29.3.10

ދުނިޔޭގެ ހަލަބޮލިކަމުގެ ތެރެއިން ހިތްހަމަޖެހުމާއި އުފާވެރިކަން ލިބިގަންނާނީ ކިހިނެތް-2

ޙުސައިން ރަޝީދު ބިން މަޙްމޫދް
ހިތާމަތަކާއި މޮޅިވެރިކަމާއި ޙައިރާންކަން ފިލައިގެން ދިމުގެ ސަބަބުތަކުގެ ތެރޭގައި އެންމެހާ މަޚްލޫގުތަކުންނާއިމެދު ރަގަޅަށް ކަންތައްކޮށް އެމީހުންނަށް އެހީތެރިކަން ބެހެއްޓުން ހިމެނެއެވެ. މިފަދަކަންތަކުގައި ތިމާގެ މުދަލުންނާއި ޢަމަލުންނާއި ދުލުން ކުރެވޭ ކަންތަކަކީވެސް ﷲ تعالى ގެ ޙަޟްރަތުގައި ހެޔޮ އަދި މަތިވެރި ޢަމަލުތަކެކެވެ. މިފަދަކަންތަކުގެ ސަބަބުން މުސްލިމުންނާއި އަދި އެނޫން މީހުންނަށްވެސް ﷲ تعالى އެމީހަކަށް ލިބިފައިވާ ހިތާމަތަކާއި މުޞީބާތްތައް އެމީހެއްގެ އެފަދަ ޢަމަލުތައް ހުރި ނިސްބަތަކުން ލުއިކޮއްދެއްވައެވެ. އެހެނީ އެއިލާހުގެ އަޅުތަކުންނަށް އޯގާތެރިވުމަކީ އެއިލާހުގެ ޙަޟްރަތުގައި ނުހަނު ލޮބުވެތިކަންބޮޑު ޢަމަލެކެވެ. އެކަމަކު މީގައި އީމާންކަމުގެއަހުލުވެރިޔާއަށް ލިބޭނަތީޖާ މާފުރިހަމަވާނެއެވެ. މިހެންވާންޖެހޭސަބަބަކީ އީމާންކަމުގެ އަހުލުވެރިޔާގެ ހުރިހާ ޢަމަލެއްވެސް އޭނާ ހައްދަވައި ގެންގުޅުއްވާ ގަދަކީރިތިވަންތަ މާތް ﷲ އަށް ޚާލިޞް ކުރާތީއެވެ. އަދިއެކަންތައްތަކުގެސަބަބުން އެއިލާހުގެ ޙަޟްރަތުން ސަވާބާއި ދަރުމަ ލިބުމަށް އޭނާ އުއްމީދުކުރާތީއެވެ. އޭގެނަތީޖާއެއްގެގޮތުން ﷲ تعالى އެމީހެއްގެކިބައިން ހިތްނުތަނަވަސްކަމާއި ދަތިތައް ފިއްލަވައި އޭނާއަށް ގިނަގުނަ ޘަވާބާއި ދަރުމަދެއްވައެވެ. މަތިވެރި މާތް ﷲ ވަޙީކުރައްވާފައިވެއެވެ. لاَّ خَيْرَ فِي كَثِيرٍ مِّن نَّجْوَاهُمْ إِلاَّ مَنْ أَمَرَ بِصَدَقَةٍ أَوْ مَعْرُوفٍ أَوْ إِصْلاَحٍ بَيْنَ النَّاسِ وَمَن يَفْعَلْ ذَلِكَ ابْتَغَاء مَرْضَاتِ اللّهِ فَسَوْفَ نُؤْتِيهِ أَجْرًا عَظِيمًا (ސޫރަތުއްނިސާއު 114) "އެބައިމީހުންގެ ގިނަ ސިއްރު ބައްދަލުވުންތަކުގައި އެއްވެސް ހެޔޮކަމެއް ނުވެއެވެ. ﷲގެ މަގުގައި ޞަދަގާތްދިނުމަށް އަމުރުކުރާ މީހެއްމެނުވީއެވެ. ނުވަތަ ހެޔޮކަމަކަށް އަމުރުކޮށް ނުވަތަ މީސްތަކުންގެ މެދުގައި ޞުލްޙަ ޤާއިމު ކުރުމަށް މެނުވީއެވެ. އަދި ﷲ تعالى ގެ ރުހިވޮޑިގަތުން އެދިގެން އެގޮތައް ކަންތައްކޮށްފިމީހާ ފަހެ ތިމަން ﷲ އެމީހަކަށް ނުހަނުބޮޑުވެގެންވާ އުޖޫރަ ދެއްވާހުށީމެވެ."

މަތީގައިވާ މަތިވެރި އާޔަތުގައި ﷲ تعالى އަޅުގަނޑުމެންނަށް ބަޔާންކޮށްދެއްވަނީ އެފަދަކަންތައްތަކަކީ އެއީ ހެޔޮ ރަގަނޅު ކަންތައްތައް ކަމެވެ. އަދި އެފަދަކަންތައް ކުރާ ކޮންމެމީހަކަށްމެ އެއިލާހު އޭގެބަދަލު ދެއްވާނެކަމެވެ. އެކަމަކު މީގައި ފާހަގަ ކޮށްލަންޖެހޭ ތަންކޮޅަކީ ތެދުވެރި މުއުމިނާއަށް ﷲ تعالى ގެ ރުހިވޮޑިގަތުން އެދި ކުރާ ކަންތަކަށް އެއިލާހު މިނެއްނެތްހާ ގިނަހެޔޮކަން ދެއްވާނެކަމެވެ. އޭގެތެރޭގައި އޭނާގެ ހިތާމަތަކާއި ވޭންތައް ފިއްލަވައި ދެއްވުން ހިމެނެއެވެ.

ހިތާމަތަކާއި ހިތްދަތިކަމާއި ކަންބޮޑުވުން ފިލައިގެން ދިއުމުގެ ސަބަބުތަކުގެ ތެރޭގައި ތަފާތު ކަންކަމުގައި މަޝްޣޫލުވެގެން އުޅުން ހިމެނެއެވެ. އަދި އެހެންމެ ފައިދާހުރި ޢިލްމު އުގެނުމަކީވެސް އެމީހާއަށް ލިބިފައިވާ މިފަދަ ކަންބޮޑުވުންތަކާއި ހާސްކަން ފިލައިދާ ކަމެކެވެ. މިގޮތައް ޢަމަލުތައް ބެހެއްޓުމުން ތިމާއަށް ލިބިފައިވާ ހިތާމަތަކާއި ވޭންތައް މަތިން ހަދާންނެތި އުފާވެރި ތަޖްރިބާތަކެއް ކުރެވެން ފަށާނެއެވެ. އަދި އެންމެފަހުން އޭނާގެ ހިތާމަތައް އުފާތަކަކަށް ބަދަލުވެގެން ހިގައިދާނެއެވެ. މިކަމަކީވެސް އީމާންކަމުގެ އަހުލުވެރީންނާއި އަދި އެނޫންމީހުންނަށްމެ ކުރެވޭނެ ތަޖްރިބާއެކެވެ. އެކަމަކު މީގައިވެސް އީމާންކަމުގެ އަހުލުވެރިޔާ ތަފާތުވާނެއެވެ. ސަބަބަކީ އީމާން ކަމުގެ އަހުލުވެރިޔާ މިފަދަކަންތަކުގެތެރޭގައި ޙަރަކާތްތެރިވަމުން ދާއިރު އެކަމަކީ އަޅުކަމުގެތެރޭގައި ހިމެނޭ ކަމެއްކަމުގައިވިޔަސް ނުވަތަ ދުނިޔެވީ ކަމެއްކަމުގައި ވިޔަސްވެސް އެކަމަކީ ތެދުނިޔަތާއިއެކު ﷲ تعالى އަށް ޚާލިޞްކޮށް އެއިލާހުގެ ޙަޟްރަތުން ވާގިއެދިގެން ކުރާކަމެއްކަމުގައިވާނަމަ އެކަންތައް ވެގެންދާނީ އޭގެޒާތުގައި ހިތާމަތައް ފިލައިދިއުމުގެ ސަބަބެއްކަމުގައެވެ.

ދާއިމީ ހިތާމަތަކާއި ކަންބޮޑުވުންތަކުގެ ސަބަބުން ނަފްސާނީ އަދި ޖިސްމާނީ ބަލީގެ ދާންތަކުގައިވާ އެތައްބައެއް އަޅުގަނޑުމެންނަށް ފެންނަމުން ދެއެވެ. އެބައިމީހުންގެ ބަލީގެ ފަރުވާތަކުގެތެރޭގައިހިމެނޭ ވަރަށް މުހިއްމު އެއްފަރުވާއަކީ އެބައިމީހުންނަށް ކުރިމަތިވެފައިވާ ހިތާމަތައް ނުވަތަ ކުރިމަތިވެފައިވާ މުޞީބާތުގެ މަތިން ހަދާން ނައްތާލައި ކޮންމެވެސް ކަމެއްގައި މަޝްޣޫލުވެގެން އުޅުމެވެ. އެގޮތައް ކަންތަކުގައި މަޝްޣޫލުވެގެން އުޅޭއިރު ތިމާ އުފާވާކަހަލަ ކޮންމެވެސް ކަމެއްގެތެރޭގައި އުޅުމަކީ އޭގެ ނަތީޖާ މާފުރިހަމަ ގޮތުގައި ލިބޭނެކަމެކެވެ.

މާޒީވެދިޔަ ކަންތަކާއި މެދު ނުވަތަ މުސްތަޤުބަލުގައި ހިގާފާނެކަމަކާއިމެދު ވިސްނުމުގެ ބަދަލުގައި އެވަގުތަކު ތިމާއާއި ކުރިމަތިވެފައިވާ ކަންތަކާއިމެދު ވިސްނުމަކީ ހިތާމަތަކާއި ކަންބޮޑުވުން ފިލައިދިއުމުގެ ސަބަބުތަކުގެ ތެރޭގައި ހިމެނޭކަމެކެވެ. ހިތާމައަކީ ޢާއްމުގޮތެއްގައި ހިގައިދިޔަކަމަކާއި މެދު ކުރާއެއްޗެކެވެ. މާޒީވެދިޔަތަނާމެދު ހިތާމަކުރުމަކުން އެހިގައިދިޔަ ކަމެއް ބަދަލެއްނުވާނެއެވެ. ކަންބޮޑުވުމަކީ މުސްތަގުބަލުގައި ހިގާފާނެ ކަމަކާއިމެދު ވާއެއްޗެކެވެ. ވީމާތިމާގެ ޙަޔާތް އުފާވެރި ޙަޔާތަކަށް ހެދުމަށްޓަކައި މިދެކަންތައްމެ ދޫކޮއްލަން ޖެހެއެވެ. ސަބަބަކީ މިއިން އެއްވެސްކަމަކުން ތިމާގެ އަޞްލުޙާލަތައް ކުރާނެ ރަގަޅު އަޘަރެއް ނުއޮންނާނެއެވެ. މިފަދަ ކަންތަކުން ސަލާމަތްވެ ހުރުމަށްޓަކައި ތިމާގެ އެއިރެއްގެ ޙާލަތަށްވިސްނާ ހިތާމަތަކާއި ކަންބޮޑުވުމުން ސަލާމަތްކަން ދެއްވުން އެދި ﷲ تعا لىގެ ޙަޟްރަތުގައި ދެންނެވުން ހުއްޓެވެ. އެހެނީ ކަންބޮޑުވުމާއި ހިތާމަތަކުން ރައްކާތެރިކަން ދެއްވުން އެދި މާތްރަސޫލު (صلى الله عليه وسلم) ﷲ تعا لىގެ ޙަޟްރަތުގައި ދަންނަވާކަމަށް ބުޚާރީއާއި މުސްލިމު ރިވާކުރައްވާފައިވެއެވެ. ތިމާ އަބަދުވެސް ވާންޖެހެނީ މާޒީވެދިޔަތަނުން ޢިބުރަތް ޙާޞިލުކޮށް އެއިރެއްގެ ކަންތަކާއި މެދު ފުރިހަމައަށް ވިސްނާމީހަކަށެވެ. މިދެންނެވިގޮތަށް ވިސްނޭނީ ކުރީގައި ދެންނެވުނު ފަދައިން ބޭކާރު ހިތާމަތަކާއި ކަންބޮޑުވުންތައް ދޫކޮއްލައިގެންނެވެ. މިގޮތައް ވިސްނުންތެރިކަމާއިއެކު ކަންތައްކުރުމަކީ ތިމާކުރާކަންތައް ފުރިހަމަގޮތުގައި ނިންމާލުމަށްޓަކައި ކޮންމެހެން ބޭނުންތެރި ކަމެކެވެ. މުސްލިމުއަޅާ އޭނާގެ ދެދުނިޔޭގެ ލާބައާއި މަންފާ އަށްޓަކައި ކުރާކަންތައް އެންމެފުރިހަމަ ގޮތުގައި ކުރުމައްޓަކައި ބޭނުންވާ ހަތިޔާރަކީ އިޚްލާޞްތެރިކަމާއި އުއްމީދާއި އެކު ކުރެވޭ ދުޢާއާއި ގަދަ ޢަޒްމާއި ހިތްވަރާއި ވިސްނުންތެރިކަމާއި އެކުކުރެވޭ މަސައްކަތެވެ. އެހެނީ އަޅުގަޑުމެންގެ ކަންތަކުގައި ނަމޫނާދެއްކެވި މާތް ރަސޫލު (صلى الله عليه وسلم) އަޅުގަޑުމެންނައް އިރުޝާދު ދެއްވާފައިވަނީ މިގޮތަށް ޢަމަލުކުރުމަށެވެ. އެކަލޭގެފާނު ޙަދީޘްކުރައްވާފައި ވެއެވެ. "احْرِصْ عَلىَ مَا يَنْفَعُكَ وَاسْتَعِنْ باِللهِ وَلاَ تَعْجَزْ, وَإذَا أصَابَكَ شَيْءٌ فَلاَ تَقُلْ لَوْ أنِّيْ فَعَلْتُ كَذَا كاَنَ كَذَا وَكَذَا, وَلَكِنْ قُلْ قَدَّرَاللهُ وَمَاشَاءَ فَعَلَ, فَإنَّ "لَوْ" تَفْتَحْ عَمَلِ الشَّيْطَانِ". رواه مسلم. (ތިބާއަށް މަންފާހުރި ކަންތަކުގައި ގަދައަޅައި މަސައްކަތް ކުރާށެވެ. އަދި ﷲގެ ޙަޟްރަތުން ވާގި އެދޭށެވެ. އަދި ނުކުޅެދި ނުގަންނާށެވެ. އަދި ތިބާއަށް އުނދަގުލެއް ދިމާވެއްޖެނަމަ ތިމަންނަ މިވެނިހެން ހެދިނަމަ އެވެނި މިވެނި ގޮތަށް އެކަންތައް ވީހެވެ މިހެން ނުބުނާށެވެ. އެކަމަކު ބުނާށެވެ "މިއީ ﷲގެ މިންވަރުފުޅެވެ." އެއިލާހު އެދިވޮޑިގަންނަވާގޮތަށް އެކަން ކުރެއްވީއެވެ. ފަހެ ހަމަކަށަވަރުން " ނަމަ އަކީ " ޝައިޠާނާއަށް ދޮރުހުޅުވައިދޭ ކަމެކެވެ. " މިމަތިވެރި ޙަދީޘް ފުޅުން ރަސޫލު (صلى الله عليه وسلم) އަޅުގަޑުމެންނަށް އިރުޝާދުދެއްވަނީ ދެކަމެއް ގުޅުވާލުމަށެވެ. ފުރަތަމަކަމަކީ މުހިއްމު ކަންތަކުގައި ހުރިހާ ޙާލަތެއްގައިވެސް ގަދައަޅައި މަސައްކަތް ކުރުމެވެ. އަދި ﷲގެ ޙަޟްރަތުން ވާގި އެދުމެވެ. އަދި ކަންތައް ކުރުމުގައި ނާއުއްމީދުކޮށްގެން އެކަންތައް ދޫކޮށް ނުލުމަށެވެ. ދެވަނަ ކަމަކީ ހިނގައިދިޔަ ކަންތަކާއިމެދު ﷲއަށް ވަކީލުކުރުމެވެ. އަދި އެކަންތަކަކީ އެއިލާހުގެ މިންވަރުފުޅުކަން ދަނެ ގަބޫލުކުރުމެވެ. މީގައި ރަސޫލު (صلى الله عليه وسلم) އަޅުގަޑުމެންނަށް ބަޔާން ކޮށް ދެއްވާފައިވަނީ ދެދަރަޖައެއްގެ ކަންތަކެކެވެ. ފުރަތަމަ ދަރަޖައަކީ ކަންތައްތައް ފުރިހަމައަށް ކޮށްނިންމުމުގައި އިންސާނާގެ ފުރިހަމަ ދައުރެއް އޭގައި ހިމެނޭކަންތަކާއި އަދި ކަންތައްތައް ފުރިހަމަކުރުމުގައި އޭނާގެ ކޮންމެވެސް ދައުރެއް އެކަމުގައި ހިމެނޭ ކަންތަކެވެ. ނުވަތަ ކަމަކުން ރެކިގަތުމުގައި ފުރިހަމަ ދައުރު އޭނާއަށް ލިބިފައިވާ ކަންތަކާއި އަދި މިފަދަކަންކަމުގައި އޭނާގެ ކޮންމެވެސް ދައުރެއްވާ ކަންތަކެވެ. މިފަދަކަންތަކުގައި އަޅާ ޢޭނާގެ ރައްބުގެ ޙަޟްރަތުން ވާގިއެދުމާއިއެކު އެކަމުގައި ގަދައަޅައި މަސައްކަތް ކުރަންޖެހެނެއެވެ. ދެވަނަބަޔަކީ އިންސާނާއަށް އެއްވެސް ބާރެއްލިބިގެން ނުވާކަންތަކެވެ. މިފަދަކަންތަކުގައި މަޑުމައިތިރިކަމާއިއެކު ﷲގެ މިންވަރުފުޅަށް ތަބަޢަވާން ޖެހޭނެއެވެ. މިގޮތުން އޭނާގެ އާރެއްބާރެއް ނުވާކަންތައްތަކާއި މެދު ހިތާމަނުކޮށް ހެއްދެވިފަރާތުގެ މިންވަރުފުޅަށް ޝުކުރުކުރުން މަތީ ދެމިހުރެއްޖެނަމަ ޝައްކެއްނެތްގޮތުގައި އޭނާގެ ހިތާމަތައް ފިލައިގޮސް ހިތްހަމަޖެހުން ގެނެސްދޭނެއެވެ.

އިތުރަށް ވިދާޅުވޭ