20.12.09

އިސްލާމީ ނަޒަރަކުން ޖަނަވާރުންގެ ޙައްޤުތައް

މުޙައްމަދު ސިނާން
الحمد لله، والصّلاة والسّلام على نبيّنا محمّد وعلى آله وصحبه أجمعين. أمّا بعد!
ﷲ ސުބުޙާނަހޫ ވަތަޢާލާ އެންމެހާ މީސްތަކުން އެންމެ ރިވެތި ސޫރާގައި އުފެއްދެވުމަށްފަހު، އެބައިމީހުން ދިރިއުޅުމަށްޓަކައި ބޭނުންވާނެ އެންމެހާ ވަޞީލަތްތަކެއް އެންމެ ފުރިހަމަ ގޮތުގައި ވަނީ މިކާއިނާތުގައި ލައްވަވާފައެވެ. އެބައިމީހުން ސާފުތާހިރުވުމަށާއި ބުއިމަށް ބޭނުންވާނެ ސާފުޠާހިރުފެން ލިބޭނެގޮތުގެ އިންތިޒާމުވަނީ ހަމަޖައްސަވާ ދެއްވާފައެވެ. އެބައިމީހުންނަކީ ފިނިޙޫނުމިނަށް ނާޒުކު ބައެއްކަމުން، އެފިނިހޫނުމިން އެއްވަރުކޮށްދޭނޭ ނިޒާމެއްވަނީ ލައްވަވާ ދެއްވާފައެވެ. މިފަދަ ގުނާ ޢަދަދުނުކުރެވޭފަދަ ނިޢުމަތްތަކެއް އެއިލާހު ވަނީ އެބައިމީހުންނަށްޓަކައި ދެއްވަވާފައެވެ. އެއިލާހު ވަޙީ ކުރައްވާފައިވާ ފަދައިންނެވެ.
وَآتَاكُم مِّن كُلِّ مَا سَأَلْتُمُوهُ وَإِن تَعُدُّواْ نِعْمَتَ اللّهِ لاَ تُحْصُوهَا إِنَّ الإِنسَانَ لَظَلُومٌ كَفَّارٌ (އިބްރާހީމް 34)
މާނައީ: "އަދި އެއިލާހުގެ ޙަޟްރަތަށް ތިޔަބައިމީހުން ދެންނެވި ކޮންމެ އެއްޗެއް އެއިލާހު ތިޔަބައިމީހުންނަށް ދެއްވިއެވެ. ﷲގެ ނިޢުމަތްތައް ތިޔަބައިމީހުން ގުނާނަމަ، ތިޔަބައިމީހުންނަކަށް އެނިޢުމަތްތައް ޢަދަދު ނުކުރެވޭހުށްޓެވެ. ހަމަކަށަވަރުން، އިންސާނާއަކީ، އަނިޔާވެރިވުން ބޮޑު، (ނިޢުމަތްތަކަށް ޝުކުރުވެރިވުމުގެ ބަދަލުގައި) ކުފުރުވެރިވާމީހެކެވެ."
މިގޮތުން ﷲ ސުބުޙާނަހޫ ވަތަޢާލާ ވަނީ އެބައިމީހުންނަށް ޚިދުމަތްކޮށްދިނުމަށްޓަކައި، އަދި ކެއުމަށްޓަކައި ބޭނުންކުރެވޭނެ ޖަނަވާރުތަކެއް ލައްވަވާފައެވެ. މިތަކެއްޗަކީ އެއިލާހުގެ ރަޙުމަތާއި އޯގާވަންތަވެރިކަމުން މީސްތަކުންނަށްޓަކައި ހައްދަވާފައިވާ އެއިލާހުގެ މަޚްލޫޤުންނެވެ. އެއިލާހު ވަޙީކުރައްވާފައިވެއެވެ.
اللَّهُ الَّذِي جَعَلَ لَكُمُ الْأَنْعَامَ لِتَرْكَبُوا مِنْهَا وَمِنْهَا تَأْكُلُونَ * وَلَكُمْ فِيهَا مَنَافِعُ وَلِتَبْلُغُوا عَلَيْهَا حَاجَةً فِي صُدُورِكُمْ وَعَلَيْهَا وَعَلَى الْفُلْكِ تُحْمَلُونَ * وَيُرِيكُمْ آيَاتِهِ فَأَيَّ آيَاتِ اللَّهِ تُنكِرُونَ ( ޣާފިރު 81،80،79)
މާނައީ: "ﷲއީ، ތިޔަބައިމީހުންނަށްޓަކައި ނަޢަމްސޫފި ލެއްވި އިލާހެވެ. (އެއީ) ތިޔަބައިމީހުން އެއިން (ބައެއް ތަކެއްޗަށް) ސަވާރުވެ އަދި އެއިން ބައެއް ތަކެތި ކެއުމަށްޓަކައެވެ. އަދި އެތަކެތީގައި ތިޔަބައިމީހުންނަށް މަންފާތަކެއްވެއެވެ. އަދި އެތަކެތީގެ މަތީގައި (ދަތުރުކޮށް) ތިޔަބައިމީހުންގެ ހިތްތަކުގައިވާ ބޭނުންތަކަށް ފޯރުމަށްޓަކައެވެ. އަދި އެތަކެތީގެ މަތީގައްޔާއި، އުޅަނދުތަކުގައި ތިޔަބައިމީހުން (އެއްތަނުން، އަނެއްތަނަށް) އުފުއްލެއެވެ. އަދި އެއިލާހު ތިޔަބައިމީހުންނަށް، އެއިލާހުގެ އާޔަތްތައް ދައްކަވަތެވެ. ފަހެ، ﷲގެ އާޔަތްތަކުގެ ތެރެއިން ތިޔަބައިމީހުން އިންކާރުކުރަނީ ކޮންއާޔަތަކަށް ހެއްޔެވެ؟"
ނަމަވެސް މިފަދަ ޖަނަވާރުތައް އެބައިމީހުންގެ ބާރުގެ ދަށުގައި ލައްވަވާފައިވާއިރުވެސް އެތަކެއްޗަށް އޯގާތެރިވުމަށާއި އެތަކެއްޗަށް އަނިޔާވެރިނުވުމަށް އެއިލާހު މީސްތަކުންނަށް އަމުރުކުރައްވައެވެ. އެއިލާހު މީސްތަކުންނަށް ހިދާޔަތެއްކަމުގައި ބާވާލެއްވި ދީނުގައި މިކަމަށް ވަރަށްބޮޑަށް ބާރުއަޅުއްވާފައިވެއެވެ. މިމަޒުމޫނުގައި ޖަނަވާރާމެދު ހެޔޮކޮށްހިތުމަށް އިސްލާމްދީނުގައި ބާރުއަޅާފައިވާ މިންވަރު ކުރުގޮތަކަށް ބަޔާންކުރެވޭ ހުއްޓެވެ. إن شاء الله.
އިސްލާމްދީނާ ޢަދާވާތްތެރި މީހުން ބުނެއުޅޭގޮތުގައި މިދީނުގައި ވަނީ އިންސާނުންނާއި، ޖަނާވާރުންގެ ޙައްޤުތަކެއް ނިގުޅައިގެންފައެވެ. ނަމަވެސް ޝައްކެއްނެތްގޮތުގައި މިދީނަށްވުރެ އިންސާނުންގެ ޙައްޤުތަކާއި، ޖަނާވާރުންގެ ޙައްޤުތައް އެންމެ ފުރިހަމަ ގޮތުގައި ދީފައިވާ އެއްވެސް ދީނެއް ނެތެވެ. ޖަނަވާރުތަކަށް ހެޔޮކޮށް ހިތުމަށާއި، އެތަކެއްޗަށް އަނިޔާވެރިނުވުމަށް މިދީނުގައި ބާރުއަޅާފައިވާ މިންވަރު އެނގިއްޖެނަމަ، އެދީނުގައި އިންސާނީ ޙައްޤުތައް ދެވިފައިވާ މިންވަރު ތަސައްވުރުވެގެން ދާނެއެވެ.
އިސްލާމްދީނުގައި، ކުދިކުދި ހިނިތަކުން ފެށިގެން ބޮޑުމަހާ ދެމެދުގައިވާ އެންމެހާ ޖަނަވާރުންނަށް ވަނީ އެތަކެތީގެ ޙައްޤު އެންމެ ފުރިހަމަ ގޮތުގައި ދެއްވާފައެވެ. އެއިން ޖަނަވާރަކަށް ނުޙައްޤުން ގޯނާކުރުމާއި، އެތަކެއްޗަށް އަނިޔާވެރިވެ އުޅުމަކީ މިދީނުގައި މަނާކުރައްވާފައިވާކަމެކެވެ.
ﷲ ސުބުޙާނަހޫ ވަތަޢާލާ ވަނީ، އަޅުގަނޑުމެނަށް ބިމުގައިވާ އެންމެހާ ޙަލާލު ރަނގަޅުތަކެތިން ކައިބޮއެ އުޅުމަށް އިރުޝާދުދެއްވާފައެވެ. އެއިލާހު ވަޙީކުރައްވާފައިވެއެވެ.
يَا أَيُّهَا النَّاسُ كُلُواْ مِمَّا فِي الأَرْضِ حَلاَلاً طَيِّباً وَلاَ تَتَّبِعُواْ خُطُوَاتِ الشَّيْطَانِ إِنَّهُ لَكُمْ عَدُوٌّ مُّبِينٌ (ބަޤަރާ 168)
މާނައީ: " އޭ މީސްތަކުންނޭވެ! ބިމުގައިވާ ތަކެތީގެ ތެރެއިން حلال ރަނގަޅު ތަކެތި ތިޔަބައިމީހުން ކައިއުޅޭށެވެ! އަދިި ޝައިޠާނާގެ ފިޔަވަޅުތަކަށް ތިޔަބައިމީހުން ތަބާ ނުވާށެވެ! (އެހެނީ) ހަމަކަށަވަރުން އެ ޝައިޠާނާއީ، ތިޔަބައިމީހުންނަށްހުރި ކަނޑައެޅި ބަޔާންވެގެންވާ ޢަދާވާތްތެރިޔެކެވެ."
ޢާލަމްތަކަށް ރަޙުމަތެއްކަމުގައި، ﷲ ފޮނުއްވި މާތް ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ ވަނީ، އަޅުގަނޑުމެން ކެއުމަށްޓަކައި ޖަނަވާރެއް ކަތިލާކަމުގައިވާނަމަ، ރިވެތިގޮތުގައި ކަތިލުމަށް އިރުޝާދު ދެއްވާފައެވެ. ޝައްދާދު ބިން އައުސް ރަޟިޔަﷲ ޢަންހު ރިވާކުރެއްވިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ.
" إِنَّ اللهَ كَتَبَ الإِحْسَانَ عَلَى كُلِّ شَيْءٍ، فَإِذَا قَتَلْتُمْ فَأَحْسِنُوا الْقِتْلَةَ، وَإِذَا ذَبَحْتُمْ فَأَحْسِنُوا الذَّبْحَ، وَلْيُحِدَّ أَحَدُكُمْ شَفْرَتَهُ، فَلْيُرِحْ ذَبِيْحَتَهُ. " (رَوَاهُ مُسْلِمٌ)
މާނައީ: "ހަމަކަށަވަރުން ﷲ ކޮންމެ އެއްޗަކަށްވެސް އިޙްސާންތެރިވުން ލިޔުއްވިއެވެ. (އެބަހީ: ފަރުޟުކުރެއްވިއެވެ.) ފަހެ، ތިޔަބައިމީހުން ޤަތުލުކުރާނަމަ ރިވެތިކޮށް ޤަތުލުކުރާށެވެ. އަދި ތިޔަބައިމީހުން ޛަބަޙަކުރާނަމަ ރިވެތިކޮށް ޛަބަޙަކުރާށެވެ. އަދި ތިޔަބައިމީހުންގެ ތެރެއިން މީހަކު ކަތިލަންގެންގުޅޭ ވަޅި ތޫނުކުރާހުށިކަމެވެ. އަދި ޛަބަޙަކުރާ އެއްޗަށް ވޭންނައަޅާ ގޮތަށް ޛަބަޙަކުރާށެވެ. (އެބަހީ، ޛަބަޙަކުރާއެތީގެ (ކަރުގައި) ވަޅި ކޭއްތުމުގައި އަވަސްކުރާހުށިކަމެވެ.)"
މިޙަދީޘުން ދޭހަވާގޮތުގައި، ޖަނަވާރުންނަށް އޯގާތެރިވުމާއި އެތަކެއްޗަށް ހެޔޮކޮށް ހިތުމަކީ އިޙްސާންތެރިކަމުގެ ތެރެއިންވާ ކަމެކެވެ. އަދި އެއްޗެއް ކަތިލާކަމުގައިވާނަމަ، ނުވަތަ އެއްޗެއް މަރާކަމުގައިވާނަމަ ރިވެތިގޮތުގައި ކަތިލުމަށް ނުވަތަ މަރާލުމަށް އިރުޝާދުދެއެވެ. މިގޮތުން ބޭނުމެއް ނެތި، މަޖަލަކަށް އެތަކެތިމެރުމާއި، ކުދިއަނިޔާ ދީގެން މެރުމާއި، ކޮށި އެއްޗަކުން ކަތިލުން ނުވަތަ މަރާލުމާއި، އެތަކެތީގެ ޙާޟިރުގައި ވަޅި ތޫނުކުރުމާއި، އެހެން ޖަނަވާރެއްގެ ޙާޟިރުގައި ކަތިލުން ނުވަތަ މަރާލުން ފަދަ ކަންކަމަކީ މިޙަދީޘްގައި ބަޔާންވެގެންވާ ރިވެތިގޮތުގައި އެކަންކުރުމާ ޚިލާފުކަންކަމެވެ.
ހަމައެފަދައިން، ދިރިހުރި ޖަނަވާރެއްގެ ގައިން ވަކިކޮށްލެވޭ ގުނަނަކީ ކެއުން ހުއްދަނޫން އެއްޗެކެވެ. އެކަލޭގެފާނު ޙަދީޘްކުރައްވާފައިވެއެވެ.
"مَا قُطِعَ مِنْ الْبَهِيمَةِ وَهِيَ حَيَّةٌ فَهِيَ مَيْتَةٌ" (أحمد، أبو داود، الترمذي- وصححه الشيخ الألباني)
މާނައީ: "ޖަނަވާރަކުން އޭތި ދިރިއޮތް ޙާލު ކަނޑައިލެވޭ ކޮންމެ މަސްކޮޅަކީ، ފަހެ މަރުވެފައިވާ އެއްޗެކެވެ."
ނިކަންވިސްނަވާ ބައްލަވާށެވެ! ޖަނަވާރު ކަތިލުމެއްނެތި ހަމައެކަނި ބޭނުންވާ މަސްކޮޅު ކަނޑައިގެން ކެއުމަކީ އިސްލާމްދީނުގައި ހުއްދަކަމެއް ނޫނެވެ. އަދި ޖަނަވާރަށް އިޙްސާސްވާތަދު ކުޑަކުރުމަށް ވަރަށް ބޮޑު އަހަންމިއްޔަތުކަމެއް އިސްލާމްދީނުގައި ދީފައިވާކަން މިޙަދީޘުން ސާބިތުވެއެވެ. މިކަމުން އިސްލާމްދީނަކީ އެތަކެތީގެ އިޙްސާސްތަކަށް އިޙްތިރާމުކުރާ، އެންމެހާ މީސްތަކުންނަށާއި ޖަނަވާރުތަކަށް އޯގާތެރި ދީނެއްކަން ދަލީލުކޮށްދެއެވެ.
ހަމައެފަދައިން މީސްތަކުންނަށް ޚިދުމަތްކޮށްދޭ ޖަނަވާރުތަކަށްވެސް އޯގާތެރިވުމަށް އިސްލާމްދީނުގައި ނަޞޭޙަތްތެރިވެއެވެ. އެގޮތުން އެތަކެތީގެ މޫނުގައި ތެޅުމާއި، އެތަކެތީގެ މޫނުގައި ފާހަގަ ކަނޑައިނެގުމަކީ މިދީން ބަޔާންކޮށް ދެއްވުމަށް ފޮނުއްވެވުނު ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ނަހީކުރައްވާފައިވާކަމެކެވެ. އެހެނީ އިންސާނުންނެކޭ އެއްފަދައިން ޖަނަވާރުންގެވެސް މޫނަކީ އެތައް ގުނަނެއް އެތަނެއްގައިވާ، ނާޒުކު ތަނެކެވެ. އަދި މޫނުގައި ފާހަގަ ޖަހައިހެދުމަކީ އެތަކެތީގެ ބުރުސޫރަ ގެއްލޭނޭކަމެކެވެ. ޖާބިރު ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ.
"نَهَى رَسُولُ الله صَلَّى الله عَلَيْهِ وَسَلَّمَ عَن الضَّرْبِ فِي الْوَجْهِ, وَعَن الْوَسْمِ فِي الْوَجْهِ" (صحيح مسلم)
މާނައީ: "މޫނުގައި ތެޅުމާއި، މޫނުގައި ފާހަގަ ކަނޑައިނެގުން، ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ނަހީކުރެއްވިއެވެ."
ހަމައެއާއެކު އެތަކެއްޗަށް ސަވާރުވާއިރުވެސް ރިވެތިގޮތުގައި ސަވާރުވުމަށް އަންގަވާފައިވެއެވެ. އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާވެފައިވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ.
"إيَّاكُم أنْ تَتَّخِذُوا ظُهُورَ دَوَابِّكُمْ مَنَابِرَ؛ فإنَّ اللهَ إنَّمَا سَخَّرَهَا لَكُم لِتُبَلِّغَكُم إلى بَلَدٍ لَمْ تَكُونُوا بالغِيهِ إلاَّ بِشِقِّ الأنْفُسِ، وَجَعَلَ لَكُم الأَرْضَ فَعَلَيْهَا فاقْضُوا حَاجَاتِكُم" (سنن أبي داود، وصححه الشيخ الألباني في صحيح الجامع)
މާނައީ: "ސަވާރުވާ ޖަނަވާރުގެ ބުރަކަށްޓަކީ މިންބަރެއް ކަމުގައި ހެދުމުން ދުރުހެލިވުން ތިޔަބައިމީހުންގެ މައްޗަށްވެއެވެ. ފަހެ، ހަމަކަށަވަރުން ﷲ ވަނީ އެތަކެތި ތިޔަބައިމީހުންނަށް ޚިދުމަތްތެރިކޮށްދެއްވާފައެވެ. އެއީ ތިޔަބައިމީހުންގެ ނަފްސުތަކަށް ބުރަކަމާނުލައި ނުދެވޭ ޤައުމުތަކަށް ވާޞިލުވުމަށްޓަކައެވެ. އަދި ތިޔަބައިމީހުން ޤަރާރުވެ ތިބޭ ތަނެއްކަމުގައި ބިން ލެއްވިއެވެ. އެބިންމަތީގައި ތިޔަބައިމީހުން ޤަރާރުވެ ތިބޭ ހުށިކަމެވެ. އަދި ތިޔަބައިމީހުންގެ ޙާޖަތްތައް އެތަނުގައި ފުއްދާހުށިކަމެވެ."
އަބޫ ދާވޫދުގެ ޝަރަޙަ، ޢަވްނުލް މަޢުބޫދުގައިވެއެވެ. މިޙަދީޘްގެ މާނައަކީ ތިޔަބައިމީހުން ގަނެވިއްކުމާއި، ވާހަކަ ދެއްކުން ފަދަ ކަންތައްކުރަން އެތަކެތީގެ މައްޗަށް ސަވާރުވެ ނުތިބޭށެވެ. އެހެނެއްކަމަކު އެފަދަ ކަންތައްކުރަން އެތަކެތީގެ މަތިން ފައިބާށެވެ. ތިޔަބައިމީހުންގެ ޙާޖަތްތައްނިމި، (ދަތުރުކުރަންވީމަ) ސަވާރުވާށެވެ.
އަދި އެތަކެއްޗަށް ރަނގަޅަށް ކާންދިނުމާއި، އެތަކެއްޗަށް ކުޅަދާނަނުވާވަރުގެ އެއްޗެހި އެތަކެތި ލައްވައި އުފުލުމަކީވެސް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ނަޙީކުރައްވާފައިވާކަމެކެވެ. ޢަބްދުﷲ ބިން ޖަޢުފަރު ރަޟިޔަﷲ ޢަންހުމާގެ ކިބައިން ރިވާވެފައިވާ ޙަދީޘެއްގެ މާނާގައި ވެއެވެ.
"އަންޞާރީ ބޭކަލެއްގެ ދަނޑެއްގެ ތެރޭގައި ޖަމަލެއް ވަނިކޮށް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެދަނޑަށް ވަދެވަޑައިގެންނެވިއެވެ. އެޖަމަލަށް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ފެނުމާއެކު ގޮވަން ފަށައިފިއެވެ. އަދި އޭގެ ލޮލުން ކަރުނަ އުތުރިއްޖެއެވެ. ފަހެ، ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަ އެޖަމަލުގެ ކައިރިއަށް ވަޑައިގެން، އޭގެ ކަރުގައި ފިރުމާލެއްވުމުން، އޭތީގެ އަޑު މަޑު ވެއްޖެއެވެ. އޭގެފަހުގައި އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. "މިޖަމަލުގެ ވެރިޔަކީ ކާކު ހެއްޔެވެ؟ މީކާކުގެ ޖަމަލެއް ހެއްޔެވެ؟" އެހިނދު ޒުވާން އަންޞާރީ ބޭކަލަކު ވަޑައިގެން ވިދާޅުވިއެވެ. "އޭ ﷲ ގެ ރަސޫލާއެވެ! އެއީ ތިމަންގެ ޖަމަލެކެވެ." އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. "މިޖަމަލާމެދު ﷲ އަށް ބިރުވެތި ނުވަނީތޯއެވެ؟ މިޖަމަލުގެ މައްޗަށް ﷲ ވަނީ ތިބާ ވެރި ކުރައްވާފައެވެ. ފަހެ ހަމަކަށަވަރުން، ތިބާ މީތި ބަނޑުހައިކޮށް، ވަރުބަލިކުރާކަމުގެ ޝަކުވާ ތިމަންކަލޭގެފާނަށް ކޮށްފިއެވެ." (އަބޫ ދާވުދު، ޝެއިޚް އަލްބާނީ ޞަޙީޙް ވަ ޟަޢީފް އަބީ ދާވުދުގައި ޞައްޙަކަމަށް ވިދާޅުވެފައި )
ހަމައެހެންމެ، މަސްޓޭންކުތަކުގައި މަސްގެންގުޅޭ ފަރާތްތަކުންނާއި، ކޮށިތަކުގައި ދޫނި ނުވަތަ އެހެންވެސް ޖަނަވާރެއް ގެންގުޅޭނަމަ، އެތަކެއްޗާމެދު ސަމާލުވެލެއްވުން ހުއްޓެވެ. އެތަކެއްޗަށް ބޭނުންވާނެ ޟަރޫރީ އެންމެހާ ކަންތައްތަކެއް ފުއްދައިދިނުމަށް އިސްލާމްދީނުގައި ވަރަށް ބޮޑަށް ބާރުއަޅުއްވައެވެ. އެގޮތުން އެތަކެއްޗަށް ރަނގަޅަށް ކާންބޯންދިނުމާއި، އެތަކެތި ބައިތިއްބާފައިތިބޭ ކޮށްޓަކީ އެތަކެއްޗާ އެކަށީގެންވާ ކޮށްޓަކަށް ވާންޖެހޭނެއެވެ. އެހެނީ އެތަކެތީގެ ޤުދުރަތީ މާހައުލުން އެކަހެރިކޮށް، އަޅުގަނޑުމެން އަމިއްލައަށް އަޅުގަނޑުމެންގެ ބާރުގެ ދަށަށް އެތަކެތި ގެނެސްފައިވާއިރު، އެތަކެއްޗަށް އޯގާތެރިވުމަކީ ވާޖިބުކަމެކެވެ. އެކަމަށް ފަރުވާ ކުޑަކޮށްފިނަމަ، އެއީ އަޅުގަނޑުމެން ﷲ އަށް ބިރުވެތިވާންޖެހޭނޭ ކަމެކެވެ. އިބުން ޢުމަރު ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާވެފައިވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްކުރެއްވިއެވެ.
"دَخَلَت امْرَأَةٌ النَّارَ فِي هِرَّةٍ رَبَطَتْهَا فَلَمْ تُطْعِمْهَا وَلَمْ تَدَعْهَا تَأْكُلُ مِنْ خَشَاشِ الأَرْضِ " (صحيح البخاري)
މާނައީ: "ބުޅަލެއްގެ ސަބަބުން އަންހެނަކު ނަރަކައަށް ވަނެވެ. އެއަންހެންމީހާ އެބުޅާ ބަނދެ، އެއަށް ކާކަށްނުދެއެވެ. އަދި ބިންމަތީގައިވާ ތަކެތި ކައި އުޅުމަށް ދޫކޮށެއްވެސް ނުލައެވެ."
އަދި އިސްލާމްދީން ބާރުއަޅުއްވާފައިވަނީ ހަމައެކަނި ޖިސްމާނީގޮތުން އެތަކެއްޗަށް ގޯނާކުރުމުން ދުރުހެލިވުމަށް އެކަންޏެއްނޫނެވެ. ހަމައެހެންމެ ނަފްސާނީގޮތުން އެތަކެއްޗަށް ގެއްލުންވާ އެންމެހާ ކަމަކުން އެއްކިބާވުމަށް އަންގަވާފައިވެއެވެ. އެގޮތުން އެއްޗެއް ކަތިލާއިރު އެހެން އެއްޗެއްގެ ޙާޟިރުގައި ކަތިނުލުމާއި، އެތަކެއްޗަށް ކުދިއަނިޔާ ނުދިނުމާއި، އެތަކެތީގެ ޅަދަރިން ބޭނުމެއްނެތި ނުމެރުމާއި، އެތަކެތީގެ ޅަދަރިންގެ މައިން ބޭނުމެއް ނެތި ނުމެރުން ހިމެނެއެވެ. ޢަބްދުﷲ ބިން މަސްޢޫދު ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާވެފައިވެއެވެ.
"كُنَّا مَعَ رَسُولِ الله صَلَّى الله عَلَيْهِ وَسَلَّمَ فِي سَفَرٍ فَانْطَلَقَ لِحَاجَتِهِ, فَرَأَيْنَا حُمَّرَةً مَعَهَا فَرْخَانِ فَأَخَذْنَا فَرْخَيْهَا, فَجَاءَت الحُمَّرَةُ فَجَعَلَتْ تَفْرِشُ, فَجَاءَ النَّبِيُّ صَلَّى الله عَلَيْهِ وَسَلَّمَ فَقَالَ: مَنْ فَجَعَ هَذِهِ بِوَلَدِهَا؟ رُدُّوا وَلَدَهَا إِلَيْهَا." (سنن أبي داود، وصححه الشيخ الألباني في صحيح و ضعيف سنن أبي داود)
މާނައީ: "ތިމަންމެން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އާއެކު ދަތުރެއްގައި ވީމެވެ. އެކަލޭގެފާނު ޙާޖަތެއް ފުއްދެވުމަށްޓަކައި ވަޑައިގެންނެވިއެވެ. ފަހެ، ތިމަންމެނަށް ޙުއްމަރާއެއް (ފެންފޯއްދޫނި ވަރުގެ ދޫންޏެއް) ދެދަރިންނާއެކު ވާތަން ފެނުނެވެ. އެހިނދު ތިމަންމެން އޭގެ ދެދަރިން ނެގީމެވެ. އެދޫނި އައިސް ހިތާމަޔާއެކު ފިޔަތަޅުވަމުން ތިމަންމެންގެ ބޯމަތީ އުދުހެމުން ދިޔައެވެ. ފަހެ، ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަ ވަޑައިގެން ވިދާޅުވިއެވެ. "ދަރިންތައް ވަކިކުރުމުގެ ސަބަބުން މިދޫންޔަށް ހިތާމަ ކުރިމަތި ކުރުވީ ކާކު ހެއްޔެވެ؟ އޭގެ ދަރިންތައް އެއަށް ރައްދުކުރާށެވެ."
ސުބްޙާނަﷲ! ކޮންފަދަ މާތް އިންސާނެއްތޯއެވެ؟ އޯގާތެރިވުމުގައި މިފަދަ އިންސާނެއް ފެންނާނެތޯއެވެ؟ ﷲގެ ވަޙީ ބަސްފުޅުތައް ތެދުކަމާއެވެ! އެއިލާހު، މުޙައްމަދުގެފާނު ފޮނުއްވާފައިވަނީ ރިވެެތި ޚުލުޤާއިގެން، ޢާލަމްތަކަށް ހެޔޮރަޙުމަތެއްކަމުގައެވެ. ކޮންމެ މަޤާމެއްގައިވެސް، އަދި ކޮންމެ ވަގުތެއްގައިވެސް އެކަލޭގެފާނު ގެނެސްދެއްވި ގޮތްކޮޅު ފިޔަވައި މޮޅު އިތުރު ގޮތެއް އޮންނާނެތޯއެވެ؟ ﷲ ސުބުޙާނަހޫ ވަތަޢާލާ އެކަލޭގެފާނަށް ޞަލަވާތާ ސަލާމް ލައްވާށިއެވެ!
ހަމައެފަދައިން، ޖަނަވާރަށް ހެޔޮކޮށް ހިތުމަކީ އިސްލާމްދީނުގައި އެކަމަށް އަޖުރުލިބޭ ކަމެކެވެ. އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާވެފައިވާ ޙަދީޘެއްގެ މާނައިގައިވެއެވެ. ހަމަކަށަވަރުން ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްކުރެއްވިއެވެ.
"މީހަކު މަގެއްގެމަތިން ހިނގާފައި ދަނިކޮށް، އޭނާގެ ކަރު ހިއްކުން ވަރަށް ބޮޑަށް އިތުރު ވެއްޖެއެވެ. އެހިނދު އޭނާއަށް ވަޅެއްފެނިގެން، އެވަޅަށް ފައިބައި، ފެންބޮއެގެން ވަޅުން އަރައިފިއެވެ. އެވަގުތު ކުއްތާއެއް، އެއަށް ލިބިފައިވާ ކަރުހިއްކުމުގެ ބޮޑުކަމުން ދޫނެރެ ވެލިކާން އިންތަން ފެނުނެވެ. އެމީހާ ބުންޏެވެ. 'ތިމަންނައަށް ކަރުހިއްކުން ޖެހުނުވަރަށް މިކުއްތާއަށްވެސް މިވަނީ ކަރުހިއްކުން ކުރިމަތިވެފައެވެ.' ފަހެ، އެމީހާ ވަޅަށް ފައިބައި، އޭނާގެ ޚުއްފު (އެބަހީ: ހަމުންހަދާފައިވާ އިސްޓާކީން) ފުރެންދެން ފެންއަޅައިފިއެވެ. އަދި އެޚުއްފު އެމީހާގެ އަނގައިން ހިފައިގެން ވަޅުން އަރައި، އެކުއްތާއަށް ފެން ދީފިއެވެ. (މިޢަމަލަށް) ﷲ އޭނާއަށް ޝުކުރުކުރައްވާ، އޭނާގެ ފާފަފުއްސަވާ ދެއްވިއެވެ. ރަސޫލާއަށް ދެންނެވުނެވެ. 'އޭ ﷲ ގެ ރަސޫލާއެވެ! ޖަނަވާރުތަކުގައި ތިމަންނަމެނަށް އަޖުރު ވޭތޯއެވެ؟' އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. 'އާއެކެވެ. ތެތް މެއެއްވާ ކޮންމެ އެއްޗެއްގައި އަޖުރުވެއެވެ. (އެބަހީ: ކޮންމެ ދިރޭއެއްޗެއްގައި އަޖުރުވެއެވެ.)"
(ޞަޙީޙުލް ބުޚާރީ)
އަދި ކުޅިވަރަށް، އެތަކެއްޗަށް އަމާޒުކޮށް އެއްޗެހިއުކައި އުޅުމަކީ ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަގެ ލަޢުނަތް އެމީހަކަށް ލިބޭނެކަމެކެވެ. ސަޢީދު ބިން ޖުބައިރު ރަޙިމަހުﷲ ވިދާޅުވިއެވެ.
"مَرَّ ابْنُ عُمَرَ بِنَفَرٍ قَدْ نَصَبُوا دَجَاجَةً يَتَرَامَوْنَهَا فَلَمَّا رَأَوْا ابْنَ عُمَرَ تَفَرَّقُوا عَنْهَا. فَقَالَ ابْنُ عُمَرَ مَنْ فَعَلَ هَذَا إِنَّ رَسُولَ اللَّهِ -صلى الله عليه وسلم- لَعَنَ مَنْ فَعَلَ هَذَا." (متفق عليه)
މާނައީ: "ކުކުޅެއް ބަނދެގެން އެކުކުޅަށް އަމާޒުކޮށް އެއްޗެހި އުކާ ބައެއްގެ ކައިރިން އިބުން ޢުމަރު ވަޑައިގެންނެވިއެވެ. އެބަޔަކަށް އިބުން ޢުމަރު ފެނުމާއެކު ފިލައިފިއެވެ. އެހިނދު އިބުން ޢުމަރު ވިދާޅުވިއެވެ. "މިކަންކުރީ ކާކު ހެއްޔެވެ؟ ހަމަކަށަވަރުން މިކަންކުރި މީހަކަށް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ލަޢުނަތް ލެއްވިއެވެ."
އެހެން ރިވާޔަތެއްގައިވެއެވެ.
"إِنَّ رَسُولَ الله صَلَّى الله عَلَيْهِ وَسَلَّمَ لَعَنَ مَن اتَّخَذَ شَيْئًا فِيهِ الرُّوحُ غَرَضًا" (صحيح مسلم)
މާނައީ: "(އިބުން ޢުމަރު ވިދާޅުވިއެވެ.) ހަމަކަށަވަރުން ރޫޙެއްވާ އެއްވެސް އެއްޗެއް އަމާޒުފަތްގަނޑެއްކަމުގައި ހަދައިފިމީހަކަށް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ލަޢުނަތް ލެއްވިއެވެ."
މިފަދަ އެތައް ހަދީޘްތަކެއްގައި ޖަނަވާރަށް ހެޔޮކޮށް ހިތުމަށާއި، އެތަކެއްޗަށް އޯގާތެރިވުމަށާއި، އެތަކެއްޗަށް ގޯނާކުރުމުން ދުރުހެލިވުމަށް އިރުޝާދު ދެއްވާފައިވެއެވެ.
މަތީގައި ބަޔާންވެދިޔައީ ޖަނަވާރާމެދު ހެޔޮކޮށްހިތުމަށް އިސްލާމްދީނުގައި ބާރުއަޅާފައިވާ މިންވަރު ކުރުގޮތަކަށެވެ. އެއިން، ވިސްނާފިކުރު ހިންގާލައިފިމީހަކަށް ޔަޤީންކުރެވޭނީ ޖަނަވާރުތަކުގެ ޙައްޤުތައް ހޯދައިދިނުމަށް އިސްލާމްދީން ބާރުއަޅާ މިންވަރެވެ. އަދި އިސްލާމްދީން ފިޔަވައި އެހެން އެއްވެސް ދީނެއްގައި އެތަކެއްޗަށް މިމިންވަރަށް ޙައްޤުތައް ދީފަނުވާކަމެވެ. އިސްލާމްދީނުގައި ޖަނަވާރުތަކުގެ ޙައްޤުތައް ހޯދައިދިނުމަށް މިހާ ތަފްޞީލުކޮށް އައިސްފައިވާއިރު، އިންސާނުންގެ ޙައްޤުތައް ހޯދައިދިނުމަށް މިއަށްވުރެ ބޮޑަށް އަދި ތަފްޞީލުކޮށް އައިސްފައިވާނެކަމީ ޝައްކެއްހުރިކަމެއްނޫނެވެ. ޙައްޤުތައް ހޯދައިދިނުމުގެ ނަމުގައި ހުޅަނގުގެ ޤައުމުތަކުން ގެންގުޅޭ ދެފުށްދެގޮތް ސިޔާސަތަށް ބޯލަނބައި ހެދުމަކީ ހިތާމަޔާއި، ގެއްލުން މުޅިމުޖުތަމަޢަށާއި، އުޅޭ މާހައުލަށް ކުރާނެކަމެކެވެ. ވިސްނާފިކުރުކުރާ ބުއްދިވެރިންނަށް މިކަމުގައި ޢިބްރަތްތަކެއް ވެއެވެ.
وصلّى الله وسلّم على محمّد وعلى آله وصحبه أجمعين، والحمدلله ربّ العالمين.

އިތުރަށް ވިދާޅުވޭ

19.12.09

ފާއިތުވެދިޔަ ހިޖްރީ އަހަރާއި ޢަލްވަދާޢުކިޔާއިރު

ނިމާލު މުޙައްމަދު
އެންމެހާ ޙަމްދާއި ޘަނާ ޙައްޤުވެގެންވަނީ އަރަހުށި ހުސްޠާހިރުވަންތަ މާތްﷲއަށެވެ. އެ އިލާހަކީ ދުނިޔެއާއި ދުނިޔޭގައި ހިނގާ އެންމެހާ ކަންތައްތައް މުއުމިނު އަޅުތަކުންނަށް ޢިބްރަތެއްކަމުގައި ލެއްވި އިލާހެވެ. ޞަލަވާތާއި ސަލާމްލެއްވުން އެދި ދުޢާކުރަނީ ދުނިޔޭގައި ހިނގާ އެންމެހާ ކަނަތައްތަކުން ޢިބްރަތް ޙާޞިލުކުރަންވީ ގޮތް ބަޔާންކޮށްދެއްވި މާތް ޞާޙިބާ މުޙައްމަދު ޞައްލަﷲޢަލައިހި ވަސައްލަމަށެވެ.
އެއްވެސް އޮޅުމެއްނެތްގޮތުގައި އަޅުގަނޑުމެންނާޢި އަލްވަދާޢު ކިޔާފައިމިވާ އަހަރަކީ އަޅުގަނޑުމެންގެ ދުނިޔެވީ ޙަޔާތުން އުނިވެގެންދިޔަ އަހަރެކެވެ. އަދި އަޅުގަނޑުމެން އާޚިރަތަށްޓަކައި ކުރަމުންދާ ދަތުރުގައި ކަޑައްތުކުރި އަހަރެއްކަން ކަށަވަރެވެ. އަޅުގަނޑުމެން ދުނިޔެއާއި ދުރުކޮށް އާޚިރަތާއި ގާތްކުރި އަހަރެއްކަން ޔަޤީނެވެ. އިސްލާމީ އުއްމަތުގެ މަޝްހޫރު ޢިލްމުވެރިއެއް ކަމުގައިވާ ޙަސަނުލް ބަޞަރީ ރަޙިމަހުﷲ ވިދާޅުވެފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ." އޭ އާދަމުގެ ދަރިޔާއެވެ! ހަމަކަށަވަރުން ތިބާއަކީ ދުވަސްތަކެކެވެ.ފަހެ، ދުވަހެއް ފާއިތުވެ ހިގައްޖެނަމަ ތިބާގެ ޙަޔާތުންވެސް ބައެއް އުނިވެ ހިނގައްޖެއެވެ." ކަންމިހެންއޮތުމާއެކު، މިއީ ބުއްދި ސަލާމަތުންހުރި ދެ އިންސާނުން ދެބަސްނުވާނެ ޙަޤީގަތެކެވެ.
ހަމައެފަދައިން އަޅުގަނޑުމެން ފާއިތުކޮށްފައިމިވާ އަހަރުގައި އަޅުގަނޑުމެން ކޮށްފައިވާ އެންމެހާ ޢަމަލުތަކާއި،އަޅުގަނޑުމެންގެ ދުލުން ބޭރުކުރި އެންމެހާ ބަސްތައް ލިޔެވި ރައްކާކުރެވިފައިވާކަންވެސް ކަށަވަރެވެ.މާތްﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ. ﴿وَيَقُولُونَ يَا وَيْلَتَنَا مَالِ هَذَا الْكِتَابِ لا يُغَادِرُ صَغِيرَةً وَلا كَبِيرَةً إِلا أَحْصَاهَا وَوَجَدُوا مَا عَمِلُوا حَاضِرًا وَلا يَظْلِمُ رَبُّكَ أَحَدًا﴾ (ސޫރަތުލްކަހުފް 49).މާނައީ:" އަދި އެއުރެން ބުނާނެތެވެ. އޭ ތިމަންނަމެންނަށް ހުރި ހިތާމައެއްގެ ބޮޑުކަމާއެވެ! މިފަތަށް ވެފައި މިވަނީ ކީއްހެއްޔެވެ؟ ކިތައްމެ ކުޑަކަމެއްވެސް، އަދި ބޮޑުކަމެއްވެސް އެފަތުގައި ނުހިމަނައި ދޫކޮށްފައެއްނެތެވެ. އަދި އެއުރެންކުޅަ އެންމެހާ ޢަމަލުތައް އެފަތުގައިވާތީ، އެއުރެންދެކޭނެތެވެ. ކަލޭގެފާނުގެ ވެރި އިލާހު އެއްވެސް މީހަކަށް އަނިޔާވެރިވޮޑިނުގަންނަވައެވެ"
އެހެންކަމުން، ފާއިތުވެދިޔަ އަހަރުގެ ދުވަސްތައް ﷲއާ އެއިލާހުގެ ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިވަސައަލަމް ރުހިވޮޑިގަންނަވާގޮތަށް ހޭދަކޮށް، ރެއާއި ދުވާ ތަކުރާރުވުމާއި ދުނިޔެއަށް އަންނަމުންދާ ބަދަލުތަކުން ޢިބަރަތް ހާޞިލުކުރި މީހުންނަކީ ކާމިޔާބުލިބިގެންފިބަޔެއްކަން ޔަޤީނެވެ.
ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ޙަޔާތުގެ ދިރުންކަމުގައިވާ އިރަށް އަޅުގަނޑުމެން ބަލާލަމާ ހިނގާށެވެ. އިރުމަތިފަރާތުން އިރު އަރައި،ހުޅަނގު ފަރާތަށް އެ އިރު އޮއްސެމުންދާތަން އަޅުގަނޑުމެންނަށް ފެންނަމުންދެއެވެ. ހަމަކަށަވަރުން މިކަމުގައި ވިސްނައިފިކުރު ކޮށްފި ކޮންމެ މީހަކަށް ޢިބްރަތްތަކެއް ޙާޞިލްވާނެކަން ކަށަވަރެވެ. ހަމައެފަދައިން ރޭގަނޑުގެ އަނދިރިކަމުގެ ތެރެއަށް އަލިކަން ގެނެސްދޭ ހަނދާއި މެދު އަލުގަނޑުމެން ފިކުރު ހިންގާލަމާހިނގާށެވެ. މަސްފެށިގެން އަންނައިރު ރޮއްޖެއްހެން ފެންނަ ހަނދު، ދުވަހަކަށްފަހު ދުވަހެއް ބޮޑުވަމުންގޮސް ފުރިހަމަ ހަނދަކަށްވުމަށްފަހު ދެން އަނެއްކާވެސް މަޑުމަޑުން ކުޑަވަމުން ގޮސް ކުރީގެ ޙާލަތަށް ރުޖޫޢަވާތަން ފެންނަމުންދެއެވެ. މިއީ އިންސާނުންގެ ޙަޔާތުންވެސް އަޅުގަނޑުމެންނަށް ފެންނަމުންދާ ގޮތެވެ. އެހެނީ އިންސާނާ ކުޑަކުއްޖެއްގެ ގޮތުގައި ވުމަށްފަހު، ޒުވާންވެ ގައިބާރުޖެހި ފުރާފުރިހަމަވެ، އަނެއްކާވެސް ގައިބާރުދެރަވެ ކުޑަކުއްޖެއްގެ ޙާލަތަށް އެނބުރި ރުޖޫޢަވެއެވެ.
ހަމަ މިބީދައިން އަހަރުގެ ދުވަސްތައް ދުވަހަކަށްފަހު ދުވަހެއް ފާއިތުވަމުން ގޮސް އާ އަހަރަކަށް މަރުހަބާކިޔަމުންދެއެވެ. އަހަރުގެ ކުރީކޮޅު އެ އަހަރުގެ ދިގުކަމާއި މެދު ފިކުރުކުރެވެއެވެ. ނަމަވެސް ދުވަސްތައް މާޒީގެ ޞަފްޙާތަކަށް ބަދަލުވަމުންގޮސް ވިދާލާ ވިނދުވަރެއްފަދަ ހަލުވިމިނެއްގައި އަހަރު ނިމޭތަން ފެންނަމުންދެއެވެ. މިގޮތަށް އިންސާނާވެސް އޭނާގެ ޢުމުރާމެދު ދިގުނަޒަރަކުން ވިސްނަ ވިސްނާ ހުއްޓާ ޢުމުރުގެ ދުވަސްތައް ފާއިތުވަމުން ގޮސް އޭނަގެ އަޖަލާއި ބައްދަލުކުރަންޖެހެއެވެ. އޭނައާ މަރުގެ ސަކަރާތް ބައްދަލުކުރާއިރު އިތުރު މުހުލަތުތަކަކަށް ޙާލުގެ ދުލުން އެދޭ ކަހަލެއެވެ.
ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! އަޅުގަނޑުމެންގެ ޙަޔާތުގެ ޠަބީޢަތަކީ މީކަމަށްވާއިރު އަޅުގަނޑުމެން ވަރަށް ބޮޑަށް މިކަމާ ސަމާލުވެ ތިބެން އެބަޖެހެއެވެ. ވަކިން ޚާއްސަކޮށް އަދުގެ ދުނިޔޭގައި ކުރަންޖެހޭ ކަންތައްތައް ގިނަވުމުން ނުވަތަ "ބިޒީ ޝެޑިއުލްގެ" ސަބަބުން މި ޙަޤީޤަތާއިމެދު ވިސްނާލަން ލިބޭ ފުރުޞަތު ކުޑަވުމުންނެވެ. އަޅުގަނޑުމެންގެތެރެއިން ގިނަމީހުންނަށް ދުނިޔޭގެ ކަންތައްތަކުގައި މަޝްޢޫލުވުމުގެ ބޮޑުކަމުން ޙަޔާތުގެ މަޤްސަދާއިމެދު ވިސްނާލަން ހިތަކަށްވެސް ނައަރައެވެ. އެހެންނަމަވެސް، އަޅުގަނޑުމެންގެތެރެއިން ކޮންމެ މީހަކުވެސް ޤަބޫލުކުރާ ޙަޤީޤަތް، "މަރު" އަޅުގަނޑުމެންނާއި ބައްދަލުކުރެއެވެ.ﷲ ތަޢާލާ ވަޙީކުރައްވާފައިވަނީ މިފަދައިންނެވެ. ﴿كُلُّ نَفْسٍ ذَائِقَةُ الْمَوْتِ﴾ (ސޫރަތު އާލްޢިމްރާން 185) މާނައީ:" ކޮންމެ ނަފްސެއްވެސް މަރުގެ ރަހަދެކޭނެއެވެ."
އެހެންކަމުން ބުއްދިވެރިންނަކީ ފާއިތުވި އަހަރު އެމީހަކު ހޭދަކޮށްފައިވާ ގޮތާމެދު ވިސްނާ ފިކުރުކުރާ މީހުންނެވެ. ތިމާގެމީހުންނާއި ރައްޓެހިން ތިމާއަށް ފިލަންދާ ދުވަހުގެ ކުރިން ތިމާގެ އަމިއްލަ ނަފްސު ޙިސާބުކުރާ މީހުންނެވެ. ޢުމަރު ރަޟިޔަﷲ ޢަންހު ވިދާޅުވެފައިވާ ފަދައިންނެވެ." ތިޔަބައިމީހުންގެ ޙިސާބު (ޤިޔާމަތް ދުވަހު) ބެއްލެވުމުގެ ކުރިން ، އަމިއްލައަށް ތިޔަބައިމީހުންގެ ނަފްސުތައް ޙިސާބުކުރާށެވެ"
އެހެންކަމުން ފާއިތުވެދިޔަ އަހަރު،ﷲ ގެ އެންގެވުންތަކާއި އެ އިލާހުގެ ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމުގެ އިރުޝާދުތަކާއި އެއްގޮތަށް އުޅެވިފައިވޭތޯ ނަފްސުތައް ޙިސާބުކުރަން ޖެހެއެވެ. އެކަންތައްތަކާއި ޚިލާފަށް އުޅެވިފައިވާނަމަ، އެކަމަށް ﷲ ގެ ޙަޟްރަތަށް އަސްތަޢްފާރުކޮށް ތައުބާއަށް އެދެންޖެހެއެވެ. އެހެނީ އެ އިލާހަކީ އަޅަތަކުންނަށް ފާފަފުއްސަވާ ދެއްވާ އިލާހެވެ. ﷲ ވަޙީކުރައްވާފައިވެއެވެ. ﴿وَهُوَ الَّذِي يَقْبَلُ التَّوْبَةَ عَنْ عِبَادِهِ وَيَعْفُو عَنِ السَّيِّئَاتِ وَيَعْلَمُ مَا تَفْعَلُونَ﴾ (ސޫރަތުއްޝޫރާ 25) މާނައީ:"އެ އިލާހަކީ، އެ އިލާހުގެ އަޅުތަކުންގެ ކިބައިން ތައުބާ ޤަބޫލުކުރައްވައި،ނުބައިކަންތަކަށް ޢަފޫކުރައްވާ އިލާހެވެ.އަދި ތިޔަބައިމީހުން ކުރާކަންތައްތައް، އެ އިލާހު ދެނެވޮޑިގެންވެއެވެ " ހަމަ އެފަދައިން މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމު ޙަދީޘްކުރައްވާފައިވަނީ ފާފައިން ތައުބާވާމީހަކީ ފާފައެއް ނެތްފަދަ މީހެއްކަމުގައެވެ.
ކަންމިހެންއޮތުމާއެކު، ތައުބާވުމަށް އަވަސްވެގަންނަން ޖެހެއެވެ. އަދި މި ފެށުނު އަހަރު،ﷲ އާއި އެ އިލާހުގެ ނަބިއްޔާގެ އެންގެވުންތަކާއި ޚިލާފްނުވުމަށް ޢަޒުމްކަނޑައަޅަންޖެހެއެވެ.
ހަމައެއާއެކު، މިދިޔަ އަހަރު ﷲއާ އެ އިލާހުގެ ރަސޫލާ ރުހިވޮޑިގަންނަވާ ގޮތަށް ފާއިތުކުރި މީހުން ، އެކަމަށް ތައުފީޤް ދެއްވިކަމަށްޓަކައި ﷲއަށް ޙަމްދުކޮށް ޝުކުރުކުރަންޖެހެއެވެ. އަދި އެ ގޮތުގައި ފަހުނޭވަޔާ ހަމައަށް ލެހެއްޓެވުމަށް އެދި ދުޢާކުރަންޖެހެއެވެ.
އެހެންކަމުން، އަޅުގަނޑުގެ ދުޢާއަކީ އަޅުގަނޑުމެން މި ފެށި އަހަރަކީ ބާއްޖަވެރި އަހަރެއްކަމުގައި ލެއްވުމެވެ. އަދި މި އަހަރަކީ އަޅުގަނޑުމެންގެ ލޮބުވެތި ވަޠަނުގެ އެންމެހާ އަޚުންނާއި އުޚުތުންނާއި އަދި އެންމެހާ މުސްލިމުންނަށް ނަޞްރާއި ކާމިޔާބުލިބެނިވި އަހަރެއްކަމުގައި ލައްވައި، އަޅުގަނޑުމެންނަކީ ޙަޔާތުގައި ލިބިފައިވާ ފުރުޞަތުގެ ބޭނުން ﷲއާއި އެ އިލާހުގެ ރަސޫލާ ޞައްލަﷲޢަލައިހި ވަސައްލަމަ ރުހިވޮޑިގަންނަވާގޮތަށް ހިފާބަޔަކުކަމުގައި ލެއްވުމެވެ.
وصلى الله وسلم على سيدنا محمد وآله وصحبه والحمد لله رب العالمين

އިތުރަށް ވިދާޅުވޭ

18.12.09

ހިޖުރީއަހަރަކަށް އަލްވަދާޢު ކިޔަމުންދާއިރު ...

މުޙައްމަދު ޝަމްޢޫން
الْحَمْدُ لِلَّهِ رَبِّ الْعَالَمِيْنَ. وَالصَّلَاةُ وَالسَّلَامُ عَلَى أَشْرَفِ الْأَنْبِيَاءِ وَالْمُرْسَلِيْنَ. نَبِيِّنَا وَحَبِيْبِنَا وَقُدْوَتِنَا مُحَمَّدٍ وَعَلَى آلِهِ وَأَصْحَابِهِ وَمَنْ تَبِعَهُمْ بِإِحْسَانٍ إِلَى يَوْمِ الِّدْينِ. أَمَّا بَعْدُ
ތިރީގައި އަޅުގަނޑު މިބަޔާންކުރާ ފޮޅުވަތްތަކުގައި އަޅުގަނޑު މި މުޚާޠަބު ކުރަނީ އަޅުގަނޑުގެ މުސްލިމު އަޚުންނާއި އުޚްތުންނާއެވެ. ﷲ ތަޢާލާ ފިޔަވައި ޙައްޤުގޮތުގައި އަޅުކަންވެވޭ އިލާހެއް ނުވާކަމަށާއި މުޙައްމަދު ޞައްލަﷲ ޢަލައިހިވަސައްލަމަ އަކީ އެއިލާހުގެ އަޅާކަމަށާއި ރަސޫލާކަމަށް ޤަބޫލުކޮށް، ބަހާއި ޢަމަލުން އެކަން ދައްކަމުންދާ މުސްލިމު އަޚުންނާއި އުޚްތުންނާއެވެ. އާއެކެވެ! އޭ މުސްލިމު އަޚާއެވެ! އޭ މުސްލިމު އުޚްތާއެވެ! އަޅުގަނޑު މި މުޚާޠަބު ކުރަނީ ތިބާއާއިއެވެ.
ހިޖުރީ އަހަރަކަށް އަލްވަދާޢު ކިޔަމުންދާއިރު، މިދުވަސްވަރުގައި ގިނަމީހުންތައް މަޝްޣޫލުވެއުޅޭ ބިދުޢަތަކާއި ޚުރަފާތުގެ ޢަމަލުތަކުން ދުރުހެލިވެ ރައްކާތެރިވާށެވެ. ވިސްނާށެވެ. މިއަހަރާއި އަޅުގަނޑުމެން ބައްދަލުކުރިތާ، މާގިނަ ދުވަސްތަކެއް އަދިނުވާކަހަލައެވެ. ނަމަވެސް މިއަދު އަޅުގަނޑުމެން މިކިޔަނީ އަލްވަދާޢެވެ. މިގޮތަށް އިންސާނާގެ ޙަޔާތުގެ ދުވަސްތައްވެސް ފާއިތުވަމުންގޮސް އެންމެފަހުން އޭނާ އުޚްރަވީ ޙަޔާތަށް ދަތުރު ފަށާނެތެވެ. އެހެންކަމުން މިއިން ޢިބުރަތް ޙާޞިލުކުރާ މީހުންގެ ތެރެއިންވާށެވެ.
މިދުނިޔެއަކީ ވަގުތީ ތަނެއްކަން ހަނދާން ނައްތާނުލާށެވެ. މިއީ ފަނާވެދަނިވި ތަނެއްކަމާއި ދާއިމީ ތަނަކީ، ނުވަތަ ދާއިމީ ޙަޔާތަކީ އުޚްރަވީޙަޔާތްކަން އަބަދުވެސް ހިތްމަތީގައި ބާއްވާށެވެ. ފިރުޢައުނުގެ ގައުމުން އީމާންވީ މުއުމިނު އަޅަކު އެމީހުންނަށް ނަޞޭޙަތްދެމުން ބުނިކަމުގައި، ﷲ ތަޢާލާ އެއިލާހުގެ ފޮތުގައި ވަޙީކުރައްވާފައިވެއެވެ. يَا قَوْمِ إِنَّمَا هَذِهِ الْحَيَاةُ الدُّنْيَا مَتَاعٌ ، وَإِنَّ الآخِرَةَ هِيَ دَارُ الْقَرَارِ (غافر: 39) " އޭ އަހުރެންގެ ޤައުމުގެ މީހުންނޭވެ! މިދުނިޔޭގެ ދިރިއުޅުން ވާކަންކަށަވަރީ ވަގުތީ އަރާމެއްކަމުގައެވެ. އަދި ހަމަކަށަވަރުން އާޚިރަތަކީ ޤަރާރުވެ ދެމިހުންނަނިވި ތަނެވެ."
އަމިއްލަ ނަފްސު މުޙާސަބާކުރާށެވެ. ފާއިތުވެދިޔަ އަހަރުގައި، ﷲއާ ކުއްތަންވުމަށް ކިހާވަރަކަށް މަސައްކަތް ކުރެވުނުތޯ އަމިއްލަ ނަފްސާއި ސުވާލުކުރާށެވެ. އަޅުކަންތައް ކުރީ ﷲއަށް ޚާލިޞްކޮށް ހެއްޔެވެ؟ ނުވަތަ އެއިލާހާއި އެހެންފަރާތެއް ބައިވެރި ކުރެވުނު ހެއްޔެވެ؟ މުޞީބާތްތަކުގެ ވަގުތުގައި މަދަދަށް އެދި ގޮވީ ކޮންފަރާތަކަށް ހެއްޔެވެ؟ ﷲ ތަޢާލާގެ ޙަޟްރަތުން މަދަދަށް އެދެވުނުހެއްޔެވެ؟ ނިޢުމަތްތަކުގެ ވަގުތުގައި އެއިލާހަށް ޝުކުރު އަދާކުރެވުނު ހެއްޔެވެ؟ ނުވަތަ އެނިޢުމަތްތަކަށް ވެވުނީ ކުފުރުހެއްޔެވެ؟ ޤުރުއާނުން ކިތައް އާޔަތް ދަސްކުރެވުނު ހެއްޔެވެ؟ ކިޔެވުނުހެއްޔެވެ؟ ﷲ ދެއްވާފައިވާ މުދަލުން ކިހާމިންވަރެއް ޞަދަޤާތް ކުރެވުނުހެއްޔެވެ؟ ކިތައް ދުވަހު ރޯދަ ހިފުނުހެއްޔެވެ؟ ހެޔޮކަންތަކަށް އަމުރުކޮށް، މުޖުތަމަޢުގައި ފެތުރިފައިވާ ނުބައިކަންތައް މަނާކުރެވުނުހެއްޔެވެ؟ ދީނުގައި، ކުރުމަށް އަންގަވާފައިވާ ކަންތަކަށް ފަރުވާތެރި ވެވުނުހެއްޔެވެ؟ އަދި ނަހީކުރައްވާފައިވާ ކަންތަކުން ދުރުވެ ރައްކާތެރި ވެވުނުހެއްޔެވެ؟ ނުވަތަ، ކުރެވުނު ކަންތައް ތިބާވަނީ ހަނދާންނައްތައިލާފަހެއްޔެވެ؟
ތިބާ ހަނދާންނައްތާލިޔަސް، މިކަންތައްތައްވަނީ ތިބާގެ ޢަމަލުގެ ފަތުގައި ލިޔެވިފައެވެ. ﷲ ތަޢާލާ ވަޙީ ކުރައްވާފައިވެއެވެ. مَا يَلْفِظُ مِن قَوْلٍ إِلَّا لَدَيْهِ رَقِيبٌ عَتِيدٌ (ق: 18) "(ކުރާ ޢަމަލުތައް ލިޔުއްވަން) އޭނާގެ ކައިރީގައި ޙާޟިރުވެ މަލާއިކަތަކުނެތި، އޭނާއަކަށް އެއްވެސް ބަހެއް ނުބުނެވެއެވެ." އެހެން އާޔަތެއްގައި އެއިލާހު ވަޙީކުރައްވާފައިވެއެވެ. وَإِنَّ عَلَيْكُمْ لَحَافِظِينَ * كِرَامًا كَاتِبِينَ * يَعْلَمُونَ مَا تَفْعَلُونَ (الإنفطار:12,11,10) "އަދި ހަމަކަށަވަރުން، ތިޔަބައިމީހުންގެ މައްޗަށް ރައްކާތެރިވެ ބަލަހައްޓަވާ މަލާއިކަތުންވެއެވެ. އެއީ (ތިޔަބައިމީހުން ކުރާ ޢަމަލުތައް) ލިޔުއްވާ، މާތްވެގެންވާ ބޭކަލުންތަކެކެވެ. ތިޔަބައިމީހުން ކުރާކަންތައް އެބޭކަލުން ދެނެވަޑައިގަންނަވައެވެ."
ޤިޔާމަތްދުވަހު ކޮންމެ އިންސާނާކާވެސް އޭނާގެ ޢަމަލުގެ ފަތް ހަވާލުކުރެވޭނެއެވެ. އެހިނދު، ތިމާ ހިތުހުރިހާގޮތަކަށް މިދުނިޔަވީ ޙަޔާތް ވޭތުކޮށްފައިވާ މީހުންގެހާލު ހުންނާނޭގޮތް ބަޔާންކޮށްދެއްވަވައި ﷲ ވަޙީކުރައްވާފައިވެއެވެ. وَوُضِعَ الْكِتَابُ فَتَرَى الْمُجْرِمِينَ مُشْفِقِينَ مِمَّا فِيهِ وَيَقُولُونَ يَا وَيْلَتَنَا مَالِ هَذَا الْكِتَابِ لَا يُغَادِرُ صَغِيرَةً وَلَا كَبِيرَةً إِلَّا أَحْصَاهَا وَوَجَدُوا مَا عَمِلُوا حَاضِرًا وَلَا يَظْلِمُ رَبُّكَ أَحَدًا (الكهف :49) " އަދި (ކޮންމެ މީހަކުމެ ކޮށްފައިވާ ޢަމަލުތަކުގެ) ފަތް (އެމީހަކަށް) ދެއްވާނެތެވެ. ފަހެ އެފަތުގައިވާ ތަކެއްޗާއިމެދު، ކުށްވެރިން ބިރުގެންފާއިވާތީ ތިބާދެކޭނެތެވެ. އަދި އެއުރެން ބުނާނެތެވެ. އޭ ތިމަންމެނަށްހުރި ހިތާމައެއްގެ ބޮޑުކަމާއެވެ! މިފަތަށް މިވެފައިވަނީ ކީއްހެއްޔެވެ؟ ކިތަންމެ ކުޑަކަމެއްވެސް، އަދި ބޮޑުކަމެއްވެސް މިފަތުގައި ނުހިމަނައި ދޫކޮށްފައި ނުވެއެވެ. އަދި އެއުރެން ކުޅަ އެންމެހައި ޢަމަލުތައް އެފަތުގައިވާތަން އެއުރެން ދެކޭނެތެވެ. ކަލޭގެފާނުގެ ވެރިއިލާހު އެއްވެސް މީހަކަށް އަނިޔާވެރިވެވޮޑިއެއް ނުގަންނަވަތެވެ." އެދުވަހު ކާމިޔާބުވާނީ މިފަނާވަނިވި ޙަޔާތް ﷲ ރުހިވޮޑިގަންނަވާގޮތުގައި ހޭދަކޮށްފައިވާ މީހުންނެވެ.
އޭ ލޮބުވެތި އަޚާއެވެ! އޭ ލޮބުވެތި އުޚްތާއެވެ! ފާއިތުވެ މިދިޔަ އަހަރުގައި އަޅުގަނޑުމެންނާއިވަކިވެ، އުޚްރަވީޙަޔާތަށް ދަތުރު ފަށާފައިވަނީ އަޅުގަނޑެމެންގެ ކިތައް ރަޙުމަތްތެރީންހެއްޔެވެ؟ އަޅުގަނޑުމެންގެ ދެއަތުން ފަސްއަޅާފައިވަނީ އަޅުގަނޑުމެންގެ ކިތައް އަޚުންނާޢި އުޚްތުންގެ ޤަބުރަށްހެއްޔެވެ؟ އަޅުގަނޑުމެންގެ ދުވަސްވެސް ވަނީ ނުހަނު ގާތުގައެވެ. ފާއިތުވެގެންދާ ކޮންމެ އަހަރަކީ އަޅުގަނޑުމެންވެސް ޤަބުރާއި ނުވަތަ މަރާއި ކައިރިކުރާ އަހަރެކެވެ. އެހެންކަމުން އަހަރެއްފާއިތުވެ، އެހެން އަހަރަކަށް އިރުއެރުމުން، އުފާފާޅުކޮށް ﷲގެ ޝަރީޢަތުގައި އައިސްފައިނުވާ ކަންތައް ކުރާމީހުންގެ ތެރެއިން ނުވާށެވެ. އޭގެ ބަދަލުގައި ފާއިތުވެ ދިޔަ އަހަރުގައި ކުރެވުނު ފާފަތަކުން ތައުބާވެ، ކާމިޔާބުގެ އަހުލުވެރިންގެތެރެއިން ވުމަށްޓަކައި، ރަސޫލުލް ހުދާ މުޙައްމަދު ބިން ޢަބްދިﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ދެއްކެވި މަގުން، ޘާބިތުކަމާއެކު ކުރިޔަށްދާށެވެ.

އިތުރަށް ވިދާޅުވޭ

9.12.09

ކީރިތި ޤުރުއާން

މުޙައްމަދު ޝަމްޢޫން
ކީރިތި ޤުރުއާނަކީ މީސްތަކުންނަށް ތެދުމަގު ދެއްކެވުމަށްޓަކައި ޖިބްރީލްގެފާނު މެދުވެރި ކުރައްވަވާ رسول الله صلى الله عليه وسلم އަށް ޢަރަބިބަހުން ބާވައިލެއްވުނު ﷲ سبحانه وتعالىގެ ކަލާމްފުޅެވެ. އެއީ އެންމެ ފަހުން ބާވައިލެއްވުނު ފޮތެވެ. އެފޮތް ބާވައިލެއްވުމުން އޭގެ ކުރީގެ ހުރިހާ ފޮތްތައް މަންސޫޚް ވެއްޖެއެވެ.
ދުނިޔޭގައި އުޅޭއިރު ދިމާވާ ދަތިތަކާއި ވަސްވާސް ތަކުން ސަލާމަތްވާން ބޭނުންކުރެވެން އޮތް ހަތިޔާރަކީ ކީރިތި ޤުރުއާނެވެ. އެއީ ހިތަށް ގެނެސް ގަންނަންވެސް ނޭނގޭހާ ބާރުގަދަ ފޮތެކެވެ. ﷲ سبحانه وتعالى ވަޙީކުރައްވާފައިވާ އާޔަތެއްގެ މާނައިގައި ވެއެވެ. "ތިމަންއިލާހު މި ޤުރުއާން ފަރުބަދައެއްގެ މައްޗަށް ބާވައިލެއްވި ނަމަ، ހަމަ ކަށަވަރުން އެފަރުބަދައެއް ﷲ سبحانه وتعالى އަށް ބިރުވެތި ވުމުގެ ސަބަބުން ކުނޑިކުނޑި ވެގެންތިރިއަށް ފައިބާތީ ކަލެއަށް ފެނުނީހެވެ." މި ދުނިޔެއާއި އަންނަން އޮތް ދުނިޔޭގެ ކާމިޔާބީއަށް މަގު ދައްކައި ދެވޭނެ ހަމައެކަނި އެހީތެރިއަކީ ކީރިތި ޤުރުއާނެވެ.
ކީރިތި ޤުރުއާނަކީ ކިޔެވުން އަޅުކަމެއް ކަމުގައި ލައްވައި ﷲ سبحانه وتعالى ބާވައިލެއްވި ފޮތެކެވެ. ޤުރުއާން ކިޔަވާން ވާނީ ލަސްލަހުން އަކުރުތަކަށް ބަލައިގެންނެވެ. ﷲ سبحانه وتعالى ވަޙީ ކުރައްވަނީ ورتل القرآن ترتيلا މާނައީ ، ޤުރުއާން ކިޔަވާހިނދު އެ ޤުރުއާން ތަޖްވީދުމަގުން އެއަކުރެއްގެ މަޚްރަޖުން އެއަކުރެއް ކިޔާށެވެ.
އަދިވެސް ވަޙީކުރައްވަނީ وَإِذَا قُرِئَ الْقُرْآَنُ فَاسْتَمِعُوا لَهُ وَأَنْصِتُوا لَعَلَّكُمْ تُرْحَمُونَ (الأعراف 204) މާނައީ ޤުރުއާން ކިޔެވޭ ހިނދު މަޑުމައިތިރިވެ އަޑު އަހާށެވެ. އެއީ ތިޔަބައިމީހުންގެ މައްޗަށް ރަޙްމަތް ލެއްވުމަށްޓަކައެވެ.
ވީމާ ލަސްލަހުން އަކުރުތަކަށް ބަލައިގެން ގިނަގިނައިން ޤުރުއާން ކިޔަވައި، ޤުރުއާން ކިޔެވޭ ހިނދު މަޑުމައިތިރިވެ ވާހަކަނުދައްކައި ތިބެމާ ހިނގާށެވެ.

އިތުރަށް ވިދާޅުވޭ

8.12.09

ހެޔޮއެދޭ އަޚެއްގެ ނަޞޭޙަތް -1

ޙަސަން ނާޖީ
1- ތިމާއަށް ބޭނުންވާވަރަށް ދީނީ މަޢުލޫމާތު ލިބިގަންނާށެވެ. އެއީ ޢިލްމުވެރިންނާ ސުވާލުކޮށްގެންނާއި ފޮތްކިޔައިގެންނެވެ.
2- ހުރިހާ ކުށްފާފަތަކުން ދުރުހެލިވާށެވެ.
3- ފާފައެއް ކުރެވިއްޖެނަމަ އަވަހަށް ތައުބާވާށެވެ.
4- އެއްވެސް މީހެއްގެ ޙައްޤެއް އަދާކުރުމުގައި ލަސްނުކުރާށެވެ. އަތުން ނުވަތަ ދުލުންވިއަސް އެހެންމީހަކަށް އުނދަގުލެއް ނުކުރާށެވެ. އެއްވެސް މީހެއްގެ ނުބައިވާހަކަ ނުދައްކާށެވެ.
5- މުދާއެއްކުރުމަށާއި މަޝްހޫރުކަން ހޯދުމަށް ލޯބިނުކުރާށެވެ. ކެއުންބުއިމާއި އަންނައުނުގައި އިސްރާފު ނުކުރާށެވެ.
6- އެހެންމީހަކު ތިމާގެ ކުށެއްދެއްކުމުން އެކަން ދިފާޢުކުރަން އުޅުމުގެ ބަދަލުގައި ކުށް ޤަބޫލުކޮށް ތައުބާވާށެވެ.
7- މުހިއްމު ބޭނުމެއްނެތި އެއްވެސް ދަތުރެއްނުކުރާށެވެ. އެހެނީ ދަތުރުމަތީގައި އުޅޭއިރު ތިމާކުރަންޖެހޭ ވަރަށް ގިނަކަންތައްތައް ނުކުރެވޭގޮތް ދިމާވެއެވެ.
8- މާގިނައިން ހުނުމާއި ވާހަކަ ދެއްކުމުން ދުރުހެލިވާށެވެ. ކޮންމެހެން ދައްކަންޖެހިއްޖެ ވާހަކައެއް މެނުވީ ހިލޭ އަންހެނުންނާ ނުދެއްކުމަށް ޚާއްޞަ ސަމާލުކަމެއްދޭށެވެ.
9- ބައެއްގެ މެދުގައި ކުރެވުނު ޒުވާބެއްގެ ވާހަކަ ތަކުރާރުކޮށް ދައްކައި ނޫޅޭށެވެ. އެހެނީ އެއީ އަނދައަނދައި ހުރި އަލިފާންގަނޑަކަށް ޕެޓްރޯލު އެޅުންފަދަކަމެކެވެ.
10- އެއްވެސްކަމެއް ކުރުމުގެ ކުރިން އިސްލާމްދީނުގައި އެކަންއޮތީ ކިހިނެތްތޯ ބަލައި އެގޮތަށް ޢަމަލުކުރާށެވެ.
11- އަޅުކަންކުރުމަށް ކަންނެތްނުވާށެވެ. އެހެނީ އެއީ މުނާފިޤުންގެ ސިފައެކެވެ.
12- ވީހާވެސް ގިނަވަގުތު ﷲގެ ކުޅަދުންވަންތަކަމުގެ ހެކިތަކާމެދު ވިސްނުމުގައި ހޭދަކުރެވޭތޯ ބަލާށެވެ. މިއީ ބުއްދިވެރިންގެ ސިފައެކެވެ.
13- މީހުންނާ ބައްދަލުވާހިނދު ތިމާގެ މޮޅުކަން ހާމަކުރަން މަސައްކަތް ކުރުމުގެ ބަދަލުގައި ތަވާޟުޢުވެރިވާށެވެ. ﷲއަށްޓަކައި ތަވާޟުޢުވެރިވެއްޖެ މީހެއްގެ ދަރަޖަ އެއިލާހު މަތިވެރިކުރައްވައެވެ.
14- ވެރިންނާއި ނުފޫޒުގެ އަހުލުވެރިންނާ ގުޅުން ބެހެއްޓުމުގައި ޚާއްޞަ ސަމާލުކަމެއް ދޭށެވެ.
15- ލާދީނީމީހުންނަކީ ތިމާގެ ގާތް ރަޙްމަތްތެރީންކަމުގައި ނަހަދާށެވެ. ކަނބުރުގެއަކަށް ވަނިއްޔާ އަޅިބުރާނެއެވެ.
16- އެހެންމީހުންގެ ކުށް ހޯދަން ނޫޅޭށެވެ. އެއްވެސް މީހަކާ ދޭތެރޭ ކުށްހީއެއް ނުބާއްވާށެވެ. އަދި އަމިއްލަ ނަފްސު އިސްލާހުކުރުމަށް މަސައްކަތްކުރާށެވެ.
17- ނަމާދު އޭގެ ވަގުތުގައި، ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަ ދަސްކޮށްދެއްވާފައިވާގޮތަށް، ޚުޝޫޢަތްތެރިކަމާއެކު ކުރުމަށް ޚާއްޞަ ސަމާލުކަމެއްދޭށެވެ.
18- ހުރިހާ ހާލަތެއްގައިވެސް ﷲތަޢާލާގެ ޒިކުރު ކުރުމުގައި ދެމިހުންނާށެވެ.
19- ﷲ ތަޢާލާގެ މަތިން ޒިކުރުކުރުމުން، ތިބާއަށް ހިތްހަމަޖެހުން ލިބޭނަމަ، އެކަމަށްޓަކައި އެއިލާހަށް ޝުކުރުވެރިވާށެވެ.
20- މަޑުމައިތިރިކަމާއެކު ރިވެތިބަހުން ބަސްމޮށެއުޅޭށެވެ.
_________________________________________
މި ލިޔުމަށް މަޢުލޫމާތު ނަގާފައިވަނީ ޝެއިޚް އަޝްރަފް ޢަލީގެ ލިޔުމަކުންނެވެ.

އިތުރަށް ވިދާޅުވޭ

އަޚެއްގެ ވަޞިއްޔަތް


1. މާތް ﷲ އަށް ކިޔަމަންތެރިވާށެވެ. އެއިލާހަކީ ކަލޭ ފެންތިއްކަކުން އުފެއްދެވި އިލާހެވެ.

2. މާތް ﷲއާ އެހެން އެއްވެސް ފަރާތަކާ އެއްފަދަ ނުކުރާށެވެ. މުދަލާއި ފައިސާއަށް ތިމާގެ އަމިއްލަ ދީނާއި ވަޠަން ވިއްކާނުލާށެވެ.

3. ބާޠިލުކަންތައްތަކުގެ ކުރިމަތީގައި ފައިތިލަ ސާބިތުކުރާށެވެ. މާތްﷲ ފިޔަވައި އެހެން އެއްވެސް ފަރާތަކަށް ބިރުވެތިނުވާށެވެ.

4. ހުކުރުދުވަސް މަތިން ހަނދާން ނައްތައި ނުލާށެވެ. އެދުވަހަކީ އިންސާނިއްޔަތު ފެށުނު ދުވަހެވެ. އަދި އެއީ އިންސާނިއްޔަތު މިދުނިޔެއިން ނިމޭނޭ ދުވަސް ވެސްމެއެވެ. އެދުވަހަކީ ދުނިޔޭގެ ދުވަސްތަކުގެ ތެރެއިން އެންމެ މާތް ދުވަހެވެ.

5. މައިން ބަފައިންނަށް އިޙްތިރާމްކުރާށެވެ.

6. ޙައްޤަކާ ލައިގެންމެނުވީ އެއްވެސް ނަފްސެއް ޤަތުލުނުކުރާށެވެ.

7. ޒިނޭ ނުކުރާށެވެ. އަދި އެކަމުން މުޅިން ދުރުވެގަންނާށެވެ. އެހެނީ އެއީ އިންސާނިއްޔަތަށް ހުރި ބޮޑުވެގެންވާ ވަބާއެކެވެ.

8. ވައްކަން ނުކުރާށެވެ. އެއްވެސް ކަމެއް އެއިލާހަށް ވަންހަނާވެގެންނުވާ މާތްﷲ، ބައްލަވައި ވޮޑިގެންވާކަން ދަންނާށެވެ.

9. އެއްވެސް މީހެއްގެ މައްޗަށް ދޮގުހެކިނުދޭށެވެ. އަދި ހުރިހާ ހާލަތެއްގައިވެސް ތެދުވެރިވާށެވެ.

10. އިސްލާމީ ތާރީޚްމަތިން ހަނދުމަކޮށް އެއިން ޢިބްރަތް ލިބިގަންނާށެވެ.

އިތުރަށް ވިދާޅުވޭ

5.12.09

އިންސާނެއްގެ ޙަޔާތުގައި ވަގުތުގެ މުހިއްމުކަން

އަޙުމަދު ނާޒިޙް
الحمد لله وصلى الله على نبيِّنا محمدٍ وعلى آله وصحبه وبعد:
މީހެއްގެ ޙަޔާތުގައި ވަގުތަކީ ހަގީގަތުގައި އޭނާގެ އުމުރެވެ. އަދި އޭނާގެ ވަގުތަކީ ﷲ ނޫން ފަރާތަކަށް ދެވިގެންވާނޭ އެއްޗެއް ނޫނެވެ. ވަގުތު ބޭކާރު ގޮތުގައި ހޭދަކުރާ މީހާއަށް މިދުނިޔޭގެ ޙަޔާތަށްވުރެ މަރު މާރަގަޅެވެ. ސަބަބަކީ، ޙަޔާތުގެ މިހާ މުހިއްމު ބައެއް ބޭކާރުގޮތުގައި ނަގާލާތީއެވެ.
ރަސޫލުﷲ ޞައްލައްﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ. "نِعْمَتانِ مَغْبُوْنٌ فِيْهِمَا كَثِيْرٌ مِنَ النَّاسِ: الصِّحَةُ وَالفَرَاغُ" (رواه البخاري ) މާނައީ: "މީސްތަކުންގެ ތެރެއިން ގިނަ ބަޔަކު އެކަމަކާމެދު ޣާފިލުވެފައިވާ ދެނިޢުމަތެއް ވެއެވެ. އެއީ ފުރިހަމަ ޞިއްޙަތާއި ހުސްވަގުތެވެ."
އަދި ޢުމަރު ރަޟިޔަﷲ ޢަންހު ވިދާޅުވެފައި ވެއެވެ. " إِنِي لَأَكْرَهُ أَنْ أَرَى أَحَدَكُمْ سَبَهْلَلاً لا فِيْ عَمَل دُنْيا وَلا فِي عَمَلِ آخِرِة" މާނައީ "ހަމަކަށަވަރުން ތިޔަބައިމީހުންގެ ތެރެއިން މީހަކު ދުނިޔެ އާއި އާޚިރަތުގެ ޢަމަލު ނުކޮށް، ބޭކާރުގޮތުގައި ހުންނަތަން ފެނުމަށް ތިމަން ނުރުހެމެވެ."
ޢުމަރު ރަޟިޔަﷲ ޢަންހުގެ މިބަސްފުޅުން ދުނިޔެމަތީގައި ކުރެވޭ ޢަމަލުތައް ދެބަޔަކަށް ބެހިގެން ވާކަން އެނގިއްޖެއެވެ. މިގޮތުން ޢަމަލުތައް ކުރުމުގައި ހަމައެކަނި ދުނިޔޭގެ ޢަމަލުތައް ކުރުމުގައި ހުސްވެގަތުމެއް ނެތެވެ. އަދި ހަމައެހެންމެ، ދުނިޔަވީ ޢަމަލުތައް ދޫކޮށް އުޚްރަވީ ޢަމަލުތަކަށް ގޮސް ހުސްވުމެއް ވެސް ނެތެވެ. މާތް ވެގެންވާ އިސްލާމްދީން އަޅުގަނޑުމެންނަށް އަމުރު ކުރަނީ މިދެމެދެވެ.
އިންސާނުންގެ ތެރެއިން ބުއްދިވެރިންނަކީ ވަގުތުގެ މުހިއްމުކަން ދަނެގަނެ އޭގެ ބޭނުން ފުރިހަމަ ގޮތުގައި ހިފާމީހުންނެވެ. މިގޮތުން ތިމާއަށް ފައިދާކުރަނިވި އެއްޗެއް އުގެނުމާއި ހެޔޮ އަމަލެއް ކުރުމާއި ދުނިޔަވީ ކަމެއް ކުރުމުގައިވެސް ވަގުތުގެ ބޭނުންހިފިދާނެއެވެ. މިއިން ކޮންމެ ކަމެއްގައިވެސް ތިމާގެ ނިޔަތް ރަނގަޅުވެއްޖެނަމަ އެކަމެއްގެ ސަބަބުން ދަރުމައާއި ޘަވާބު ލިބޭނެއެވެ.
މިއުއްމަތުގެ ސަލަފުއްޞާލިހުން ވަނީ ވަގުތުގެ ބޭނުން ފުރިހަމަ ގޮތުގައި ހިފުމަށް ވަރަށް ބޮޑަށް މަސަކަތްކުރައްވާފައެވެ. މިގޮތުން ޢަބްދުއްރަޙްމާން ބިން އަބީ ޙާތިމް އައްރާޒީ ކޭންބައްލަވާއިރާއި، ފާޚާނާއަށް ވަންނަވާއިރާއި އަދި ގޭތެރޭގެ އެހެން ކަންތައް ކުރައްވާ އިރު، ދަރިފުޅުކައިރީ ބުނުއްވައިގެން އެކަލޭގެފާނަށް އަޑުއިވޭވަރަށް ފޮތް ކިއުއްވައެވެ. އަދި އަލްއިމާމް ސުލައިމް ބިން އައްޔޫބް އައްރާޒީ އަކީ ވަގުތުގެބޭނުން ހިފުމުގައި މަޝްހޫރު ބޭކަލެކެވެ. އެކަލޭގެފާނު ކިތަންމެކުޑަ ވަގުތުކޮޅެއްވިޔަސް ބޭކާރުގޮތުގައި ނަގާނުލައެވެ. އެކަލޭގެފާނުގެ ވަގުތުތައް ހޭދަކުރަނީ ކިޔެވުމުގައްޔާއި ކިޔަވާދިނުމުގައްޔާއި އަދިވެސް މިފަދަ އަގުހުރި ކަންކަމުގައެވެ. އެކަލޭގެފާނު ވަނީ ވަރަށްގިނަ ފޮތްތައް ލިޔުއްވާފައެވެ. އަދި ލިޔަމުންދާއިރު ފަންސުރު ރަނގަޅުކުރަން ލިޔުން ހުއްޓާލަން ވެއްޖެނަމަ ޤުރުއާން ކިޔަވަން ފައްޓަވައެވެ. އެހެންނޫނީ ކޮންމެވެސް ޛިކުރެއްކުރައްވައެވެ. ކިތަންމެ ކުޑަވަގުތުކޮޅެއް ވިޔަސް ބޭކާރުކޮށްނުލުމަށެވެ.
އަޅުގަޑުމެންގެ ވަގުތުތައް އަޅުގަޑުމެންނަށް ހޭދަ ކުރެވެނީ މިފަދަ ގޮތަކަށްތޯއެވެ؟ އެހެންނޫނީ މިއާ އިދިކޮޅަށްތޯއެވެ؟ އަޅުގަނޑުމެން އެންމެންވެސް ވަގުތުނުވެގެން އެކަމާ ވާހަކަދައްކާ އަޑު ވަރަށްގިނައިން އިވެއެވެ. ކުރަންބޭނުންވާ އެތައްކަންތަކެއް ނުކުރެވިތިއްބާ ކޮންމެ ދުވަހެއްވެސް އަޅުގަނޑުމެންގެ ޙަޔާތާ ވަކިވަނީއެވެ. އަޅުގަނޑުމެންނަށް އަޅުގަނޑުމެންގެ ވަގުތުތައް ހޭދަކުރެވެނީ ކިހިނެތްތޯ ވިސްނާލަމާހެއްޔެވެ.
ދުވާލުގެ ގިނަވަގުތުތައް ނިދުމުގައި ހޭދަކުރުމަށްފަހު ރޭގަނޑަކީ ކުޅިވަރުކުޅުމަށް އޮންނަ ވަގުތަކަށް އަޅުގަނޑުމެން ހަދައިފީމުއެވެ. އެއްބަޔަކު އެމީހުންގެ ރޭތައް ހޭދަކޮއްލަނީ ޓީވީ ދޮށުގައެވެ. އަނެއްބަޔަކު ގުރޫޕް ހަދާލައިގެންތިބެ ބޭކާރުވާހަކަ ދެއްކުމާއި ޣީބަބުނުމުގައެވެ. އެހެންނޫނީ ކޮންމެވެސް ޙަރާމްކަމެއް ކުރުމުގައެވެ. ޓީވީއަށް އަޅުގަނޑުމެން ގެއްލިފައިވާ މިންވަރަކީ، ޓީވީ ޑްރާމާތަކުގައި އުޅޭމީހުންގެ އާއިލާތަކަށް ދާންދެން އަޅުގަނޑުމެންނަށް އެގެއެވެ. އަނެއްބަޔަކަށް ނޭނގި ދުނިޔޭގެތާކު ފުޓުބޯޅަ މެޗެއް ނުކުޅެވެއެވެ. މިއީ އަޅުގަނޑުމެން ދުނިޔެއަށް ފޮނުއްވާފައިވާ މަގުސަދު ތޯއެވެ؟
އަޅުގަނޑުމެންގެ އަމިއްލަ ނަފްސު ހިސާބު ކުރަންވެއްޖެއެވެ. އަޅުގަނޑުމެންގެ ތެރެއިން އެއްވެސް މީހަކަށް އެމީހަކު މަރުވާނެ ވަގުތެއް އެނގޭހެއްޔެވެ؟ ކުޅިވަރާއި މަޖަލުގައި ޣާފިލުވެފައި ތިއްބާ މަރުވެގެންދިޔައީ ކިތައް މީހުންތޯއެވެ؟ އެފަދަ ހާދިޘާތަކުން ފިލާވަޅުލިބިގަންނަން ވެއްޖެކަން ކަށަވަރެވެ.
ދުޢާއަކީ އަޅުގަނޑުމެން އެންމެންނަކީވެސް ދުނިޔަވީ ޣާފިލުކަމުން ސަލާމަތްވެ، އުޚްރަވީ ޙަޔާތް ބާއްޖަވެރި ކުރުމަށް މަސަކަތްކުރާ ބައެއްގެގޮތުގައި ލެއްވުމެވެ.
وصلى الله تعالى وسلم على نبيه محمد وآله وصحبه أجمعين.

އިތުރަށް ވިދާޅުވޭ

ފަތިސް ނަމާދު ކުރުމުގައި ދެމިތިބޭމީހުން

އަޙުމަދު ނާޒިޙް
الحمد لله وصلى الله على نبيِّنا محمدٍ وعلى آله وصحبه وبعد:
އެއީ ކާމިޔާބު ލިބިގެންވާ ބައެކެވެ. އެއީ މޫނުތައް އަލިވެގެންވާ ބައެކެވެ. އެމީހުންގެ ނިތްކުރިތަކުގެ ވިދުން ގަދަ ވެގެންވާ ބައެކެވެ. އެއީ އެމީހުންގެ ވަގުތު ތަކުގައި ބަރަކާތް ލެއްވިގެންވާ ބައެކެވެ. ތިބާއަކީ އެމީހުންގެ ތެރެއިންވާ މީހެއް ނަމަ، އެމަތިވެރި ނިޢުމަތަށް، ﷲއަށް ޙަމްދު ކުރާށެވެ. އަދި ތިބާއަކީ އެމީހުންގެ ތެރެއިންވާ މީހެއް ނޫންނަމަ، ދުޢާއަކީ ﷲ ސުބުޙާނަހޫ ވަތަޢާލާ ތިބާ އެމީހުންގެ ތެރެއިން ލެއްވުމެވެ. އެއީ ކޮންބައެއްކަން ތިބާއަށް އެނގޭހެއްޔެވެ؟
އެއީ ފަތިސް ނަމާދު ކުރުމުގައި ދެމިތިބޭ މީހުންނެވެ. މިމަތިވެރި ވެގެންވާ ފަރުޟު އަދާކުރުމުގައި ދެމިތިބޭ މީހުންނެވެ. އެއީ މި މަތިވެރިވެގެންވާ އިސްލާމީ ޝަރީޢަތުގައި ވަރުގަދައަށް ހިފަހައްޓައިގެންތިބޭ މީހުންނެވެ. އެމީހުން ކޮންމެ އާދުވަހެއް ފަށައިގަންނަނީ މިމަތިވެރި ޢަމަލުންނެވެ. މިމަތިވެރި ނަމާދު އަދާކުރުމުގައި ދެމިތިބޭމީހުންނަށް ﷲ ގެ ހަޟުރަތުގައި، މަލާއިކަތުން ހެކިވެވަޑައިގަންނަވައެވެ. އަދި ޖަމާޢަތުގައި މިމަތިވެރި އަޅުކަން އަދާކޮށްފި މީހާ، މުޅި ރޭގަނޑު އެއްކޮށް ނަމާދުކުރި ފަދައެވެ.
މިމަތިވެރި ނަމާދަށް ރައްކާތެރިވުމަކީ ސުވަރުގެ ވަނުމުގެ ސަބަބުތަކުގެ ތެރެއިން ސަބަބެކެވެ. މިނަމާދަށް ވުޟޫކުރުމަކީ އެހާމެމަތިވެރި ކަމެކެވެ. އަދި މިއަޅުކަން އަދާކުރުމަށް ހިނގާފައި ދިއުމަކީ ނުހަނު ޘަވާބު ހުރިކަމެކެވެ. މިނަމާދުގެ ފަހުގައިވާ ވަގުތަކީ ބަރަކާތް ބާވައިލައްވާ ވަގުތެކެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ. "اللهمَّ بَارِكْ لأُمَّتي في بُكُوْرِها" (أخرجه أحمد وأبو داوود والترمذي وابن ماجه)
މާނައީ: "އޭ ﷲ! ތިމަންކަލޭގެފާނުގެ އުއްމަތަށް އެއުއްމަތުގެ ހެނދުނުގައި ބަރަކާތް ލައްވާދޭނވެ."
އެއީ މިވަޤުތުގެ ބަރަކާތުގެ އަހުލުވެރިންނެވެ. އަދި އެމީހުންނަކީ حيَّ على الصلاة، حيَّ على الفلاح އަށް އިޖާބަދޭ މީހުންނެވެ. އެމީހުންނަށް އަމާންކަމާއި ސަލާމަތްކަން ހުއްޓެވެ. އެމީހުންނަކީ ފުރިހަމަގޮތުގައި އަޅުވެތިވުމުގެ މާނަ އެނގޭ، الصَّلاةُ خَيْرٌ مِن النَّومِ އަށް ފުރިހަމަ ގޮތުގައި އިޖާބަދޭ މީހުންނެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ.
"بَشِّرِ المشَّائينَ في الظُّلَمِ إلى المسَاجدِ بِالنُّورِ التَّامِ يَوْمَ القِيامَةِ" (أخرجه الترمذي وأبو داوود)
މާނައީ: "މިސްކިތްތަކަށް އަނދިރީގައި ހިނގާފައިދާ މީހުންނަށް، ޤިޔާމަތްދުވަހުގައި ފުރިހަމަ ނޫރެއް ވާކަމުގެ އުފާވެރި ޚަބަރު ދޭށެވެ."
ސުވަރުގޭގައި ﷲ ސުބުޙާނަހޫ ވަތަޢާލާގެ ވަޖުހުފުޅު ފެންނާނޭ މީހުންނަށް އެދުވަހުން އެލިބޭ ނަސީބަށްވުރެ ބޮޑު ނަސީބެއް އެއްވެސް އިންސާނަކަށް ދުވަހަކުވެސް ނުލިބޭނެއެވެ. އެދުވަހުން އެ ނަސީބު ލިބިއްޖެ މީހަކަށް އިމެއްނެތް އުފާވެރިކަން ހުއްޓެވެ.
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ.
"إنَّكُمْ سَتَرَوْنَ ربَّكُم كمَا تَرَونَ هذا القَمَرَ لا تُضامونَ في رؤيتِه، فَإِنْ اسْتَطَعْتُم الّا تُغلبوا عَلَى صلاةٍ قبلَ طلوعِ الشَّمسِ وقبلَ غروبِها فافعلُوا ثمَّ قرأَ: (وَسَبِّحْ بِحَمْدِ رَبِّكَ قَبْلَ طُلُوعِ الشَّمْسِ وَقَبْلَ الْغُرُوبِ) (ق: ٣٩)" (أخرجه مسلم)
މާނައީ: "މިހަނދު (ސާދަ ވިލޭރޭގެ ހަނދު) ފެންނަ ފަދައިން (ޤިޔާމަތް ދުވަހުގައި) ތިޔަބައިމީހުން ތިޔަބައިމީހުންގެ ވެރި ރައްބު ދެކޭނެތެވެ. އެއިލާހަށް ބެލުމުގައި ތިޔަބައިމީހުންނަށް އެއްވެސް ގެއްލުމެއް ނުވާނެއެވެ. ފަހެ އިރު އެރުމުގެ ކުރިންނާއި އިރު އޮއްސުމުގެކުރިން ނަމާދުކުރުމުގެ މައްޗަށް (އެބަހީ ފަތިސް ނަމާދާއި ޢަޞުރު ނަމާދު އޭގެ ވަޤުތުގައި ކުރުމުގެ މައްޗަށް) ބަލިވެނުގަތުމަށް ތިޔަބައިމީހުންނަށް ކުޅަދާނަވެގެން ވާނަމަ ފަހެ ތިޔަބައިމީހުން އެކަން ކުރާހުށިކަމެވެ. ދެން އެކަލޭގެފާނު މިއާޔަތް ކިޔަވާ ވިދާޅުވިއެވެ. 'ކަލޭގެފާނު ކަލޭގެފާނުގެ ވެރި ރައްބަށް، އިރު އެރުމުގެ ކުރިންނާއި އިރު އޮއްސުމުގެ ކުރިން ޙަމްދު ކުރުމާ އެކު ތަސްބީޙަ ކިޔާހުށިކަމެވެ."
މިތާނގައި، ބަލިވެނުގަނެ ކުޅަދާނަ ވެގެންވާނަމައޭ ޙަދީޘް ކުރެއްވުމުގެ މުރާދަކީ އެހެން ނަމާދުތައްވެސް އަދާކުރުމާއެކު، އެދެނަމާދަށް އިތުރަށް ރައްކާތެރިވުމެވެ. އެހެނީ ނަމާދުކުރުމުގެ ކުޅަދާނަކަން ލިބިގެން ނުވާ މީހަކު އަޅުގަނޑުމެންގެ ތެރޭގައި ނުވެއެވެ.
އެމީހުންނަކީ ﷲ ސުބުޙާނަހޫ ވަތަޢާލާގެ ރައްކާތެރިކަމުގައި ތިބޭމީހުންނެވެ. ކަންނެތްކަމުން ހަށިގަނޑު ސަލާމަތް ވެގެންވާ މީހުންނެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ.
"مَنْ صلَّى الصُّبْحَ فَهُوَ في ذِمَّةِ الله" (أخرجه مسلم)
"ފަތިސް ނަމާދު (ޖަމާޢަތުގައި) ކޮށްފިމީހާ ދަންނައެވެ. ފަހެ އޭނާ ވާހުށީ ﷲގެ ބެއްލެވުމުގެ ދަށުގައެވެ."
އަދިވެސް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ކުރައްވާފައިވާ ޙަދީޘެއްގެ މާނައިގައި ވެއެވެ.
"ތިޔަބައިމީހުންކުރެ މީހަކު ނިދާހިނދު އޭނާގެ ކަނދުރާގައި ޝައިޠާނާ ތިން ގޮށްޖަހައެވެ. (ދެން އޭނާ ބުނާނެއެވެ.) ތިބާގެ މައްޗަށް ދިގު ރެއެއް ވެއެވެ. ފަހެ ނިދާށެވެ. ފަހެ އޭނާ ހޭލައި ﷲއަށް ޛިކުރު ކޮއްފިނަމަ (އެބަހީ ނިދިން ހޭލާ ކިޔަން ވާރިދުވެފައިވާ ދުޢާ ކިޔައިފިނަމަ) އެއް ގޮށް މޮހިގެންދެއެވެ. ދެން އޭނާ ވުޟޫ ކޮށްފިނަމަ އަނެއް ގޮށް މޮހިގެން ދެއެވެ. ދެން އޭނާ ނަމާދު ކޮށްފިނަމަ ތިންވަނަ ގޮށް މޮހިގެން ދެއެވެ. ފަހެ އޭނާ ހެނދުނުކުރާހުށީ މުރާލި ހީވާގި މީހެއްގެ ގޮތުގައެވެ. އެހެން ނޫނީ އޭނާ ހެނދުނުކުރާހުށީ ހިތް ނުތަނަވަސް ކަންނެތް މީހެއްގެ ގޮތުގައެވެ."
ރަޙްމާނުވަންތަ އިލާހުގެ މަލާއިކަތުން އެމީހުންނަށް ހެކިވުން އެމީހުންނަށް ފުދިގެން ވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ.
"يَتَعَاقَبُوْنَ فِيْكُمْ مَلائِكَةٌ بِالنَّهَارِ، وَيَجْتَمِعُوْنَ فِيْ صَلاةِ الفَجْرِ وَصَلاةِ العَصْرِ، ثُمَّ يَعْرُجُ الذِيْنَ باتُوا فِيْكُمْ فَيَسْأَلُهُمْ رَبُّهُمْ- وَهُوَ أَعْلَمُ بِهِمْ- كَيْفَ تَرَكْتُمْ عِبادِي؟ فَيَقُوْلُونَ: تَرَكْناهُمْ يُصَلُّونَ، وأتينَاهُم وهُم يُصلُّون " (متفق عليه)
"ތިޔަބައިމީހުންގެ ތެރޭގައި މަލާއިކަތުން ރޭގަނޑާއި ދުވާލު ޑިއުޓީ ކުރައްވައެވެ. ފަތިސް ނަމާދުގެ ވަގުތުގައާއި ޢަޞުރު ނަމާދުގެ ވަގުތުގައި އެބޭކަލުން ޖަމާވެވަޑައިގަންނަވައެވެ. ދެން ތިޔަބައިމީހުންގެ ތެރޭގައި ރޭގަނޑު ހޭދަކުރެއްވި މަލާއިކަތުން، މައްޗަށް އަރާވަޑައިގަންނަވަތެވެ. ފަހެ އެބޭކަލުންގެ ވެރި ރައްބު، ދެނެވޮޑިގެންވާ ޙާލު، އެބޭކަލުންނާ ސުވާލުކުރައްވަތެވެ. ތިމަން ﷲގެ އަޅުތަކުން ތިޔަބޭކަލުން ދޫކޮށްލެއްވީ ކޮން ޙާލަތެއްގައި ހެއްޔެވެ؟ ފަހެ އެބޭކަލުން ދަންނަވަތެވެ. ތިމަންބޭކަލުން އެއުރެން ދޫކޮށްލެއްވީ އެއުރެން ނަމާދުކުރާ ޙާލުގައެވެ. އަދި އެއުރެންގެ ގާތަށް ތިމަންބޭކަލުން ވަޑައިގެންނެވީ ވެސް އެއުރެން ނަމާދުކުރާ ޙާލުގައެވެ."
އެމީހުންނަކީ ފަރުޟު ފަސް ނަމާދުގެ ޖަމާޢަތަށް ފުރިހަމައަށް ރައްކާތެރިވާ މީހުންނެވެ. އެމީހުން ކުރާ ވުޟޫއަކީ އެމީހުންގެ ދަރަޖަ އުފުލުމުގެ ސަބަބެކެވެ. އަދި ނަމާދަށް ހިނގާފައިދާ ދިއުމަކީ ކުރެވޭ ނުހަނު ގިނަ ދަރުމައެކުލެވިގެންވާ ހެޔޮކަމެކެވެ. އަދި މިސްކިތުގައި އިށީނދެގެން އިންނަ އިނުމަކީ ﷲ ސުބުޙާނަހޫ ވަތަޢާލާގެ ރަޙްމަތް ލިބޭނެ ކަމެކެވެ.
"مَنْ غَدَا ِإلى المسْجِدِ أوْ رَاحَ أَعَدَّ الله لَهُ فِيْ الجنَّةِ نُزُلاً كُلَّما غَدَا أَوْ رَاحَ" (متفق عليه)
"މިސްކިތަށް ގޮސްފައި އަންނަ މީހާއަށް ﷲ، ސުވަރުގޭގައި މެހުމާންދާރީއެއް ތައްޔާރު ކޮށްދެއްވާނެތެވެ. އެއީ އޭނަ ގޮސްފައި އަންނަ ކޮންމެ ފަހަރަކު އެވެ."
ފަތިސް ނަމާދަށް ރައްކާތެރިވާ މީހުންނަށް ސަލާމަތްކަން ހުއްޓެވެ. ރޭގަނޑު ހަތަރުދަމު ހޭލާތިބެ މަޖާނެގުމުން ދުރުހެލިވެ، މިމަތިވެރި އަޖުރު އެމީހުން ޙާޞިލު ކޮށްފިއެވެ. އެމީހުން، ނަމާދަށް ތެދުވުމަށްޓަކައި އެމީހުންގެ ގަޑިތައް ތައްޔާރުކުރާތަން ފެންނާނެއެވެ. އަދި ވުޟޫކޮށް، ނިދުމުގެކުރިން ކިޔަން ވާރިދުވެފައިވާ ޛިކުރު ކިޔާތަން ފެންނާނެއެވެ. އަދި ހޭނުލެވޭނެހެން ހީވެއްޖެނަމަ، ނަމާދަށް ހޭލެއްވުމަށް އެހެންމީހެއްގެ ކައިރިން އެދެއެވެ. އެމީހުންގެ ހިތްތައް ވަނީ އީމާންކަމުން ފުރިގެންނެވެ. އެއްވެސް ސަބަބަކާއިހުރެ ނިދުން ލަސްވެގެން ނަމާދަށް ހޭލެވުން ލަސްވެއްޖެނަމަ، ހޭލެވުމުން އަވަހަށް ފުންމައިގެން ތެދުވެ ނަމާދަށް އަވަސްވެގަނެއެވެ. އެމީހުންނަކީ މިމަތިވެރި އަޅުކަމުގައި ދެމިތިބޭ މީހުންނެވެ. އެމީހުންނަކީ ﷲ ސުބުޙާނަހޫ ވަތަޢާލާގެ ޙަޟްރަތުގައި އެންމެ ލޮބުވެތިކަންބޮޑުވެގެންވާ، މިމަތިވެރި ޢަމަލު ކުރުމުގެ ސަބަބުން ކާމިޔާބު ލިބިގެންވާ މީހުންނެވެ. އިބްނު މަސްޢޫދު ރަޟިޔަﷲ ޢަންހުގެ އަރިހުން ރިވާވެގެން ވެއެވެ. އަހަރެން، ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމައާ ސުވާލުކުރީމެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާގެ ޙަޟްރަތުގައި އެންމެ ލޮބުވެތިކަންބޮޑުވެގެންވާ ޢަމަލަކީ ކޮބާހެއްޔެވެ؟ އެހިނދު އެކަލޭގެފާނު ޙަދީޡްކުރެއްވިއެވެ. "الصَّلاةُ على وَقْتِها..." (متفق عليه) "ނަމާދު އޭގެ ވަޤުތުގައި އަދާކުރުމެވެ."
ނަމާދުތަކަށް ފަރުވާކުޑަކޮށް އެނަމާދުތައް އޭގެވަގުތުން ފަސްކުރާ މީހާއަށް ހުރި ހިތާމައެއްގެ ބޮޑުކަމާއެވެ! އެމީހުންނަށް އެކުރެވޭ ފާފައިގެ ބޮޑުކަން އެމީހުންނަށް ވިސްނޭނެނަމައެވެ. އެމީހުންނަށް ގެއްލިގެން ދިޔައީ ކިހާބޮޑު ނިޢުމަތެއް ހެއްޔެވެ؟ ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީ ކުރައްވާފައި ވެއެވެ. فَوَيْلٌ لِلْمُصَلِّينَ * الَّذِينَ هُمْ عَنْ صَلَاتِهِمْ سَاهُونَ ( الماعون: ٤ - ٥)
"ފަހެ އެބައިމީހުންގެ ނަމާދާއިމެދު ޣާފިލުވެތިބެގެން ނަމާދުކުރާ މީހުންނަށް ގެއްލުމާއި ހަލާކު ހުށްޓެވެ."
އަދިވެސް ވަޙީކުރައްވާފައިވެއެވެ.
فَخَلَفَ مِنْ بَعْدِهِمْ خَلْفٌ أَضَاعُوا الصَّلَاةَ وَاتَّبَعُوا الشَّهَوَاتِ فَسَوْفَ يَلْقَوْنَ غَيًّا (مريم: ٥٩)
"އެއުރެންނަށް ފަހު (އިސްވެ ދިޔަ ހެޔޮލަފާ މީހުންނަށް ފަހު) ނުބައި ބަޔަކު އައެވެ. އެބައި މީހުން ނަމާދު ނަގައިލިއެވެ. އަދި އަމިއްލަ އެދުމަށް ތަބާވިއެވެ. ފަހެ ގަދަފަދަވެގެންވާ ޢަޛާބާ ފަހުން އެމީހުން ބައްދަލުކުރާނެތެވެ."
އަދި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ.
"أوَّلُ مَا يُحاسَبُ بِهِ العَبْدُ يَوْمَ القِيامَةِ الصلاة، فَإِنْ صَلحَتْ صَلحَ سَائِر عَمَله، وَإِنْ فَسَدَتْ فَسَدَ سَائِرُ عَمَله" (أخرجه الطبراني)
"ޤިޔާމަތް ދުވަހު އެކަމަކުން އަޅާގެ ޙިސާބުބެއްލެވޭނެ އެންމެ ފުރަތަމަ ޢަމަލަކީ ނަމާދެވެ. ފަހެ ނަމާދު ރަގަޅުވެއްޖެނަމަ އޭނާގެ ހުރިހާ ޢަމަލެއް ރަގަޅުވާހުއްޓެވެ. އަދި ނަމާދު ފާސިދުވެއްޖެނަމަ އޭނާގެ ހުރިހާ ޢަމަލެއް ފާސިދުވާހުއްޓެވެ."
އޭ ޖަމާޢަތުގައި ނަމާދުކުރުމަށް ރައްކާތެރި ނުވާމީހާއެވެ! ޚާއްޞަކޮށް ފަތިސް ނަމާދުކުރުމަށް ފަރުވާކުޑަކުރާ މީހާއެވެ! ތިބާ ހިނގާނެ މަގެއް ކަމުގައި ޝައިޠާނާގެ މަގު ޚިޔާރު ކުރީ ކީއްވެގެން ހެއްޔެވެ؟ ތިބާގެ ކަންފަތަށް، ޝައިޠާނާ ހީސްލުމަށް ރުހެނީ ކީއްވެގެން ހެއްޔެވެ؟ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހުގައި، އިރު އަރަންދެން ނިދާފައި އޮތް މީހެއްގެ ވާހަކަ ދެންނެވުމުން ޙަދީޘް ކުރެއްވިއެވެ.
"ذَاكَ رَجُلٌ بالَ الشَّيْطانُ في أُذُنَيْهِ" (متفق عليه)
"އެއީ ޝައިޠާނާ އެމީހެއްގެ ކަންފަތަށް ކުޑަގިފިލި ކޮއްފައިވާ މީހެކެވެ."
އޭ އަޚާއެވެ! އަމިއްލަ ނަފްސާމެދު ވިސްނާލަބަލާށެވެ! އެންމެ ފަހުން ޖަމާޢަތުގައި ފަތިސްނަމާދު ކުރީ ކޮންދުވަހަކު ކަން ހަނދާން އެބަހުރިތޯއެވެ؟ ފަތިސްނަމާދު ޖަމާޢަތުގައި ނުކޮށް، އޭގެ ގިނަ ހަކަތައިން މަޙްރޫމްވެގެން އަހަރެމެން ދާން ބޭނުންމިވާ މަންޒިލާ ހަމައަށް ވާޞިލްވެވޭނެ ހެއްޔެވެ؟
ﷲ ސުބުޙާނަހޫ ވަތަޢާލާއަށް ބިރުވެތިވާށެވެ. ތައުބާވުމަށް އަވަސްވެގަންނާށެވެ. އޭރުން ކުރެވިފައި ހުރި ފާފަތައް ފުހެވޭނެއެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ ތިޔަ އަޚާއަށް ދެއްވާފައިވާ ނިޢުމަތްތަކުގެ މަތިން ހަނދާން ނައްތާނުލާށެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާގެ މަދަދަށް އެދި އަބަދުވެސް ދަންނަވާށެވެ. ފަތިސް ނަމާދަށް ހޭނުލެވުމުގެ އެންމެބޮޑު ސަބަބުކަމުގައިވާ، ރޭގަނޑު ލަސްވަންދެން ހޭލާހުރުމުން ދުރުހެލިވާށެވެ.
ތިރީގައި މިދަންނަވާ ކަންތައްތައް ކުރުމުން ﷲ ސުބުޙާނަހޫ ވަތަޢާލާގެ އިރާދަފުޅުން ފަތިސް ނަމާދަށް ހޭލުން ފަސޭހަ ކަމަކަށް ވާނެއެވެ.
• ނިދުމުގެކުރިން ވުޟޫކޮށް އަދި ނިދުމުގެކުރިން ކިޔުމަށް ވާރިދުވެފައިވާ ދުޢާތަށް ކިޔުން.
• ނަމާދަށް ހޭލެއްވުމަށް މީހެއްގެ ކައިރީގައި ބުނުން
• އެލާރމް ގަޑިޔެއް ބެހެއްޓުން
• ހޭލެވުމުން އެންމެ ފުރަތަމަ ކަމަކަށް ﷲ ސުބުޙާނަހޫ ވަތަޢާލާއަށް ޛިކުރު ކުރުން.
• ދެވަނަ ފަހަރަށް ނިންދެވުމަށް ޝައިޠާނާއަށް ފުރުޞަތު ނުދީ، ހޭލެވުމުން އަވަހަށް އެނދުން ތެދުވުން.
• ﷲ ސުބުޙާނަހޫ ވަތަޢާލާ ޙަރާމް ކުރައްވަފައިވާ ކަންތައްތަކުން، ޚާއްޞަކޮށް ޙަރާމް ތަންތަނަށް ބެލުމުން ދުރުހެލިވުން. އެހެނީ ޙަރާމް ކަންތައްތައް ކުރުމަކީ ހެޔޮ ޢަމަލުތަކުން މަޙްރޫމުވާ ކަމެކެވެ.
• ހެޔޮ ޢަމަލުތައް ކުރުމުގައި އެކަކު އަނެކަކަށް ވާދަކުރާ މީހުންނަށް ދެއްވާނެކަމަށް ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޢުދުވެ ވޮޑިގެންފައިވާ މަތިވެރި ދަރަޖައިގެ މަތިން ހަނދާން ކުރުން.
• ފަތިސްނަމާދަށް ހޭލުމަށް އާދަކުރުން.
ރަސޫލﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ.
"ثَلاثَةٌ كلُّهُمْ ضامِنٌ على اللهِ إِنْ عاشَ رُزِقَ وكُفِيَ، وَإِنْ ماتَ أَدْخَلَهُ اللهُ الجنَّةَ، وَمِنْهُمْ: مَنْ خَرَجَ إلى المسْجِدِ فَهُوَ ضامِنٌ عَلى الله" (أخرحه أبو داوود وابن حبان)
"ﷲ އެބަޔަކާއި ޖާމިނުވެ ވޮޑިގެންވާ ތިންބަޔަކު ވެއެވެ. އެބައިމީހުން ދިރިތިބެއްޖެނަމަ ރިޒުޤު ދެއްވާހުއްޓެވެ. އަދި ފުދޭ ހުއްޓެވެ. އަދި އެމީހުން މަރުވެއްޖެނަމަ ﷲ އެބައިމީހުން ސުވަރުގެ ވައްދަވާހުއްޓެވެ. އެބައިމީހުންގެތެރޭގައި މިސްކިތަށް ދިއުމަށްޓަކައި (ގެއިން) ނިކުންނަމީހާ ހިމެނިގެންވެއެވެ. ފަހެ އޭނާއާއި ﷲ ޖާމިނުވެ ވޮޑިގެންވެއެވެ."
ދުޢާއަކީ އަޅުގަނޑުމެން އެންމެންނަށް ވެސް ﷲ ސުބުޙާނަހޫ ވަތަޢާލާ ދެދުނިޔޭގެ ބާއްޖަވެރިކަން ދެއްވަވާ އެއިލާހުގެ ސުވަރުގެ ވެއްދެވުމެވެ.
وصلَّى الله على نبيِّنا محمَّدٍ وعلى آله وصحبه.

އިތުރަށް ވިދާޅުވޭ