6.11.09

ސުވާލާއި ޖަވާބު -1

ސުވާލު: ރަމަޟާންމަހުގެ ދުވަހެއްގެ ފަތިސްވުމުގެ ކުޑަވަގުތުކޮޅެއްފަހުން، ޙައިޟުވެރިޔާ ޠާހިރުވެއްޖެނަމަ އެދުވަހު ކެއިންބުއިމާއި ރޯދަގެއްލޭ އެންމެހައި ކަންތައްތަކުން ދުރުވެހުރުން އޭނާގެ މައްޗަށް ލާޒިމުވާނެތޯއެވެ؟ އަދި އެ ދުވަހު އޭނަގެ ރޯދަ ޞައްޙަވާނެތޯއެވެ؟

ޖަވާބު: އެދުވަހު، ރޯދަގެއްލޭ ކަންތައްތަކުން ދުރުވެހުރުން އޭނަގެ މައްޗަށް ލާޒިމެއްނުވާނެއެވެ. އެހެނީ އެދުވަހު އޭނާ ރޯދައަށް ހުރިކަމުގައިވިއަސް އޭނަގެ ރޯދަ ޞައްޙައެއްނުވާނެއެވެ.ސަބަބަކީ އެދުވަސް ފެށުނުއިރު އޭނާ ހުރީ އުޒުރުވެރިއެއްގެ (ޙައިޟުވެރިއެއްގެ) ގޮތުގައެވެ. އޭނާއަށް އޮތީ އެދުވަހުގެ ރޯދަ، ފަހުން ޤަޟާކުރުން އެކަންޏެވެ.
އެދުވަހުގެ ބާކީއޮތް ވަގުތުގައި ރޯދަ ގެއްލޭ ކަންތައްތަކުން ދުރުވެ ހުންނަން ޖެހޭނީ އުޒުރުވެރިއެއްކަމުގައި ނުވާނަމައެވެ. އެހެން ޢިބާރާތަކުން ދަންނަވަނީނަމަ، އެދުވަހު ރޯދަހިފުން ވާޖިބުވާ މީހެއްކަމުގައި ވާނަމައެވެ. އުޒުރުވެރިއެއްކަމުގައި ނުވާމީހަކު އެދުވަހުގެ ކުރީކޮޅުގައި ރޯދަގެއްލޭފަދަ ކަމެއް ކޮށްފިނަމަ، ރޯދަ ޤަޟާކުރުމުގެ އިތުރަށް، އެދުވަހުގެ ބާކީއޮތް ވަގުތުގައި ރޯދަގެއްލޭ ކަންތައްތަކުން ދުރުވެހުރުންވެސް އޭނަގެ މައްޗަށް ލާޒިމުވާނެއެވެ.
ޖަވާބު ދިނީ: މުޙައްމަދު ޝަމްޢޫން

އިތުރަށް ވިދާޅުވޭ