29.12.09

ދުނިޔޭގެ ހަލަބޮލިކަމުގެ ތެރެއިން ހިތްހަމަޖެހުމާއި އުފާވެރިކަން ލިބިގަންނާނީ ކިހިނެތް-1

ޙުސައިން ރަޝީދު ބިން މަޙްމޫދު
އެންމެހާ ޙަމްދުޘަނާއާއި ތަޢުރީފެއް ހުރީ ޢާލަމްތައް ހެއްދެވި ގަދަކީރިތިވަންތަ ކުޅަދުންވަންތަ އިލާހަށެވެ. އެއިލާހީ ދުނިޔޭގެ ޚަލީފާއަކުކަމުގައި އިންސާނާ ލައްވައި އޭނާގެ ހުރިހާ ބޭނުންތައް ފުއްދޭނެ ވަސީލަތްތައް އެތަނުގައި ލައްވައި އޭނާއަށް ފައިދާއާއި ހިތްހަމަޖެހުމާއި، ލާބަހުރި ހުރިހާކަމަކަށް މަގުދައްކަވައި އެމަގުން ހިނގުމަށް އަމުރުކުރެއްވި ޙިކުމަތްވަންތަ އިލާހެވެ. އަދި ހަމަ އެހެންމެ އޭނާގެ ނަފްސް ގެއްލުމާއި ހަލާކަށް ވާޞިލްވެދާނެ ހުރިހާމަގެއް ބަޔާންކޮށްދެއްވައި އެމަގުތަކަށް ފުރަގަސްދިނުމަށް އަމުރުކުރެއްވި އޯގާވަންތައިލާހެވެ. އެއިލާހްފިޔަވައި ޙައްޤުވެގެން އަޅުކަންކުރެވޭނެ އެހެންފަރާތެއް ނުވާކަމަށް އަޅުހެކިވަމެވެ. އަދި މުޙައްމަދު(صلى الله عليه وسلم)އީ އެއިލާހްގެނަބިއްޔާކަމަށް ހެކިވަމެވެ. ހައްދަވައި ގެންގުޅުއްވާ އޯގާވަންތަ އިލާހް! އަޅަމެންގެ ލޮބުވެތި ނަބިއްޔާ މުޙައްމަދު (صلى الله عليه وسلم) އަށާއި އެމާތްނަބިއްޔާގެ އާލުންނާއި އަޞްޙާބުންނަށް ޞަލަވާތާއި ސަލާމް ލައްވައިފާނދޭވެ. އެކަލޭގެފާނަކީ އެކަލޭގެފާނުގެ އުއްމަތަށް ހުރިހާ ހެވަކާއި ލާބައެއް ލިބޭނެ މަގު ޢަމަލީގޮތުން ދެއްކެވި މާތް ސާހިބާއެވެ.
އަޅުގަނޑުގެ ޤާބިލުކަން ކުޑަކަމާއެކުވެސް މިފަދަލިއުމެއް ލިޔަން ޤަސްތުކުރި ސަބަބަކީ އަޅުގަނޑުމެންގެ މިކުޑަކުޑަ ރާއްޖޭގެ މަދުމީސްކޮޅަށް ﷲ ސުބްޙާނަހޫވަތަޢާލާ ދެއްވާފައިވާ ގިނަގުނަ ބޮޑެތި ނިޢުމަތްތަކާއި އެކުވެސް އަޅުގަނޑުމެންގެ ގިނަމީހުން އުޅެމުން ދާ ނުތަނަވަސް ދިރިއުޅުމާއި ހޭދަކުރަމުންދާ ހިތްދަތި ދުވަސްތައް ފެނި އެކަމަށް ކުޑަނަމަވެސް ޙައްލެއް އައުމަކީ އަޅުގަނޑަށް ލިބޭވަރަށްބޮޑު އުފަލަކަށްވާތީއެވެ.
މިލިޔުން ބިނާވެގެންވަނީ ދިރިއުޅުމުގައި ދިމާވާ ހިތްނުތަނަވަސްކަމާއި ހާސްކަން ފިލުވައި އުފާވެރި ޙަޔާތެއް ވޭތުކުރުމަށްޓަކައި ތިމާގެ އުޅުމާއި ގުޅުން ބަހައްޓަން ޖެހޭނެގޮތުގެ މައްޗަށެވެ. ޙަޤީޤަތުގައި މިކަމަކީ ދުނިޔޭގެ ހުރިހާ ވެރިންނާއި، މުއްސަނދީންނާއި، އަދި ޢާންމުން އެކަމަކަށްޓަކައި އެބައިމީހުންގެ ހުރިހާ އާރަކާއި ބާރަކާއި، މުއްސަނދިކަމަކާއި އަދި ވަގުތެއް ޤުރުބާންކުރަމުންދާ އެކަމަކުވެސް އެމީހުންގެ ތެރެއިން ވަރަށް މަދުމީހަކަށްނޫނީ ޙާޞިލުނުވާ ކަމަކެވެ. އެކަމެއް ލިބިގަތުމަށްޓަކައި އެބައިމީހުންނަށް ލިބިފައިވާ ހުރިހާ ވަސީލަތެއްގެބޭނުންކޮށްގެންވެސް އެކަން ޙާޞިލުކުރެވޭތޯ ގަދައަޅައި މަސައްކަތްކުރާކަމެކެވެ. ވިސްނުމާއި ވަސީލަތުގެގޮތުން ނުކުޅެދިފައިވާމީހުން މަސްތުވާތަކެތި ބޭނުންކޮށްގެން ނަމަވެސް އެކަން ލިބިގަނެވޭތޯ ބަލައެވެ. މިއިން އެއްވެސް ގޮތަކުން ކާމިޔާބުނުވެއްޖެނަމަ ދުނިޔޭގައި އުޅުމަކީ ބޮޑުމުޞީބާތެއްކަމުގައި ދެކެ އަމިއްލައަށް މަރުވަމުން ދެއެވެ. ހުރިހިތާމައެއްގެ ބޮޑުކަމާއެވެ!!! އެހިސާބުން ދެން އުފާވެރި ޙަޔާތެއް ލިބުނީތޯއެވެ؟ ނޫނެކެވެ. ހަމަކަށަވަރުން އެހިސާބުން ދެން އޮތީ ބަރުދާސްތުނުކުރެވޭވަރުގެ ވޭނާއި ޢަޛާބެވެ.
އަޅުގަނޑުމެންނަކީ އިސްލާމްކަމުގެ އަގުބޮޑު ނިޢުމަތް ﷲ ސުބްޙާނަހޫ ވަތަޢާލާ ދެއްވާފައިވާ އޭގެ އަހުލުވެރިންނެވެ. އަޅުގަނޑުމެންނަށް ހިތްހަމަޖެހޭނެގޮތާއި ފައިދާހުރި ހުރިހާކަމެއް އެދީނުގައި މެންދުރުގެ އިރުފަދައިން ނުވަތަ ސާދަވިލޭރޭގެ ފުރިހަމަ ހަނދުފަދައިން ވަނީ ބަޔާންކޮށް ދެއްވާފައެވެ. އަޅުގަނޑުމެން އެންމެންވެސް އެފޮތަކަށް އީމާންވާ، އެފޮތަކާއިމެދު އެއްވެސް ޝައްކެއް ނުކުރާ އަދި އެފޮތުގައި އެއްވެސް ކުށެއް ނުވާ މަތިވެރިފޮތް، ކީރިތި ޤުރްއާނުގައި ﷲ ތަބާރަކަ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ. أَلاَ بِذِكْرِ اللّهِ تَطْمَئِنُّ الْقُلُوبُ (الرعد28) "ދަންނާށެވެ! ހިތްތަކަށް ހަމަޖެހުން ގެނެސްދެނީ ﷲގެ ޛިކުރުކުރުމުންނެވެ."
ހިތާމަތަކާއި ހިތްނުތަނަވަސްކަމުން ސަލާމަތްވެގެންވުމަކީ ކޮންމެ އިންސާނެއްގެވެސް އެންމެބޮޑު އެއްމަޤުޞަދެވެ. އަދި އެކަމަކީ ކޮންމެ މީހަކުވެސް ވަރަށްބޮޑަށް އެދޭނެ ކަމެއްމެއެވެ. އަދި އެއީ އިންސާނާގެ ޙަޔާތް އުފާވެރި އަދި ބާއްޖަވެރި އެއްޗަކަށް ހަދައިދިނުމުގެ އެންމެ ބޮޑު ސަބަބުވެސްމެއެވެ.
އަޅުގަނޑުމެންގެ މިމަތިވެރި އިސްލާމްދީނަކީ ހުރިހާ ޒަމާނަކާއި ހުރިހާ މަކާނަކަށް އަދި ހުރިހާ ކަމަކަށް މަގުދައްކައިދީފައިވާ ދީނަކަށް ވާތީ، މިމާތް އިސްލާމްދީނުގެ އަހުލުވެރިން މިކަމުގައިވެސް ގޮތްހުސްވެ ހަތަރުއުދަރެސް ފެނުޖެހޭ ހިސާބަށް ދާކަށް ނުޖެހޭނެއެވެ. ތިރީގައި މިވާލިއުމަކީ ދީނީހަމަތަކުގެ މަތިން ހިތަށް ހަމަޖެހުމާއި އުފާވެރިކަން ގެނެސްދޭނެގޮތްތަކެއްގެމައްޗަށް އަލިއަޅުވާލާފައިވާ ލިއުމެކެވެ. މިލިއުން ތައްޔާރުކުރުމުގައި އަޞްލަކަށް ބަލާފައިވަނީ މިމަޢުޟޫޢުގެ މައްޗަށް ޝައިޚް ޢަބްދުއްރަޙްމާން ބިން ނާސިރު އައް ސަޢްދީ ލިއުއްވާފައިވާ "الوَسَائِلُ الْمُفِيْدَةِ لِلْحَيَاةِ السَّعِيْدَةِ" އެވެ. އެފޮތުގައި ޝެއިޚް ބަޔާންކުރައްވާފައިވާގޮތުގައި އިންސާނާގެ ޙަޔާތް އުފާވެރި ބާއްޖަވެރި ޙަޔާތަކަށް ހެދުމުގައި މައިގަޑު ތިންބައެއް ހިމެނިގެން ވެއެވެ. އެއީ އޭނާގެ ދީނާއި، ގުދުރަތީގޮތުން ދިމާވާ ކަންތަކާއި އަދި އޭނާގެ އަމިއްލަ މަސައްކަތުން ޙާޞިލުވާކަންތަކެވެ. އަދި މިތިންބައި އޭގެ ފުރިހަމަ ގޮތުގައި އީމާންކަމުގެ އަހުލުވެރިއަކަށް ނޫނީ ލިބިނުގަނެވޭނެކަމުގައިވެސް ޝެއިޚް ވިދާޅުވެފައިވެއެވެ. ޣައިރު މުސްލިމުންނަށްވެސް އެމީހުންގެ މަސައްކަތުން ކޮންމެވެސް ވަރަކަށް މިއިން ބައެއްކަންތައް ޙާސިލުވެދާނެއެވެ. ނަމަވެސް އުފާވެރި ފުރިހަމަ ހިތްހަމަޖެހޭ ބާއްޖަވެރި ދިރިޢުޅުމަކަށް ކޮންމެހެން ބޭނުންވާ މުހިއްމު ބައިތައް އެމީހުންނަކަށް ހަމައެއް ނުކުރެވޭނެއެވެ. މިހެނީ އިންސާނާގެ ހިތްހަމަޖެހުމުގެ އެންމެ ބޮޑު އަސްލަކީ އޭނާގެ އީމާންކަން ކަމުގައި ވާތީއެވެ. އީމާންކަމުގެ އަހުލުވެރިއަކަށް ނޫނީ ދިރިއުޅުމުގެ ހަލަބޮލިކަމުގެ ތެރޭގައި ދިމާވާ ތަފާތުކަންތަކުގެ ސަބަބުން މާޔޫސް ނުވެ ނުއުޅެވޭނެއެވެ.
އަންނަނިވި ސަފްޙާތަކުގައި ކޮންމެ އިންސާނަކުމެ އެކަމަކަށް ނުހަނު ފެންބޮވައިގެންފައިވާ އުފާވެރި ބާއްޖަވެރި ދިރިއުޅުމެއް ޙާސިލްކުރުމަށްޓަކައި އެމީހެއްގެ ޢަމަލުތައް ބަހައްޓަން ޖެހޭނެގޮތުގެ ތަފްޞީލު ގެނެސްދެވޭތޯ ބަލާނަމެވެ. އެމީހެއްގެ ޢަމަލުތައް މިބަޔާންކުރާގޮތަށް ފުރިހަމައަށް ބެހެއްޓުމުގައި ކާމިޔާބު ވެއްޖެނަމަ އިންޝާﷲ އޭނާގެ ޙަޔާތްވާނީ ފުރިހަމަ އުފާވެރި ޙަޔާތަކަށެވެ. އަނެއްކޮޅުން އެމީހެއްގެ ޢަމަލުތައް އެގޮތަށް ބެހެއްޓުމުގައި ނާކާމިޔާބުވެއްޖެ މީހެއްގެ ޙަޔާތްވާނީ ވޭނާއި ކެކުޅުންތަކުން ފުރިގެންވާ ނުހަނު ހިތްނުތަނަވަސް ޙަޔާތަކަށެވެ. އެމީހެއްގެ އީމާންކަން ހުރިވަރަކާއި އެމީހެއްގެ މަސައްކަތް ތެރިކަން ހުރިވަރަކާއި އަދި އެމީހަކަށް ޤުދުރަތީގޮތުން ކުރިމަތިވެފައިވާ ކަންތައްތަކާއި އެކަންތައްތައް ހުރިގޮތެއްގެ މަތިން އޭނާގެ ދިރިއުޅުމުގެ އުފާވެރިކަމާއި ބާއްޖަވެރިކަން ތަފާތުވާނެއެވެ. ހުރިހާ ކަމެއްގައިވެސް އަޅަމެންވާގި އެދެނީ މަތިވެރި މާތް ﷲ ގެ ޙަޟްރަތުންނެވެ. އެ އިލާހީ އަޅަމެނަށް ހެޔޮކަންތަކަށް މަގުދައްކަވާ އަދި ނުބައި ކަންތަކުން ސަލާމަތްވާނެ ގޮތް އަންގަވައި ދެއްވި އަޅަމެންގެ ރައްބެވެ.
ރަގަޅު ބާއްޖަވެރި ޙަޔާތެއް ލިބިގަތުމަށް ބޭނުންވާ އެންމެ ބޮޑު އެއް އަސާސަކީ އީމާންކަމެވެ. އަދި އެއާއިއެކު ޞާލިހް ޢަމަލުކުރުންމަތީގައި ދެމިހުރުމެވެ. ކީރިތި ގުރުއާނުގެ ނަޙްލު ސޫރަތުގެ 97 ވަނަ އާޔަތުގައި މާތްﷲ ވަޙީކުރައްވާފައިވެއެވެ. مَنْ عَمِلَ صَالِحًا مِّن ذَكَرٍ أَوْ أُنثَى وَهُوَ مُؤْمِنٌ فَلَنُحْيِيَنَّهُ حَيَاةً طَيِّبَةً وَلَنَجْزِيَنَّهُمْ أَجْرَهُم بِأَحْسَنِ مَا كَانُواْ يَعْمَلُونَ " މާނައަކީ އީމާންވެހުރެ ޞާލިޙް ޢަމަލު ކުރާ ފިރިހެނާ ނުވަތަ އަންހެނާއަށް، ފަހެ ތިމަން ﷲ ރަގަޅު ފުރިހަމަ ދިރިއުޅުމެއް ދެއްވާހުށީމެވެ. އަދި އެބައި މީހުންގެ އުޖޫރަ އެބައިމީހުން ކުރި އެންމެރަގަޅު ޢަމަލާއި އެއްގޮތްވާ ގޮތުގެމަތީން ތިމަން ﷲ ދެއްވާހުށީމެވެ." މިތާނގައި ދީލަތިވަންތަ މާތްﷲ އަޅުގަނޑުމެންނަށް އަންގަވަނީ އީމާންވެހުރެ ޞާލިޙް ޢަމަލުކުރާ ކޮންމެމީހަކަށް ރަގަޅު ބާއްޖަވެރި ދިރިއުޅުމެއް އެއިލާހު ދެއްވާނެކަމެވެ. އަދި މިދުނިޔެއާއި އާޚިރަތުގައި އެމީހަކަށް ހެޔޮޖަޒާ ދެއްވާނެކަމުގެ އުފާވެރި ޚަބަރެވެ. ފަހެ އެއިލާހުގެ ވަޢުދުފުޅަކަށް ދުވަހަކުވެސް ބަދަލެއް ނައަންނާނެއެވެ. ތަގުވާވެރީންނަށް ﷲތަޢާލާ މިދުނިޔޭގައިވެސް އަދި އާޚިރަތުގައިވެސް ގިނަގުނަ ދީލަތި ދެއްވުންތައް ދެއްވާނެއެވެ. އައްޠަލާޤު ސޫރަތުގައި މާތް ﷲ ވަޙީކުރައްވާފައި ވެއެވެ وَمَن يَتَّقِ اللَّهَ يَجْعَل لَّهُ مَخْرَجًا * وَيَرْزُقْهُ مِنْ حَيْثُ لَا يَحْتَسِبُ وَمَن يَتَوَكَّلْ عَلَى اللَّهِ فَهُوَ حَسْبُهُ މާނައީ "އަދި މާތް ﷲ އަށް ތަގުވާވެރިވާމީހާއަށް، އޭނާވީ ކޮންމެ ދަތިޙާލަކުން ނިކުންނާނެ މަގު މާތްﷲ ތަނަވަސްކޮށް ދެއްވާނެއެވެ. އަދި އޭނާހީވެސް ނުކުރާހާ ގޮތްތަކުން ﷲ ތަޢާލާ އޭނާއަށް ރިޒުގު ދެއްވާނެއެވެ. އަދި މާތްﷲ އަށް ވަކީލުކުރާމީހާއަށް ފަހެ އެއިލާހު ފުދެއެވެ." މާތްﷲއަށް އީމާންވާންޖެހޭ ފުރިހަމަގޮތުގައި އީމާން ވެއްޖެމީހާ ދަންނާށެވެ! ހަމަކަށަވަރުން ހެޔޮކަންތަކަށް އޭނާ އަވަސްވެގަންނާނެއެވެ. އަދި އެކަމުގައި އޭނާ ކުރިއަރައިގެން ހިގައިދާނެއެވެ. ހަމައެފަދައިން އޭނާ ﷲތަޢާލާ ރުހިވޮޑިނުގަންނަވާ ކަންތަކުން އަވަހަށް ދުރުވެގަންނާނެއެވެ. މާދަމާ ނުވަތަ ތަންކޮޅެއް ޢުމުރުން ދުވަސްވެލީމާ ފާފަތައް ދޫކޮށް ތައުބާވާކަށް އޭނާ މަޑެއްނުކުރާނެއެވެ. އޭނާގެ އުޅުމަށާއި އަޚްލާގަށް މިއަންނަ ހެޔޮ ބަދަލުގެ ސަބަބުން އޭނާއަށް މިދުނިޔެއާއި އާޚިރަތުގެ އުފާތަކަށް މަގުފަހިވެގެންދާނެއެވެ. މިފަދަމީހަކަށް އެމީހެއްގެ ޙަޔާތުގައި ދިމާވާ އެކިދަރަޖަތަކުގެ އުފާތަކާއި، ހިތާމަވެރިކަންތަކާއި ހެޔޮގޮތުގައި ކުރިމަތިލުމުގެ ޤާބިލުކަން ލިބިގެންވާނެއެވެ. އެމީހަކަށް އޭނާ ހިތްއެދޭ އުފާވެރިކަމެއް ލިބިއްޖެނަމަ އެކަމައްޓަކައި މަތިވެރި މާތްﷲއަށް ޝުކުރު ކުރާނެއެވެ. އަދި އެދެއްވި ނިޢުމަތެއް ﷲ ތަޢާލާ ރުހިވޮޑިގެންވާ ގޮތުގައި ބޭނުންކުރެވޭތޯ ބަލާނެއެވެ. އޭނާގެ މިތެދުވެރި ޢަމަލުގެ ސަބަބުން ﷲތަޢާލާ އޭނާއަށް އެދެއްވި ނިޢުމަތެއް ދެމިހުންނާނެކަމުގެ ފޮނިއުއްމީދު އިތުރުވެ އުފަލާއި، ހިތްހަމަޖެހުން ލިބިގެން ދާނެއެވެ. އޭނާއަށް ލިބޭނެ އެންމެބޮޑު އަނެއް އުފަލަކީ ޝުކުރުކުރާމީހުންނަށް ﷲތަޢާލާ ދެއްވާ މަތިވެރި ޘަވާބު ލިބޭމީހުންގެ ތެރެއިން އޭނާވާނެ ކަމުގެ ހެޔޮއުއްމީދުގެ ސަބަބުން ލިބޭނެއުފަލެވެ. ޙަޤީޤަތުގައި އޭނާގެ މިއުފާވެރިކަން ﷲތަޢާލާ އޭނާއަށް ދެއްވި ދުނިޔެވީ ބޮޑު ނިޢުމަތުގެސަބަބުން ލިބޭއުފަލަށްވުރެ އެތައްގުނައެއް ބޮޑުކަމަށް އޭނާއަށް އިޙްސާސް ކުރެވޭނެއެވެ.
މާތް ﷲ އަށް ތެދުވެރި ގޮތުގައި އީމާންވާ މީހާއަށް އޭނާއާއި ދިމާވާ މުސީބާތްތަކާއި ނޭދެވޭކަންތަކާއި ފުރިހަމަ ގޮތުގައި ކުރިމަތިލުމުގެ ހިތްވަރު ލިބިގެންވާނެއެވެ. އެކަންތަކާއި ކުރިމަތިލުމުގައި ޢަމަލީގޮތުން ކުރެވިދާނެ ކަންތަކުގައި އޭނާ ފަސްޖެހިފައި ނުހުންނާނެއެވެ. އެގޮތުން ކުރެވެން ހުރި ހުރިހާކަމެއް ކުރުމަށްފަހު، އޭނާގެ އެއްވެސް ބާރެއްނެތް ކަންތަކުގައި އޭނާ ﷲތަޢާލާއަށް ވަކީލުކުރާނެއެވެ. ސަބަބަކީ އަޅަކަށް މުޞީބާތެއްވެސް އަދި ނިޢުމަތެއްވެސް އެއިލާހުގެ ޙަޟްރަތުން މެނުވީ އައުމެއްނުވާކަން އޭނާއަށް ކަށަވަރުވެ، ޔަގީން ވާނެތީއެވެ. މާތް ﷲ ވަޙީކުރައްވާފައިވެއެވެ. وَإِن يَمْسَسْكَ اللّهُ بِضُرٍّ فَلاَ كَاشِفَ لَهُ إِلاَّ هُوَ وَإِن يَمْسَسْكَ بِخَيْرٍ فَهُوَ عَلَى كُلِّ شَيْءٍ قَدُيرٌ (ސޫރަތުލް އަންޢާމް 17) " ﷲ ތަޢާލާ، ތިބާއާއި ނުރައްކަލަކާއި ކުރިމަތި ކުރައްވައިފިނަމަ އެއިލާހު ފިޔަވައި އެކަން ފިއްލަވާނެ އެހެންފަރާތެއް ނުވެއެވެ. އަދި ﷲ ތިބާއަށް ރަގަޅުކަމެއް މެދުވެރި ކުރައްވައިފިނަމަ ފަހެ އެއިލާހީ ކޮންމެ ކަމެއްގެ މައްޗަށްމެ ކުޅަދުންވަންތަ އިލާހެވެ." މިފަދަ ވަޙީބަސްފުޅުތަކާއި މާތް ރަސޫލު(صلى الله عليه وسلم)ގެ މަތިވެރި ނަބަވީ އިރުޝާދުތަކުގެ އަލީގައި މަސައްކަތް ކުރުމުން އޭނާގެ ހިތްވަރުގަދަވެ ހިތާމަތައް ފިލައިގެން ދާނެއެވެ. އަދި ކެތްތެރިންނަށް ދެއްވާ ގިނަގުނަ ޘަވާބު ލިބުމުގެ އުއްމީދުގެ ސަބަބުން އޭނާގެ ހިތާމަތައް އުފަލަށް ބަދަލުވެގެން ހިގައިދާނެއެވެ. މާތް ރަސޫލު (صلى الله عليه وسلم) ޙަދީޘް ކުރައްވާފައިވެއެވެ. عَجَباً لأِمْرِ الْمُؤْمِنِ إنَّ أَمْرَهُ كُلُّهُ خَيْرٌ, إنْ أصَابَتْهُ سَرَّاءُ شَكَرَ فَكَانَ خَيْرًالَّهُ, وَإِنْ أصَابَهُ ضَرَّاءُ صَبَرَ فَكَانَ خَيْرًا لَّهُ, وَلَيْسَ ذَلِكَ لِأَحَدٍ إلاَّ لِلْمُؤْمِنِ [رواه مسلم] "މުއުމިނާގެ ކަންތައް ޢަޖާއިބެއްފަދައެވެ. އޭނާއަށް ދިމާވާ ކޮންމެކަމަކީވެސް ރަގަޅު ހެޔޮކަމެކެވެ. އޭނާއަށް ހިތްހަމަޖެހުން ލިބޭ ކަމެއް ދިމާވެއްޖެނަމަ އެކަމަށް އޭނާ ޝުކުރު ކުރެއެވެ. އެކަންތައް ވަނީ އޭނާ އަށް ހެޔޮ ރަނގަޅު ކަމެއްކަމުގައެވެ. އަދި އޭނާއާއި މުޞީބާތެއް ކުރިމަތިވެއްޖެނަމަ އޭނާ އެކަމަށް ކެތްތެރިވެއެވެ. އެކަންތައް(ވެސް)ވަނީ އޭނާއަށް ރަނގަޅު ހެޔޮ ކަމަށެވެ. އީމާންކަމުގެ އަހުލުވެރިއަކަށްމެނުވީ މިކަންތައް މިގޮތައް ދިމާނުވާހުއްޓެވެ." މިތާނގައި ރަސޫލު (صلى الله عليه وسلم) އަޅުގަޑުމެންނަށް އުގަންނަވައި ދެއްވަނީ އީމަންކަމުގެ އަހުލުވެރީންނަށް ﷲ ތަޢާލާ މިންވަރުކުރައްވާފައިވާ ހެޔޮނަޞީބެވެ. އެހެނީ އީމާންކަމުގެ އަހުލުވެރީންގެ ޢަމަލުތަކަށް ﷲތަޢާލާ ނުހަނު ދީލަތި ހެޔޮޖަޒާ ދެއްވައެވެ. އޭނާއަށް ދިމާވާ ހިތާމަވެރި ކަންތަކާއި އުފާވެރި ކަންތަކުގެ ސަބަބުންވެސް އޭނާގެ ހެޔޮކަމުގެފަތަށް އިތުރުކޮށް ދެއްވައެވެ.
ތަފާތު މީސްތަކުންނަށް އެބައިމީހުންނަށް ދިމާވާ ދާދިއެއްވައްތަރެއްގެ ކަންތަކުގައިވެސް ކުރާ އަސަރުތައް ތަފާތުވަނީ އެކި މީހުންގެ އީމާންކަމުގެ މިންވަރު ތަފާތުވާތީއެވެ. ފުރިހަމަގޮތުގައި އީމާންވެގެން ހުންނަމީހާ ރަގަޅުކަންތަކާއި ކުރިމަތިލާނީ ޝުކުރުވެރިކަމާއި އެކުގައެވެ. އަދި ނުތަނަވަސްކަމާއި ކުރިމަތިލާނީ ކެތްތެރިކަމާއެކުގައެވެ. މީގެ ސަބަބުން އޭނާގެ ނަފްސުގައި އުފާވެރިކަން އަށަގަނެ ހިތާމަތައް އޭނާއާއި ވަކިވެގެންދެއެވެ. މިގޮތުން އޭނާގެ ދިރިއުޅުމަކީ އުފާވެރި ބާއްޖަވެރި އެއްޗަކަށް ވެގެން ހިނގައިދެއެވެ. އެމީހެއްގެ ކިބައިގައި އީމާންކަމެއް ނެތްމީހާއަށް އޭނާ ހިތްއެދޭފަދަކަމެއް ލިބިއްޖެނަމަ އޭނާގެ ބޮޑާކަމާއި ކިބުރުވެރިކަން ކުރިއަށް ނެރެ އެކަމަކީ ތިމާގެ މޮޅުކަމުން ޙާޞިލްވި ކަމެއްކަމަށް ދެކެ، އެލިބުނު ނިޢުމަތުގެ މައްޗަށް ދަހިވެތިކަން އިސްކޮށް މުދަލާއި ފައިސާ އިތުރަށް ހޯދުމުގެ މަޤްސަދުގައި އެއްވެސް ގޮތެއްފޮތެއް ނުބަލާ ހިތުހުރިގޮތަކަށް އުޅުމުގެ ސަބަބުން އޭނާގެ ރަނގަޅު ހެޔޮވިސްނުން ފިލައިގޮސް ހަމަމަގުން ނެއްޓި އިންސާނީ ރިވެތިއަޚްލާޤު އޭނާއާއި ވަކިވެގެންހިގައިދާނެއެވެ. އަދި އޭނާއަށް މިބޮޑާކަން ގެނެސްދިނުމުގެ ސަބަބެއްކަމުގައިވި ނިޢުމަތް ފިލައިދާނެކަމުގެ ބިރުހީވެ އޭގެދިފާޢުގައި ތަފާތުގިނަ މަސައްކަތް ކުރަންފަށައެވެ. އަދި އެހެންމީހުންނަށް ލިބިފައިވާ އެފަދަ ނިޢުމަތްތަކާއިމެދެ ޙަސަދަވެރިވެ އަލިފާނުގެ ކަނޑަކަށްޣަރަގުވެގެން ހިގައިދެއެވެ. މިފަދަ ގޮތަކަށް މީހެއްގެ އުޅުން ބަހައްޓައިފިނަމަ އެމީހަކަށް ﷲތަޢާލާ އެދެއްވި މަތިވެރި ނިޢުމަތް އޭނާއަށްހުރި ބޮޑުޢަޒާބަކަށް ނޫނީނުވާނެއެވެ. އެހެނީ އެފަދަޙާލަތުގައި އިންސާނަކަށް ހިތްހަމަޖެހުން ލިބުމަކީ އެކަށީގެންވާ ކަމެއްނޫނެވެ. ކުޑަވެސް ޝައްކެތްނެތްގޮތުގައި އިންސާނާގެ ކިބައިގާވާ މިފަދަ ނޭއްގާނި ސިފަތައް މަތަކޮށް އޭނާ ހަމަމަގަށް އަޅުވާއެއްޗަކީ އޭނާގެ އީމާނާއި ތަޤްވާއެވެ. އީމާނާއި ތަޤްވާ ނެތްމީހަކަށް މުޞީބާތެއްކުރިމަތިވާހިނދު ވޭނާއި، ބިރުވެރިކަމާއި އަދި ކޮޅެއްނެތްހާ ހިތާމަތައް އޭނާގެ ހިތުތެރެއަށް ޖަމާވެ، އޭގެސަބަބުން ނަފްސާނީ އަދި ޖިސްމާނީ ބަލިތަކުގެ ޝިކާރައަކަށްވެދެއެވެ. އަދި އެއްވެސް ކުޅެދުންތެރިކަމެއް ނެތްމީހަކަށް އެމީހަކު ބަދަލުވެގެން ހިނގައިދާނެއެވެ. މިޙާލަތާއި ކުރިމަތިލާން އޭނާއަށް ޖެހޭސަބަބަކީ މުޞީބާތްތަކަށް ކެތްކުރާ މީހުންނަށް ﷲތަޢާލާ ދެއްވުމަށް ވަޢްދުކުރައްވާފައިވާ ގިނަގުނަ ޘަވާބާއި ދީލަތި ދެއްވުންތައް ލިބުމުގެ އުއްމީދުކުރެވޭމީހަކަށް އޭނާނުވާތީއެވެ. އީމާންކަމެއްނެތި ހަމައެކަނި ކެތްތެރިވުމަކުން އޭނާއަށް ލިބިފައިވާ ހިތާމަތައް ފިލައިގެނެއް ނުދާނެއެވެ. އަދި ހިތްހަމަޖެހުމެއްވެސް ނުލިބޭނެއެމެވެ.
މިފަދަކަންތަކަކީ އަޅުގަޑުމެންގެ ދިރިއުޅުމުގެ ތެރޭގައި ތާއަބަދު ދިމާވަމުން ތަޖްރިބާކުރެވެމުން އަންނަ ކަންކަމެވެ. ތިޔަބޭފުޅުން ފަރުވާތެރިކަމާއިއެ ވިސްނާ ވަޑައިގެންފިނަމަ މިފަދަކަންތަކުގައި އީމާންކަމުގެ އަހުލުވެރިންނާއި އެނޫންމީހުންގެ މެދުގައި ވަރަށްބޮޑު ތަފާތުތަކެއްވަނިކޮށް ފެނިވަޑައިގަންނަވާނެއެވެ. މިދެބާވަތުގެ މީހުންގެ މެދުގައި މިހާބޮޑު ތަފާތެއް ހުންނަސަބަބަކީ އީމާން ކަމުގެ އަހުލުވެރިން ޤަބޫލުކުރާ ޚާއްޞަ ޤަބޫލުކުރުންތަކެއްގެ ސަބަބުންނެވެ. އޭނާގެ ހަރުދަނާ ޢަޤީދާގެ ސަބަބުންނެވެ. ތެދުވެރިގޮތުގައި އީމާންވެގެން ހުންނަމީހާ، އޭނާއާއި މުޞީބާތެއް ކުރިމަތިވިކަމުގައިވިއަސް ﷲތަޢާލާ އޭނާއަށް ދެއްވާފައިވާ ޢަދަދުނުކުރެވޭފަދަ ގިނަގުނަ ނިޢުމަތްތަކުގެ މަތިވެރިކަން އިޙްސާސްކޮށް ހިތްހަމަޖައްސާލާނެއެވެ. އަދި ތިމާއާއި ކުރިމަތިވާ ކޮންމެކަމަކީވެސް ތިމާއަށް ﷲތަޢާލާ އެވަގުތު މިންވަރު ކުރެއްވި ގޮތްކަން ދަނެ، އޭނާ ކެތްތެރިކަން ކުރިއަށްނެރެ ހިތްހަމަޖައްސާލާނެއެވެ. ﷲތަޢާލާއަށް ފުރިހަމަގޮތުގައި އީމާންވެގެން ހުރި މުއުމިނުއަޅާއަށް ބަލިމަޑުކަމާއި ފަޤީރުކަން ކުރިމަތިލާހިނދު، އެނާއަށް ﷲތަޢާލާ އެވަގުތު މިންވަރު ކުރެއްވި ގޮތާއި ރުހިޤަބޫލުވާނެއެވެ. އޭނާ ޤަބޫލުކުރާގޮތުގައި އޭނާއަށް ދިމާވާ ކޮންމެކަމކީވެސް ﷲތަޢާލާ އޭނާއަށް މިންވަރުކުރައްވާފައިވާކަންތަކެވެ. އެކަމަކުން އޭނާއަށް ރެކިއެއްނުގަނެވޭނެއެވެ. އަދި އޭނާގެ ޙާލަތު ކޮންމެގޮތަކަށް ހުރިކަމުގައިވިއަސް އެއިލާހު އެހެންމީހުންނަށް މިންވަރު ކުރައްވާފައިވާ ކަންތަކަށް ދަހިވެތިވެ އެކަމުގެ ފަހަތަކުންވެސް އޭނައެއް ނުއުޅޭނެއެވެ. އަބަދުވެސް އޭނާބަލާނީ އޭނާއަށްވުރެ ދަށުގައި އުޅޭމީހުންނަށެވެ. އޭނާއަށްވުރެ މަތީގައި އުޅޭމީހުންނަށް ބަލާ އެކަމުން ހިތްނުތަނަވަސްކުރުމަކަށް އޭނާ ބޭނުމެއްނުވާނެއެވެ. މިގޮތުން އޭނާގެހިތަށް ހަމަޖެހުންލިބި ދުނިޔެވީގޮތުން އޭނާއަށްވުރެ ގިނަކަންތައްތައް ފުރިހަމަވެފައިހުރި އެކަމަކު އީމާންކަންބަލިކަށި މީހަކަށްވުރެ އެތައްގުނައެއް ހިތްހަމަޖެހުން ބޮޑުވާނެއެވެ.
އީމާންކަމެއްނެތްމީހާ ނުވަތަ ފުރިހަމަގޮތުގައި އީމާންވެގެން ނުވާމީހާ، އޭނާއާއި ބަލިމަޑުކަމެއް ނުވަތަ ފަޤީރުކަން ކުރިމަތިވާހިނދު ނުވަތަ ދުނިޔަވީގޮތުން އޭނާއަށް ލިބިފައިވާ ބޮޑުނިޢުމަތެއް ގެއްލިގެންދާހިނދު ވަރަށް ނާއުއްމީދުވެ ވޭނާއިކެކުޅުން ތަޙައްމަލު ކުރާނެއެވެ. އޭނާގެ ހިތްތެޅިފޮޅި ނާރުތަކަށްވާންވެ، ވިސްނުމުގެ ފޯކަސް މުޅިން ގެއްލިގެން ހިގައިދާނެއެވެ. އަދި އޭނާގެ ހިތުގެތެރޭގައި ބިރުވެރިކަމުގެއިންޒާރާއި ނުތަނަވަސްކަން ނޫން އެހެންއެއްޗެއް ނުހުންނާނެއެވެ. އޭގެސަބަބުން އޭނާގެ ހަށިގަޑު ބަލިމަޑުކަމުގެ ޝިކާރައަކަށް ވެގެންހިގައިދާނެއެވެ. އާދެ އެފަދަމީހުންނަށް ދިރިއުޅުމުގެ ތަޖްރިބާގެތެރެއިން މިފަދަ ޙާލަތްތަކާއި ކުރިމަތިލުމުގެ ހުނަރު ލިބިނުގަންނަނަމަ މިފަދަ ނާޒުކުޙާލަތްތަކުގައި އޭނާ ނަފުސާނީގޮތުން ނިކަމެތިވެ މުޅިން ނުކުޅެދޭމީހަކަށް ބަދަލުވެގެން ހިގައިދާނެއެވެ. އެއީ އެމީހުންގެ އީމާންކަން ނެތުމުގެ ސަބަބުން ކުރިމަތިވާ ޙާލަތެކެވެ.
ބިރުވެރިކަމާއި ހިތްދަތިކަންތަކާއި ކުރިމަތިވާހިދު އީމާންކަމުގެ އަހުލުވެރިޔާ ވަރަށް ސާބިތުވާނެއެވެ. އޭނާ ހިތްވަރާއި، ވިސްނުންތެރިކަމާއި އަދި މަޑުމައިތިރިކަމާއިއެކު އެކަންތަކާއި ކުރިމަތިލާނެއެވެ. އޭނާގެ ބަހާއި ޢަމަލުން ފެންނާނީ އޭނާ މާކުރީގައި އެކަމަށް ތައްޔާރުވެ ހުރިކަމެވެ. މިގޮތަށް ޢަމަލު ބެހެއްޓުމުގެ ސަބަބުން އޭނާގެ ބާރާއި ހިތްވަރު ގަދަވާނެއެވެ.
މުސްލިމުންނާއި މުސްލިމުނޫން މީހުންގެކިބައިގައިވެސް އިންސާނެއްގެ ޙައިސިއްޔަތުން ހުންނަންޖެހޭ ކަންތައްތައް ހުންނާނެއެވެ. އެއީ ކަންކަމާއި ކުރިމަތިލުމުގެ ކުޅަދާނަކަމާއި ހިތްވަރުފަދަ ކަންތަކެވެ. ނަމަވެސް މިދެބާވަތުގެ މީހުންގެ ކިބައިގައި މިކަންތައް ހުންނަވަރު ވަރަށް ތަފާތުވާނެއެވެ. އީމާންކަމުގެ އަހުލުވެރިއާގެ ކިބައިގައިވާ ކެތްތެރިކަމާއި ﷲއަށް އޮންނަ އިތުބާރާއި، ނުތަނަވަސްކަމުގެ ވަގުތުގައި ކެތްތެރިކަން އިސްކުރާ އަޅުންނަށް ﷲތަޢާލާ ދެއްވުމަށް ވަޢުދުކުރައްވާފައިވާ ގިނަގުނަޘަވާބާއި މަތިވެރި ދަރަޖަ ލިބުމުގެ އުއްމީދުގެ ސަބަބުން އޭނާއަށް އިތުރު ހިތްވަރާއި ހިތްހަމަޖެހުން ލިބި، ލިބިފައިވާ ހިތާމަތަކާއި ބިރުވެރިކަން ފިލައިގެން ހިގައިދާނެއެވެ. ﷲތަޢާލާ ވަޙީކުރައްވާފައިވެއެވެ. إِن تَكُونُواْ تَأْلَمُونَ فَإِنَّهُمْ يَأْلَمُونَ كَمَا تَأْلَمونَ وَتَرْجُونَ مِنَ اللّهِ مَا لاَ يَرْجُونَ وَكَانَ اللّهُ عَلِيمًا حَكِيمًا (ސޫރަތުއްނިސާ104 ) "ތިޔަބައިމީހުންނަށް ދަތިއުދަގޫތަކާއި ކުރިމަތިލާން ޖެހޭނަމަ އެބައިމީހުންނަށްވެސް ހަމައެފަދަ އުދަގޫތަކާއި ކުރިމަތިވާނެއެވެ. އެކަމަކު އެބައިމީހުން، ލިބުމަށް އުއްމީދުނުކުރާ ކަންތައްތަކެއް މާތްﷲގެ ޙަޟްރަތުން ލިބުމަށް ތިޔަބައިމީހުން އުއްމީދުކުރާނެއެވެ." މީގެ އިތުރުން އީމާންވެހުރެ ކަންތަކުގައި ކެތްތެރިވާ މީހުންނަށް އެބައިމީހުންނަށް ދިމާވެފައިވާ ބިރުވެރި ކަންތަކާއި އުދަގޫތަކުން ސަލާމަތްވުމުގައި ﷲތަޢާލާގެ ޚާއްޞަ ޢިނާޔާތްތެރިކަންވެއެވެ. މިކަން ބަޔާންކުރައްވައި އަލްއަންފާލު ސޫރަތުގެ 46 ވާނަ އާޔަތުގައި ﷲތަޢާލާ ވަޙީކުރައްވާފައިވެއެވެ. وَاصْبِرُواْ إِنَّ اللّهَ مَعَ الصَّابِرِينَ "އަދި ކެތްކުރާށެވެ. ހަމަކަށަވަރުން ﷲ ވޮޑިގެންވަނީ ކެތްތެރީންނާއިއެކުގައެވެ."

No comments:

Post a Comment