10.11.09

ސުވާލާއި ޖަވާބު -3

ސުވާލު: ތަރާވީޙް ނަމާދުގައި ތަސްބީޙަ ކިޔުމަކީ އޮންނަކަމެއްތޯއެވެ؟ ނުވަތަ ނޫންތޯއެވެ؟ މި ދެގޮތުން ރަނގަޅު ގޮތަކީ ކޮބައިތޯއެވެ؟
ޖަވާބު: الْحَمْدُ لِلَّهِ رَبِّ الْعَالَمِيْنَ. وَالصَّلَاةُ وَالسَّلَامُ عَلَى أَشْرَفِ الْأَنْبِيَاءِ وَالْمُرْسَلِيْنَ. نَبِيِّنَا وَحَبِيْبِنَا وَقُدْوَتِنَا مُحَمَّدٍ وَعَلَى آلِهِ وَأَصْحَابِهِ وَمَنْ تَبِعَهُمْ بِإِحْسَانٍ إِلَى يَوْمِ الِّدْينِ. أَمَّا بَعْدُ
ޒިކުރުކުރުމަކީ(ތަސްބީޙަކިޔުމަކީ) އަޅުކަމެކެވެ. އަޅުކަމުގެ އަޞްލަކީ، (ޝަރުޢީ ދަލީލަކުން ޘާބިތުނުވާހާ ހިނދަކު) ހުއްދަނުވުމެވެ. ﷲގެ ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހިވަސައްލަމަވަނީ، އެކަލޭފާނުގެ އަޞްޙާބުބޭކަލުންނާއެކު ރަމަޟާންމަހުގެ ރޭއަޅުކަން، މަދު ރޭތަކަކުނަމަވެސް ކުރައްވަވާފައެވެ. އަދި އެކަލޭގެފާނުގެ މާތް ޞަޙާބީންވަނީ ވަކިވަކިންވެސް، އަދި ޖަމާޢަތުގައިވެސް ރަމަޟާންމަހުގެ ރޭއަޅުކަން ކުރައްވަވާފައެވެ. ނަމަވެސް އެއިން އެއްވެސް ބޭކަލަކު ކޮންމެ ދެރަކުޢަތަކަށްފަހު، ނުވަތަ ކޮންމެ ހަތަރު ރަކުޢަތަކަށްފަހު އަޅުގަނޑުމެންގެ ތެރެއިން ބައެއް އަޚުން ކުރަމުންދާގޮތަށް ދުޢާ(ޒިކުރު) ކުރެއްވެވިކަމަކަށް ޘާބިތުވެފައެއްނުވެއެވެ.
އެހެންކަމުން އެފަދަ ގޮތަކަށް ދުޢާކުރުމަކީ ނުވަތަ ޒިކުރު ކުރުމަކީ ދީނުގެ ތެރެއަށް އަލަށް ވެއްދިފައިވާ ކަންތައްތަކެއް ކަމުގައި ދަންނަވަމެވެ. އިބްނުލް ޙާއްޖުގެ ނަމުން މަޝްހޫރުވެވަޑައިގެންފައިވާ އިމާމު، އެކަލޭގެފާނުގެ ފޮތް 'އަލްމަދްޚަލް' ގައި ވިދާޅުވެފައިވަނީ އެއީ ބިދުޢައެއްކަމުގައެވެ.
ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަގެ ޙަދީޘްފުޅެއްގައި އައިސްފައިވެއެވެ. كُلُّ ِبدْعَةٍ ضَلَاَلةٌ "ކޮންމެ ބިދުޢައަކީ މަގުފުރެދުމެކެވެ." އެހެންކަމުން އަޅުގަނޑުމެންނަށް އޮތީ ދީނުގެ ތެރެއަށް އަލަށް ވެއްދިފައިވާ ކަންތައްތަކުން ދުރުވެ، އެކަންތައްތައް އަޅުގަނޑުމެންގެ މުޖުތަމަޢުން ނައްތާލުމުގައި އެކަކު އަނެކަކަށް އެހީތެރިވެ، ވާގިވެރިވުމެވެ. وَاللهُ أَعْلَمُ

ޖަވާބު ދިނީ: މުޙައްމަދު ޝަމްޢޫން

އިތުރަށް ވިދާޅުވޭ