكُمْ سَتَرَوْنَ ربَّكُم كمَا تَرَونَ هذا القَمَرَ لا تُضامونَ في رؤيتِه، فَإِنْ اسْتَطَعْتُم الّا تُغلبوا عَلَى صلاةٍ قبلَ طلوعِ الشَّمسِ وقبلَ غروبِها فافعلُوا ثمَّ قرأَ: (وَسَبِّحْ بِحَمْدِ رَبِّكَ قَبْلَ طُلُوعِ الشَّمْسِ وَقَبْلَ الْغُرُوبِ) (ق: ٣٩)" (أخرجه مسلم)
މާނައީ: "މިހަނދު (ސާދަ ވިލޭރޭގެ ހަނދު) ފެންނަ ފަދައިން (ޤިޔާމަތް ދުވަހުގައި) ތިޔަބައިމީހުން ތިޔަބައިމީހުންގެ ވެރި ރައްބު ދެކޭނެތެވެ. އެއިލާހަށް ބެލުމުގައި ތިޔަބައިމީހުންނަށް އެއްވެސް ގެއްލުމެއް ނުވާނެއެވެ. ފަހެ އިރު އެރުމުގެ ކުރިންނާއި އިރު އޮއްސުމުގެކުރިން ނަމާދުކުރުމުގެ މައްޗަށް (އެބަހީ ފަތިސް ނަމާދާއި ޢަޞުރު ނަމާދު އޭގެ ވަޤުތުގައި ކުރުމުގެ މައްޗަށް) ބަލިވެނުގަތުމަށް ތިޔަބައިމީހުންނަށް ކުޅަދާނަވެގެން ވާނަމަ ފަހެ ތިޔަބައިމީހުން އެކަން ކުރާހުށިކަމެވެ. ދެން އެކަލޭގެފާނު މިއާޔަތް ކިޔަވާ ވިދާޅުވިއެވެ. 'ކަލޭގެފާނު ކަލޭގެފާނުގެ ވެރި ރައްބަށް، އިރު އެރުމުގެ ކުރިންނާއި އިރު އޮއްސުމުގެ ކުރިން ޙަމްދު ކުރުމާ އެކު ތަސްބީޙަ ކިޔާހުށިކަމެވެ."
މިތާނގައި، ބަލިވެނުގަނެ ކުޅަދާނަ ވެގެންވާނަމައޭ ޙަދީޘް ކުރެއްވުމުގެ މުރާދަކީ އެހެން ނަމާދުތައްވެސް އަދާކުރުމާއެކު، އެދެނަމާދަށް އިތުރަށް ރައްކާތެރިވުމެވެ. އެހެނީ ނަމާދުކުރުމުގެ ކުޅަދާނަކަން ލިބިގެން ނުވާ މީހަކު އަޅުގަނޑުމެންގެ ތެރޭގައި ނުވެއެވެ.
އެމީހުންނަކީ ﷲ ސުބުޙާނަހޫ ވަތަޢާލާގެ ރައްކާތެރިކަމުގައި ތިބޭމީހުންނެވެ. ކަންނެތްކަމުން ހަށިގަނޑު ސަލާމަތް ވެގެންވާ މީހުންނެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ.
"مَنْ صلَّى الصُّبْحَ فَهُوَ في ذِمَّةِ الله" (أخرجه مسلم)
"ފަތިސް ނަމާދު (ޖަމާޢަތުގައި) ކޮށްފިމީހާ ދަންނައެވެ. ފަހެ އޭނާ ވާހުށީ ﷲގެ ބެއްލެވުމުގެ ދަށުގައެވެ."
އަދިވެސް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ކުރައްވާފައިވާ ޙަދީޘެއްގެ މާނައިގައި ވެއެވެ.
"ތިޔަބައިމީހުންކުރެ މީހަކު ނިދާހިނދު އޭނާގެ ކަނދުރާގައި ޝައިޠާނާ ތިން ގޮށްޖަހައެވެ. (ދެން އޭނާ ބުނާނެއެވެ.) ތިބާގެ މައްޗަށް ދިގު ރެއެއް ވެއެވެ. ފަހެ ނިދާށެވެ. ފަހެ އޭނާ ހޭލައި ﷲއަށް ޛިކުރު ކޮއްފިނަމަ (އެބަހީ ނިދިން ހޭލާ ކިޔަން ވާރިދުވެފައިވާ ދުޢާ ކިޔައިފިނަމަ) އެއް ގޮށް މޮހިގެންދެއެވެ. ދެން އޭނާ ވުޟޫ ކޮށްފިނަމަ އަނެއް ގޮށް މޮހިގެން ދެއެވެ. ދެން އޭނާ ނަމާދު ކޮށްފިނަމަ ތިންވަނަ ގޮށް މޮހިގެން ދެއެވެ. ފަހެ އޭނާ ހެނދުނުކުރާހުށީ މުރާލި ހީވާގި މީހެއްގެ ގޮތުގައެވެ. އެހެން ނޫނީ އޭނާ ހެނދުނުކުރާހުށީ ހިތް ނުތަނަވަސް ކަންނެތް މީހެއްގެ ގޮތުގައެވެ."
ރަޙްމާނުވަންތަ އިލާހުގެ މަލާއިކަތުން އެމީހުންނަށް ހެކިވުން އެމީހުންނަށް ފުދިގެން ވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ.
"يَتَعَاقَبُوْنَ فِيْكُمْ مَلائِكَةٌ بِالنَّهَارِ، وَيَجْتَمِعُوْنَ فِيْ صَلاةِ الفَجْرِ وَصَلاةِ العَصْرِ، ثُمَّ يَعْرُجُ الذِيْنَ باتُوا فِيْكُمْ فَيَسْأَلُهُمْ رَبُّهُمْ- وَهُوَ أَعْلَمُ بِهِمْ- كَيْفَ تَرَكْتُمْ عِبادِي؟ فَيَقُوْلُونَ: تَرَكْناهُمْ يُصَلُّونَ، وأتينَاهُم وهُم يُصلُّون " (متفق عليه)
"ތިޔަބައިމީހުންގެ ތެރޭގައި މަލާއިކަތުން ރޭގަނޑާއި ދުވާލު ޑިއުޓީ ކުރައްވައެވެ. ފަތިސް ނަމާދުގެ ވަގުތުގައާއި ޢަޞުރު ނަމާދުގެ ވަގުތުގައި އެބޭކަލުން ޖަމާވެވަޑައިގަންނަވައެވެ. ދެން ތިޔަބައިމީހުންގެ ތެރޭގައި ރޭގަނޑު ހޭދަކުރެއްވި މަލާއިކަތުން، މައްޗަށް އަރާވަޑައިގަންނަވަތެވެ. ފަހެ އެބޭކަލުންގެ ވެރި ރައްބު، ދެނެވޮޑިގެންވާ ޙާލު، އެބޭކަލުންނާ ސުވާލުކުރައްވަތެވެ. ތިމަން ﷲގެ އަޅުތަކުން ތިޔަބޭކަލުން ދޫކޮށްލެއްވީ ކޮން ޙާލަތެއްގައި ހެއްޔެވެ؟ ފަހެ އެބޭކަލުން ދަންނަވަތެވެ. ތިމަންބޭކަލުން އެއުރެން ދޫކޮށްލެއްވީ އެއުރެން ނަމާދުކުރާ ޙާލުގައެވެ. އަދި އެއުރެންގެ ގާތަށް ތިމަންބޭކަލުން ވަޑައިގެންނެވީ ވެސް އެއުރެން ނަމާދުކުރާ ޙާލުގައެވެ."
އެމީހުންނަކީ ފަރުޟު ފަސް ނަމާދުގެ ޖަމާޢަތަށް ފުރިހަމައަށް ރައްކާތެރިވާ މީހުންނެވެ. އެމީހުން ކުރާ ވުޟޫއަކީ އެމީހުންގެ ދަރަޖަ އުފުލުމުގެ ސަބަބެކެވެ. އަދި ނަމާދަށް ހިނގާފައިދާ ދިއުމަކީ ކުރެވޭ ނުހަނު ގިނަ ދަރުމައެކުލެވިގެންވާ ހެޔޮކަމެކެވެ. އަދި މިސްކިތުގައި އިށީނދެގެން އިންނަ އިނުމަކީ ﷲ ސުބުޙާނަހޫ ވަތަޢާލާގެ ރަޙްމަތް ލިބޭނެ ކަމެކެވެ.
"مَنْ غَدَا ِإلى المسْجِدِ أوْ رَاحَ أَعَدَّ الله لَهُ فِيْ الجنَّةِ نُزُلاً كُلَّما غَدَا أَوْ رَاحَ" (متفق عليه)
"މިސްކިތަށް ގޮސްފައި އަންނަ މީހާއަށް ﷲ، ސުވަރުގޭގައި މެހުމާންދާރީއެއް ތައްޔާރު ކޮށްދެއްވާނެތެވެ. އެއީ އޭނަ ގޮސްފައި އަންނަ ކޮންމެ ފަހަރަކު އެވެ."
ފަތިސް ނަމާދަށް ރައްކާތެރިވާ މީހުންނަށް ސަލާމަތްކަން ހުއްޓެވެ. ރޭގަނޑު ހަތަރުދަމު ހޭލާތިބެ މަޖާނެގުމުން ދުރުހެލިވެ، މިމަތިވެރި އަޖުރު އެމީހުން ޙާޞިލު ކޮށްފިއެވެ. އެމީހުން، ނަމާދަށް ތެދުވުމަށްޓަކައި އެމީހުންގެ ގަޑިތައް ތައްޔާރުކުރާތަން ފެންނާނެއެވެ. އަދި ވުޟޫކޮށް، ނިދުމުގެކުރިން ކިޔަން ވާރިދުވެފައިވާ ޛިކުރު ކިޔާތަން ފެންނާނެއެވެ. އަދި ހޭނުލެވޭނެހެން ހީވެއްޖެނަމަ، ނަމާދަށް ހޭލެއްވުމަށް އެހެންމީހެއްގެ ކައިރިން އެދެއެވެ. އެމީހުންގެ ހިތްތައް ވަނީ އީމާންކަމުން ފުރިގެންނެވެ. އެއްވެސް ސަބަބަކާއިހުރެ ނިދުން ލަސްވެގެން ނަމާދަށް ހޭލެވުން ލަސްވެއްޖެނަމަ، ހޭލެވުމުން އަވަހަށް ފުންމައިގެން ތެދުވެ ނަމާދަށް އަވަސްވެގަނެއެވެ. އެމީހުންނަކީ މިމަތިވެރި އަޅުކަމުގައި ދެމިތިބޭ މީހުންނެވެ. އެމީހުންނަކީ ﷲ ސުބުޙާނަހޫ ވަތަޢާލާގެ ޙަޟްރަތުގައި އެންމެ ލޮބުވެތިކަންބޮޑުވެގެންވާ، މިމަތިވެރި ޢަމަލު ކުރުމުގެ ސަބަބުން ކާމިޔާބު ލިބިގެންވާ މީހުންނެވެ. އިބްނު މަސްޢޫދު ރަޟިޔަﷲ ޢަންހުގެ އަރިހުން ރިވާވެގެން ވެއެވެ. އަހަރެން، ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމައާ ސުވާލުކުރީމެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާގެ ޙަޟްރަތުގައި އެންމެ ލޮބުވެތިކަންބޮޑުވެގެންވާ ޢަމަލަކީ ކޮބާހެއްޔެވެ؟ އެހިނދު އެކަލޭގެފާނު ޙަދީޡްކުރެއްވިއެވެ. "الصَّلاةُ على وَقْتِها..." (متفق عليه) "ނަމާދު އޭގެ ވަޤުތުގައި އަދާކުރުމެވެ."
ނަމާދުތަކަށް ފަރުވާކުޑަކޮށް އެނަމާދުތައް އޭގެވަގުތުން ފަސްކުރާ މީހާއަށް ހުރި ހިތާމައެއްގެ ބޮޑުކަމާއެވެ! އެމީހުންނަށް އެކުރެވޭ ފާފައިގެ ބޮޑުކަން އެމީހުންނަށް ވިސްނޭނެނަމައެވެ. އެމީހުންނަށް ގެއްލިގެން ދިޔައީ ކިހާބޮޑު ނިޢުމަތެއް ހެއްޔެވެ؟ ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީ ކުރައްވާފައި ވެއެވެ. فَوَيْلٌ لِلْمُصَلِّينَ * الَّذِينَ هُمْ عَنْ صَلَاتِهِمْ سَاهُونَ ( الماعون: ٤ - ٥)
"ފަހެ އެބައިމީހުންގެ ނަމާދާއިމެދު ޣާފިލުވެތިބެގެން ނަމާދުކުރާ މީހުންނަށް ގެއްލުމާއި ހަލާކު ހުށްޓެވެ."
އަދިވެސް ވަޙީކުރައްވާފައިވެއެވެ.
فَخَلَفَ مِنْ بَعْدِهِمْ خَلْفٌ أَضَاعُوا الصَّلَاةَ وَاتَّبَعُوا الشَّهَوَاتِ فَسَوْفَ يَلْقَوْنَ غَيًّا (مريم: ٥٩)
"އެއުރެންނަށް ފަހު (އިސްވެ ދިޔަ ހެޔޮލަފާ މީހުންނަށް ފަހު) ނުބައި ބަޔަކު އައެވެ. އެބައި މީހުން ނަމާދު ނަގައިލިއެވެ. އަދި އަމިއްލަ އެދުމަށް ތަބާވިއެވެ. ފަހެ ގަދަފަދަވެގެންވާ ޢަޛާބާ ފަހުން އެމީހުން ބައްދަލުކުރާނެތެވެ."
އަދި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ.
"أوَّلُ مَا يُحاسَبُ بِهِ العَبْدُ يَوْمَ القِيامَةِ الصلاة، فَإِنْ صَلحَتْ صَلحَ سَائِر عَمَله، وَإِنْ فَسَدَتْ فَسَدَ سَائِرُ عَمَله" (أخرجه الطبراني)
"ޤިޔާމަތް ދުވަހު އެކަމަކުން އަޅާގެ ޙިސާބުބެއްލެވޭނެ އެންމެ ފުރަތަމަ ޢަމަލަކީ ނަމާދެވެ. ފަހެ ނަމާދު ރަގަޅުވެއްޖެނަމަ އޭނާގެ ހުރިހާ ޢަމަލެއް ރަގަޅުވާހުއްޓެވެ. އަދި ނަމާދު ފާސިދުވެއްޖެނަމަ އޭނާގެ ހުރިހާ ޢަމަލެއް ފާސިދުވާހުއްޓެވެ."
އޭ ޖަމާޢަތުގައި ނަމާދުކުރުމަށް ރައްކާތެރި ނުވާމީހާއެވެ! ޚާއްޞަކޮށް ފަތިސް ނަމާދުކުރުމަށް ފަރުވާކުޑަކުރާ މީހާއެވެ! ތިބާ ހިނގާނެ މަގެއް ކަމުގައި ޝައިޠާނާގެ މަގު ޚިޔާރު ކުރީ ކީއްވެގެން ހެއްޔެވެ؟ ތިބާގެ ކަންފަތަށް، ޝައިޠާނާ ހީސްލުމަށް ރުހެނީ ކީއްވެގެން ހެއްޔެވެ؟ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހުގައި، އިރު އަރަންދެން ނިދާފައި އޮތް މީހެއްގެ ވާހަކަ ދެންނެވުމުން ޙަދީޘް ކުރެއްވިއެވެ.
"ذَاكَ رَجُلٌ بالَ الشَّيْطانُ في أُذُنَيْهِ" (متفق عليه)
"އެއީ ޝައިޠާނާ އެމީހެއްގެ ކަންފަތަށް ކުޑަގިފިލި ކޮއްފައިވާ މީހެކެވެ."
އޭ އަޚާއެވެ! އަމިއްލަ ނަފްސާމެދު ވިސްނާލަބަލާށެވެ! އެންމެ ފަހުން ޖަމާޢަތުގައި ފަތިސްނަމާދު ކުރީ ކޮންދުވަހަކު ކަން ހަނދާން އެބަހުރިތޯއެވެ؟ ފަތިސްނަމާދު ޖަމާޢަތުގައި ނުކޮށް، އޭގެ ގިނަ ހަކަތައިން މަޙްރޫމްވެގެން އަހަރެމެން ދާން ބޭނުންމިވާ މަންޒިލާ ހަމައަށް ވާޞިލްވެވޭނެ ހެއްޔެވެ؟
ﷲ ސުބުޙާނަހޫ ވަތަޢާލާއަށް ބިރުވެތިވާށެވެ. ތައުބާވުމަށް އަވަސްވެގަންނާށެވެ. އޭރުން ކުރެވިފައި ހުރި ފާފަތައް ފުހެވޭނެއެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ ތިޔަ އަޚާއަށް ދެއްވާފައިވާ ނިޢުމަތްތަކުގެ މަތިން ހަނދާން ނައްތާނުލާށެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާގެ މަދަދަށް އެދި އަބަދުވެސް ދަންނަވާށެވެ. ފަތިސް ނަމާދަށް ހޭނުލެވުމުގެ އެންމެބޮޑު ސަބަބުކަމުގައިވާ، ރޭގަނޑު ލަސްވަންދެން ހޭލާހުރުމުން ދުރުހެލިވާށެވެ.
ތިރީގައި މިދަންނަވާ ކަންތައްތައް ކުރުމުން ﷲ ސުބުޙާނަހޫ ވަތަޢާލާގެ އިރާދަފުޅުން ފަތިސް ނަމާދަށް ހޭލުން ފަސޭހަ ކަމަކަށް ވާނެއެވެ.
• ނިދުމުގެކުރިން ވުޟޫކޮށް އަދި ނިދުމުގެކުރިން ކިޔުމަށް ވާރިދުވެފައިވާ ދުޢާތަށް ކިޔުން.
• ނަމާދަށް ހޭލެއްވުމަށް މީހެއްގެ ކައިރީގައި ބުނުން
• އެލާރމް ގަޑިޔެއް ބެހެއްޓުން
• ހޭލެވުމުން އެންމެ ފުރަތަމަ ކަމަކަށް ﷲ ސުބުޙާނަހޫ ވަތަޢާލާއަށް ޛިކުރު ކުރުން.
• ދެވަނަ ފަހަރަށް ނިންދެވުމަށް ޝައިޠާނާއަށް ފުރުޞަތު ނުދީ، ހޭލެވުމުން އަވަހަށް އެނދުން ތެދުވުން.
• ﷲ ސުބުޙާނަހޫ ވަތަޢާލާ ޙަރާމް ކުރައްވަފައިވާ ކަންތައްތަކުން، ޚާއްޞަކޮށް ޙަރާމް ތަންތަނަށް ބެލުމުން ދުރުހެލިވުން. އެހެނީ ޙަރާމް ކަންތައްތައް ކުރުމަކީ ހެޔޮ ޢަމަލުތަކުން މަޙްރޫމުވާ ކަމެކެވެ.
• ހެޔޮ ޢަމަލުތައް ކުރުމުގައި އެކަކު އަނެކަކަށް ވާދަކުރާ މީހުންނަށް ދެއްވާނެކަމަށް ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޢުދުވެ ވޮޑިގެންފައިވާ މަތިވެރި ދަރަޖައިގެ މަތިން ހަނދާން ކުރުން.
• ފަތިސްނަމާދަށް ހޭލުމަށް އާދަކުރުން.
ރަސޫލﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ.
"ثَلاثَةٌ كلُّهُمْ ضامِنٌ على اللهِ إِنْ عاشَ رُزِقَ وكُفِيَ، وَإِنْ ماتَ أَدْخَلَهُ اللهُ الجنَّةَ، وَمِنْهُمْ: مَنْ خَرَجَ إلى المسْجِدِ فَهُوَ ضامِنٌ عَلى الله" (أخرحه أبو داوود وابن حبان)
"ﷲ އެބަޔަކާއި ޖާމިނުވެ ވޮޑިގެންވާ ތިންބަޔަކު ވެއެވެ. އެބައިމީހުން ދިރިތިބެއްޖެނަމަ ރިޒުޤު ދެއްވާހުއްޓެވެ. އަދި ފުދޭ ހުއްޓެވެ. އަދި އެމީހުން މަރުވެއްޖެނަމަ ﷲ އެބައިމީހުން ސުވަރުގެ ވައްދަވާހުއްޓެވެ. އެބައިމީހުންގެތެރޭގައި މިސްކިތަށް ދިއުމަށްޓަކައި (ގެއިން) ނިކުންނަމީހާ ހިމެނިގެންވެއެވެ. ފަހެ އޭނާއާއި ﷲ ޖާމިނުވެ ވޮޑިގެންވެއެވެ."
ދުޢާއަކީ އަޅުގަނޑުމެން އެންމެންނަށް ވެސް ﷲ ސުބުޙާނަހޫ ވަތަޢާލާ ދެދުނިޔޭގެ ބާއްޖަވެރިކަން ދެއްވަވާ އެއިލާހުގެ ސުވަރުގެ ވެއްދެވުމެވެ.
وصلَّى الله على نبيِّنا محمَّدٍ وعلى آله وصحبه.

އިތުރަށް ވިދާޅުވޭ