30.12.09

އަހުރެން ސިއްރެއް ބުނަން ހެއްޔެވެ.

ނަމާދަކީ އިސްލާމްދީނުގައި ހަމައެކަނި އަޅުކަމެއް ނޫނެވެ. އަދި ކިއެއްތަ އެއީ އޭގައި ރީތިކަމާއި ޒީނަތްތެރިކަން އެކުލެވޭ އެންމެ މުހިއްމު އެއްރުކުނެވެ. މި މާތްދީން ކޮންމެ މުސްލިމަކަށް އިރުޝާދު ދެއްވާފައިވަނީ ނަމާދުކުރުމުގެ ކުރިން ހަށިގަނޑާއި ފޭރާން ސާފުތާހިރު ކުރުމަށެވެ. ލޮބުވެތި ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ. "إِنَّ اللَّهَ جَمِيْلٌ يُحِبُّ الجَمَالَ" މާނައީ: " ﷲ ތަޢާލާއީ ހުރިހާ ރިވެތިސިފަތަކެއް ލިބިވޮޑިގެންވާ އިލާހެވެ. އަދި ރިވެތިކަމަށް އެއިލާހު ލޯބިވެވޮޑިގަންނަވައެވެ."
ބުނަން ހެއްޔެވެ. ނަމާދަކީ ހަށިގަނޑަށް ކަސްރަތު ލިއްބައިދޭ އަޅުކަމެކެވެ. ހަށިގަނޑުގެ ހުޅުތަކަށް ކަސްރަތުލިބެއެވެ. ފަތިހު ފަތިހާ ހޭލަން ޖެހެއެވެ. އާދުވަހަކަށް ކުރިމަތިލަނީ އާ ހީވާގިކަމަކާ އެކުގައެވެ. ނަމާދަކީ އޭގައި ވަރަށްބޮޑެތި ފައިދާތަކެއް އެކުލެވިފައިވާ ކަމެކެވެ. ދުލުން ތަކުބީރާއި ތަހުލީލާއި ތަސްބީޙަކިޔައެވެ. ނަމާދުގައި ކިޔެވޭ ޤުރުއާނުގެ އާޔަތްތަކާމެދު ސިކުނޑި ވިސްނައެވެ. ހިތް އަބަދުވެސް ޚުޝޫޢަތްތެރިކަމާއެކު ﷲތަޢާލާ މަތިން ހަނދުމަ ކުރެއެވެ. އޭ ލޮބުވެތި އަޚާއެވެ. ބުނަން ހެއްޔެވެ. ނަމާދުގައި ރޫޙާނީ އަދި ނަފްސާނީ ބާރެއްވެއެވެ. ނަމާދު، މުސްލިމު އިންސާނާއަށް އާދަޔާޚިލާފު ބާރެއް ލިއްބައިދެއެވެ. ދުނިޔޭގައި އޭނާއަށް ދިމާވާ ނުރައްކާތަކާއި މުސީބާތްތަކަށް ކެތްތެރިވުމަށް ނަމާދަކީ ވަސީލަތެކެވެ. މާތް ﷲގެ ރަސޫލާ -ޞައްލަﷲ ޢަލައިހި ވަސައްލަމަ- އެކަލޭގެފާނަށް ކަމެއް ބޮޑުވެއްޖެނަމަ ނަމާދާއިގެން މަޝްޣޫލުވެ މާތްﷲއަށް ކުއްތަންވެވަޑައިގަންނަވައެވެ. ބުނަންހެއްޔެވެ. ނަމާދަކީ މުސްލިމު އިންސާނާގެ އަޚްލާޤު ރަނގަޅުކޮށްދޭ ކަމެކެވެ. ހެޔޮކަންތައްކޮށް އެކަންމަތީ ދެމިހުރުމަށް އޭނާއަށް އެހީތެރިވެދެއެވެ. ފާޙިޝްކަންތައްތަކުން އޭނާ ދުރުކޮށްދެއެވެ.
ނަމާދަކީ ކަލޭގެ އެންމެ ލޯބިވާ އެކުވެރިޔާއަށް ހަދާށެވެ. އޭރުން ﷲގެ ރަޙްމަތްފުޅުން ދެދުނިޔޭގެ ފަލާޙާއި ކާމިޔާބު ލިބިގެންވާ މީހުންގެތެރެއިން ތިބާ ވާނެއެވެ.

އިތުރަށް ވިދާޅުވޭ