5.12.09

އިންސާނެއްގެ ޙަޔާތުގައި ވަގުތުގެ މުހިއްމުކަން

އަޙުމަދު ނާޒިޙް
الحمد لله وصلى الله على نبيِّنا محمدٍ وعلى آله وصحبه وبعد:
މީހެއްގެ ޙަޔާތުގައި ވަގުތަކީ ހަގީގަތުގައި އޭނާގެ އުމުރެވެ. އަދި އޭނާގެ ވަގުތަކީ ﷲ ނޫން ފަރާތަކަށް ދެވިގެންވާނޭ އެއްޗެއް ނޫނެވެ. ވަގުތު ބޭކާރު ގޮތުގައި ހޭދަކުރާ މީހާއަށް މިދުނިޔޭގެ ޙަޔާތަށްވުރެ މަރު މާރަގަޅެވެ. ސަބަބަކީ، ޙަޔާތުގެ މިހާ މުހިއްމު ބައެއް ބޭކާރުގޮތުގައި ނަގާލާތީއެވެ.
ރަސޫލުﷲ ޞައްލައްﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ. "نِعْمَتانِ مَغْبُوْنٌ فِيْهِمَا كَثِيْرٌ مِنَ النَّاسِ: الصِّحَةُ وَالفَرَاغُ" (رواه البخاري ) މާނައީ: "މީސްތަކުންގެ ތެރެއިން ގިނަ ބަޔަކު އެކަމަކާމެދު ޣާފިލުވެފައިވާ ދެނިޢުމަތެއް ވެއެވެ. އެއީ ފުރިހަމަ ޞިއްޙަތާއި ހުސްވަގުތެވެ."
އަދި ޢުމަރު ރަޟިޔަﷲ ޢަންހު ވިދާޅުވެފައި ވެއެވެ. " إِنِي لَأَكْرَهُ أَنْ أَرَى أَحَدَكُمْ سَبَهْلَلاً لا فِيْ عَمَل دُنْيا وَلا فِي عَمَلِ آخِرِة" މާނައީ "ހަމަކަށަވަރުން ތިޔަބައިމީހުންގެ ތެރެއިން މީހަކު ދުނިޔެ އާއި އާޚިރަތުގެ ޢަމަލު ނުކޮށް، ބޭކާރުގޮތުގައި ހުންނަތަން ފެނުމަށް ތިމަން ނުރުހެމެވެ."
ޢުމަރު ރަޟިޔަﷲ ޢަންހުގެ މިބަސްފުޅުން ދުނިޔެމަތީގައި ކުރެވޭ ޢަމަލުތައް ދެބަޔަކަށް ބެހިގެން ވާކަން އެނގިއްޖެއެވެ. މިގޮތުން ޢަމަލުތައް ކުރުމުގައި ހަމައެކަނި ދުނިޔޭގެ ޢަމަލުތައް ކުރުމުގައި ހުސްވެގަތުމެއް ނެތެވެ. އަދި ހަމައެހެންމެ، ދުނިޔަވީ ޢަމަލުތައް ދޫކޮށް އުޚްރަވީ ޢަމަލުތަކަށް ގޮސް ހުސްވުމެއް ވެސް ނެތެވެ. މާތް ވެގެންވާ އިސްލާމްދީން އަޅުގަނޑުމެންނަށް އަމުރު ކުރަނީ މިދެމެދެވެ.
އިންސާނުންގެ ތެރެއިން ބުއްދިވެރިންނަކީ ވަގުތުގެ މުހިއްމުކަން ދަނެގަނެ އޭގެ ބޭނުން ފުރިހަމަ ގޮތުގައި ހިފާމީހުންނެވެ. މިގޮތުން ތިމާއަށް ފައިދާކުރަނިވި އެއްޗެއް އުގެނުމާއި ހެޔޮ އަމަލެއް ކުރުމާއި ދުނިޔަވީ ކަމެއް ކުރުމުގައިވެސް ވަގުތުގެ ބޭނުންހިފިދާނެއެވެ. މިއިން ކޮންމެ ކަމެއްގައިވެސް ތިމާގެ ނިޔަތް ރަނގަޅުވެއްޖެނަމަ އެކަމެއްގެ ސަބަބުން ދަރުމައާއި ޘަވާބު ލިބޭނެއެވެ.
މިއުއްމަތުގެ ސަލަފުއްޞާލިހުން ވަނީ ވަގުތުގެ ބޭނުން ފުރިހަމަ ގޮތުގައި ހިފުމަށް ވަރަށް ބޮޑަށް މަސަކަތްކުރައްވާފައެވެ. މިގޮތުން ޢަބްދުއްރަޙްމާން ބިން އަބީ ޙާތިމް އައްރާޒީ ކޭންބައްލަވާއިރާއި، ފާޚާނާއަށް ވަންނަވާއިރާއި އަދި ގޭތެރޭގެ އެހެން ކަންތައް ކުރައްވާ އިރު، ދަރިފުޅުކައިރީ ބުނުއްވައިގެން އެކަލޭގެފާނަށް އަޑުއިވޭވަރަށް ފޮތް ކިއުއްވައެވެ. އަދި އަލްއިމާމް ސުލައިމް ބިން އައްޔޫބް އައްރާޒީ އަކީ ވަގުތުގެބޭނުން ހިފުމުގައި މަޝްހޫރު ބޭކަލެކެވެ. އެކަލޭގެފާނު ކިތަންމެކުޑަ ވަގުތުކޮޅެއްވިޔަސް ބޭކާރުގޮތުގައި ނަގާނުލައެވެ. އެކަލޭގެފާނުގެ ވަގުތުތައް ހޭދަކުރަނީ ކިޔެވުމުގައްޔާއި ކިޔަވާދިނުމުގައްޔާއި އަދިވެސް މިފަދަ އަގުހުރި ކަންކަމުގައެވެ. އެކަލޭގެފާނު ވަނީ ވަރަށްގިނަ ފޮތްތައް ލިޔުއްވާފައެވެ. އަދި ލިޔަމުންދާއިރު ފަންސުރު ރަނގަޅުކުރަން ލިޔުން ހުއްޓާލަން ވެއްޖެނަމަ ޤުރުއާން ކިޔަވަން ފައްޓަވައެވެ. އެހެންނޫނީ ކޮންމެވެސް ޛިކުރެއްކުރައްވައެވެ. ކިތަންމެ ކުޑަވަގުތުކޮޅެއް ވިޔަސް ބޭކާރުކޮށްނުލުމަށެވެ.
އަޅުގަޑުމެންގެ ވަގުތުތައް އަޅުގަޑުމެންނަށް ހޭދަ ކުރެވެނީ މިފަދަ ގޮތަކަށްތޯއެވެ؟ އެހެންނޫނީ މިއާ އިދިކޮޅަށްތޯއެވެ؟ އަޅުގަނޑުމެން އެންމެންވެސް ވަގުތުނުވެގެން އެކަމާ ވާހަކަދައްކާ އަޑު ވަރަށްގިނައިން އިވެއެވެ. ކުރަންބޭނުންވާ އެތައްކަންތަކެއް ނުކުރެވިތިއްބާ ކޮންމެ ދުވަހެއްވެސް އަޅުގަނޑުމެންގެ ޙަޔާތާ ވަކިވަނީއެވެ. އަޅުގަނޑުމެންނަށް އަޅުގަނޑުމެންގެ ވަގުތުތައް ހޭދަކުރެވެނީ ކިހިނެތްތޯ ވިސްނާލަމާހެއްޔެވެ.
ދުވާލުގެ ގިނަވަގުތުތައް ނިދުމުގައި ހޭދަކުރުމަށްފަހު ރޭގަނޑަކީ ކުޅިވަރުކުޅުމަށް އޮންނަ ވަގުތަކަށް އަޅުގަނޑުމެން ހަދައިފީމުއެވެ. އެއްބަޔަކު އެމީހުންގެ ރޭތައް ހޭދަކޮއްލަނީ ޓީވީ ދޮށުގައެވެ. އަނެއްބަޔަކު ގުރޫޕް ހަދާލައިގެންތިބެ ބޭކާރުވާހަކަ ދެއްކުމާއި ޣީބަބުނުމުގައެވެ. އެހެންނޫނީ ކޮންމެވެސް ޙަރާމްކަމެއް ކުރުމުގައެވެ. ޓީވީއަށް އަޅުގަނޑުމެން ގެއްލިފައިވާ މިންވަރަކީ، ޓީވީ ޑްރާމާތަކުގައި އުޅޭމީހުންގެ އާއިލާތަކަށް ދާންދެން އަޅުގަނޑުމެންނަށް އެގެއެވެ. އަނެއްބަޔަކަށް ނޭނގި ދުނިޔޭގެތާކު ފުޓުބޯޅަ މެޗެއް ނުކުޅެވެއެވެ. މިއީ އަޅުގަނޑުމެން ދުނިޔެއަށް ފޮނުއްވާފައިވާ މަގުސަދު ތޯއެވެ؟
އަޅުގަނޑުމެންގެ އަމިއްލަ ނަފްސު ހިސާބު ކުރަންވެއްޖެއެވެ. އަޅުގަނޑުމެންގެ ތެރެއިން އެއްވެސް މީހަކަށް އެމީހަކު މަރުވާނެ ވަގުތެއް އެނގޭހެއްޔެވެ؟ ކުޅިވަރާއި މަޖަލުގައި ޣާފިލުވެފައި ތިއްބާ މަރުވެގެންދިޔައީ ކިތައް މީހުންތޯއެވެ؟ އެފަދަ ހާދިޘާތަކުން ފިލާވަޅުލިބިގަންނަން ވެއްޖެކަން ކަށަވަރެވެ.
ދުޢާއަކީ އަޅުގަނޑުމެން އެންމެންނަކީވެސް ދުނިޔަވީ ޣާފިލުކަމުން ސަލާމަތްވެ، އުޚްރަވީ ޙަޔާތް ބާއްޖަވެރި ކުރުމަށް މަސަކަތްކުރާ ބައެއްގެގޮތުގައި ލެއްވުމެވެ.
وصلى الله تعالى وسلم على نبيه محمد وآله وصحبه أجمعين.

No comments:

Post a Comment