20.11.09

އުޟްޙިޔާ ކަތިލުން

މުޙައްމަދު ޝަމްޢޫން
الْحَمْدُ لِلَّهِ رَبِّ الْعَالَمِيْنَ. وَالصَّلَاةُ وَالسَّلَامُ عَلَى أَشْرَفِ الْأَنْبِيَاءِ وَالْمُرْسَلِيْنَ. نَبِيِّنَا وَحَبِيْبِنَا وَقُدْوَتِنَا مُحَمَّدٍ وَعَلَى آلِهِ وَأَصْحَابِهِ وَمَنْ تَبِعَهُمْ بِإِحْسَانٍ إِلَى يَوْمِ الِّدْينِ. أَمَّا بَعْدُ
އުޟްޙިޔާއަކީ ކޮބާ؟
އުޟްޙިޔާ އަކީ ﷲ ސުބުޙާނަހޫ ވަތަޢާލާއަށް ކުއްތަންވުމަށްޓަކައި އަޟްޙާޢީދުގެ ދުވަސްތަކުގައި ކަތިލެވޭ ނަޢަމްސޫފިތަކަށް ކިޔާނަމެކެވެ.
ޢުޟްޙިޔާ ކަތިލުމުގެ ޙުކުމަކީ ކޮބާ؟
އުޟްޙިޔާ ކަތިލުމަކީ ކީރިތި ޤުރުއާނާއި ސުންނަތާއި އިޖުމާޢުން ޘާބިތުވެފައިވާ އަޅުކަމެކެވެ. އަދި، ކުޅަދާނަވެގެންވާ ކޮންމެ މީހެއްގެ މައްޗަށް އުޟްޙިޔާ ކަތިލުމަކީ ވާޖިބެއް ކަމުގައި ޝެއިޚުލް އިސްލާމް އިބްނުތައިމިއްޔާ ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ.
އުޟްޙިޔާ ކަތިލާނީ ކޮންއިރަކު؟
ޙައްޖުމަހުގެ 10 ވަނަދުވަހުގެ(އަޟްޙާ ޢީދު ދުވަހުގެ)، ޢީދު ނަމާދު ނިމުނީއްސުރެ ޙައްޖުމަހުގެ 13ވަނަދުވަހުގެ އިރުއޮއްސިއްޖެއުމަށް ދާންދެން އުޟްޙިޔާ ކަތިލެވިދާނެއެވެ.
އުޟްޙިޔާ ކަތިލާނީ ކޮންބައެއްގެ ފަރާތުން؟
1. ދިރިތިބީންގެ ފަރާތުން. (އުޟްޙިޔާގެ އަޞްލަކީ މިއެވެ.)
2. މައްޔިތެއްގެ ފަރާތުން:
ހ. އެ މައްޔިތާ ވަޞިއްޔަތް ކޮށްފައިވާނަމަ.
ށ. އެ މައްޔިތާއަށް، ކުރާ ހަދިޔާއެއްގެ ގޮތުން. (ނަމަވެސް ބައެއް ޢިލްމުވެރިން، ވިދާޅުވަނީ (ހ) ގައި ބަޔާންކުރެވިފައިވާ ގޮތަށް މެނުވީ މައްޔިތެއްގެ ފަރާތުން އުޟްޙިޔާ ކަތިނުލެވޭނެ ކަމަށް)
އުޟްޙިޔާއެއްގެ ގޮތުގައި ކަތިލާނީ ކޯޗެއް؟
1. ޖަމަލެއް. ޖަމަލެއް ކަތިލުމުން 7 މީހުންނަށް ފުދޭނެއެވެ.
2. ގެރިއެއް. ގެރިއެއް ކަތިލުމުންވެސް 7 މީހުންނަށް ފުދޭނެއެވެ.
3. ބަކައްޓެއް. ބަކައްޓެއް ކަތިލުމުން ފުދޭނީ އެންމެ މީހަކަށެވެ. އެކަމަކު އޭގެ ޘަވާބުގައި، އޭނާއަށް އިތުރުމީހުން ބައިވެރި ކުރެވިދާނެއެވެ.
އުޟްޙިޔާގެ ޝަތުޠުތަކަކީ ކޮބާ؟
1. އުޟްޙިޔާ ކަތިލާމީހާގެ މިލްކެއް ކަމުގައިވުން.
2. އުޟްޙިޔާ ކަތިލުމަށް ކަނޑައެޅިފައިވާ ވަގުތުގައި ކަތިލެވޭ އެއްޗެއްކަމުގައިވުން.
3. އުޟްޙިޔާއެއްގެ ގޮތުގައި ކަތިލުމަށް ކަނޑައެޅިފައިވާ 3 ބާވަތުގެ ތެރެއިން ބާތެއްގެ ޖަނަވާރެއްކަމުގައިވުން.
4. ކަނޑައެޅިފައިވާ އުމުރުގެ ނަޢަމްސޫތްޕަކަށްވުން؛
• ޖަމަލު: 5 އަހަރު
• ގެރި: 2 އަހަރު
• ބަކަރި: 1 އަހަރު އަދި ކަންބަޅިބަކަރިއެއްނަމަ: 6 މަސް
5. ޢައިބުތަކުން ސަލާމަތްވެފައިވުން.
އުޟްޙިޔާ ކަތިލާމީހާ ސަމާލުވާންޖެހޭ ކަންތައްތަކަކީ ކޮބާ؟
އުޟްޙިޔާ ކަތިލާމީހާ، ޙައްޖުމަހުގެ ފުރަތަމަ ދިހަދުވަހު، މަޖުބޫރީ ޙާލަތެއް މެދުވެރިވެގެން މެނުވީ، އަންނަނިވި ކަންތައްތަކުން ދުރުވެ ރައްކާތެރިވާންޖެހޭނެއެވެ.
1 ގައިން އެއްވެސް އިސްތަށްޓެއް ވަކިކުރުން.
2 ގައިން ހަންނެއްޓުން.
3 ނިޔަފަތި ކެޑުން.
އެހެންމީހެއްގެ ފަރާތުން އުޟްޙިޔާ ކަތިލާމީހާ، މިކަންތައްތަކުން ދުރުވެ ހުންނާކަށް ނުޖެހޭނެއެވެ.
އުޟްޙިޔާގެ އަދަބުތަކަކީ ކޮބާ؟
1 އެހެންމީހަކާއި ޙަވާލުކުރުމުގެ ބަދަލުގައި އަމިއްލައަށް ކަތިލުން.
2 އުޟްޙިޔާއަކަށް ކަތިލި އެތީގެ:
• ތިންބައިކޮށްފަ އެއްބައި ޞަދަޤާތްކުރުން
• ތިންބައިކޮށްފަ އެއްބައި ހަދިޔާކުރުން
• ތިންބައިކޮށްފަ އެއްބައި ކެއުން(ޢާއިލާމީހުން).
____________________________
މި މަޢުލޫމާތުތައް ނެގީ ޝެއިޚް މުޙައްމަދު ބިން ޞާލިޙް އަލް ޢުޘައިމީން ރަޙިމަހުﷲގެ ރިސާލާއަކުންނެވެ.

1 comment:

  1. jazakallaahu khair. varah muhimmu mauloomaatheh mi ee

    ReplyDelete