25.12.09

އިސްލާމްދީނުގައި މައިންބަފައިންނަށް ދެވިފައިވާ ޤަދަރު

މުޙައްމަދު ޝަމްޢޫން
الْحَمْدُ لِلَّهِ الَّذِيْ أَمَرَنَا بِبِرِّ الْأُمَّهَاتِ، وَجَعَلَنَا مِنْ خَيْرِ أُمَّةٍ أُخْرِجَتْ لِلنَّاسِ، وَصَلَّى اللَّهُ وَسَلَّمَ عَلَى مَنْ خَتَمَ اللَّهُ بِهِ الرِّسَالَاتِ وَعَلَى آلِهِ وَأَصْحَابِهِ وَمَنْ تَبِعَهُمْ بِإِحْسَانٍ إِلَى يَوْمِ الْحِسَابِ، أَمَّا بَعْد:-
އެއްދުވަހަކު، ސަލަފުންގެ މަޝްހޫރު ޢިލްމުވެރިއެއްކަމުގައިވާ ޙައިވާ ބިން ޝުރައިޙު ދަރިވަރުންނަށް ކިޔަވައިދެއްވުމަށްޓަކާ މިސްކިތުގައި ހުންނަވަނިކޮށް މަންމަ ގޮވާލެއްވިއެވެ. އަދި ވިދާޅުވިއެވެ. "ދަރިފުޅާ، ކުކުޅުތަކަށް ކާންދޭން އާދޭ!" އަޅުގަނޑުމެންނަމަ މިފަދަ ޙާލަތެއްގައި ކަންތައް ކުރާނީ ކިހިނެއްތޯއެވެ؟ ދަރިވަރުންނަށް ކިޔަވާދެއްވުމަށްޓަކާ މިސްކިތުގައި ހުންނަވަނިކޮށް މަންމަ މިގޮވާލައްވަނީ އާދައިގެ ކުޑަކުޑަ ކަމަކުއެވެ. ކުކުޅުތަކަށް ކާންދޭން ދިއުމަށެވެ. އާދެ، އަޅުގަނޑުމެންގެ ތެރެއިން މަދު މީހަކު ފިޔަވައި، އެހެން ހުރިހާ އެންމެން ކަހަލަގޮތަކަށް އެވަގުތު މަންމައަށް ޖަވާބުދޭނީ 'ފަހުން އެބަދަމެވެ' ނުވަތަ 'އިރުކޮޅަކުން އެބަދަމެވެ' މިފަދަ ގޮތަކަށްކަމާމެދު ޝައްކެއްނެތެވެ. އެކަމަކު ސަލަފުންގެ މިމަޝްހޫރު ޢިލްމުވެރިޔާ ކަންތައް ކުރެއްވީ އެހެންނެއްނޫނެވެ. އެކަލޭގެފާނު އަވަސްވެލެއްވީ މަންމަގެ ގޮވާލެއްވުމަށް އިޖާބަ ދެއްވުމަށެވެ. ކީއްވެތޯއެވެ؟ މަންމައަކީ ކިހާވަރެއްގެ ފަރާތެއްކަން އެކަލޭގެފާނަށް އެނގިލައްވާތީއެވެ. ދީނުގައި މަންމައަށް ދެވިފައިވާ ޤަދަރު އެނގިލައްވާތީއެވެ.
އާދެ! اللهގެ ފޮތަށާއި ރަސޫލާ ޞައްލަالله ޢަލައިހި ވަސައްލަމަގެ ގޮތަށް(އެކަލޭގެފާނުގެ ސުންނަތަށް) ބަލައިފި މީހަކަށް، އިސްލާމްދީނުގައި މައިންބަފައިންނަށް ދެވިފައިވާ ޤަދަރު އެނގޭނެއެވެ. اللهތަޢާލާ އެއިލާހު ފިޔަވައި އެހެން އެއްވެސް ފަރާތަކަށް އަޅުކަންނުކުރުމަށް އަމުރުކުރެއްވުމަށްފަހު، ދެން އަމުރުކުރެއްވީ މައިންބަފައިންނަށް ހެޔޮކޮށްހިތުމަށެވެ. އެއިލާހު ވަޙީކުރައްވާފައިވެއެވެ. وَقَضَى رَبُّكَ أَلاَّ تَعْبُدُواْ إِلاَّ إِيَّاهُ وَبِالْوَالِدَيْنِ إِحْسَانًا إِمَّا يَبْلُغَنَّ عِندَكَ الْكِبَرَ أَحَدُهُمَا أَوْ كِلاَهُمَا فَلاَ تَقُل لَّهُمَآ أُفٍّ وَلاَ تَنْهَرْهُمَا وَقُل لَّهُمَا قَوْلاً كَرِيمًا * وَاخْفِضْ لَهُمَا جَنَاحَ الذُّلِّ مِنَ الرَّحْمَةِ وَقُل رَّبِّ ارْحَمْهُمَا كَمَا رَبَّيَانِي صَغِيرًا (الإسراء 24,23) "އެއިލާހަށް މެނުވީ އަޅުކަންނުކުޅައުމަށާއި މައިންބަފައިންނަށް ހެޔޮކޮށްހިތުމަށް ކަލޭގެފާނުގެ ވެރިއިލާހު ކަނޑައަޅުއްވައި އެންގެވިއެވެ. އެ ދެމީހުންކުރެ އެކަކު، ނުވަތަ އެ ދެމީހުން ތިބާގެގާތުގައި ތިބެ، މުސްކުޅިކަމާ ހަމަޔަށް ފޯރައްޖެނަމަ، އެދެމީހުންނަށް 'އުފް' ވެސް ނުބުނާށެވެ! (އެބަހީ ނުރުހުމުގެ ކިތަންމެ ކުޑަބަހެއްވިއަސް ނުބުނާށެވެ.) އަދި އެ ދެމީހުންނަށް އަޑުލައި ނުހަދާށެވެ! އަދި މާތްބަހަކުން އެ ދެމީހުންނަށް ބަސްބުނާށެވެ! * އަދި އޯގާވެރިވުމުގެގޮތުން، ނިކަމެތިކަމުގެފިޔަ ތިބާ އެ ދެމީހުންނަށް ތިރިކޮށްލާށެވެ! އަދި ބުނާށެވެ! އަޅުގެ ވެރިއިލާހެވެ! ކުޑަކުއްޖަކު ކަމުގައި މިއަޅާވީދުވަހު، އެ ދެމީހުން މިއަޅާ ބަލައިބޮޑުކުރިފަދައިން އެ ދެމީހުންނަށް ރަޙުމަތްލައްވައިފާނދޭވެ!" އަދި އެހެން އާޔަތެއްގައި އެއިލާހަށް ޝުކުރުއަދާކުރުމަށް އެންގެވުމަށްފަހު، ދެން އަންގަވަނީ މައިންބަފައިންނަށް ޝުކުރުއަދާކުރުމަށެވެ. وَوَصَّيْنَا الْإِنسَانَ بِوَالِدَيْهِ حَمَلَتْهُ أُمُّهُ وَهْنًا عَلَى وَهْنٍ وَفِصَالُهُ فِي عَامَيْنِ أَنِ اشْكُرْ لِي وَلِوَالِدَيْكَ إِلَيَّ الْمَصِيرُ (لقمان 14) "އިންސާނާއަށް އޭނާގެ މައިންބަފައިންނަށް ހެޔޮކޮށް ހިތުމަށް ތިމަން އިލާހު އަމުރުކުރެއްވީމެވެ. އެނާގެ މައިމީހާ ބަލިނިކަމެތިކަމުގެ މައްޗަށް، ބަލިނިކަމެތިކަމާއެކު މާބަނޑުގައި އޭނާ އުފުލިއެވެ. އަދި އޭނާ ކިރު ތުނބުން ވީއްލުންވަނީ ދެއަހަރުގައެވެ. (ތިމަންއިލާހު އަމުރުކުރެއްވީމެވެ.) ތިމަންއިލާހަށާއި ތިބާގެ މައިންބަފައިންނަށް ޝުކުރުކުރާށެވެ. އެނބުރި ރުޖޫޢަވުންވަނީ ހަމަ ތިމަންއިލާހުގެ ޙަޟްރަތަށެވެ."
އެއްދުވަހަކު ޢަބްދުﷲ ބިން މަސްޢޫދު ރަޟިޔަﷲ ޢަންހު، ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމައާއި ސުވާލު ކުރެއްވިއެވެ. أَيُّ الْعَمَلِ أَحَبُّ إِلَى اللَّهِ تَعَالَى؟ "ﷲ ގެ ޙަޟްރަތުގައި އެންމެ ލޮބުވެތިކަންބޮޑުވެގެންވާ ޢަމަލަކީ ކޮބައިތޯއެވެ؟" ޖަވާބުގައި ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްކުރެއްވިއެވެ. الصَّلَاةُ عَلَى وَقْتِهَا "ނަމާދު އޭގެ ވަގުތުގައި އަދާކުރުމެވެ." އެކަލޭގެފާނު ސުވާލުކުރެއްވިއެވެ. ثُمَّ أَيُّ؟ "ދެން ކޮންކަމެއްތޯއެވެ؟" ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްކުރެއްވިއެވެ. بِرُّ الْوَالِدَيْنِ "މައިންބަފައިންނަށް ކަމޭހިތައި ކިޔަމަންތެރިވުމެވެ." އަނެއްކާވެސް، 'ދެން ކޮންކަމެއްތޯ؟' ޢަބްދުﷲ ބިން މަސްޢޫދު ރަޟިޔަﷲ ޢަންހު ސުވާލު ކުރެއްވުމުން، ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްކުރެއްވިއެވެ. الْجِهَادُ فِيْ سَبِيْلِ اللَّهِ "ﷲގެ މަގުގައި ޖިހާދު ކުރުމެވެ." މިޙަދީޘުންވެސް، މައިންބަފައިންނަށް އިސްލާމްދީނުގައި ދެވިފައިވާ ޤަދަރު އަޅުގަނޑުމެންނަށް އެނގިގެން ހިނގައްޖެއެވެ. ﷲގެ މަގުގައި ޖިހާދުކުރުމަށްވުރެވެސް އިސްކަންދެވިފައި މިވަނީ މައިންބަފައިންނަށް ހެޔޮކޮށްހިތުމަށެވެ. (متفق عليه)
ޢަބްދުﷲ ބިން ޢަމްރު ބިން އަލްޢާޞް ރަޟިޔަﷲ ޢަންހުމާގެ އަރިހުން ރިވާވެގެންވެއެވެ. أَقْبَلَ رَجُلٌ إِلَى نَبِيِّ اللَّهِ فَقَالَ: أُبَايِعُكَ عَلَى الْهِجْرَةِ وَالْجِهَادِ. أَبْتَغِيْ الْأَجْرَ مِنَ اللَّهِ تَعَالَى "މީހަކު ﷲގެ ނަބިއްޔާގެ އަރިހަށް އައިސް ދެންނެވިއެވެ. ﷲގެ ޙަޟްރަތުން ޘަވާބާއި އަޖުރަށް އެދި، އެއިލާހުގެ މަގުގައި ޖިހާދުކުރުމަށާއި ހިޖުރަކުރުމަށް އަހުރެން ކަލޭގެފާނަށް ބައިއަތުހިފަމެވެ." އެހިނދު ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. فَهَلْ لَكَ مِنْ وَالِدَيْكَ أَحَدٌ حَيٌّ؟ "ތިބާގެ މަންމާއާއި ބައްޕައާއި ދެމީހުންކުރެ އެކަކުވެސް ދުނިޔޭގައި އެބަހުރިހެއްޔެވެ؟" އޭނާ ބުންޏެވެ. نَعَمْ بَلْ كِلَاهُمَا "އާދޭހެވެ. މަންމައާއި ބައްޕަވެސް ދުނިޔޭގައި އެބަތިއްބެވެ." ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަ ސުވާލުކުރެއްވިއެވެ. فَتَبْتَغِيْ الْأَجْرَ مِنَ اللَّهِ؟ "ތިބާ ﷲގެ ޙަޟްރަތުން ދަރުމައާއި ޘަވާބު ބޭނުންހެއްޔެވެ؟" ދެން އޭނާ 'އާދޭހެވެ.' ބުނުމުން ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްކުރެއްވިއެވެ. فَارْجِعْ إِلَى وَالِدَيْكَ فَأَحْسِنْ صُحْبَتَهُمَا "ތިބާގެ މަންމައާއި ބައްޕަގެ އަރިހަށްގޮސް އެދެމީހުންނަށް ހެޔޮކޮށް ހިތާށެވެ." އެހެން ރިވާޔަތެއްގައި އައިސްފައިވެއެވެ. فَفِيْهِمَا فَجَاهِدْ "އެދެމީހުންނަށް ހެޔޮކޮށް ހިތުމުގައި ޖިހާދުކުރާށެވެ." (متفق عليه)
އެހެންކަމުން އަޅުގަނޑުމެންގެ ސަލަފުންވަނީ މައިންބަފައިންނަށް ހެޔޮކޮށްހިއްތެވުމުގައި ލާމަޘީލު ނަމޫނާތަކެއް ދައްކަވާފައެވެ. ޒައިނުލް ޢާބިދީން ރަޙިމަހުﷲއަކީ މިކަމުގައި މަޝްހޫރުވެވަޑައިގެންފައިވާ ބޭކަލެކެވެ. އެއްދުވަހަކު އެކަލޭގެފާނާއި ސުވާލުކުރެވުނެވެ. ކަލޭގެފާނު، މަންމައަށް ވަރަށް ކަމޭއްހިއްތަވައެވެ. ނަމަވެސް މަންމައާއި އެއްސުފުރާއެއްގައި ކެއިންބައްލަވާތަނެއް ނުފެނެއެވެ. އެހިނދު އެކަލޭގެފާނު ވިދާޅުވިއެވެ. "މަންމަ ނަންގަވަން ބޭނުންވެލައްވާ ކާއެތިކޮޅެއް، އަޅުގަނޑަށް މަންމައަށްވުރެ ކުރިން ނެގި މަންމަގެ ހިތުގައި ޖެއްސިދާނެކަމަށް އަޅުގަނޑު ބިރުގަނެއެވެ." ސުބުޙާނަﷲ... ކޮންފަދަ މިޘާލެއްތޯއެވެ! މިއަދު އަޅުގަނޑުމެންގެ ތެރެއިން ގިނަމީހުން، މައިންބަފައިންގެ ހިތުގައި ނުޖައްސާދުވަހަކަށް އިރުއަރައި ނުއޮއްސެއެވެ. اللَّهُ الْمُسْتَعَانُ
ދެތިންސަތޭކަ ރުފިޔާ މައިންބަފައިންނަށް ދެވުނީމާ، އެދެމީހުންގެ ޙައްޤު އަދާކުރެވިއްޖެޔޭ އަޅުގަނޑުމެންގެތެރެއިން ގިނަމީހުންނަށް ހީވާކަހަލައެވެ. އެއްފަހަރަކު ޔަމަނުގެ އަހުލުވެރިއަކު، އޭނާގެ ބުރަކަށިމަތީ މަންމަ އުފުއްލައިގެން ޙައްޖަށްދިޔައެވެ. އަދި ބުރަކަށިމަތީ އުފުއްލައިގެން މަންމަގެ ޠަވާފުކުރުވިއެވެ. އެއަށްފަހު އިބްނު ޢުމަރު ރަޟިޔަﷲ ޢަންހުމާއަށް މިވާހަކަތަށް ބަޔާންކޮށް، އެކަލޭގެފާނުގެ އަރިހުން ސުވާލުކުރިއެވެ. 'އަޅުގަނޑަށް މަންމަގެޙައްޤު އަދާކުރެވިއްޖެތޯއެވެ؟' އިބްނު ޢުމަރު ރަޟިޔަﷲ ޢަންހުމާ ޖަވާބުގައި ވިދާޅުވިއެވެ. لَا وَلَا بِزَفْرَةٍ وَاحِدَةٍ "ނޫނެކެވެ. އަދި ތިބާއަށް، މަންމަ އުފުލި ވޭންތަކުގެތެރެއިން އެންމެވޭނެއްގެ ޙައްޤުވެސް އަދާނުކުރެވެއެވެ." ﷲ އަކްބަރް... މަންމައަށް އިސްލާމްދީނުގައި ދެވިފައިވާ ދަރަޖައެއްގެ މަތިވެރިކަމާއެވެ!
އެއްދުވަހަކު ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަގެ އަރިހުން މީހަކު ސުވާލުކުރިއެވެ. مَنْ أَحَقُّ بِحُسْنِ صَحَابَتِيْ؟ "އަޅުގަނޑު އެންމެ ހެޔޮކޮށް ހިތަންވީ (ޢާއިލާގެމީހުންގެ ތެރެއިން) ކާކަށްތޯއެވެ؟" އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. أُمُّكَ "ތިބާގެ މަންމައަށެވެ." އޭނާ މިގޮތަށް ތިންފަހަރު ސުވާލުކުރުމުންވެސް އެކަލޭގެފާނު ދެއްވީ މިޖަވާބެވެ. ހަތަރުވަނަފަހަރު އޭނާ ثُمَّ مَنْ؟ "ދެން ކާކަށްތޯއެވެ؟" ސުވާލުކުރުމުން އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. أَبُوْكَ "ތިބާގެ ބައްޕައަށެވެ." (متفق عليه)
އުވައިސުލް ޤަރްނީ ރަޙިމަހުﷲއަށް މުޚަޟްރަމުބޭކަލުންގެ ތެރެއިން ލިބިލެއްވިދަރަޖަ ލިބިލެއްވީވެސް މަންމައަށް ހެޔޮކޮށްހިއްތެވުމުގެ ސަބަބުންނެވެ. އެކަލޭގެފާނަކީ ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަގެ ދުވަސްވަރުވެސް އުޅުއްވި ބޭކަލެކެވެ. ނަމަވެސް ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމައާއި ބައްދަލުކުރައްވަވައި، އެކަލޭގެފާނުގެ ޞަޙާބީއަކަށް ވެވަޑައިނުގެންނެވުނީ މަންމައަށް ޚިދުމަތްކުރެއްވުމުގެގޮތުން މަދީނާއަށް ވަޑައިނުގެން މަޑުކުރެއްވީމައެވެ. الله އަކްބަރް... އެކަލޭގެފާނު، ޞަޙާބީއަކަށްވެލެއްވުމުގެ މާތްޝަރަފު ދޫކުރެއްވީ މަންމައަށްޓަކައެވެ. އެހެންކަމުން ﷲތަޢާލާ އެކަލޭގެފާނު މާތްކުރައްވަވައި، އެކަލޭގެފާނު ދުޢާއެއްކުރައްވައިފިނަމަ، އެދުޢާއެއް ވަގުތުން އިޖާބަކުރައްވައެވެ.
ﷲތަޢާލާ އަޅުގަނޑުމެންނަށްވެސް ތެދުމަގުދައްކަވައި، މައިންބަފައިންނަށް ކަމޭހިތުމުގެ ސަބަބުން ސުވަރުގޭގެ މަތިވެރިދަރަޖަތައްލިބޭ، ޞާލިޙުއަޅުންގެ ތެރެއިން އަޅުގަނޑުމެންވެސް ލައްވަވާށިއެވެ. އާމީން...

އިތުރަށް ވިދާޅުވޭ

ދުނިޔޭގެ ޙަޤީޤަތާމެދު ނަޒަރެއް

ޙަސަން ނާޖީ
ދުނިޔެއަކީ ވަރަށް ޒަމާންވީތަނެކެވެ. އަދި ކަށްވަޅުގައި ހޭދަކުރަންޖެހޭ މުއްދަތަކީވެސް އެހާމެދިގު މުއްދަތެކެވެ. ޤިޔާމަތްދުވަހާމެދު ވިސްނައި ފިކުރުކޮށްފިނަމަ އެއީ ފަންސާސް ހާސް އަހަރެވެ. ސުވަރުގޭގައި ނުވަތަ ނަރަކައިގައިވާ މުއްދަތަކީ ނިމުމެއްނުވާ މުއްދަތެކެވެ. މިފަނާވަނިވި ދުނިޔޭގައި އުޅެންލިބިފައިވާ މުއްދަތަކީ މިސާލަކަށް ފަސްދޮޅަސް އަހަރު ކަމުގައި ބަލަމާ ހިނގާށެވެ. އޭގެތެރެއިން ތިރީސްއަހަރު ހޭދަކުރެވެނީ ނިދުމުގައެވެ. ޙަޔާތުގެ ފުރަތަމަ ފަނަރަ ވަރަކަށް އަހަރު އެއީ އޭނަގެ ޅަފަތުގެ ދުވަސްވަރެވެ. ބާކީއޮތް ފަނަރަ އަހަރުގެ ތެރެއިން ގިނަދުވަސްތައް ހޭދަކުރެވިފައިވަނީ ކެއުންބުއިމާއި މުދާހޯދައި އެއްކުރުމާއި ދުނިޔެވީ އެކިއެކިޝަހުވަތްތަކުގައެވެ. ދެން އާޚިރަތަށްޓަކައި ކޮށްފައިވާ ޢަމަލުތަކަށް ނަޒަރުހިންގައިލާއިރު ވަރަށް ގިނަ ކަންތައްތަކަކީ ދެއްކުންތެރިކަމާއި ޣާފިލުކަންމަތީގައި ކުރެވިފައިވާ ކަންކަމެވެ. އުޚްރަވީޙަޔާތް ކާމިޔާބުކުރުމަށް އޮތީ މިމަދު ދުވަސްކޮޅެވެ.*
____________________________________
* އިބްނު އަލްޖައުޒީގެ لفتة الكبد إلى نصيحة الولد މިފޮތުން ނަގާފައި

އިތުރަށް ވިދާޅުވޭ

24.12.09

އަޅުގަނޑު ހައިރާންވަނީ ތިބޭފުޅުން ހައިރާންނުވާތީއެވެ.

މުޙައްމަދު ޝަމްޢޫން
الْحَمْدُ لِلَّهِ رَبِّ الْعَالَمِيْنَ. وَالصَّلَاةُ وَالسَّلَامُ عَلَى أَشْرَفِ الْأَنْبِيَاءِ وَالْمُرْسَلِيْنَ. نَبِيِّنَا وَحَبِيْبِنَا وَقُدْوَتِنَا مُحَمَّدٍ وَعَلَى آلِهِ وَأَصْحَابِهِ وَمَنْ تَبِعَهُمْ بِإِحْسَانٍ إِلَى يَوْمِ الِّدْينِ. أَمَّا بَعْدُ
ޖޯރޖް އަކީ އުމުރުން 50 އަހަރު ވެފައިވާ ދުޅަހެޔޮ ޞިއްޙަތެއްގެ ވެރިއެކެވެ. އޭނައަކީ ދެއަންހެންކުދިންނާއި ފިރިހެން ކުއްޖެއްގެ ބައްޕައެކެވެ. އޭނާގެ މި ކުޑަކުޑަ އާއިލާ ދިރިއުޅެމުން ގެންދަނީ އެމެރިކާގެ ވޮޝިންޓަނުގައެވެ.
ޙައްޖުމަސް ކައިރިވުމާއެކު ޖޯރޖްއާއި އޭނާގެ ޢާއިލާގެ ހުރިހާ މެމްބަރުންވެސް މިއަހަރުގެ ޢީދުދުވަހަކީ ކޮބައިތޯ ބެލުމަށްޓަކާ ލައިވް އިސްލާމީޚަބަރު ޗެނަލްތަކާއި ނޫސްމަޖައްލާތައް ބަލަންފެށިއެވެ. ޖޯރޖް ރޭޑިއޯ ޗެނަލްތައް އަޑުއަހަމުން ދިޔައިރު، ކުދިންގެ މަންމަ ދިޔައީ ޓީވީ ޗެނަލްތައް ބަލަމުންނެވެ. އަދި ކުދީންތައް ދިޔައީ އިސްލާމީ ވެބްސައިޓުތައް ބަލަމުންނެވެ. އިސްލާމީ މުއައްސަސާއެއްގެ ނަމްބަރު އޮތްނަމަ ކިހާރަނގަޅުހޭ އެމީހުންގެ ހާލުގެ ދުލުން ބުނަމުންދާކަހަލައެވެ. މި އަހަރުގެ އަޟްޙާ ޢީދުދުވަހަކީ ކޮބައިތޯ ސާފުކުރުމަށްޓަކައެވެ.
އެމީހުންގެ މިމަސައްކަތް ނިމުމަކަށްއައީ ޖޯރޖް އަޑުއަހަމުންދިޔަ ރޭޑިއޯ ޗެނަލްއަކުން ޙައްޖުމަހުގެ ފުރަތަމަދުވަހަކީ ކޮބައިކަމާއި މިއަހަރުގެ ޢަރަފާތްދުވަހާއި ޢީދުދުވަހަކީ ކޮންދުވަހެއްކަން އިޢުލާން ކުރުމުންނެވެ. އާއިލާގެ ހުރިހާ މެމްބަރުންވެސް މިލިބުނު ޚަބަރަށްޓަކާ އުފާކޮށް، ތައްޔާރުވާންފެށިއެވެ. ޖޯރޖްވެސް އުޟްޙިޔާކަތިލުމަށްޓަކައި، އޭނާ ރައްކާކޮށްފައިވާ ލާރިކޮޅު ހިފައިގެން ބާޒާރަށް ދިޔައެވެ. އަދި ރޫފަރަނގަޅު ބަކަރިއެއް ގަނެގެން އައެވެ.
އުމުރުން ނުވައަހަރު ފުރުނުތާ މާގިނަދުވަހެއްނުވާ އެމީހުންގެ ހަގު އަންހެންދަރިފުޅު ބުނަމުން ދިޔައެވެ. 'ބައްޕާ.. އަޟްޙާޢީދު ދުވަހަކީ ހާދައުފާވެރި ދުވަހެކެވެ. އެއީ އަޅުގަނޑުމެން އާހެދުންލައި، ޢާއިލާގެ ގޭގެއަށް ޒިޔާރަތްކޮށް ޢާއިލީ ގުޅުން ބަދަހިކުރާދުވަހެވެ. އަދި އުޟްޙިޔާ ކަތިލައި އަވަށްޓެރީންނަށް ހަދިޔާކޮށް، ބޭނުންޖެހިފައިވާ މީހުންނަށް އެހީތެރިވެދޭ ދުވަހެވެ. ބައްޕާ... މިޢީދުދުވަހުން ފެށިގެން އަޅުގަނޑު މޫނުވެސް ނިވާކުރާނަމެވެ. މިހާރު އަޅުގަނޑަކީވެސް ކުޑަކުއްޖެއް ނޫނެވެ.' އެންމެ ހަގުދަރިފުޅުގެ މިވާހަކަތައް އަޑުއަހަމުން ދިޔައިރު ޢާއިލާގެ ހުރިހާމީހުންގެ މޫނުމަތިންވެސް އުފާވެރިކަމުގެ އަސަރުތައް ފެންނަމުން ދިޔައެވެ.
ޖޯރޖްގެ ފިރިހެން ދަރިފުޅު އައިސް ބުންޏެވެ. 'ބައްޕާ... އުޟްޙިޔާ އާއި ބެހޭ މަޢުލޫމާތުތަށް ދީނީ ވެބްސައިޓުތަކާއި ބްލޮގްތަކުން އަޅުގަނޑު މިއައީ ބަލާފައެވެ. އެ ސައިޓުތަކުގައި އުޟްޙިޔާއެއްގެ ގޮތުގައި ކަތިލާއެތީގައި ހުންނަންވާ ޝަރުޠުތަކާއި އުޟްޙިޔާ ކަތިލާ މީހާގެ ކިބައިގައި ހުންނަވާ ޝަރުޠުތައްވެސް ބަޔާންކޮށްފައިވެއެވެ. އަދި އުޟްޙިޔާގެ އަދަބުތައްވެސް ބަޔާންކޮށްފައިވެއެވެ. އުޟްޙިޔާ ކަތިލުމަށްފަހު،ފަޤީރުންނާއި މިސްކީނުންނަށް 3/1 ޞަދަޤާތް ކުރުމަށާއި 3/1 އަވަށްޓެރީންނަށް ހަދިޔާ ކުރުމަށާއި 3/1 އަޅުގަނޑުމެންގެ ބޭނުމަށް ބެހެއްޓުމަށް އެސައިޓުތަކުގައި އިރުޝާދު ދީފައިވެއެވެ.'
އެންމެފަހުން، އެމީހުން އެދުވަހެއްގެ އިންތިޒާރުގައިތިބި އަޟްޙާ ޢީދުދުވަސް ޖެހިއްޖެއެވެ. ޖޯރޖް ބާޒާރުން ގަނެގެންއައި ބަކަރި ކަތިލުމުން، ކުދީންގެ މަންމައާއި ކުދީންތައް އެއެއްޗިހި ތިންބަޔަށް ބެހިއެވެ. ޖޯރޖް ފާޚާނާއަށްވަދެ ފެންވަރާ ތައްޔާރުވެގެން ނިކުމެ، ޢާއިލާގެ ހުރިހާ އެންމެންނަށްވެސް، ފައްޅިއަށް ދިއުމަށްޓަކާ ތައްޔާރުވުމަށް ބުންޏެވެ.
ފައްޅި!!!!!!!!!!!! އާއެކެވެ. ތިބޭފުޅުން އިތުރުސުވާލެއް ކުރެއްވުމުގެކުރީން އަޅުގަނޑު މިދެނީ ޖަވާބެވެ. ޖޯރޖް އަކީ ﷲގެ އެއްކައުވަންތަކަން ޤަބޫލުކޮށް މުޙައްމަދު ޞައްލަﷲ ޢަލައިހިވަސައްލަމަގެ ރިސާލަތު ތެދުކުރާ މުސްލިމެއް ނޫނެވެ. އެހެނެއްކަމަކު އޭނައާއި، އޭނާގެ ޢާއިލާގެ ހުރިހާ މެމްބަރުންނަކީވެސް ޢީސާ ޢަލައިހިއްސަލާމަކީ ﷲގެ ދަރިކަލެއް ކަމަށް ބުނަމުންދާ ނަޞާރާ ދީނުގެ ބައެކެވެ. މިހެން ބުނުމުން ތިބޭފުޅުން ހައިރާންވާނެކަން އަޅުގަނޑަށް އެނގެއެވެ. އަދި އަޅުގަނޑުގެ މިވާހަކަ ތެދުކުރަން ދަތިވާނެކަންވެސް އެނގެއެވެ. ކީއްވެތޯއެވެ؟ ކާފިރަކު މިފަދަ ގޮތަކަށް ޢަމަލުކުރިވާހަކަ އަޅުގަނޑު ބުނުމުންނެވެ. ކާފިރަކު މުސްލިމުންގެ ޢީދެއް ފާހަގަކުރި ވާހަކަ ބުނުމުންނެވެ.
ނަމަވެސް މުސްލިމު މުޖުތަމަޢުތަކުގައި ޢަބްދުﷲއާއި، ޢަބްދުރަޙްމާނާއި، ޚަދީޖާއާއި ޢާއިޝާ، ކާފިރުންގެ ޢީދުތައް ފާހަގަކުރަމުންދާއިރު ތިބޭފުޅުން ހައިރާނެއް ނުވެއެވެ. 'ވެލެންޓައިންސްޑޭ' އާއި 'ބާރތުޑޭ' އާއި 'ނިއުޔާރ' އާއި ކާފިރުންގެ އެހެނިހެން ޢީދުތައް މުސްލިމުން ފާހަގަކުރަމުންދާއިރު ތިބޭފުޅުން ހައިރާނެއް ނުވެއެވެ. ނަޞާރާއިންގެ އެންމެބޮޑު އެއް ޢީދު ކަމުގައިވާ 'ކްރިސްމަސް' މުސްލިމު މުޖުތަމަޢުތަކުގައި ފާހަގަ ކުރަމުންދާއިރު ތިބޭފުޅުން ހައިރާނެއް ނުވެއެވެ. ﷲ ތަޢާލާ އަޅުގަނޑުމެން އެންމެނަށްވެސް ހިދާޔަތު ދައްކަވާށިއެވެ!
ކާފިރުންގެ ޢީދުތައް ފާހަނގަ ކުރުމަކީ މުސްލިމުންގެ މައްޗަށް ޙަރާމްކަމެއްކަމުގައި ޢިލްމުވެރިން އިއްތިފާޤުވެވަޑައިގަންނަވާ ކަމުގައި އިބްނުލް ޤައްޔިމް ރަޙިމަހުﷲ 'އަޙްކާމު އަހްލިއްޒިއްމާ' ގައި ވިދާޅުވެފައިވެއެވެ.

އިތުރަށް ވިދާޅުވޭ

23.12.09

އޭ ލޯބިވާ މަންމައާއި ބައްޕައެވެ.

އަޙުމަދު ރިމާޒް

އޭ ލޯބިވާ މަންމައާއި ބައްޕައެވެ.
އޭ އަހަރެންގެ ލޮލުގެ ފިނިކަން ކަމުގައިވާ މަންމާއެވެ.
އޭ އަހަރެންހެ ހިތުގެ ދިރުންކަމުގައިވާ ބައްޕާއެވެ.
އަހަރެން މިސިޓީ ލިޔުމުގެ ކުރިން ވަރަށް ވިސްނީމެވެ.
މިސިޓީ ލިޔަން ވަރަށް ފަސްޖެހުނީމެވެ. ސަބަބަކީ މަންމައާއި ބައްޕައަށްޓަކައި އަހަރެންގެހިތުގައިވާ މަތިވެރި ދަރަޖައެވެ. ތި ދެމައިންނަށްޓަކައި އަހަރެންގެ ހިތުގައިވާ އިޙްތިރާމެވެ.
އެކަމަކު ވަގުތު ފާއިތުވަނީއެވެ. ވަގުތު ފާއިތުވުމުގެ ކުރިން މަންމަމެންނަށް އަހަރެންގެ ހިތުގައިމިވާ އުދާސްތައް ބަޔާންކުރަން ބޭނުމެވެ.
އަހަރެން މިދުނިޔެ އުފަންވި ދުވަހަކީ މަންމައާއި ބައްޕަ އެންމެ އުފާވި ދުވަސްކަން އަހަރެންނަށް އެގެއެވެ. މަންމަމެން އެދުވަހު ވީ އުފަލުން ލޮލޮން އުފާވެރިކަމުގެ ކަރުނަ އޮހޮރިގެން ދިޔައެވެ.
އެންމެ ރީތި ހެދުންތަކާއި ކުޅޭ ސާމާނު އަހަންނަށް ގަނެދިނެވެ.
އެއައްފަހު އެންމެ މަތިވެރި ތަރުބިއްޔަތަކުން އަހަރެން ތަރުބިއްޔަތު ކުރީމުއެވެ.
އަދި އެންމެ މަތިވެރިވެގެންވާ ރީތި އަޚްލާގީ ސިފަތަކުން އަހަރެން ޒީނަތްތެރި ކުރުވީމުއެވެ.
ﷲ ތިދެމައިންނަށް އެއިލާހުގެ ތަނަވަސް ރަހްމަތުން ރަހްމަތްލައްވާށި! އަދި ގިނަގުނަވެގެންވާ ސަވާބާއި ދަރުމަ ދެއްވާށި!
ދުނިޔެއާއި އާޚިރަތުގައި ތި ދެމައިންގެ ގަދަރު އުފުއްލަވާށި!
އަދި ތި ދެމައިން ސުވަރުގޭގެ އެންމެ މަތީ ފިރްދައުސްގައި ލައްވާށި!
އެކަމަކު މަންމަމެންގެ ވަޒީފާއާއި ހުރެ މަންމަމެންގެ ލޯއްބާއި އަޅާލުމާއި އެޙީތެރިކަމުން ފަހުން މަހްރޫމްވިއެވެ.
އަހަރެންގެ ހާލުބަލާލާނެ ވަގުތެއް މަންމަމެންނަކަށް ނުވެއެވެ.
އަހަރެންގެ ސްކޫލްގެ ކިޔެވުމާއި ބެހޭގޮތުން ސުވާލުކޮއްލާނެ ވަގުތެއް މަންމަމެންނަކަށް ނުވެއެވެ.
އަހަރެންގެ ރައްޓެހިންނަކީ ކޮންކަހަލަ ބައެއްކަމެއް މަންމަމެންނެއް ނުބަލަމުއެވެ.
އަހަރެން ގެއިން ބޭރަށްދަނީ ކީއްކުރަންކަމާއި ގެއަށް އެބުރި އަންނަނީ ކޮންއިރަކުކަމެއް މަންމަމެނެއް ނުބަލަމުއެވެ.
އަހަރެންގެ ސްކޫލް ފޮތްތަކާއި، ރިޕޯޓްފޮތްވެސް ބަލާލާނެ ވަގުތެއް މަންމަމެންނަކަށް ނުވެއެވެ.
ލޯބިވާ މަންމައާއި ބައްޕާއެވެ!
އަހަރެން ސްކޫލުދޮށުން ބަލާ އަންނަ ގޭގެ މަސައްކަތުމީހާ ލަސްވެ، އެކަނި މާއެކަނި މަގުމަތީ އެތައް އިރަކު ހުންނަކަން މަންމަމެންނަށް އެގޭހެއްޔެވެ؟
އެހެންކުދިންގެ މައިންބަފައިން އެކުދިންގެ އަތުގައި ހިފައިގެން ގެއަށް ގެންދާ މަންޒަރު އަހަންނަށް ފެނުމުން އެގޮތަށް އަހަންނާއި މެދު މަންމަމެން ކަންތައްކުރަން އަހަރެންވެސް ބޭނުންވާކަން މަންމަމެންނަށް އެގޭހެއްޔެވެ؟
ސްކޫލުގެ ބައެއްފިލާވަޅުތައް އަހަރެންނަކަށް ދޭހައެއްނުވެއެ. އަދި ބައެއް ތަމްރީނުތައް އަމިއްލައަށް ހަދާކަށް އަހަރެންނަކަށް ނޭގެއެވެ.
މިކަންތަކާއި ހުރެ ކުލާހުގައި އަހަންނަށް އަދަބުދެވެނީ ކިހާވަރަކަށް ކަން މަންމަމެންނަށް އެގޭހެއްޔެވެ؟
ކޮންމެ ދުވަހަކު ކުލާހުގައި ހުރިހާ ކުދިންގެ ކުރިމަތީ މުދައްރިސުން އަހަރެންނާއި ސުވާލުކުރެއެވެ.
އަހަރެން ފިލާވަޅުތައް ނަހަދާއަންނާތީއެވެ.
ސުވާލުތަކަށް ޖަވާބު ނުދެވޭތީއެވެ.
މުދައްރުސުން އަހަރެންގެ މަންމައާއި ބައްޕަކޮބާހޭ ސުވާލުކުރެއެވެ.
މަންމަމެން އަހަރެންނަށް އެހީތެރިނުވަނީހޭ، އަހަރެންގެ ފޮތްތައް ނުބަލަނީހޭ ސުވާލުކުރެވެ
ހުރިހާ ކުދިންގެ ކުރިމަތީ މި ގޮތަށް ކަންތައްވާ ކޮންމެ ހިނދަކު އަހަރެންގެ ހިތް ކުދިކުދި ވެގެންދެއެވެ.
އަހަރެންނަށް ގިސްލާރޮވެއެވެ.
މަންމަމެންނަށް އަޅެފަހެ މިކަން އެގޭހެއްޔެވެ.
ސްކޫލަށް ގަޑިޖެހިންދާތީ ސުޕަވައިޒަރުން އަހަންނާއި ސުވާލުކުރެވެ؟
އެހެންކުދިން އިންޓަވަލަލް ކުރަން އެއްޗެހި ގެންނައިރު އަހަރެން އިންޓަވަލް ކުރަން އެއްޗެއް ނުދޭކަން މަންމަމެންނަށް އިނގޭ ހެއްޔެވެ؟
އަހަރެން ކިޔަވަނީ ކޮން ކުލާހެއްގަކަމާއި، ކޮން ގްރެޑެއްގަކަން މަންމަމެނަށް އަޅެ އިގޭހެއްޔެވެ؟
އަހަރެންގެ ރައްޓެހިން އަހަރެން ކައިރީ ބުނެއވެ. އެކުދިންގެ މަންމަމެންނާއި އެކީ ފިލާވަޅުތައް މުރާޖަޢާ ކުރާވާހަކަ. އަދި އަހަރެންގެ ކައިރިން މަންމަމެންނާއި އެކީ ފިލާވަޅު މުރާޖަޢާ ކުރިން ހޭ އެކުދިން ސުވާލުކުރެވެ؟
ލޯބިވާމަންމައާއި ބައްޕާއެވެ. އެކަހަލަ ވަގުތު އަހަރެން ހާދަ ދެރައެއްވެއެވެ. އަކަމަކު މަންމަމެންގެ ގަދަރާއި އިހްތިރާމް އެކުދިންގެ ކުރިމަތީ ގެއްލި މަންމަމެންނަށް މަލާމާތް ކޮށް އިހާނެތި ބަހެއްބުނެފާނެ ކަމަށްޓަކައި އަހަރެން ދޮގުހަދަމެވެ. އަހަރެންވެސް މަންމަމެންނާއި އެކީ ފިލާވަޅުތައް މުރާޖައާކުރީމެވެ.
އާއެކެވެ.......މަންމަމެންނަޓަކައި އަހަރެން އެކުދިން ކުރިމަތީ ދޮގުހަދަމެވެ.
މަންމަމެންދެކެ އަހަރެން ވާ ލޯއްބެއްގެ ސަބަބުންނެވެ. މަންމަމެން ފަޟީހަތް ވެދާނެތީ އަހަރެން މި އުޅެންޖެހޭ ހާލު މަންމަމެންނަށް އެގޭހެއްޔެވެ؟
އަހަރެން ފާއިތުވެގެންމިދިޔަ އަހަރުތަކުގައި ކުރަމުންމިދާ ހިތާމައާއި އިހްސާސްކުރަމުންމިދާ ހިތްދަތިކަމުގެ ސަބަބުން ހިތް މިވަނީ ހަލާކުވާން ކައިރިވެފައެވެ. އަހަރެންގެ އަޑު މިވަނީ ކުރަކި ވެފައެވެ.
އަހަރެން ބޭނުންވަނީ ހަމައެކަނި ކާނެ ތަކެއްޗާއި ލާނެ އަންނައުނު ހޯދަދޭ މައިންބަފައިންނެއް ނޫނެވެ.
އަހަރެން ބޭނުންވަނީ އަހަންނަށް އަޅާލާ ލޯބިކުރާ އަހަރެންގެ އުފަލާއި ހިތާމައިގައި ހިއްސާވާ މައިންބަފައިންނެވެ.
އަހަރެންނަށް އޯގާތެރިވާ ނަސޭޙަތްތެރިވެ އިރުޝާދުދީ އެހީތެރިވާނެ ނަމޫނާ މައިންބަފައިންނެވެ.
އަހަރެންނާއި ތަފާތު ފާޑުފާޑުގެ ކުދިންނާއި ދިމާވެއެވެ. އެކުދިންތައް ފާޑުފާޑުގެ ކަންތައްތަކަށް އަހަންނަށް ހިތްވަރުދީ ވަސްވާސް ދެއެވެ. އަހަންނަށް މި ކުދިންނަކީ ކޮންކަހަލަ ކުދިބައެއްކަމާއި، ހެޔޮނުބައި ކަންތައްތައް މަންމަމެން ބުނެދޭނީ ކޮންއިރަކުބާވައެވެ.
އަހަރެން ކުރާ ޢަމަލެއްގެ ސަބަބުން މަންމަމެންނަށް ހުތުރުނަމެއް ލިބުމުގެ ކުރިން އަހަރެންނަށް ހެޔޮނުބައި ބުނެދީބަލާށެވެ.އަހަރެން މަންމަމެންނަށް އުރެދޭކަށް ބޭނުމެއް ނޫނެވެ. މަންމަމެން ކުރިމަތީޒުވާބު ކުރާކަށް ބޭނުމެއް ނޫނެވެ. އަހަރެން ބޭނުމީ މަންމަމެން މާދަމާ އަހަންނާއި މެދު ފަޚުރުވެރިވާ މޮޅު ކުއްޖަކަށް ވާށެވެ. މައިންބަފައިންނަށް ކިޔަމަންތެރި ސާލިހު ދަރިއަކަށްވާށެވެ. މަންމަމެންގެ ހެޔޮކަމުގެ ތިލަފަތަށް ބަރުކުރާ ފަރާތަކަށް ވާށެވެ
ލޯބިވާ މަންމާއެވެ. ލޯބިވާ ބައްޕާއެވެ.
އަހަރެން މި އެކަނިވެރިކަމާއި ހިތާމައިގެ ފުން ކަނޑަށް ޣަރަގުވުމުގެ ކުރިން ސަލާމަތްކޮށްދޭށެވެ.
އަހަރެން ......................... ހަލާކުކުރުމުގެ ކުރިން ސަލާމަތްކޮށްދޭށެވެ.
ނުބައި ގޯސްބަޔަކު އަހަރެންގެ އަތުގައި ހިފުމުގެ ކުރިން އަހަރެންގެ އަތުގައި ހިފައި ސަލާމަތްކޮށްދޭށެވެ.


ލިޔުނީ

މަންމައާއި ބައްޕަ، ހަދާންނައްތާލާ އެކަހެރި ކޮއްލާފައިވާ ދަރިފުޅު


އިތުރަށް ވިދާޅުވޭ

22.12.09

ހެޔޮއެދޭ އަޚެއްގެ ނަޞޭޙަތް -2

ޙަސަން ނާޖީ
21- ތިބާގެ ހުރިހާ ކަމަކަށްވެސް ވަކި ވަގުތުތަކެއް ކަނޑައަޅާށެވެ. އަދި މިވަގުތުތަކަށް ބަރާބަރަށް ތަބާވާށެވެ.
22- ދިމާވާ ކޮންމެ ގެއްލުމަކާއި ހިތާމައަކީ ﷲގެ ފަރާތުން މެދުވެރިވާކަމެއްކަމުގައި ދަންނާށެވެ. އަދި އެކަންކަމާ މާޔޫސްވުމުގެ ބަދަލުގައި ތިމާއަށް އެކަންކަމުގެ ސަބަބުން ސަވާބާއި ދަރުމަލިބޭނެކަން ދަންނާށެވެ.
23- އަބަދާއި އަބަދު ދުނިޔެވީ ކަންކަމާމެދު ނުވިސްނާށެވެ. އަދި އޭގެ ބަދަލުގައި ﷲގެ ޒިކުރުކުރާށެވެ.
24- ދުނިޔެވީކަމެއްގައިވިއަސް އަދި ދީނީކަމެއްގައިވިއަސް އަނެކުންނަށް ވީވަރަކުން އެހީތެރިކަން ފޯރުކޮށްދޭށެވެ.
25- ކައިބޮއެ އުޅުމުގައި ހަށިގަނޑު ނިކަމެތިވެ ބަލިޖެހިދާ ވަރަށް މަދުންނުކާށެވެ. އަދި އަޅުކަންތައް އަދާކުރުމުގައި ތިމާ ކަންނެތްވެދާވަރަށް ގިނައިންވެސް ކައިބޮއެ ނަހަދާށެވެ.
26- އެހެންމީހުންގެ އަތުގައިވާ އެއްޗިއްސަށް ދަހިވެތި ނުވާށެވެ.
27- އަބަދާއިއަބަދު ﷲއަށް ދުޢާކުރާށެވެ.
28- ތިބާއަށް ލިބިފައިވާ ނިޢުމަތްތަކަށް ޝުކުރުވެރިވާށެވެ. އެއީ ކިތަންމެ ކުޑަނިޢުމަތެއް ކަމުގައިވިޔަސް މެއެވެ. އަދި ދަތިކަމެއް ދިމާވެފައިވި ކަމުގައިވިޔަސް މާޔޫސްނުވާށެވެ. ހުރިހާ ޙާލަތެއްގައިވެސް ﷲއަށް ޙަމްދުކުރާށެވެ.
29- ތިބާގެ ބެލެހެއްޓުމުގެ ދަށުގައިވާ މީހުންނަށް ކުރެވޭ ކުށްތައް އިސްލާޙުކުރުވާށެވެ.
30- އެއްވެސް މީހެއްގެ ޢައިބެއް އެނގިއްޖެނަމަ އެކަން ވަންހަނާކޮށް ފޮރުވާށެވެ. ނަމަވެސް އެމީހަކު، އެހެންމީހަކަށް ގެއްލުމެއްދޭންއުޅޭކަން އެނގިއްޖެނަމަ އެކަން ކުރީބައިގައި އަންގަންވާނެއެވެ.
31- ﷲގެ ޞާލިޙުއަޅުންނާއި ޢިލްމުވެރިންނާއި ބީރަށްޓެހިންނާއި މެހުމާނުންނަށް ޚިދުމަތްކޮށްދިނުމަކީ އުފަލެއްކަމުގައި ހަދާށެވެ.
32- ތަޤުވާވެރި، ހެޔޮލަފާމީހުންނާ އެކުގައި އުޅޭށެވެ.
33- ހުރިހާ ވަގުތަކު، ވީކޮންމެތަނެއްގައިވެސް ﷲއަށް ބިރުވެތިވާށެވެ.
34- ގިނަގިނައިން މަރު ހަނދާންކުރާށެވެ.
35- ކޮންމެ ދުވަހަކުވެސް ތިބާއަށް އެދުވަހަކު ކުރެވުނުކަންތަކާމެދު ފިކުރުކޮށް ނަފްސު ހިސާބުކުރުމަށް ވަގުތުކޮޅެއް ކަނޑައަޅާށެވެ. އަދި ހެޔޮ ޢަމަލުތަކާމެދު އުފާކޮށް ޝުކުރުވެރިވާށެވެ. ނުބައިކަންތަކާމެދު ދެރަވެ ތައުބާވާށެވެ.
36- ނަމަނަމަ ދުވަހަކުވެސް ދޮގެއް ނުހަދާށެވެ.
37- ﷲގެ ޝަރީޢަތާ ޚިލާފުކަންތައްތައް ހިނގާ އެއްވުންތަކަށް ހާޒިރުނުވާށެވެ.
38- ލަދުވެތިކަމާއި މަޑުމައިތިރިކަމާއި ޢިއްފަތްތެރިކަމާއެކު އުޅޭށެވެ.
39- ތިމާގެ ކިބައިގައި މިވެނިއެވެނި މޮޅުސިފަތަކެއް ހުރިކަމަށް ދެކިގެން ބޮޑާވެނުގަންނާށެވެ.
40- ސީދާވެގެންވާމަގުގައި ސާބިތުވެހުރުމުގެ ތައުފީޤުދެއްވުން އެދި ﷲއަށް ދުޢާކުރުންމަތީ ދެމިހުންނާށެވެ.
-ނިމުނީ-

އިތުރަށް ވިދާޅުވޭ

އަޅުގަނޑުމެންގެ ޙަޔާތުގެ ދުވަސްތައް ޤުރުއާން ނުކިޔަވާ ބޭކާރު ގޮތުގައި މިހޭދަ ކޮށްލަނީ ކީއްވެ ހެއްޔެވެ؟

އަހަރެންގެ ރައްޓެއްސަކު ބަލިވެގެން ޑޮކްޓަރަށް ދައްކަން ދިޔަ ދުވަހެކެވެ. ހަވީރު އޮފީސް ނިންމާލާފައި އޭނާ ގޮވައިގެން ޑޮކްޓަރަށް ދައްކަން ދިޔައިމެވެ. އަހަރެމެންނަށް ހޮސްޕިޓަލަށް ދެވުނު އިރު އެތާނގައި ވަރަށް ގިނަ މީހުން ޑޮކްޓަރަށް ދައްކަން އައިސް ތިއްބެވެ. އެހެންކަމުން އަވަހަށް ނަމްބަރެއް ނަގައިގެން ގޮނޑި ބަރީގައި އިށީންދެއްޖައީމެވެ. ހީވާގޮތުން އަހަރެމެން ޖެހޭނީ ގަޑިއެއްހާ އިރު ފަހުންނެވެ.
އެތާނގައި ތަފާތު މީހުން ތިއްބެވެ. ޅަކުދިންނާއި ޒުވާނުންނެވެ. ހަރު މީހުންނާއި މުސްކުޅިންނެވެ. އެކަމަކު އެންމެން ތިބީ ހަނު ހިމޭނުންނެވެ. އެއްބަޔަކު ކިޔަން ބަހައްޓާފައި ހުރި ލީފްލެޓްތައް ކިޔައެވެ. އެއްބަޔަކު ލޯމަރާލައިގެން ތިބި އިރު އަނެއްބަޔަކު ވަށައިގެން ހޯދަނީއެވެ. ގިނަ އިރުވާތީ ފޫހިވެފައެވެ. ހިމޭންކަން ފޫއަޅުވާލަނީ ސުމާރު ނަންބަރުން ނަރުސް ކުއްޖާ ގޮވާލާ އަޑަށެވެ. ކޮންމެ މީހެއްގެ ނަމްބަރު ޖެހުމުންވެސް އެމީހެއްގެ މޫނު މަތިން އުފާވެރިކަން ފާޅުވެގެން ދެއެވެ. އަދި އަވަހަށް އެތެރެއަށް ވަދެއެވެ.
މިހެން އިންދާ އެތާ އިން ޒުވާނަކަށް އަހަރެންގެ ނަޒަރު ހުއްޓުނެވެ. އޭނާ އިނީ ޖީބަށް ލެވޭވަރުގެ ކުޑަ މުސްޙަފެއް (ޚަތިމެއް) ނަގައިގެން އިސްދަށަށް ޖަހައިގެން قرآن ކިޔަވާށެވެ. ފުރަތަމަ އެޒުވާނާ ފެނުމުން އަހަންނަށް އޭނާއަށް ސަމާލުކަމެއް ނުދެވުނެވެ. އެކަމަކު، އިރުގަނޑެއް ފަހުން އެޒުވާނާއާއި ދޭތެރޭ ވިސްނަން އަހަރެންގެ ހިތް މަޖުބޫރު ކުރުވިއެވެ. އޭނާގެ އުޅުމާއި ވަގުތުގެ ބޭނުން ހެޔޮގޮތުގައި ހިފާތަން ފެނިފައެވެ.
ހަޔާތުގެ އެއްގަޑިއިރު ގެއްލި ދިޔައީއެވެ! އެތާނގައި އެހޭދަވި ވަގުތުގެ ބޭނުން ނުހިފުނު ތާނގައި، ވީ ފޫހި ކުރުވަނިވި ވަގުތުތަކަށެވެ!؟!
ދެން ބަންގީގެ އަޑަށް ހޮސްޕިޓަލުގައި ހުރި މިސްކިތަކަށް އަހަރެމެން ދިޔައިމެވެ. އަހަންނަށް ހުރެވުނީ قرآن ކިޔަވަން އިން ޒުވާނާގެ ގާތުގައެވެ. ނަމާދުން ފައިބައިގެން ދިޔައީ އަހަރެމެން އެކުގައެވެ. އޭނާގެ ކަންތަކާއި އަހަރެން އުފާވެ، ޝައުގުވެރިވި ވާހަކަ އޭނާ ގާތުގައި ބުނީމެވެ. އަދި އޭނާ ވަގުތުގެ ބޭނުން ހިފާގޮތް ރަގަޅު ކަމުގައިވެސް ބުނީމެވެ. އޭނާ ބުންޏެވެ. "އެއްވެސް ފައިދާއެއް ނެތްގޮތުގައި އަހަރެމެންގެ ގިނަ ވަގުތުތައް ބޭކާރު ވެގެން ދޭ". މިދުވަސް ތަކަކީ އެއާއި މެދު ސަމާލުކަމެއް ނުދެވި އަހަރެމެންގެ ހަޔާތުން ދޫކުރެވޭ ދުވަސްތަކެކެވެ. ބޭކާރުވެގެންދާ އެއްޗެއްކަން ގަބޫލު ނުކުރެވިއެވެ.
އޭނާ އިތުރަށް ކިޔައިދިނެވެ. "އަހަރެންގެ ރައްޓެއްސަކު ވަގުތުގެ ބޭނުން ރަގަޅު ގޮތުގައި ހިފާނެ ގޮތް ކިޔައިދިން ދުވަހުން ފެށިގެން އަހަރެން ކުޑަ ޚަތިމެއް (ޖީބަށް ލެވޭ ވަރުގެ ކުޑަ މުސްހަފެއް) ގެންގުޅެން". އަދި އެޒުވާނާ ބުންޏެވެ: "އެހެން މީހުން ބޭކާރުކޮށް ދޫކޮށްލާ ކަހަލަ ވަގުތު އަހަރެން ހޭދަ ކުރަނީ قرآن ކިޔެވުމާއިގެން، ގޭގައިވެސް ކިޔަވަން، މިސްކިތުގައި ވެސް ކިޔަވަން".
އޭނާ ކިޔައިދިން ގޮތުގައި قرآن ކިޔެވުމުން އޭގެ ސަބަބުން ގިނަ ގުނަ ފައިދާތަކެއް ލިބިދެއެވެ. މި އާދައިގެ ސަބަބުން އޭނާ ފޫހިވުމާއި ބޭކާރު ވިސްނުންތަކުން ދުރުކޮށްދެއެވެ. އަދި ހަމަ އެހެންމެ، މިހާރު އޭނާ މިތާނގައި ވެސް ދޮޅު ގަޑިއެއްހާއިރު ކިޔެވުމުގައި ހޭދަ ކުރެވިއްޖެއެވެ. ދެން އޭނާ އަހާލިއެވެ. "ދޮޅު ގަޑިއިރު قرآن ކިޔެވުމުގައި ހޭދަ ކުރާނީ ކޮން އިރަކުހެއްޔެވެ؟"
އަހަރެމެން ބޭކާރުގޮތުގައި މިހޭދަ ކޮށްލަނީ ކިހާ ވަގުތެއްކަން އަހަންނަށް ވިސްނުނެވެ. ހަޔާތުގައި ބޭނުމެއް ނެތް ގޮތުގައި މިހޭދަވެގެންދާ ހިނދުކޮޅުތައް، ވަޒަން ކުރެވޭނީ ކޮންއިރަކު ކޮންގޮތަކުން ހެއްޔެވެ؟! ތެދަށް ބުނާ ކަމުގައި ވާނަމަ قرآن ކިޔެވުމާއި ނުލައި މިހޭދަ ކޮށްލެވެނީ ކިތައް މަސް ދުވަސް ހެއްޔެވެ؟!
އަހަންނަށް އެޒުވާނާއާއި ދޭތެރޭ ޚާއްޞަ ޤަދަރެއް ދެވުނެވެ. އަހަންނާއި އެކުގައި ވަގުތު ނުވާކަން، އަހަންނަށް ވަޒަން ކުރެވި އެކަން އަހަންނަށް އެނގުނެވެ. ފަހެ އަހަރެމެން މިކަން ނުކޮށް މަޑު މިކުރަނީ ކީއްވެހެއްޔެވެ؟!
އަހަރެންގެ މިވިސްނުންތަކަށް ހުރަސްއެޅީ ނަރުސް ކުއްޖާ އަހަރެމެންގެ ނަމްބަރު ގޮވާލުމުންނެވެ. އަވަހަށް ޑޮކްޓަރ ކައިރިޔަށް ދިޔައިމެވެ. އެކަމަކު މިހާރު އަހަރެން ވާޞިލްވާން ބޭނުންވާ އެހެން ކަމެއް އެބަ އޮތެވެ.
އަހަރެން ހޮސްޕިޓަލުން ނުކުތުމަށް ފަހު ދިޔައީ ފޮތް ފިހާރައަކަށް ކުޑަ މުޞްޙަފެއްް ގަންނާށެވެ. ގެއްލިގެންދާ ވަގުތުގެ ބޭނުން ހިފާނެ ގޮތާއި މެދު އަހަރެން ވިސްނީމެވެ.
މިކުރު ވާހަކައަކީ ތިޔަ ފަރާތަށް މުހިންމު އެއްޗެއް ކަމަށް ވެއްޖެނަމަ، މިވާހަކަ ރައްޓެހިންނާއި ތިމާގެ މީހުންނާއި އެކު ހިއްސާކުރާށެވެ. ރަސޫލު ﷲ صلى الله عليه وسلم ޙަދީޘް ކުރައްވާފައި ވެއެވެ. "ހެޔޮކަމަކަށް މަގު ދައްކައިފި މީހަކަށް، އެޢަމަލު ކުރި މީހަކަށް ލިބޭ ޘަވާބާއި އެއްފަދަ ޘަވާބު ލިބޭ ހުއްޓެވެ." (ރަވާހު މުސްލިމް). އަދިވެސް އެހެން ޙަދީޘްފުޅެއްގައި ވެއެވެ. "ތިމަންކަލޭގެފާނުގެ ކިބައިން އެންމެ އާޔަތެއްގެ މިންވަރު ވިޔަސް މީސްތަކުންނަށް ފޯރުކޮށްދޭށެވެ."
މާތް الله އަހަރެމެން އެންމެނަށް ހެޔޮ رحمة ލައްވާށިއެވެ. آمين.
قال رسول الله صلى الله عليه وسلم: « من قرأ القرآن وتعلمه وعمل به ألبس يوم القيامة تاجاً من نور ضوؤه مثل ضوء الشمس، ويُكسى والديه حُلتين لا يقوم بهما الدنيا، فيقولان: بم كُسينا؟، فيقال بأخذ ولدكما القرآن » ރަސޫލު الله صلى الله عليه وسلم ޙަދީޘްފުޅު ކުރެއްވިއެވެ: "ޤުރުއާން ކިޔަވައި އަދި އެޤުރުއާން އުނގެނި ދަސްކޮށް، އެއަށް ޢަމަލުކޮށްފި މީހަކަށް ޤިޔާމަތް ދުވަހުން، ނޫރުން ވާ ތާޖެއް އެޅުވޭނެއެވެ. އޭގެ އަލިކަން އިރުގެ އަލިކަން ފަދައިން ވާނެއެވެ. އަދި އެދުވަހު އެމީހެއްގެ މަންމައާއި ބައްޕަގެ ގައިގާ މިދުނިޔެމަތީގައި ނުވާފަދަ ފުރިހަމަ ހެދުމެއް އެޅުވޭނެއެވެ. އެދެމައިން (އުފަލުން) ބުނާނެތެވެ. އަހަރުމެންގެ ގައިގާ މިހެދުން އެޅުވުނީ ކިހިނެއްވެގެން ހެއްޔެވެ؟ ދެން ބުނެވޭނެއެވެ. ތިޔަ ދެމީހުންގެ ދަރިފުޅު ޤުރުއާން ހިތު ދަސްކޮށްފައިވާތީ އޭގެ ސަބަބުންނެވެ." (ޙަދީޘް ރިވާ ކުރެއްވީ ޙާކިމް: 1/268، އިމާމް އަލްޙާކިމް ވަނީ މިޙަދީޘް ޞައްޙަ ކުރައްވާފައެވެ. އަދި އިމާމް ޛަހަބީވެސް ޞައްޙަ ކަމަށް އެއްބަސްވެ ވަޑައިގަންނަވައެވެ).
_______________________________________
މިއީ ދީނީ-ނިއުސް.ކޮމް އިން ނަގާފައިވާ ލިޔުމެކެވެ.

އިތުރަށް ވިދާޅުވޭ

ނައިސް ނުދާނެ ދުވަސް

އަޙުމަދު ރިމާޒް
ހަމަކަށަވަރުން ﷲ ސުބުޙާނަހޫ ވަތަޢާލާ މިދުނިޔޭގެ ޙަޔާތް ލައްވާފައިވަނީ އަބަދަށް ދާއިމަށް ދެމިގެންވާ އެއްޗެއްގެ ގޮތުގައެއް ނޫނެވެ. އެހެނެއްކަމަކު މި ޙަޔާތް ލައްވާފައިވަނީ ނެތިވެ ފަނާވެގެންދާނެ އެއްޗެއްގެ ގޮތުގައެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާގެ މި އިލާހީ ޤާނޫނުން ބޭރުވުމުގެ ބާރެއް ހަމަހިލާ އެއްވެސް މަޚްލޫޤަކަށް ލިބިގެނެއްނުވެއެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ."كُلُّ نَفْسٍ ذَائِقَةُ الْمَوْتِ " (آل عمران:185) " ކޮންމެ ނަފްސަކީވެސް މަރުގެ ރަހަ ދެކޭނެ ނަފްސެކެވެ." އަދިވެސް ﷲ ވަޙީކުރައްވާފައިވެއެވެ. "كُلُّ مَنْ عَلَيْهَا فَانٍ * وَيَبْقَى وَجْهُ رَبِّكَ ذُو الْجَلاَلِ وَالإِكْرَامِ" (الرحمن:26-27) " އެ ބިންމަތީގައިވާ ކޮންމެ އެއްޗަކީ ފަނާވެދަނިވި އެއްޗެކެވެ. އަދި ކަލޭގެފާނުގެ ވެރި، ކީރިތިވަންތަކަމާއި މާތްވަންތަކަމުގެ ވެރި ރަސްކަލާނގެ ޛާތުފުޅު ދެމިވޮޑިގެންވެއެވެ"
މި ފަނާވެދަނިވި ޙަޔާތް ހެއްދެވި ދިރިދެމިގެންވާ، ކާއިނާތުގެ މިލްކުވެރި އިލާހު ވަނީ އެއިލާހުގެ ޙިކްމަތްވަންތަކަމުން މި ޙަޔާތުގައި އަހަރެމެން ހޭދަކުރާނެ ވަޤުތު ކަނޑައަޅުއްވާ ނިންމަވާފައެވެ. އެވަޤުތު އަވަސްކުރުމުގެ އަދި ލަސްކުރުމުގެ ބާރެއް އެއްވެސް ފަރާތަކަށް ލިބިގެނެއް ނުވެއެވެ. އެވަޤުތު ހަމަޖެހޭއިރަށް މި ޙަޔާތާ އަލްވަދާޢު ކިޔަންޖެހޭނެއެވެ. މިކަން ބަޔާންކުރައްވާ ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވަނީ. "فَإِذَا جَاءَ أَجَلُهُمْ لا يَسْتَأْخِرُونَ سَاعَةً وَلا يَسْتَقْدِمُونَ" (النحل: 61) "ފަހެ އެބައިމީހުންގެ އަޖަލު އައިސް ޖެހިއްޖެނަމަ އެންމެ ހިނދުކޮޅެއްގެ މިންވަރުވެސް ލަސްނުކުރެވޭހުއްޓެވެ. އަދި އެންމެ ހިނދުކޮޅެއްގެ މިންވަރު އަވަސްވެސް ނުކުރެވޭހުއްޓެވެ."
އާދެ ދުނިޔޭގެ މި ކުޑަވަޤުތުކޮޅުގެ ޙަޔާތަށް ނިމުމެއް އައުމަށް ފަހު އެހާހިސާބުން އަދި ބައެއްމީހުން ހީކުރާގޮތަށް ހުރިހާކަމެއް ނިމުނީއެއްނޫނެވެ. އެފަދަމީހުން ބުނާ ބުނުން ﷲ ސުބުޙާނަހޫ ވަތަޢާލާ ވަނީ އެއިލާހުގެ ފޮތުގައި ބަޔާންކުރައްވާފައެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވަނީ. "إِنْ هِيَ إِلاَّ حَيَاتُنَا الدُّنْيَا نَمُوتُ وَنَحْيَا وَمَا نَحْنُ بِمَبْعُوثِينَ" (المؤمنون: 37)"އެ ދިރުއުޅުމަކީ، ތިމަންމެންގެ ދުނިޔޭގެ ދިރިއުޅުން ފިޔަވައި އެހެން އެއްޗެއް ނޫނެވެ. ތިމަންމެން މަރުވަމެވެ. އަދި ދިރިއުޅެމުއެވެ. އަދި އަލުން ދިރުއްވައި ފޮނުއްވާނޭ ބަޔަކުކަމުގައި ތިމަންމެން ނުވަމުއެވެ." ކޮންމެއަކަސް މިއީ ﷲ ސުބުޙާނަހޫ ވަތަޢާލާގެ އެއްކައުވަންތަކަމާއި މުހައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ރަސޫލުކަމުގެ ތެދުކަން ޤަބޫލުކުރާ މީހުންގެ ޢަޤީދާއެއްނޫނެވެ.
އަހަރެމެންނަކީ މިދުނިޔޭގެ ޙަޔާތަށް ފަހު އަދި އުޚްރަވީ ޙަޔާތެއް ވާކަން ހިތުން ތެދުކޮށް ކަށަވަރުކޮށްގެން ތިބި ބަޔަކީމުއެވެ. އަދި ހަމައެއާއެކު އަހަރެމެންނަކީ، ޤިޔާމަތް ދުވަހަކީ ނައިސްނުދާނެ ދުވަހެއްކަން ހިތުން ތެދުކޮށް ޤަބޫލުކޮށްގެން ތިބި ބަޔަކީމުއެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ އެދުވަހުގައި އަހަރެމެން އެއެއްޗެއްގެ ބުރަކަށިމަތީގައި ހިނގާބިނގާވެ މި އުޅޭ ބިމާއި، އަހަރެމެންގެ ބޯމަތީގައިމިވާ އުޑާއި، ފެންނަން މިހިރަ ބޮޑު ބިޔަ ފަރުބަދަތަކާއި އަދި ޚުދު އިންސާނުންނަށް އެދުވަހުން ވެގެންދާނެގޮތް އެއިލާހުގެ ފޮތުގައި ވަނީ ވަރަށް ޞަރީޙަކޮށް ބަޔާންކުރައްވާފައެވެ. އެއިލާހު ވަޙީކުރައްވާފައިވާވެއެވެ. "إِذَا رُجَّتِ الأَرْضُ رَجًّا * وَبُسَّتِ الْجِبَالُ بَسًّا *فَكَانَتْ هَبَاءً مُنْبَثًّا" (الواقية: 37) "ބިންގަނޑު ގަދަފަދައަށް ހެލިގެންފި ހިނދެވެ. އަދި ފަރުބަދަތައް ފުނޑުފުނޑުވެ، ހިމުންވެއްޖެ ހިނދެވެ. ފަހެ، ވަޔާ ބުރައިގެންދާ ކުނޑިތަކެއްކަމުގައި އެ ފަރުބަދަތައް ވެއްޖެ ހިނދެވެ." "وَانْشَقَّتِ السَّمَاءُ فَهِيَ يَوْمَئِذٍ وَاهِيَةٌ" (الحاقة: 16) "އަދި އުޑު ފަޅަފަޅައިގެން ދާނެތެވެ. ފަހެ އެދުވަހުން އެ އުޑުވާހުށީ، ބަލިކަށިވެގެންނެވެ" "يَوْمَ يَكُونُ النَّاسُ كَالْفَرَاشِ الْمَبْثُوثِ * وَتَكُونُ الْجِبَالُ كَالْعِهْنِ الْمَنْفُوشِ" (القارعة: 4-5) "ވިއްސިވިހާލިވެގެންދާ ކޮކާތަކެއް ފަދައިން މީސްތަކުން ވާނޭ ދުވަހެވެ. އަދި ބުރުވައިލެވޭ ކެހެރިތަކެއް ފަދައިން ފަރުބަދަތައް ވާނޭ ދުވަހެވެ."
މިއީ އެދުވަހުން މިކައުނަށް އަންނާނެ ބޮޑު އިންޤިލާބުގެ ސިފަތަކެވެ. ލޮބުވެތި އަޚުންނާއި އުޚްތުންނޭވެ! ވިސްނާލާށެވެ. މިފަދަ ނުރައްކާތެރިކަން ބޮޑުވެގެންވާ ދުވަހެއްގައި އަހަރެމެން މި ނިކަމެތި އިންސާނުންގެ ޙާލު ހުންނާނީ ކިހިނެއްހެއްޔެވެ؟ އެދުވަހުން އިންސާނުންގެ ޙާލު ހުންނާނެ ގޮތް ތަޞައްވަރުކުރެއްވުމަށް ކީރިތި ޤުރުއާނަށް ރުޖޫޢަވަމާހިނގާށެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައި ވެއެވެ: "يَا أَيُّهَا النَّاسُ اتَّقُوا رَبَّكُمْ إِنَّ زَلْزَلَةَ السَّاعَةِ شَيْءٌ عَظِيمٌ * يَوْمَ تَرَوْنَهَا تَذْهَلُ كُلُّ مُرْضِعَةٍ عَمَّا أَرْضَعَتْ وَتَضَعُ كُلُّ ذَاتِ حَمْلٍ حَمْلَهَا وَتَرَى النَّاسَ سُكَارَى وَمَا هُمْ بِسُكَارَى وَلَكِنَّ عَذَابَ اللَّهِ شَدِيدٌ" (الحج: 1-2)"އޭ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ވެރިރަސްކަލާނގެއަށް ތިޔަބައިމީހުން ތަޤުވާވެރިވާށެވެ! ހަމަކަށަވަރުން ޤިޔާމަތްވުމުގެ ބިންހެލުމަކީ ބޮޑުވެގެންވާ ކަމެކެވެ. ތިޔަބައިމީހުންނަށް އެ ޒަލްޒަލާ ފެންނަދުވަހު، ކިރުމައިން އެއުރެން ކިރުދޭ ދަރިންގެ މަތިން ހަނދާންނެތި، އަދި މާބަނޑު އަންހެނުން އެއުރެންގެ ބަނޑުގައި އޮތް ދަރި ވިހައި، އަދި މީސްތަކުން މަސްތުވެފައިތިބޭ ބަޔަކުފަދައިން ތިބާ ދެކޭނޫއެވެ. ނަމަވެސް އެއުރެންވަނީ މަސްތުވެފައެއް ނޫނެވެ. އެހެނެއްކަމަކު ﷲ ގެ ޢަޛާބު ގަދަފަދައީއެވެ." އެދުވަހުން އިރު މީސްތަކުންނާއި މޭލެއްގެ ދުރުމިނަށް ގާތް ކުރެވިގެންވާނެއެވެ. އަދި މީސްތަކުން އެބައިމީހުންގެ ޢަމަލުތަކާ އެއްވަރަށް ދަލުގެ ތެރޭގައި ވާނެއެވެ. އެއްބައެއްގެ ފައިގެ ކުޑަ ހުޅާހަމަޔަށް ދާ ހުންނައިރު އަނެއްބައެއްގެ ކަކުލާހަމައަށް ދާހުންނާނެއެވެ. އަދި އަނެއްބައެއްގެ އުނަގަނޑާ ހަމައަށެވެ. އަދި އަނެއްބަޔަކު އެކީ ދަލުގެ ތެރޭގައި ޣަރަގުވެފައި ވާނެއެވެ. އަދި އެދުވަހުން ކުށްވެރި އަޅުންތައް ކަސްތަޅު އެޅުވިފައިފައިވާނެއެވެ. އެދުވަހުން ފޮނި ބަސްތަކަކުން ނުވަތަ ފަށުވި ޢިބާރާތްތަކަކުން ﷲ ސުބުޙާނަހޫ ވަތަޢާލާގެ ޢަދުލުވެރި ހިސާބުބެއްލެވުމުގެ ދަރުބާރުގައި ޢުޒުރެއް ނުދެއްކޭނެއެވެ. އެދުވަހުން ﷲ ސުބުޙާނަހޫ ވަތަޢާލާ ޙުއްޖަތް ޤާއިމްކުރައްވާނީ ޚުދު އަހަރެމެންގެ ގުނަވަންތަކުންނެވެ. އެދުވަހުން ﷲ ސުބުޙާނަހޫ ވަތަޢާލާ އަހަރެމެންގެ ދޫތައް ބަންދުކުރައްވާނެއެވެ. އަދި އަހަރެމެންގެ ގުނަވަންތަކަށް ހެކިދީ ވާހަކަ ދެއްކުމަށް އަމުރުކުރައްވާނެއެވެ. "الْيَوْمَ نَخْتِمُ عَلَى أَفْوَاهِهِمْ وَتُكَلِّمُنَا أَيْدِيهِمْ وَتَشْهَدُ أَرْجُلُهُمْ بِمَا كَانُوا يَكْسِبُونَ" (يس: 65) "މިއަދު ތިމަންރަސްކަލާނގެ އެއުރެންގެ އަނގަތަކުގައި ސިއްކަގައްސުވައި ބަންދުކުރައްވާ ހުށީމެވެ. އަދި އެއުރެންގެ އަތްތައް ތިމަންރަސްކަލާނގެއަށް ބަސްދަންނަވާނެތެވެ. އަދި އެއުރެން ހޯދައިއުޅުނު ޢަމަލުތަކާމެދު އެއުރެންގެ ފައިތައް ހެކިދޭނެއެވެ."
ލޮބުވެތި އަޚުންނާއި އުޚްތުންނޭވެ! ސުވާލަކީ ޔަޤީނުންވެސް ނައިސް ނުދާނެ މި ނުރައްކާތެރި ދުވަހަށް އަހަރެމެން ތައްޔާރުވެފައިވަނީ ކިހާވަރަކަށް ބާވައެވެ؟ އެދުވަހަށް އަހަރެމެން ތައްޔާރުކޮށްފައިވަނީ ނަމާދާއި، ރޯދާއާއި، ޒަކާތާއި، މައިންބަފައިންނަށް ކިޔަމަންތެރިކަން އަދާކުރުމާއި، މީހުންނަށް ހެޔޮފޯރުކޮށްދިނުމާއި، އަދި މިނޫންވެސް ހެޔޮލަފާ ޞާލިޙް ޢަމަލުތައްބާވައެވެ؟ ނޫނީ އަހަރެމެންގެ އަތުގައިވަނީ ފާފަތަކުގެ ބޮޑު ފުނިވަރެއް ބާވައެވެ؟ ރިބާއާއި، ޒިނޭއާއި، ދޮގުހެދުމާއި، ޣީބަބުނުމާއި، މީހުންގެ ޙައްޤުތަކަށް އަރައިގަތުމާއި، މިނޫންވެސް ހުތުރުކަންބޮޑު ފާފަތައްބާވައެވެ؟
ﷲ ސުބުޙާނަހޫ ވަތަޢާލާ ރުހިވޮޑިގަންނަވާ ހެޔޮލަފާ ޞާލިޙް ޢަމަލުތަކާއިގެން އެދުވަހުން އެއިލާހާ ބައްދަލުކޮށްފިނަމަ އެމީހަކު އުޑުތަކާއި ބިންތަކުގެ ތަނަވަސްކަންހުރި ސުވަރުގެ ޙާޞިލުކޮށްފިއެވެ. މިއާޚިލާފަށް ފާޙިޝްޢަމަލުތަކާއި މުންކަރާތްތަކާ އެކު އެއިލާހާ ބައްދަލުކޮށްފިނަމަ އޮތީ ގެއްލުމާއި ހަލާކެވެ. ނަރަކައިގެ ގަދަފަދަވެގެންވާ ވޭންދެނިވެގެންވާ އަލިފާނުގެ ޢަޛާބެވެ. ނަރަކައިގެ ބަނޑޭރިން ކަމުގައި ﷲ ލައްވާފައިވާ ހަރުކަށި ގަދަފަދަ މަލާއިކަތުން އެދުވަހުން އެއްވެސް ރަޙުމެއް ނުކުރާނެއެވެ. ﷲ އަމުރުފުޅަށް އެބޭކަލުން ނަރަކައިގެ އަހުލުވެރިންގެ ގައިގައި ތަޅުއްވާނެއެވެ. ނަރަކައިގެ އަހުލުވެރިންގެ އަލިފާނުގައި އަދައި ރޯފިލައްޖެ ކޮންމެ ހިނދަކު އެބައިމީހުންގެ ހަންތައް ބަދަލުކުރެވޭނެތެވެ. އެއީ ޢަޒާބުގެ ރަހަ ލިބިގަތުމަށް ޓަކައެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައި ވެއެވެ. "إِنَّ الَّذِينَ كَفَرُوا بِآَيَاتِنَا سَوْفَ نُصْلِيهِمْ نَارًا كُلَّمَا نَضِجَتْ جُلُودُهُمْ بَدَّلْنَاهُمْ جُلُودًا غَيْرَهَا لِيَذُوقُوا الْعَذَابَ إِنَّ اللَّهَ كَانَ عَزِيزًا حَكِيمًا "( النساء: 56) " ހަމަކަށަވަރުން ތިމަންރަސްކަލާނގެ އާޔަތްތަކަށް ކާފިރުވި މީހުން ނިކަންހުރެ ތިމަންރަސްކަލާނގެ އެއުރެން ނަރަކަޔަށް ވައްދަވާހުށީމެވެ.އެއުރެންގެ ހަންތައް ރޯފިލައްޖެ ކޮންމެ ހިނދަކު، އެއުރެންގެ ހަންތައް އެނޫންހަންތަކަކަށް ބަދަލުކުރެވޭނެއެވެ. އެއީ އެއުރެން ޢަޒާބުގެ ރަހަ ލިބިގަތުމަށްތަކައެވެ. ހަމަކަށަވަރުން ﷲ އީ ޢަޒީޒްވަންތަ ހަކީމްވަންތަ ރަސްކަލާނގެ ކަމުގައި ވެއެވެ." އެތާގެ އަހުލުވެރިންގެ ކާނާއަކީ ޒައްޤޫމެވެ. އެމީހުންގެ ބުއިމަކީ ލެއާއި އެކުވެފައިވާ ދޮހާއި، ހޫނުކަން ނިހާޔަތަށް ގަދަވެގެންވާ ފެނެވެ. އޭގެ ސަބަބުން އެބައިމީހުންގެ ގޮހޮރުތައް ބުރިބުރިވެގެންދާނެއެވެ. އެ ނަރަކައިގެ ގަދަފަދަވެގެންވާ އަޛާބުފެނުމުން އެހިނދު މި އިންސާނާ އެދުވަހުން ހިތާމަކުރާނެއެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ އެންގެވި ގޮތަށް އުޅެވުނު ނަމައޭ ހިތަށް އަރާނެއެވެ. ދުނިޔޭގެ އަގުހުރި ވަޤުތުތައް ބޭކާރު ގޮތުގައި ނަގާނުލެވުނު ނަމައޭ ހިތަށް އަރާނެއެވެ. ނަމާދު ކުރެވުނު ނަމައޭ ހިތަށް އަރާނެއެވެ. ﷲ އަށް ބިރުވެތި ވެވުނު ނަމައޭ ހިތަށް އަރާނެއެވެ. އަދި އޭނާ ދެރަވާނެއެވެ. މާތް ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ސުންނަތަށް ތަބާނުވެވުނުކަމަށް ޓަކައެވެ. މިވެނި އެވެނި ބަޔަކު އެއީ މިތުރުންކަމުގައި ހެދުނުކަމަށްޓަކައެވެ. "يَا وَيْلَتَى لَيْتَنِي لَمْ أَتَّخِذْ فُلاَنًا خَلِيلاَ * لَقَدْ أَضَلَّنِي عَنِ الذِّكْرِ بَعْدَ إِذْ جَاءَنِي وَكَانَ الشَّيْطَانُ لِلإِنْسَانِ خَذُولاَ" (الفرقان: 28-29) "އޭ ހުރި ހަލާކެއްގެ ބޮޑުކަމާއެވެ! ސަހަރޯއެވެ! ތިމަން އެވެނި މީހަކު މިތުރަކު ކަމުގައި ނުހިފިނަމަ ކިހާ ރަނގަޅުވީސް ހެއްޔެވެ! ހަމަކަށަވަރުން ތިމަންނާއާ ހަމައަށް އެ ޤުރުއާން އައުމަށްފަހު އޭނާ ތިމަން އެއިން އެއްކިބާކޮށް މަގުފުރައްދައިފިއެވެ. އިންސާނާއަށް އޭނާ ދެރަކޮށް ނިކަމެތިކޮށްލާ އެއްޗެއްކަމުގައި ޝައިޠާނާ ވެއެވެ." އަދި އެދުވަހުން ފާސިޤު، ފާޖިރު، ކާފިރު އަޅުން ﷲ ހަޟްރަތުގައި ރޮއި ހޭރެމުން އެމީހުން އަނބުރާ ދުނިޔެއަށް ފޮނުވުމަށް އެދި އާދޭސްކުރާނެއެވެ. އެއީ ކީއްކުރަންތޯއެވެ؟ އެއީ އެމީހުންނަށް އަދާނުކުރެވުނު ނަމާދުތައް އަދާކުރުމަށެވެ. ނުހިފިދިޔަ ރޯދަތައް ހިފުމަށްޓަކައެވެ. އަރައިގަނެވުނު މީސްތަކުންގެ ޙައްޤުތައް އަދާކުރުމަށްޓަކައެވެ. މައިންބަފައިންނަށް ކަމޭހިތުމަށްޓަކައެވެ. ކުރެވުނު ބޮޑުވެގެންވާ ފާހިޝްޢަމަލުތަކުގެ ފާފައިން ތައުބާވުމަށްޓަކައެވެ. ﷲ އެބައިމީހުންނަށް ވަޙީކުރައްވާނެތެއެވެ. ހެޔޮ ވިސްނޭނެ މީހަކަށް ހެޔޮ ވިސްނޭނެހާ ޢުމުރު ތިމަން އިލާހު ތިޔަބައިމީހުންނަށް ނުދެއްވަމުހެއްޔެވެ؟ އަދި އިންޛާރުކޮށް ޙައްޤު ގޮތް ބަޔާންކުރެއްވުމަށްޓަކައި ރަސޫލުންނާއި ނަބިއްޔުން ނުފޮނުއްވަމުހެއްޔެވެ؟ އަދި ހައްޤާއި ބާޠިލް ވަކިކޮށްދެއްވުމަށްޓަކައި ފޮތްތައް ބާވައިނުލައްވަމުހެއްޔެވެ؟ އަދި ލަޢުނަތް ލެއްވިގެންވާ ޝައިޠާނާއަކީ ތިޔަަބައިމީހުންގެ ޢަދުއްވެއްކަން ބަޔާންކޮށްނުދެއްވަމުހެއްޔެވެ؟ ނަމަވެސް ތިޔަބައިމީހުން ވަނީ ތިމަންއިލާހު ދެއްވި ޢުމުރުގެ ދުވަސްތައް ނުކިޔަމަންތެރިގޮތުގައި ހޭދަކޮށްލާފައެވެ. އަދި ތިމަންއިލާހުގެ ރަސޫލުންނާއި ނަބިއްޔުން ދޮގުކޮށްފައެވެ. އަދި ތިމަން އިލާހު ބާވައިލެއްވި ފޮތްތައް ތިޔަބައިމީހުން ވަނީ އެއްކިބާކޮށްލާފައެވެ. އަދި ތިޔަބައިމީހުންވަނީ ޝައިޠާނާއަކީ މިތުރަކު ކަމުގައި ހަދާފައެވެ. އެހެންވީމާ، މިއަދު ތިޔަބައިމީހުންގެ ޢަމަލުތަކުގެ ހިތި ނަތީޖާ ދެކޭށެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ މިބައިމީހުންގެ ވާހަކަ ބަޔާންކުރައްވާ ވަޙީކުރައްވާފައިވެއެވެ. " وَهُمْ يَصْطَرِخُونَ فِيهَا رَبَّنَا أَخْرِجْنَا نَعْمَلْ صَالِحًا غَيْرَ الَّذِي كُنَّا نَعْمَلُ أَوَلَمْ نُعَمِّرْكُمْ مَا يَتَذَكَّرُ فِيهِ مَنْ تَذَكَّرَ وَجَاءَكُمُ النَّذِيرُ فَذُوقُوا فَمَا لِلظَّالِمِينَ مِنْ نَصِيرٍ" (فاطر: 37) "އެއުރެން އެ ނަރަކާގައި ރޮއިހޭރި ދަންނަވާނެތެވެ. އަޅަމެންގެ ވެރި ރަސްކަލާކޮ! އަޅަމެން ކުރަމުން ގެންދިޔަ (ނުބައި) ޢަމަލުނޫން ޞާލިޙް ޢަމަލުކުރުމަށް އަޅަމެން ނެރުއްވައިފާނދޭވެ! ހަނދުމަކުރާނެ މީހަކު އެދުވަސްތަކުގައި ހަނދުމަކުރާހާ ދުވަހު، ތިމަންރަސްކަލާނގެ ތިޔަބައިމީހުންގެ ޢުމުރު ނުދަންމަވަން ހެއްޔެވެ؟ އަދި އިންޛާރުކުރައްވާ ބޭކަލަކު ތިޔަބައިމީހުންގެ ގާތަށް ވަޑައިގަތެވެ. ފަހެ، ތިޔަބައިމީހުން (ޢަޛާބުގެ) ރަހަ ލިބިގަންނާށެވެ! ފަހެ އަނިޔާވެރިންނަށް ނަޞްރުދޭނެ އެއްވެސް މީހަކު ނުވެއެވެ."އެދުވަހުން ﷲ ސުބުޙާނަހޫ ވަތަޢާލާގެ ގަދަފަދަވެގެންވާ ޢަޛާބުން އެއްވެސް މީހަކަށް ސަލާމަތްކަމެއް ހޯދައެއްނުދެވޭނެއެވެ. މަންމައަކަށް، ބައްޕައަކަށް، ދަރިއަކަށް، ބޭބެއަކަށް، ދައްތައަކަށް، އަންބަކަށް، ފިރިއަކަށް އަދި އެއްވެސް މީހަކަށް އަނެކަކަށް ނަޞްރެއް ނުދެވޭނެއެވެ. އެންމެންވެސް އުޅޭނީ އެމީހެއްގެ އަމިއްލަ ނަފްސު ސަލާމަތްނުވެގެންނެވެ.
އާދެ މިއީ ޤިޔާމަތްދުވަހު މީސްތަކުންގެ ޙާލަތު ހުންނާނެ ގޮތުގެ ކުޑަކުޑަ ޚުލާޞާއެކެވެ. އަހަރެމެން ކޮންމެ މީހަކީވެސް އެދުވަހާ ބައްދަލުކުރަންޖެހޭނެ މީހެކެވެ. އަހަރެމެން އެންމެންވެސް ދަތުރުކުރަމުން މިދަނީ އެދުވަހާ ދިމާލަށެވެ. މިދަތުރުގައި އެންމެ ފުރަތަމަ އަހަރެމެންނާ ބައްދަލުކުރާނެ އެކައްޗަކީ މަރެވެ. މި މަރަކީ އެކަކަށް ވެސް އެއިން ބަރީއަވެ ސަލާމަތްވެގަނެވޭނެ އެއްޗެއް ނޫނެވެ. ސަލަފުއްޞާލިޙުންގެ ބޭކަލެއްކަމުގައިވާ އިބްނު ސައްމާކު ރަޙިމަހުﷲ ވިދާޅުވިއެވެ. "އެއްދުވަހަކު މަސްވެރިއަކު އޭނާގެ އާދައިގެ މަތިން މަސްބޭނުމަށްޓަކައި އަތިރިމައްޗަށް ނުކުމެ ކަންވާރު މޫދަށް އެއްލިއެވެ. އެހިނދުގައި ބުޅީގައި އެއްޗެއް އަޅައިގަތެވެ. ދަމާ ނަގާ ބެލިއިރު އެއީ ޤަބުރެއްގެ ބޮލުގެ ކަށިގަނޑެކެވެ. އެހިނދު އެމަސްވެރިޔާ އެކަށިގަނޑަށް ބަލާލާފައި އެކަށިގަނޑާ މުޚާޠަބުކޮށްފައި ރޮމުން ރޮމުން ބުންޏެވެ.
ޢިއްޒައްތެރިއަކު ކަމުގައި ތިބާ ވިއެވެ. އެކަމަކު މި މަރުން ތިބާއަށް ސަލާމަތެއް ނުވެވުނެވެ.
މުއްސަންޖަކު ކަމުގައި ތިބާ ވިއެވެ. އެކަމަކު މި މަރުން ތިބާއަށް ސަލާމަތެއް ނުވެވުނެވެ.
ފަޤީރަކު ކަމުގައި ތިބާ ވިއެވެ. އެކަމަކު މި މަރުން ތިބާއަށް ސަލާމަތެއް ނުވެވުނެވެ.
ދީލަތި މީހަކު ކަމުގައި ތިބާ ވިއެވެ. އެކަމަކު މި މަރުން ތިބާއަށް ސަލާމަތެއް ނުވެވުނެވެ.
ޖައްބާރު މީހަކުކަމުގައި ތިބާ ވިއެވެ. އެކަމަކު މި މަރުން ތިބާއަށް ސަލާމަތެއް ނުވެވުނެވެ.
ޢިލްމުވެރިއަކު ކަމުގައި ތިބާ ވިއެވެ. އެކަމަކު މި މަރުން ތިބާއަށް ސަލާމަތެއް ނުވެވުނެވެ."
މިމަރުން މީހަކަށް ސަލާމަތްކަން ލިބޭނެނަމަ ﷲ ސުބުޙާނަހޫ ވަތަޢާލާގެ ހަޟްރަތުގައި އެންމެ މާތް ވެގެންވާ އެންމެ ލޯބިވެގެންވާ އިންސާނާ އަޅުގަނޑުމެންގެ މާތް ނަބިއްޔާ މުހަންމަދުން ސައްލަﷲ އަލައިހި ވަސައްލަމަށް ސަލާމަތްކަން ލިބުނީހެވެ. ނަމަވެސް އެކަލޭގެފާނަށް ވެސް ﷲ ސުބުހާނަހޫ ވަތަޢާލާގެ މި އިލާހީ ސުންނަތަކުން ސަލާމަތެއް ނުވިއެވެ.
މަރު އަންނާނެ ވަޤުތަކީ އެކަކަށްވެސް އެނގިގެންވާ ކަމެއްނޫނެވެ. އެކަމުގެ ޢިލްމުވަނީ ހަމައެކަނި ﷲ ސުބުޙާނަހު ވަތަޢާލާގެ ހަޟްރަތުގައެވެ. މަރު އިންސާނާއާ ބައްދަލުކުރާކަށް ވަކި ޢުމުރެއް، ވަކި ބައްޔެއް އަދި ވަކި ތަނެއްނުވެއެވެ.
تزود من التقوى فإنك لا تدري إذا جن ليل هل تعيش إلى الفجر

فكم من صحيح مات من غير علة وكم من سقيم عاش حينا من الدهر

وكم من صبي يرتجى طول عمره وقد نسجت أكفانه وهو لا يدري

ލޮބުވެތި އަޚުންނާއި އުޚްތުންނޭވެ! މިމަރާއި މަރުގެ ސަކަރާތަށް އަހަރެމެން ތައްޔާރުވެފައި މިވަނީ ކިހާވަރަކަށް ބާވައެވެ؟ ކައްވަޅާއި އެތާނގެ އަނދިރިކަމަށް އަހަރެމެން ތައްޔާރުވެފައި މިވަނީ ކިހާވަރަކަށް ބާވައެވެ؟ ނަކީރާއި މުންކަރު ދެ މަލާއިކަތުންގެ ސުވާލުތަކަށް އަހަރެމެން ތައްޔާރުވެފައި މިވަނީ ކިހާވަރަކަށް ބާވައެވެ؟ ކާއިނާތުގެ ވެރި ޖައްބާރުވަންތަ ޤައްހާރުވަންތަ އިލާހާ ބައްދަލުކުރުމަށް އަހަރެމެން ތައްޔާރުވެފައި މިވަނީ ކިހާވަރަކަށް ބާވައެވެ؟ އެ ބޮޑުވެގެންވާ ދުވަހުގެ ބޮޑުކަމާމެދު އަޅުގަނޑުމެންގެ ވިސްނުން ބޮޑުކުރާކަށް އަދިވެސް ނުވޭބާއެވެ؟

އިތުރަށް ވިދާޅުވޭ

އުފާވެރި، ހިތްހަމަޖެހޭ، ބާއްޖަވެރި ދިރިއުޅުމެއް ލިބޭނީ ކިހިނެއް؟

އަޙުމަދު ރިމާޒު
الحمد الله رب العالمين, ولي الصالحين, ولا عدوان إلا عل الظالمين والصلاة والسلام على إمام المتقين, وقدوة الناس أجمعين, وعلى آله وصحبه و التابعين. أما بعد:
ހަމަ ޔަޤީނުންވެސް ކޮންމެ އިންސާނަކީ އަމާން، އޮމާން، ބާއްޖަވެރި ޙަޔާތެއް ބޭނުންވާނެ މީހެކެވެ. މުސްލިމަކަށް ވިޔަސް ކާފިރަކަށް ވިޔަސް، ފަޤީރަކަށްވިޔަސް މުއްސަންޖަކަށް ވިޔަސްމެއެވެ. އެންމެންވެސް އެބަޔަކަށް ލިބިފައިވާ އެންމެހާ ވަޞީލަތްތައް ބޭނުންކޮށްގެން މަސައްކަތްކުރަމުން ދަނީ އުފާވެރި، ހިތްހަމަޖެހޭ ޙަޔާތެއް ހޯދުމަށެވެ. އެއްބަޔަކު ދެކޭގޮތުގައި ބާއްޖަވެރި ޙަޔާތެއް ލިބޭނީ ގިނަ މުދަލާއި ފައިސާ ހުރެގެންނެވެ. އަނެއްބަޔަކު ދެކޭގޮތުގައި އެއީ ޖާހާއި މަންސަބާއި މަތީ މަޤާމުން ޙާޞިލުކުރެވިދާނެ އެއްޗެކެވެ. އަދި އަނެއްބަޔަކު ދެކޭގޮތުގައި އުފާވެރި ދިރިއުޅުމެއްގެ ތަޅުދަނޑިއަކީ މަތީ ތަޢުލީމާއި ފާސްތަކެވެ.
ޙަޤީޤަތަކީ ހަމައެކަނި މިކަންކަމުން ބާއްޖަވެރިކަމުގެ އައްސޭރިއާ ހަމައަށް ވާޞިލްނުވެވޭނޭ ކަމެވެ. ދިމާވާ ގޮތަކުން މުދަލުގެ ވެރިޔާގެ މުދާ ގެއްލި ބަނގުރޫޓު ވެދާނެއެވެ. އަދި ދިމާވާ ގޮތަކުން ޖާހާއި މަންސަބާއި މަޤާމުގެ އަހުލުވެރިންގެ ޤަދަރު ވެއްޓިދާނެއެވެ. މުދަލާއި ފައިސާގެ ތަނަވަސްކަމަކީ މާތް ﷲ އިރާދަކުރައްވާ އަޅަކަށް އެއިލާހު އޭނާ އިމްތިޙާން ކުރެއްވުމަށްޓަކައި ދެއްވާ އިމްތިޙާނެކެވެ. އެ އިމްތިޙާނުން ފާސްވުމަށްޓަކައި މުދާ ހޭދަކުރާންވީ ކިހިނެއްކަން އެއިލާހު ވަނީ ބަޔާންކޮށްދެއްވާ ފައެވެ. އެހެންކަމުން މުދަލާއި، ފައިސާއާއި މަޤާމާއި ޖާހާއި މަންސަބުގެ ސަބަބުން ﷲ ސުބުހާނަހޫ ވަތަޢާލާއަށް ކިޔަމަންތެރިކަން އަދާކުރުމަށް ހުރަސް އެޅޭނަމަ އެއީ އެމީހަކަށް ހުރި ހަލާކާއި ގެއްލުމަކަށެވެ. މަގުފުރެދުމެކެވެ. ﷲ ސުބުހާނަހޫ ވަތަޢާލާ ކީރިތި ޤުރުއާނުގައި ވަޙީކުރައްވާފައި ވެއެވެ. " فَلاَ تُعْجِبْكَ أَمْوَالُهُمْ وَلاَ أَوْلاَدُهُمْ إِنَّمَا يُرِيدُ اللَّهُ لِيُعَذِّبَهُمْ بِهَا فِي الْحَيَاةِ الدُّنْيَا وَتَزْهَقَ أَنْفُسُهُمْ وَهُمْ كَافِرُونَ " (التوبة: 55) "ފަހެ އެބައިމީހުންގެ މުދައުތަކާއި، ދަރީންތައް، ކަލޭގެފާނު ޢަޖައިބުކުރުވިޔަ ނުދޭ ހުށިކަމެވެ. ހަމަކަށަވަރުން މާތް ﷲ އިރާދަކުރައްވަނީ ދުނިޔޭގެ ދިރިއުޅުމުގައި އެތަކެތީން އެބައިމީހުންނަށް ޢަޛާބު ދެއްވުމަށެވެ. އަދި އެއުރެން ކާފިރުންކަމުގައި ވާޙާލު އެއުރެންގެ ފުރާނަ ދިޔުމަށެވެ."
ޝާނާއި ޝައުކަތުހުރި ބޮޑު ވެރިކަމަކުން މީހަކަށް ބާއްޖަވެރިކަމެއް ލިބޭނެ ނަމަ ފިރްޢައުނަށް ލިބުނީހެވެ. ނަމަވެސް ފިރްޢައުނުގެ ވެރިކަމަކީ އީމާން ކަމުގެ ނޫރުން އަލިވެފައިވާ ވެރިކަމެއް ނޫނެވެ. ބޮޑާކަމާއި ކިބުރުވެރިކަމުގެ މަތީގައި ބިންގާ އެޅިފައިވާ، އެއްކައުވަންތަ ﷲ އަށް ކިޔަމަންތެރިކަން އަދާކުރުމުން އެއްކިބާވެފައިވާ، އަދި އަނިޔާވެރިކަން ޙައްދުފަހަނަ އަޅާފައިވާ ވެރިކަމެކެވެ. އޭނާ ﷲ ސުބުޙާނަހޫ ވަތަޢާލާ ދެއްވި ވެރިކަމަށް ބޮޑާވެ، ކިބުރުވެރިވެގަތެވެ. މާތް ﷲ ވަޙީކުރައްވާފައިވެއެވެ. " وَنَادَى فِرْعَوْنُ فِي قَوْمِهِ قَالَ يَا قَوْمِ أَلَيْسَ لِي مُلْكُ مِصْرَ وَهَذِهِ الأَنْهَارُ تَجْرِي مِنْ تَحْتِي أَفَلاَ تُبْصِرُونَ " (الزخرف: 51) "އަދި ފިރުޢައުނު އޭނާގެ ޤައުމުގެ މީހުންގެ ތެރޭގައި ހުރެ ގޮވާލިއެވެ. އޭނާ ބުންޏެވެ. އޭ އަހަރެންގެ ޤައުމުގެ މީހުންނޭވެ! މިޞްރުގެ ވެރިކަމާއި އަހަރެންގެ ދަށުން ހިނގަ ހިނގާ މިހުރި ކޯރުތަކުގެ މިލްކުވެރިކަން ލިބިގެންވަނީ ތިމަންނާއަކަށް ނޫން ހެއްޔެވެ؟ ފަހެ ތިޔަބައިމީހުންނަށް ނުފެންނަނީ ހެއްޔެވެ؟" މިފަދަ ގޮތަކަށް ފިރުޢައުނު އޭނާއަށް ﷲ ދެއްވި މުދަލާއި ވެރިކަމަށް ކިބުރުވެރިވެ ބޮޑާވެ އެންމެ ފަހުން ޙައްދު ފަހަނައަޅައި ގޮސް އޭނާ އަކީ އިލާހުކަމަށް ދަޢުވާކުރިއެވެ. " مَا عَلِمْتُ لَكُمْ مِنْ إِلَهٍ غَيْرِي " (القصص: 38) "އަހަރެން ފިޔަވައި އެހެން އިލާހަކު ތިޔަބައިމީހުންނަށް ވާކަމެއް، އަހަރެންނަށް އެނގިފައެއް ނުވެއެވެ." އާދެ ފިރުޢައުނުގެ މި ކިބުރުވެރިކަމާއި ބޮޑާކަމުގެ ސަބަބުން އޭނާގެ އެ ވެރިކަމުން، ބާއްޖަވެރިކަމާއި އުފާވެރިކަމެއް ނުލިބުނެވެ. އޭގެ ބަދަލުގައި އޭނާއަށް ކުރިމަތިލާންޖެހުނީ ﷲ ސުބުހާނަހޫ ވަތައާލާގެ ކޯފާއާއި ލަޢުނަތާއެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ ކީރިތި ޤުރުއާނުގައި ވަޙީ ކުރައްވާފައިވެއެވެ. " فَأَخَذَهُ اللَّهُ نَكَالَ الأَخِرَةِ وَالأُولَى " (النّازعات: 25) "ދެން ދުނިޔެއާއި އާޚިރަތުގެ ޢުޤޫބާތެއްގެ ގޮތުން މާތްﷲ އޭނާ ހިއްޕެވިއެވެ." އަދިވެސް ﷲ ސުބުޙާނަހޫ ވަތަޢާލާ ފިރްޢައުނާއި އޭނާގެ އަޢުވާނުންނާ ބެހޭގޮތުން ވަޙީކުރައްވާފައިވެއެވެ. " النَّارُ يُعْرَضُونَ عَلَيْهَا غُدُوًّا وَعَشِيًّا وَيَوْمَ تَقُومُ السَّاعَةُ أَدْخِلُوا ءَالَ فِرْعَوْنَ أَشَدَّ الْعَذَابِ " (غافر: 46) "އެއުރެން ހެނދުނާއި ހަވީރު އަލިފާނަށް (އެބަހީ: ކަށްވަޅުގެ ޢަޛާބަށް) ހުށަހަޅުއްވާނެތެވެ. އަދި ޤިޔާމަތުގެ ވަޤުތު އަންނަ ދުވަހު (މަލާއިކަތުންނަށް އަންގަވާނެތެވެ) ފިރްޢައުނުގެ މީހުން އެންމެ ގަދަފަދަ ވެގެންވާ ޢަޛާބަށް (އެބަހީ: ނަރަކައަށް) ވައްދާށެވެ"
ބާއްޖަވެރިކަމަކީ ގިނަމުދަލާއި ފައިސާއިން ލިބޭނެ އެއްޗެއްނަމަ ޤާރޫނަށްވެސް ލިބުނީހެވެ. އޭނާއަށް ﷲ ދެއްވި މުދަލަކީ އެއްގޮތަކަށްވެސް އޭނާއަށް ލިބިފައިވާ ޢިލްމަކާ ހުނަރަކުން ނުވަތަ ވިސްނުންތޫނުކަމާއި ބުރަމަސައްކަތުން ލިބުނު އެއްޗެއްނޫނެވެ. އެއީ މާތް ﷲ އޭނާއަށް އެއިލާހުގެ ފަޟްލުވަންތަވެރިކަމުން ދެއްވި ތަނަވަސްކަމެކެވެ. ނަމަވެސް ﷲ ސުބުޙާނަހޫ ވަތަޢާލާ އޭނާއަށް ދެއްވި ނިޢުމަތްތަކަށް އޭނާ ބޮޑާވެ ކުފުރުވެރިވެގަތެވެ. ދުނިޔޭގެ ދަޅަތަކަށް ހެއްލިގެންވާ ޙާލު އޭނާ އުފާކޮށް މަޖާކުރަމުން ދިޔައެވެ. މީސްތަކުންގެ ޙައްޤުތައް އަދާކުރުމުން އެއްކިބާވެގަތެވެ. އަދި ބިންމަތި ފަސާދަކޮށް އަނިޔާވެރިކަން ޢާއްމުކުރިއެވެ. ފާޅުވެގެންވާ މަގުފުރެދުމަކުން މަގުފުރެދި ގަތެވެ. މި މަގުފުރެދުމުގެ ޖަޒާއަކަށްވީ: " فَخَسَفْنَا بِهِ وَبِدَارِهِ الأَرْضَ " (القصص: 81) "ފަހެ ތިމަން ﷲ އޭނާއާއި އޭނާގެ (ޚަޒާނާތަކާއި) ގެއާއެކުގައި ބިންގަނޑު ގަންބަވައިގަތީމެވެ."
ލޮބުވެތި އަޚުންނާއި އުޚްތުންނޭވެ! ފިރްޢައުނަށާއި ޤާރޫނަށް އެމީހުންގެ ވެރިކަމުން އަދި މުއްސަދިކަމުން ބާއްޖަވެރިކަމެއް ނުލިބުނެވެ. އޭގެ ބަދަލުގައި އެކަންތައްތައް ވެގެންދިޔައީ އެމީހުންނަށް ޢަޒާބާއި ހަލާކު ޙައްޤުވުމަށް މެދުވެރިވި ސަބަބަކަށެވެ. އަޅުގަނޑުމެން މިއަދު މިވަނީ ޙަޤީޤީ ބާއްޖަވެރިކަން ލިބޭނެ މަގު ކަމުގައިވާ ﷲ ސުބުޙާނަހޫ ވަތަޢާލާއަށް ފުރިހަމަގޮތުގައި އީމާންވެ އެއިލާހަށް ފުރިހަމަގޮތުގައި ކިޔަމަން ތެރިވުމުން އެއްކިބާވެފައެވެ. އަޅުގަނޑުމެން މިވަނީ ދުނިޔޭގެ މި ކެހިވެރި ދިރިއުޅުމުގެ ބަދަލުގައި އާޚިރަތް ވިއްކާލާފައެވެ. އަޅުގަނޑުމެން ދުނިޔޭގެ ކަންތައްތަކާއި މަޝްޣޫލުވުމުގެ ސަބަބުން ﷲ ސުބުޙާނަހޫ ވަތަޢާލާ ގެ ޙަޟްރަތަށް ކުއްތަންވެލާނެ ވަޤުތެއް ނުވެއެވެ. މިސްކިތްތައް އާބާދު ކޮށްލާނެ ފުރުޞަތެއް ނެތެވެ. ކީރިތި ޤުރުއާން ކިޔަވާލާނެ ވަޤުތެއް ނެތެވެ. އަނބިދަރިންނާ އެކީ ހޭދަކޮށްލާނެ ވަޤުތެއް ނުވެއެވެ. އެފަދަ މީހުން ކިތައްމެ ހިތްހަމަޖެހޭ ދިރިއުޅުމެއްގައި އުޅޭހެން އަޅުގަނޑުމެންނަށް ތަޞައްވަރު ވީކަމުގައި ވިޔަސް ﷲ ގަންދީ ބުނަމެވެ. އެއިން ގެއެއްގެ ތެރޭގައި އެއްވެސް ހިތްހަމަޖެހުމެއް ނުވެއެވެ. އަނބިމީހާއާއި ފިރިމީހާ އާއި ދެމެދު ލޯބިވެރިކަމާއި ކުލުނާއި ހިތްހަމަޖެހުމެއް ނެތެވެ. މައިންބަފައިންނާއި ދަރިންނާއި ދެމެދު އެއްވެސް އަޅާލުމާއި އޯގާތެރިކަމެއް ނެތެވެ. އަރާމުގައި ހިތްހަމަޖެހިގެން ނިދައިނުލެވެއެވެ. ނިދާލަން ވެސް މި ޖެހެނީ ބޭސްގުޅައެއް ކާލައިގެންނެވެ. ކުއްޖަކަށް ދިމާވި ޙާދިޘާއެކެވެ. ވިޔަފާރިއާއިގެން ހޭބޯނާރާ މަސައްކަތްކުރަމުން ދިޔަ ބައްޕައެއްގެ ދަރިއެކެވެ. އެއްދުވަހަކު މި ބައްޕަ ގެއަށް އައިސް ގޭގައި ވެސް މަސައްކަތާއިގެން މަޝްޣޫލުވެ އުޅެނިކޮށް ދަރިފުޅު އައިސް ބައްޕަކައިރިން އެއްޗެއް އަހާލެވިދާނެތޯ އެހިއެވެ. ބައްޕަ ބުންޏެވެ. "އަހަރެން މިހުރީ ބުރަ މަސައްކަތެއްގައިކަން ކަލެއަކަށް ނޭނގޭހެއްޔެވެ؟ އަހަރެން މި ހިރަ ބިލްތައް ޗެކްކުރަން އެބަޖެހެއެވެ. އެހެރަ ޗެކްތަކުގައި ސޮއިކުރަން އެބަޖެހެއެވެ. އަދިވެސް ބައިވަރު މަސައްކަތްތައް ކުރަން އެބެޖެހެއެވެ. އަވަހަށް ބުނާށެވެ!" ދަރިފުޅު ބުންޏެވެ. "ބައްޕަގެ ތިޔަ ވިޔަފާރިން ގަޑިއަކަށް ލިބެނީ ކިހާ ފައިސާއެއް ހެއްޔެވެ؟" ބައްޕަ ބުންޏެވެ. "އެއީ ކީއްކުރަން ކަލޭ ބަލާކަމެއް ހެއްޔެވެ؟ ކަލެއަށް ބޭނުންވާ ހުރިހާ އެއްޗެއް ހަމައަށް ވާނީ ހޯދާދީފައެވެ. އަހަރެންނަށް ލިބެނީ ގަޑިއަކަށް ވިހި ޑޮލަރެވެ. ދެން އުނދަގޫ ނުކޮށް މިތަނުން އަވަހަށް ދާން އުޅޭށެވެ." ދަރިފުޅު ބުންޏެވެ. "އަދި އިތުރު އެއް ސުވާލު ކޮށްލަން އަހަރެން ބޭނުމެވެ. ބައްޕާއެވެ! އަހަރެންނަށް ދިހަ ދޮލަރު ދެވިދާނެތޯއެވެ؟" ބައްޕަ ބުންޏެވެ. "އެއީ ކީއްކުރާ ދިހަ ޑޮލަރެއް ހެއްޔެވެ؟ މި ދިޔަ ހަފްތާގަ ކަލެއަށް ދިހަ ޑޮލަރު ދިނީމު ނޫންހެއްޔެވެ؟ ދެން އުނދަގޫ ނުކޮށް މިތަނުން ދާން އުޅޭށެވެ." އެދަރިފުޅު ބައްޕަގެ ހަރުކަށި ބަހުރުވައިގެ ސަބަބުން ދެރަވެ، އެންމެފަހުން ނިދަން އޮށޯތެވެ. ބައްޕަ އޭނާގެ މަސައްކަތް ނިންމާލުމަށް ފަހު ހަމަޖެހިލިއެވެ. މީގެ ކުޑައިރުކޮޅެއް ކުރިން އޭނާއާއި އޭނަގެ ދަރިފުޅާ ދެމެދު ހިނގި ހޫނު ވާހަކަތައް ޚިޔާލުތަކެއްގެ ސިފާގައި އޭނާގެ ލޮލުގެ ކުރިމަތީގައި ތަމްސީލްވަމުން ދިޔައެވެ. އޭނާގެ ނިންޖަށް ހުރަސްއަޅަމުންނެވެ. ދަރިފުޅާއި ދެމެދު ހިނގި ކަންތަކާއި ފުންކޮށް އޭނާ ވިސްނާލިއެވެ. ދަރިފުޅާއި މެދު ކަންތައް ކުރެވުނީ ރަނގަޅަށް ނޫންކަން އިޙްސާސްކުރެވި ދަރިފުޅުގެ ކިބައިން މަޢާފަށް އެދުމުގެ ޝުޢޫރު އޭނާގެ ހިތުގެ ތެރޭގައި އުތުރިގަތެވެ. އިރުކޮޅަކުން އެ ދާންމަތި ދޫކޮށްފައި ދަރިފުޅާ ދިމާއަށް މިޞްރާބުޖެހިއެވެ. ބައްޕަ ބުންޏެވެ. "ދަރިފުޅާއެވެ! ބައްޕައަށް މާފުކުރާށެވެ. ދަރިފުޅު ބޭނުމީ ދިހަ ޑޮލަރު ނޫންހެއްޔެވެ؟ މި އޮތީ ދިހަ ޑޮލަރެވެ. ހިފާށެވެ" ބައްޕަ ދިހަ ޑޮލަރު ދިނުމުން ދަރިފުޅު އެ ދިހަޑޮލަރު ބާލިސް ދަށަށްލައި ރައްކާކުރިއެވެ. އެ ދިހަ ޑޮލަރު ލާން ބާލީސް ހިއްލާލި ވަޤުތު އޭގެ ދަށުގައި އިތުރު ދިހަ ޑޮލަރު އޮއްވާ ބައްޕައަށް ފެނުނެވެ. ބައްޕަ ބުންޏެވެ. "ދަރިފުޅު އަތުގައި މިހާރުވެސް ދިހަ ޑޮލަރު އެބައޮތް ނޫންހެއްޔެވެ؟ ދެން އަނެއްކާ ކީއްކުރާ ދިހަ ޑޮލަރެއް ހެއްޔެވެ؟" ދަރިފުޅު ބުންޏެވެ. " ބައްޕާއެވެ! އަހަރެން މި ފާއިތުވެދިޔަ ދުވަސްތަކުގައި މިއަންނަނީ ފައިސާ އެއްކުރަމުންނެވެ. މިހާރު އަހަރެންގެ އަތުގައި ވިހި ޑޮލަރު އެއްކޮށްފީމެވެ. އަހަރެން ބޭނުމީ މި ވިހި ޑޮލަރު ބައްޕައަށް ދީފައި ބައްޕަގެ އަތުން މާދަމާ އެއްގަޑިއިރު ގަންނާށެވެ. ބައްޕަގެ ބުރަ މަސައްކަތާ ހެދި ބައްޕަޔާ އެކީ ހޭދަކޮށްލާނެ ވަޤުތުކޮޅެއްގެ އިންތިޒާރުގައި އަހަރެން ހުންނަތާ ފަސް މަސްދުވަސް ފާއިތުވެ ހިނގައްޖެއެވެ. ބައްޕަގެ ހުރިހާ ވަޤުތެއް ތިޔަ ހޭދަކޮށްލަނީ ވިޔަފާރީގައެވެ. ބައްޕަވަނީ މަންމައަށްވެސް އަޅާނުލެވި މަންމަވެސް ދޫކޮށްލާފައެވެ. ތިޔަ ވިޔަފާރީގެ ސަބަބުން އަހަރެން މިވަނީ މަންމަގެ ލޯބިން މަހުރޫމުވެފައެވެ. ބައްޕަ ތިޔަވަނީ ﷲ އަށް އަދާކުރަންޖެހޭ އަޅުކަންތައްވެސް ދޫކޮށްލާފައެވެ. ޢާއިލާގެ އެތައްބަޔަކާ ގުޅުން ކަނޑާފައެވެ. މި އޮތީ ވިހި ޑޮލަރެވެ. އާދޭސްކޮށްފައި ބުނަމެވެ. އަހަރެންނަށްޓަކައި ބައްޕަގެ ވަޤުތުން މާދަމާ އެއްގަޑިއިރު ހުސްކޮށްދެވިދާނޭ ހެއްޔެވެ؟" އެވަޤުތު މި ބައްޕައަށް ކުރާނޭ އަސަރު ތިބާ އިޙްސާސްކޮށްލާށެވެ. މިއަދު ތިބާއަކީ މިފަދަ މީހެއް ހެއްޔެވެ؟ ތިބާގެ އަތުން ފައިސާދީފައި މިގޮތަށް ވަޤުތު ގަންނަންޖެހިފައި ތިބި ކިތައްމީހުން އެބަތިބި ހެއްޔެވެ؟ ތިބާ އެމީހުންނަށް އަދާކުރަންޖެހޭ ޙައްޤުތައް ބަރާބަރަށް އަދާކުރަމު ހެއްޔެވެ؟ އަނބިންނާއި ދަރީންނަށް ލޯބި ދެން ހެއްޔެވެ؟ އެމީހުންނާއެކު ވަޤުތު ހޭދަކުރަން ހެއްޔެވެ؟ ބާއްޖަވެރި އުފާވެރި ޙަޔާތެއްގެ ތަޅުދަނޑިއަކީ ލޯބިވެތިކަމުން ފުރިފައިވާ ޢާއިލާއެއް ނޫންހެއްޔެވެ؟ އެފަދަ ލޯބިވެތިކަމެއް ޢާއިލާގައި ޤާއިމްކުރެވޭނެ ހަމައެކަނި ގޮތަކީ އަހަރެމެންގެ ލޮބުވެތި ރަސޫލާގެ ސުންނަތަށް ތަބާވުން ނޫން ދެން ކޮން ގޮތެއް ހެއްޔެވެ؟ މިއީ ތިބާގެ ޙަޔާތުގެ ބަދަލުކުރުމުގެ ވަޤުތެވެ.
ލޮބުވެތި އަޚުންނާއި އުޚްތުންނޭވެ! މަތީގައިވާ އެވާ ކުރުކުރު ޙާދިޘާއަކީ ޢިބްރަތުން ފުރިގެންވާ ޙާދިޘާއެކެވެ. މިއީ އަޅުގަނޑުމެންގެ ނަޒަރުގައި ފައިސާގެ ގިނަކަމާއި ހުރެ ބާއްޖަވެރި ކަމުގައި އުޅެމުންދާ މީހުންގެ ޙާލު ހުރިގޮތެވެ. މިފަދަ އެތައް މިސާލުތަކެއް އަހަރެމެންގެ މުޖްތަމަޢުން ފެންނާނެއެވެ. ދިރިއުޅުމުގެ ބާއްޖަވެރިކަމާއި އުފާވެރިކަމަކީ ފައިސާއިން ކުރެވޭނެ ކަމެއް ކަމުގައި ހީނުކުރާށެވެ. އަދި ކިޔެއްތަ އެކަން ޙާޞިލްކުރެވޭނެ މަގަކީ ތިބާގެ ޙަޔާތް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ސުންނަތުގެ މަގަށް ފުރޮޅާލުމެވެ. އެއީ އުފާވެރިކަމުގެ މަގެވެ.
އެހެންވީމާ ދެން އުފެދޭ ސުވާލަކީ ބާއްޖަވެރިކަމަކީ ކޮބައިތޯއެވެ؟ ބާއްޖަވެރިކަން ލިބެނީ ކޮންބަޔަކަށްތޯއެވެ؟ މިސުވާލުގެ ޖަވާބު ކީރިތި ޤުރުއާނުގައި ﷲ ސުބުޙާނަހޫ ވަތަޢާލާ އަންނަނިވި އާޔަތުގައި ވަނީ ބަޔާންކުރައްވާފައެވެ. ބާއްޖަވެރި ކަމަކީ ﷲ ސުބުޙާނަހޫ ވަތަޢާލާ އެއިލާހަށް އީމާންވެ ޞާލިޙު ޢަމަލުތައް ކުރުން މަތީ ދެމިތިބޭ ކިޔަމަންތެރި އަޅުންނަށް އެއިލާހު ދެއްވާ ނިޢުމަތެކެވެ. ﷲ ސުބުހާނަހޫ ވަތަޢާލާ ކީރިތި ޤުރުއާނުގައި ވަހީކުރައްވާފައި ވެއެވެ. " مَنْ عَمِلَ صَالِحًا مِنْ ذَكَرٍ أَوْ أُنْثَى وَهُوَ مُؤْمِنٌ فَلَنُحْيِيَنَّهُ حَيَاةً طَيِّبَةً " (النّحل: 97) "މުއުމިނެއްކަމުގައި ވާޙާލު ފިރިހެނުންގެ ތެރެއިން ވިޔަސް ނުވަތަ އަންހެނުންގެ ތެރެއިންވިޔަސް ޞާލިޙު ޢަމަލެއް ކޮށްފިމީހާ (ދަންނާށެވެ) ފަހެ ހަމަކަށަވަރުން އެމީހަކަށް ރަނގަޅު ބާއްޖަވެރި ދިރިއުޅުމެއް ތިމަން ﷲ ދެއްވާހުށީމެވެ." ﷲ ސުބުޙާނަހޫ ވަތަޢާލާ އެވަނީ އެއިލާހުގެ ކިޔަމަންތެރި އަޅުންނަށް އަމާން އޮމާން ރަނގަޅު ޙަޔާތެއް ދެއްވާނެކަމަށް ވަޢުދުވެވޮޑިގެންފައެވެ. އެއިލާހުގެ ވަޢުދަކީ އެއާ ޚިލާފުވުމެއްނެތް ހަމަކަށަވަރުންވެސް ތެދު ވަޢުދެކެވެ. އެކަމުގެ މިސާލުތައް އަހަރެމެންނަށް ފެންނަން އެބަހުއްޓެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާގެ މާތް ނަބިއްޔާ ޔޫސުފު ޢަލައިހިއްސަލާމް އެތައް އަހަރުތަކެއް ވަންދެން ޖަލުގައި އުޅުއްވި އިރުވެސް އުޅުއްވީ އިލާހީ ޙަޟްރަތުން ދެއްވި ހިތްހަމަޖެހުން މަތީގައެވެ. އެއްގޮތަކަށްވެސް ދިރިއުޅުން މަތިން ފޫހިވެ މާޔޫސް ވެނުލައްވައެވެ. ޖަލުގައި ވެސް ﷲ ގެ ދީނަށް ގޮވާލުމުގެ މަސައްކަތް ކުރިއަށް ގެންދެވިއެވެ. މާތް ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ޞަޙާބީން ދިރިއުޅުއްވީ އެބޭކަލުންނަށް މާއްދީ ގޮތުން ދިމާވި ދަތިތަކާއި އެކުވެސް ހިތްހަމަޖެހިގެންވާ ދިރިއުޅުމެކެވެ. ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާ ރަޙިމަހުﷲ އެކަލޭގެފާނު ކަސްތޮޅު އަޅުވައި ކުޑަގޮޅިއަށް ލައި ބަންދުކުރި ހިނދު ވިދާޅުވީ ކީކޭތޯއެވެ؟ "މިބައިމީހުން އަހަރެން ކުޑަގޮޅިއަކަށް ލައި ބަންދުކުރުމުން އެމީހުންނަށް އަހަރެންނަށް އެކުރެވުނީ ކޮން ކަމެއް ހެއްޔެވެ؟ (މުރާދަކީ އެއްވެސް ހިތްދަތިކަމެއް ނުކުރެވެއެވެ.) އަހަރެންގެ ހުރިހާ އުފަލަކާއި ހިތްހަމަޖެހުމެއް ވަނީ އަހަރެންގެ ހިތުގައެވެ. އެބައިމީހުންނަށް އަހަރެންނާއި އަހަރެންގެ ހިތަކާ ވައްކެއް ނުކުރެވޭނެއެވެ." ޙަޤީޤީ ބާއްޖަވެރިކަމަކީ މިއީއެވެ. ދަތި އުނދަގޫ ތަކާ އެކުވެސް އެބައިމީހުން ވަނީ އިލާހީ ހިތްހަމަޖެހުމުން އުފާވެރިކަން ޙާޞިލުކޮށްފައެވެ.
ލޮބުވެތި އަޚުންނާއި އުޚްތުންނޭވެ! މި ބާއްޖަވެރިކަން، މި ހިތް ހަމަޖެހުން، މި އުފާވެރިކަން، މި ފޮނިކަން، މި ލައްޒަތު، ﷲ އަށް ސަޖިދައެއް ޖަހާލާނެ ފުރުޞަތެއް ނުލިބޭ، ޤުރުއާން ކިޔަވާލާނެ ފުރުޞަތެއް ނުލިބޭ ބަޔަކަށް ލިބޭނެ ހެއްޔެވެ؟ އެބައިމީހުންގެ މުއްސަދިކަމަކުން މިފަދަ ރޫޙާނީ އަރާމެއް ނުލިބޭނެއެވެ. އަހަރެމެންގެ މި މާތް ވެގެންވާ ދީނާއި މި މިސްކިތްތަކާއި މި ޤުރުއާނާއި މެދު ކަންތައް މިކުރާ އިހާނެތި ގޮތާއި މެދު މި ދީނާއި މި ޤުރުއާނާއި މި މިސްކިތްތައް ރޯނެ ނަމަ އަނިޔާލިބިފައިވާ ކުޑަކުއްޖަކު ރޯ ފަދައިން ރޯނެއެވެ. އީމާންކަމުގެ ނޫރުން ހިތްތައް އުޖާލާކުރުމެއްނެތި އަދި ހެޔޮލަފާ ޞާލިޙް ޢަމަލުތައް ކުރުމެއް ނެތި ގަނޑުވަރުތަކުގައި އަރާމާއި އުފަލުގެ ވަޤުތީ ދާންމަތި ތަކުގައި މިދުނިޔޭގެ ކުރު ދުވަސްތައް ބޭކާރު ކުރިޔަސް އަދި އެ އުޅެވެނީ ބާއްޖަވެރި ދިރިއުޅުމެއް ނޫނެވެ. އީމާންކަމާއި ހެޔޮލަފާ ޢަމަލުކުރުން ނެތި ކިތަންމެ ގިނަ މުދަލާއި ފައިސާތަކެއް އެއްކޮށް އެއިން އަގުބޮޑެތި ތަކެތި ގަނެ އަގުބޮޑު ޚިދުމަތްތައް ބޭނުންކުރި ކަމުގައިވިޔަސް ބާއްޖަވެރި ދިރިއުޅުމެއް ނުލިބޭނެއެވެ. އެފަދަ މީހުންނަށް ވަނީ މާތްﷲ ޤުރުއާނުގައި ބަޔާންކުރައްވާފައިވާ ފަދައިން ދަތި އުނދަގޫ ދިރިއުޅުމެކެވެ. މާތް ﷲ ވަޙީކުރައްވާފައި ވެއެވެ. " فَإِنَّ لَهُ مَعِيشَةً ضَنْكًا " (طه: 124) "ފަހެ ހަމަ ކަށަވަރުން އެމީހަކަށް ވަނީ ދަތި އުނދަގޫ ދިރިއުޅުމެކެވެ."
ބާއްޖަވެރިކަމާއި އުފާ ފާގަތިކަމަށް ފެންބޮވައިގެންވާ މީސްތަކުންނޭވެ! އަޅުގަނޑުމެން ބާއްޖަވެރި އުފާފާގަތި އަމާން، އޮމާން ހިތްހަމަޖެހޭ ހަޔާތެއް ބޭނުން ކަމަށް ވަންޏާ ﷲގެ ގެކޮޅުތައް އާބާދުކުރުމުން ހިތްހަމަޖެހުން ހޯދަންވީއެވެ. ޤުރުއާން ކިޔެވުމުން ހިތްހަމަޖެހުން ހޯދަންވީއެވެ. ދުނިޔެއާއި އާޚިރަތުގައި ބާއްޖަވެރިވާނެ މަގު ދެއްކެވި މާތް ނަބިއްޔާގެ ސުންނަތަށް ތަބާވުމުން ހިތްހަމަޖެހުން ހޯދަންވީއެވެ. ހެޔޮލަފާ ޞާލިޙު ޢަމަލު ކޮށްގެން ހިތްހަމަޖެހުން ހޯދަންވީއެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާގެ ޛިކްރުކުރުމުން ހިތްހަމަޖެހުން ހޯދަންވީއެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ. " أَلاَ بِذِكْرِ اللَّهِ تَطْمَئِنُّ الْقُلُوبُ " (الرّعد: 28) "ހިތްތައް ހަމަޖެހެނީ ﷲ ހަނދުމަކުރުމުން ނޫން ހެއްޔެވެ؟"

އިތުރަށް ވިދާޅުވޭ