18.12.09

ހިޖުރީއަހަރަކަށް އަލްވަދާޢު ކިޔަމުންދާއިރު ...

މުޙައްމަދު ޝަމްޢޫން
الْحَمْدُ لِلَّهِ رَبِّ الْعَالَمِيْنَ. وَالصَّلَاةُ وَالسَّلَامُ عَلَى أَشْرَفِ الْأَنْبِيَاءِ وَالْمُرْسَلِيْنَ. نَبِيِّنَا وَحَبِيْبِنَا وَقُدْوَتِنَا مُحَمَّدٍ وَعَلَى آلِهِ وَأَصْحَابِهِ وَمَنْ تَبِعَهُمْ بِإِحْسَانٍ إِلَى يَوْمِ الِّدْينِ. أَمَّا بَعْدُ
ތިރީގައި އަޅުގަނޑު މިބަޔާންކުރާ ފޮޅުވަތްތަކުގައި އަޅުގަނޑު މި މުޚާޠަބު ކުރަނީ އަޅުގަނޑުގެ މުސްލިމު އަޚުންނާއި އުޚްތުންނާއެވެ. ﷲ ތަޢާލާ ފިޔަވައި ޙައްޤުގޮތުގައި އަޅުކަންވެވޭ އިލާހެއް ނުވާކަމަށާއި މުޙައްމަދު ޞައްލަﷲ ޢަލައިހިވަސައްލަމަ އަކީ އެއިލާހުގެ އަޅާކަމަށާއި ރަސޫލާކަމަށް ޤަބޫލުކޮށް، ބަހާއި ޢަމަލުން އެކަން ދައްކަމުންދާ މުސްލިމު އަޚުންނާއި އުޚްތުންނާއެވެ. އާއެކެވެ! އޭ މުސްލިމު އަޚާއެވެ! އޭ މުސްލިމު އުޚްތާއެވެ! އަޅުގަނޑު މި މުޚާޠަބު ކުރަނީ ތިބާއާއިއެވެ.
ހިޖުރީ އަހަރަކަށް އަލްވަދާޢު ކިޔަމުންދާއިރު، މިދުވަސްވަރުގައި ގިނަމީހުންތައް މަޝްޣޫލުވެއުޅޭ ބިދުޢަތަކާއި ޚުރަފާތުގެ ޢަމަލުތަކުން ދުރުހެލިވެ ރައްކާތެރިވާށެވެ. ވިސްނާށެވެ. މިއަހަރާއި އަޅުގަނޑުމެން ބައްދަލުކުރިތާ، މާގިނަ ދުވަސްތަކެއް އަދިނުވާކަހަލައެވެ. ނަމަވެސް މިއަދު އަޅުގަނޑުމެން މިކިޔަނީ އަލްވަދާޢެވެ. މިގޮތަށް އިންސާނާގެ ޙަޔާތުގެ ދުވަސްތައްވެސް ފާއިތުވަމުންގޮސް އެންމެފަހުން އޭނާ އުޚްރަވީ ޙަޔާތަށް ދަތުރު ފަށާނެތެވެ. އެހެންކަމުން މިއިން ޢިބުރަތް ޙާޞިލުކުރާ މީހުންގެ ތެރެއިންވާށެވެ.
މިދުނިޔެއަކީ ވަގުތީ ތަނެއްކަން ހަނދާން ނައްތާނުލާށެވެ. މިއީ ފަނާވެދަނިވި ތަނެއްކަމާއި ދާއިމީ ތަނަކީ، ނުވަތަ ދާއިމީ ޙަޔާތަކީ އުޚްރަވީޙަޔާތްކަން އަބަދުވެސް ހިތްމަތީގައި ބާއްވާށެވެ. ފިރުޢައުނުގެ ގައުމުން އީމާންވީ މުއުމިނު އަޅަކު އެމީހުންނަށް ނަޞޭޙަތްދެމުން ބުނިކަމުގައި، ﷲ ތަޢާލާ އެއިލާހުގެ ފޮތުގައި ވަޙީކުރައްވާފައިވެއެވެ. يَا قَوْمِ إِنَّمَا هَذِهِ الْحَيَاةُ الدُّنْيَا مَتَاعٌ ، وَإِنَّ الآخِرَةَ هِيَ دَارُ الْقَرَارِ (غافر: 39) " އޭ އަހުރެންގެ ޤައުމުގެ މީހުންނޭވެ! މިދުނިޔޭގެ ދިރިއުޅުން ވާކަންކަށަވަރީ ވަގުތީ އަރާމެއްކަމުގައެވެ. އަދި ހަމަކަށަވަރުން އާޚިރަތަކީ ޤަރާރުވެ ދެމިހުންނަނިވި ތަނެވެ."
އަމިއްލަ ނަފްސު މުޙާސަބާކުރާށެވެ. ފާއިތުވެދިޔަ އަހަރުގައި، ﷲއާ ކުއްތަންވުމަށް ކިހާވަރަކަށް މަސައްކަތް ކުރެވުނުތޯ އަމިއްލަ ނަފްސާއި ސުވާލުކުރާށެވެ. އަޅުކަންތައް ކުރީ ﷲއަށް ޚާލިޞްކޮށް ހެއްޔެވެ؟ ނުވަތަ އެއިލާހާއި އެހެންފަރާތެއް ބައިވެރި ކުރެވުނު ހެއްޔެވެ؟ މުޞީބާތްތަކުގެ ވަގުތުގައި މަދަދަށް އެދި ގޮވީ ކޮންފަރާތަކަށް ހެއްޔެވެ؟ ﷲ ތަޢާލާގެ ޙަޟްރަތުން މަދަދަށް އެދެވުނުހެއްޔެވެ؟ ނިޢުމަތްތަކުގެ ވަގުތުގައި އެއިލާހަށް ޝުކުރު އަދާކުރެވުނު ހެއްޔެވެ؟ ނުވަތަ އެނިޢުމަތްތަކަށް ވެވުނީ ކުފުރުހެއްޔެވެ؟ ޤުރުއާނުން ކިތައް އާޔަތް ދަސްކުރެވުނު ހެއްޔެވެ؟ ކިޔެވުނުހެއްޔެވެ؟ ﷲ ދެއްވާފައިވާ މުދަލުން ކިހާމިންވަރެއް ޞަދަޤާތް ކުރެވުނުހެއްޔެވެ؟ ކިތައް ދުވަހު ރޯދަ ހިފުނުހެއްޔެވެ؟ ހެޔޮކަންތަކަށް އަމުރުކޮށް، މުޖުތަމަޢުގައި ފެތުރިފައިވާ ނުބައިކަންތައް މަނާކުރެވުނުހެއްޔެވެ؟ ދީނުގައި، ކުރުމަށް އަންގަވާފައިވާ ކަންތަކަށް ފަރުވާތެރި ވެވުނުހެއްޔެވެ؟ އަދި ނަހީކުރައްވާފައިވާ ކަންތަކުން ދުރުވެ ރައްކާތެރި ވެވުނުހެއްޔެވެ؟ ނުވަތަ، ކުރެވުނު ކަންތައް ތިބާވަނީ ހަނދާންނައްތައިލާފަހެއްޔެވެ؟
ތިބާ ހަނދާންނައްތާލިޔަސް، މިކަންތައްތައްވަނީ ތިބާގެ ޢަމަލުގެ ފަތުގައި ލިޔެވިފައެވެ. ﷲ ތަޢާލާ ވަޙީ ކުރައްވާފައިވެއެވެ. مَا يَلْفِظُ مِن قَوْلٍ إِلَّا لَدَيْهِ رَقِيبٌ عَتِيدٌ (ق: 18) "(ކުރާ ޢަމަލުތައް ލިޔުއްވަން) އޭނާގެ ކައިރީގައި ޙާޟިރުވެ މަލާއިކަތަކުނެތި، އޭނާއަކަށް އެއްވެސް ބަހެއް ނުބުނެވެއެވެ." އެހެން އާޔަތެއްގައި އެއިލާހު ވަޙީކުރައްވާފައިވެއެވެ. وَإِنَّ عَلَيْكُمْ لَحَافِظِينَ * كِرَامًا كَاتِبِينَ * يَعْلَمُونَ مَا تَفْعَلُونَ (الإنفطار:12,11,10) "އަދި ހަމަކަށަވަރުން، ތިޔަބައިމީހުންގެ މައްޗަށް ރައްކާތެރިވެ ބަލަހައްޓަވާ މަލާއިކަތުންވެއެވެ. އެއީ (ތިޔަބައިމީހުން ކުރާ ޢަމަލުތައް) ލިޔުއްވާ، މާތްވެގެންވާ ބޭކަލުންތަކެކެވެ. ތިޔަބައިމީހުން ކުރާކަންތައް އެބޭކަލުން ދެނެވަޑައިގަންނަވައެވެ."
ޤިޔާމަތްދުވަހު ކޮންމެ އިންސާނާކާވެސް އޭނާގެ ޢަމަލުގެ ފަތް ހަވާލުކުރެވޭނެއެވެ. އެހިނދު، ތިމާ ހިތުހުރިހާގޮތަކަށް މިދުނިޔަވީ ޙަޔާތް ވޭތުކޮށްފައިވާ މީހުންގެހާލު ހުންނާނޭގޮތް ބަޔާންކޮށްދެއްވަވައި ﷲ ވަޙީކުރައްވާފައިވެއެވެ. وَوُضِعَ الْكِتَابُ فَتَرَى الْمُجْرِمِينَ مُشْفِقِينَ مِمَّا فِيهِ وَيَقُولُونَ يَا وَيْلَتَنَا مَالِ هَذَا الْكِتَابِ لَا يُغَادِرُ صَغِيرَةً وَلَا كَبِيرَةً إِلَّا أَحْصَاهَا وَوَجَدُوا مَا عَمِلُوا حَاضِرًا وَلَا يَظْلِمُ رَبُّكَ أَحَدًا (الكهف :49) " އަދި (ކޮންމެ މީހަކުމެ ކޮށްފައިވާ ޢަމަލުތަކުގެ) ފަތް (އެމީހަކަށް) ދެއްވާނެތެވެ. ފަހެ އެފަތުގައިވާ ތަކެއްޗާއިމެދު، ކުށްވެރިން ބިރުގެންފާއިވާތީ ތިބާދެކޭނެތެވެ. އަދި އެއުރެން ބުނާނެތެވެ. އޭ ތިމަންމެނަށްހުރި ހިތާމައެއްގެ ބޮޑުކަމާއެވެ! މިފަތަށް މިވެފައިވަނީ ކީއްހެއްޔެވެ؟ ކިތަންމެ ކުޑަކަމެއްވެސް، އަދި ބޮޑުކަމެއްވެސް މިފަތުގައި ނުހިމަނައި ދޫކޮށްފައި ނުވެއެވެ. އަދި އެއުރެން ކުޅަ އެންމެހައި ޢަމަލުތައް އެފަތުގައިވާތަން އެއުރެން ދެކޭނެތެވެ. ކަލޭގެފާނުގެ ވެރިއިލާހު އެއްވެސް މީހަކަށް އަނިޔާވެރިވެވޮޑިއެއް ނުގަންނަވަތެވެ." އެދުވަހު ކާމިޔާބުވާނީ މިފަނާވަނިވި ޙަޔާތް ﷲ ރުހިވޮޑިގަންނަވާގޮތުގައި ހޭދަކޮށްފައިވާ މީހުންނެވެ.
އޭ ލޮބުވެތި އަޚާއެވެ! އޭ ލޮބުވެތި އުޚްތާއެވެ! ފާއިތުވެ މިދިޔަ އަހަރުގައި އަޅުގަނޑުމެންނާއިވަކިވެ، އުޚްރަވީޙަޔާތަށް ދަތުރު ފަށާފައިވަނީ އަޅުގަނޑެމެންގެ ކިތައް ރަޙުމަތްތެރީންހެއްޔެވެ؟ އަޅުގަނޑުމެންގެ ދެއަތުން ފަސްއަޅާފައިވަނީ އަޅުގަނޑުމެންގެ ކިތައް އަޚުންނާޢި އުޚްތުންގެ ޤަބުރަށްހެއްޔެވެ؟ އަޅުގަނޑުމެންގެ ދުވަސްވެސް ވަނީ ނުހަނު ގާތުގައެވެ. ފާއިތުވެގެންދާ ކޮންމެ އަހަރަކީ އަޅުގަނޑުމެންވެސް ޤަބުރާއި ނުވަތަ މަރާއި ކައިރިކުރާ އަހަރެކެވެ. އެހެންކަމުން އަހަރެއްފާއިތުވެ، އެހެން އަހަރަކަށް އިރުއެރުމުން، އުފާފާޅުކޮށް ﷲގެ ޝަރީޢަތުގައި އައިސްފައިނުވާ ކަންތައް ކުރާމީހުންގެ ތެރެއިން ނުވާށެވެ. އޭގެ ބަދަލުގައި ފާއިތުވެ ދިޔަ އަހަރުގައި ކުރެވުނު ފާފަތަކުން ތައުބާވެ، ކާމިޔާބުގެ އަހުލުވެރިންގެތެރެއިން ވުމަށްޓަކައި، ރަސޫލުލް ހުދާ މުޙައްމަދު ބިން ޢަބްދިﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ދެއްކެވި މަގުން، ޘާބިތުކަމާއެކު ކުރިޔަށްދާށެވެ.

އިތުރަށް ވިދާޅުވޭ

9.12.09

ކީރިތި ޤުރުއާން

މުޙައްމަދު ޝަމްޢޫން
ކީރިތި ޤުރުއާނަކީ މީސްތަކުންނަށް ތެދުމަގު ދެއްކެވުމަށްޓަކައި ޖިބްރީލްގެފާނު މެދުވެރި ކުރައްވަވާ رسول الله صلى الله عليه وسلم އަށް ޢަރަބިބަހުން ބާވައިލެއްވުނު ﷲ سبحانه وتعالىގެ ކަލާމްފުޅެވެ. އެއީ އެންމެ ފަހުން ބާވައިލެއްވުނު ފޮތެވެ. އެފޮތް ބާވައިލެއްވުމުން އޭގެ ކުރީގެ ހުރިހާ ފޮތްތައް މަންސޫޚް ވެއްޖެއެވެ.
ދުނިޔޭގައި އުޅޭއިރު ދިމާވާ ދަތިތަކާއި ވަސްވާސް ތަކުން ސަލާމަތްވާން ބޭނުންކުރެވެން އޮތް ހަތިޔާރަކީ ކީރިތި ޤުރުއާނެވެ. އެއީ ހިތަށް ގެނެސް ގަންނަންވެސް ނޭނގޭހާ ބާރުގަދަ ފޮތެކެވެ. ﷲ سبحانه وتعالى ވަޙީކުރައްވާފައިވާ އާޔަތެއްގެ މާނައިގައި ވެއެވެ. "ތިމަންއިލާހު މި ޤުރުއާން ފަރުބަދައެއްގެ މައްޗަށް ބާވައިލެއްވި ނަމަ، ހަމަ ކަށަވަރުން އެފަރުބަދައެއް ﷲ سبحانه وتعالى އަށް ބިރުވެތި ވުމުގެ ސަބަބުން ކުނޑިކުނޑި ވެގެންތިރިއަށް ފައިބާތީ ކަލެއަށް ފެނުނީހެވެ." މި ދުނިޔެއާއި އަންނަން އޮތް ދުނިޔޭގެ ކާމިޔާބީއަށް މަގު ދައްކައި ދެވޭނެ ހަމައެކަނި އެހީތެރިއަކީ ކީރިތި ޤުރުއާނެވެ.
ކީރިތި ޤުރުއާނަކީ ކިޔެވުން އަޅުކަމެއް ކަމުގައި ލައްވައި ﷲ سبحانه وتعالى ބާވައިލެއްވި ފޮތެކެވެ. ޤުރުއާން ކިޔަވާން ވާނީ ލަސްލަހުން އަކުރުތަކަށް ބަލައިގެންނެވެ. ﷲ سبحانه وتعالى ވަޙީ ކުރައްވަނީ ورتل القرآن ترتيلا މާނައީ ، ޤުރުއާން ކިޔަވާހިނދު އެ ޤުރުއާން ތަޖްވީދުމަގުން އެއަކުރެއްގެ މަޚްރަޖުން އެއަކުރެއް ކިޔާށެވެ.
އަދިވެސް ވަޙީކުރައްވަނީ وَإِذَا قُرِئَ الْقُرْآَنُ فَاسْتَمِعُوا لَهُ وَأَنْصِتُوا لَعَلَّكُمْ تُرْحَمُونَ (الأعراف 204) މާނައީ ޤުރުއާން ކިޔެވޭ ހިނދު މަޑުމައިތިރިވެ އަޑު އަހާށެވެ. އެއީ ތިޔަބައިމީހުންގެ މައްޗަށް ރަޙްމަތް ލެއްވުމަށްޓަކައެވެ.
ވީމާ ލަސްލަހުން އަކުރުތަކަށް ބަލައިގެން ގިނަގިނައިން ޤުރުއާން ކިޔަވައި، ޤުރުއާން ކިޔެވޭ ހިނދު މަޑުމައިތިރިވެ ވާހަކަނުދައްކައި ތިބެމާ ހިނގާށެވެ.

އިތުރަށް ވިދާޅުވޭ

8.12.09

ހެޔޮއެދޭ އަޚެއްގެ ނަޞޭޙަތް -1

ޙަސަން ނާޖީ
1- ތިމާއަށް ބޭނުންވާވަރަށް ދީނީ މަޢުލޫމާތު ލިބިގަންނާށެވެ. އެއީ ޢިލްމުވެރިންނާ ސުވާލުކޮށްގެންނާއި ފޮތްކިޔައިގެންނެވެ.
2- ހުރިހާ ކުށްފާފަތަކުން ދުރުހެލިވާށެވެ.
3- ފާފައެއް ކުރެވިއްޖެނަމަ އަވަހަށް ތައުބާވާށެވެ.
4- އެއްވެސް މީހެއްގެ ޙައްޤެއް އަދާކުރުމުގައި ލަސްނުކުރާށެވެ. އަތުން ނުވަތަ ދުލުންވިއަސް އެހެންމީހަކަށް އުނދަގުލެއް ނުކުރާށެވެ. އެއްވެސް މީހެއްގެ ނުބައިވާހަކަ ނުދައްކާށެވެ.
5- މުދާއެއްކުރުމަށާއި މަޝްހޫރުކަން ހޯދުމަށް ލޯބިނުކުރާށެވެ. ކެއުންބުއިމާއި އަންނައުނުގައި އިސްރާފު ނުކުރާށެވެ.
6- އެހެންމީހަކު ތިމާގެ ކުށެއްދެއްކުމުން އެކަން ދިފާޢުކުރަން އުޅުމުގެ ބަދަލުގައި ކުށް ޤަބޫލުކޮށް ތައުބާވާށެވެ.
7- މުހިއްމު ބޭނުމެއްނެތި އެއްވެސް ދަތުރެއްނުކުރާށެވެ. އެހެނީ ދަތުރުމަތީގައި އުޅޭއިރު ތިމާކުރަންޖެހޭ ވަރަށް ގިނަކަންތައްތައް ނުކުރެވޭގޮތް ދިމާވެއެވެ.
8- މާގިނައިން ހުނުމާއި ވާހަކަ ދެއްކުމުން ދުރުހެލިވާށެވެ. ކޮންމެހެން ދައްކަންޖެހިއްޖެ ވާހަކައެއް މެނުވީ ހިލޭ އަންހެނުންނާ ނުދެއްކުމަށް ޚާއްޞަ ސަމާލުކަމެއްދޭށެވެ.
9- ބައެއްގެ މެދުގައި ކުރެވުނު ޒުވާބެއްގެ ވާހަކަ ތަކުރާރުކޮށް ދައްކައި ނޫޅޭށެވެ. އެހެނީ އެއީ އަނދައަނދައި ހުރި އަލިފާންގަނޑަކަށް ޕެޓްރޯލު އެޅުންފަދަކަމެކެވެ.
10- އެއްވެސްކަމެއް ކުރުމުގެ ކުރިން އިސްލާމްދީނުގައި އެކަންއޮތީ ކިހިނެތްތޯ ބަލައި އެގޮތަށް ޢަމަލުކުރާށެވެ.
11- އަޅުކަންކުރުމަށް ކަންނެތްނުވާށެވެ. އެހެނީ އެއީ މުނާފިޤުންގެ ސިފައެކެވެ.
12- ވީހާވެސް ގިނަވަގުތު ﷲގެ ކުޅަދުންވަންތަކަމުގެ ހެކިތަކާމެދު ވިސްނުމުގައި ހޭދަކުރެވޭތޯ ބަލާށެވެ. މިއީ ބުއްދިވެރިންގެ ސިފައެކެވެ.
13- މީހުންނާ ބައްދަލުވާހިނދު ތިމާގެ މޮޅުކަން ހާމަކުރަން މަސައްކަތް ކުރުމުގެ ބަދަލުގައި ތަވާޟުޢުވެރިވާށެވެ. ﷲއަށްޓަކައި ތަވާޟުޢުވެރިވެއްޖެ މީހެއްގެ ދަރަޖަ އެއިލާހު މަތިވެރިކުރައްވައެވެ.
14- ވެރިންނާއި ނުފޫޒުގެ އަހުލުވެރިންނާ ގުޅުން ބެހެއްޓުމުގައި ޚާއްޞަ ސަމާލުކަމެއް ދޭށެވެ.
15- ލާދީނީމީހުންނަކީ ތިމާގެ ގާތް ރަޙްމަތްތެރީންކަމުގައި ނަހަދާށެވެ. ކަނބުރުގެއަކަށް ވަނިއްޔާ އަޅިބުރާނެއެވެ.
16- އެހެންމީހުންގެ ކުށް ހޯދަން ނޫޅޭށެވެ. އެއްވެސް މީހަކާ ދޭތެރޭ ކުށްހީއެއް ނުބާއްވާށެވެ. އަދި އަމިއްލަ ނަފްސު އިސްލާހުކުރުމަށް މަސައްކަތްކުރާށެވެ.
17- ނަމާދު އޭގެ ވަގުތުގައި، ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަ ދަސްކޮށްދެއްވާފައިވާގޮތަށް، ޚުޝޫޢަތްތެރިކަމާއެކު ކުރުމަށް ޚާއްޞަ ސަމާލުކަމެއްދޭށެވެ.
18- ހުރިހާ ހާލަތެއްގައިވެސް ﷲތަޢާލާގެ ޒިކުރު ކުރުމުގައި ދެމިހުންނާށެވެ.
19- ﷲ ތަޢާލާގެ މަތިން ޒިކުރުކުރުމުން، ތިބާއަށް ހިތްހަމަޖެހުން ލިބޭނަމަ، އެކަމަށްޓަކައި އެއިލާހަށް ޝުކުރުވެރިވާށެވެ.
20- މަޑުމައިތިރިކަމާއެކު ރިވެތިބަހުން ބަސްމޮށެއުޅޭށެވެ.
_________________________________________
މި ލިޔުމަށް މަޢުލޫމާތު ނަގާފައިވަނީ ޝެއިޚް އަޝްރަފް ޢަލީގެ ލިޔުމަކުންނެވެ.

އިތުރަށް ވިދާޅުވޭ

އަޚެއްގެ ވަޞިއްޔަތް


1. މާތް ﷲ އަށް ކިޔަމަންތެރިވާށެވެ. އެއިލާހަކީ ކަލޭ ފެންތިއްކަކުން އުފެއްދެވި އިލާހެވެ.

2. މާތް ﷲއާ އެހެން އެއްވެސް ފަރާތަކާ އެއްފަދަ ނުކުރާށެވެ. މުދަލާއި ފައިސާއަށް ތިމާގެ އަމިއްލަ ދީނާއި ވަޠަން ވިއްކާނުލާށެވެ.

3. ބާޠިލުކަންތައްތަކުގެ ކުރިމަތީގައި ފައިތިލަ ސާބިތުކުރާށެވެ. މާތްﷲ ފިޔަވައި އެހެން އެއްވެސް ފަރާތަކަށް ބިރުވެތިނުވާށެވެ.

4. ހުކުރުދުވަސް މަތިން ހަނދާން ނައްތައި ނުލާށެވެ. އެދުވަހަކީ އިންސާނިއްޔަތު ފެށުނު ދުވަހެވެ. އަދި އެއީ އިންސާނިއްޔަތު މިދުނިޔެއިން ނިމޭނޭ ދުވަސް ވެސްމެއެވެ. އެދުވަހަކީ ދުނިޔޭގެ ދުވަސްތަކުގެ ތެރެއިން އެންމެ މާތް ދުވަހެވެ.

5. މައިން ބަފައިންނަށް އިޙްތިރާމްކުރާށެވެ.

6. ޙައްޤަކާ ލައިގެންމެނުވީ އެއްވެސް ނަފްސެއް ޤަތުލުނުކުރާށެވެ.

7. ޒިނޭ ނުކުރާށެވެ. އަދި އެކަމުން މުޅިން ދުރުވެގަންނާށެވެ. އެހެނީ އެއީ އިންސާނިއްޔަތަށް ހުރި ބޮޑުވެގެންވާ ވަބާއެކެވެ.

8. ވައްކަން ނުކުރާށެވެ. އެއްވެސް ކަމެއް އެއިލާހަށް ވަންހަނާވެގެންނުވާ މާތްﷲ، ބައްލަވައި ވޮޑިގެންވާކަން ދަންނާށެވެ.

9. އެއްވެސް މީހެއްގެ މައްޗަށް ދޮގުހެކިނުދޭށެވެ. އަދި ހުރިހާ ހާލަތެއްގައިވެސް ތެދުވެރިވާށެވެ.

10. އިސްލާމީ ތާރީޚްމަތިން ހަނދުމަކޮށް އެއިން ޢިބްރަތް ލިބިގަންނާށެވެ.

އިތުރަށް ވިދާޅުވޭ

5.12.09

އިންސާނެއްގެ ޙަޔާތުގައި ވަގުތުގެ މުހިއްމުކަން

އަޙުމަދު ނާޒިޙް
الحمد لله وصلى الله على نبيِّنا محمدٍ وعلى آله وصحبه وبعد:
މީހެއްގެ ޙަޔާތުގައި ވަގުތަކީ ހަގީގަތުގައި އޭނާގެ އުމުރެވެ. އަދި އޭނާގެ ވަގުތަކީ ﷲ ނޫން ފަރާތަކަށް ދެވިގެންވާނޭ އެއްޗެއް ނޫނެވެ. ވަގުތު ބޭކާރު ގޮތުގައި ހޭދަކުރާ މީހާއަށް މިދުނިޔޭގެ ޙަޔާތަށްވުރެ މަރު މާރަގަޅެވެ. ސަބަބަކީ، ޙަޔާތުގެ މިހާ މުހިއްމު ބައެއް ބޭކާރުގޮތުގައި ނަގާލާތީއެވެ.
ރަސޫލުﷲ ޞައްލައްﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ. "نِعْمَتانِ مَغْبُوْنٌ فِيْهِمَا كَثِيْرٌ مِنَ النَّاسِ: الصِّحَةُ وَالفَرَاغُ" (رواه البخاري ) މާނައީ: "މީސްތަކުންގެ ތެރެއިން ގިނަ ބަޔަކު އެކަމަކާމެދު ޣާފިލުވެފައިވާ ދެނިޢުމަތެއް ވެއެވެ. އެއީ ފުރިހަމަ ޞިއްޙަތާއި ހުސްވަގުތެވެ."
އަދި ޢުމަރު ރަޟިޔަﷲ ޢަންހު ވިދާޅުވެފައި ވެއެވެ. " إِنِي لَأَكْرَهُ أَنْ أَرَى أَحَدَكُمْ سَبَهْلَلاً لا فِيْ عَمَل دُنْيا وَلا فِي عَمَلِ آخِرِة" މާނައީ "ހަމަކަށަވަރުން ތިޔަބައިމީހުންގެ ތެރެއިން މީހަކު ދުނިޔެ އާއި އާޚިރަތުގެ ޢަމަލު ނުކޮށް، ބޭކާރުގޮތުގައި ހުންނަތަން ފެނުމަށް ތިމަން ނުރުހެމެވެ."
ޢުމަރު ރަޟިޔަﷲ ޢަންހުގެ މިބަސްފުޅުން ދުނިޔެމަތީގައި ކުރެވޭ ޢަމަލުތައް ދެބަޔަކަށް ބެހިގެން ވާކަން އެނގިއްޖެއެވެ. މިގޮތުން ޢަމަލުތައް ކުރުމުގައި ހަމައެކަނި ދުނިޔޭގެ ޢަމަލުތައް ކުރުމުގައި ހުސްވެގަތުމެއް ނެތެވެ. އަދި ހަމައެހެންމެ، ދުނިޔަވީ ޢަމަލުތައް ދޫކޮށް އުޚްރަވީ ޢަމަލުތަކަށް ގޮސް ހުސްވުމެއް ވެސް ނެތެވެ. މާތް ވެގެންވާ އިސްލާމްދީން އަޅުގަނޑުމެންނަށް އަމުރު ކުރަނީ މިދެމެދެވެ.
އިންސާނުންގެ ތެރެއިން ބުއްދިވެރިންނަކީ ވަގުތުގެ މުހިއްމުކަން ދަނެގަނެ އޭގެ ބޭނުން ފުރިހަމަ ގޮތުގައި ހިފާމީހުންނެވެ. މިގޮތުން ތިމާއަށް ފައިދާކުރަނިވި އެއްޗެއް އުގެނުމާއި ހެޔޮ އަމަލެއް ކުރުމާއި ދުނިޔަވީ ކަމެއް ކުރުމުގައިވެސް ވަގުތުގެ ބޭނުންހިފިދާނެއެވެ. މިއިން ކޮންމެ ކަމެއްގައިވެސް ތިމާގެ ނިޔަތް ރަނގަޅުވެއްޖެނަމަ އެކަމެއްގެ ސަބަބުން ދަރުމައާއި ޘަވާބު ލިބޭނެއެވެ.
މިއުއްމަތުގެ ސަލަފުއްޞާލިހުން ވަނީ ވަގުތުގެ ބޭނުން ފުރިހަމަ ގޮތުގައި ހިފުމަށް ވަރަށް ބޮޑަށް މަސަކަތްކުރައްވާފައެވެ. މިގޮތުން ޢަބްދުއްރަޙްމާން ބިން އަބީ ޙާތިމް އައްރާޒީ ކޭންބައްލަވާއިރާއި، ފާޚާނާއަށް ވަންނަވާއިރާއި އަދި ގޭތެރޭގެ އެހެން ކަންތައް ކުރައްވާ އިރު، ދަރިފުޅުކައިރީ ބުނުއްވައިގެން އެކަލޭގެފާނަށް އަޑުއިވޭވަރަށް ފޮތް ކިއުއްވައެވެ. އަދި އަލްއިމާމް ސުލައިމް ބިން އައްޔޫބް އައްރާޒީ އަކީ ވަގުތުގެބޭނުން ހިފުމުގައި މަޝްހޫރު ބޭކަލެކެވެ. އެކަލޭގެފާނު ކިތަންމެކުޑަ ވަގުތުކޮޅެއްވިޔަސް ބޭކާރުގޮތުގައި ނަގާނުލައެވެ. އެކަލޭގެފާނުގެ ވަގުތުތައް ހޭދަކުރަނީ ކިޔެވުމުގައްޔާއި ކިޔަވާދިނުމުގައްޔާއި އަދިވެސް މިފަދަ އަގުހުރި ކަންކަމުގައެވެ. އެކަލޭގެފާނު ވަނީ ވަރަށްގިނަ ފޮތްތައް ލިޔުއްވާފައެވެ. އަދި ލިޔަމުންދާއިރު ފަންސުރު ރަނގަޅުކުރަން ލިޔުން ހުއްޓާލަން ވެއްޖެނަމަ ޤުރުއާން ކިޔަވަން ފައްޓަވައެވެ. އެހެންނޫނީ ކޮންމެވެސް ޛިކުރެއްކުރައްވައެވެ. ކިތަންމެ ކުޑަވަގުތުކޮޅެއް ވިޔަސް ބޭކާރުކޮށްނުލުމަށެވެ.
އަޅުގަޑުމެންގެ ވަގުތުތައް އަޅުގަޑުމެންނަށް ހޭދަ ކުރެވެނީ މިފަދަ ގޮތަކަށްތޯއެވެ؟ އެހެންނޫނީ މިއާ އިދިކޮޅަށްތޯއެވެ؟ އަޅުގަނޑުމެން އެންމެންވެސް ވަގުތުނުވެގެން އެކަމާ ވާހަކަދައްކާ އަޑު ވަރަށްގިނައިން އިވެއެވެ. ކުރަންބޭނުންވާ އެތައްކަންތަކެއް ނުކުރެވިތިއްބާ ކޮންމެ ދުވަހެއްވެސް އަޅުގަނޑުމެންގެ ޙަޔާތާ ވަކިވަނީއެވެ. އަޅުގަނޑުމެންނަށް އަޅުގަނޑުމެންގެ ވަގުތުތައް ހޭދަކުރެވެނީ ކިހިނެތްތޯ ވިސްނާލަމާހެއްޔެވެ.
ދުވާލުގެ ގިނަވަގުތުތައް ނިދުމުގައި ހޭދަކުރުމަށްފަހު ރޭގަނޑަކީ ކުޅިވަރުކުޅުމަށް އޮންނަ ވަގުތަކަށް އަޅުގަނޑުމެން ހަދައިފީމުއެވެ. އެއްބަޔަކު އެމީހުންގެ ރޭތައް ހޭދަކޮއްލަނީ ޓީވީ ދޮށުގައެވެ. އަނެއްބަޔަކު ގުރޫޕް ހަދާލައިގެންތިބެ ބޭކާރުވާހަކަ ދެއްކުމާއި ޣީބަބުނުމުގައެވެ. އެހެންނޫނީ ކޮންމެވެސް ޙަރާމްކަމެއް ކުރުމުގައެވެ. ޓީވީއަށް އަޅުގަނޑުމެން ގެއްލިފައިވާ މިންވަރަކީ، ޓީވީ ޑްރާމާތަކުގައި އުޅޭމީހުންގެ އާއިލާތަކަށް ދާންދެން އަޅުގަނޑުމެންނަށް އެގެއެވެ. އަނެއްބަޔަކަށް ނޭނގި ދުނިޔޭގެތާކު ފުޓުބޯޅަ މެޗެއް ނުކުޅެވެއެވެ. މިއީ އަޅުގަނޑުމެން ދުނިޔެއަށް ފޮނުއްވާފައިވާ މަގުސަދު ތޯއެވެ؟
އަޅުގަނޑުމެންގެ އަމިއްލަ ނަފްސު ހިސާބު ކުރަންވެއްޖެއެވެ. އަޅުގަނޑުމެންގެ ތެރެއިން އެއްވެސް މީހަކަށް އެމީހަކު މަރުވާނެ ވަގުތެއް އެނގޭހެއްޔެވެ؟ ކުޅިވަރާއި މަޖަލުގައި ޣާފިލުވެފައި ތިއްބާ މަރުވެގެންދިޔައީ ކިތައް މީހުންތޯއެވެ؟ އެފަދަ ހާދިޘާތަކުން ފިލާވަޅުލިބިގަންނަން ވެއްޖެކަން ކަށަވަރެވެ.
ދުޢާއަކީ އަޅުގަނޑުމެން އެންމެންނަކީވެސް ދުނިޔަވީ ޣާފިލުކަމުން ސަލާމަތްވެ، އުޚްރަވީ ޙަޔާތް ބާއްޖަވެރި ކުރުމަށް މަސަކަތްކުރާ ބައެއްގެގޮތުގައި ލެއްވުމެވެ.
وصلى الله تعالى وسلم على نبيه محمد وآله وصحبه أجمعين.

އިތުރަށް ވިދާޅުވޭ

ފަތިސް ނަމާދު ކުރުމުގައި ދެމިތިބޭމީހުން

އަޙުމަދު ނާޒިޙް
الحمد لله وصلى الله على نبيِّنا محمدٍ وعلى آله وصحبه وبعد:
އެއީ ކާމިޔާބު ލިބިގެންވާ ބައެކެވެ. އެއީ މޫނުތައް އަލިވެގެންވާ ބައެކެވެ. އެމީހުންގެ ނިތްކުރިތަކުގެ ވިދުން ގަދަ ވެގެންވާ ބައެކެވެ. އެއީ އެމީހުންގެ ވަގުތު ތަކުގައި ބަރަކާތް ލެއްވިގެންވާ ބައެކެވެ. ތިބާއަކީ އެމީހުންގެ ތެރެއިންވާ މީހެއް ނަމަ، އެމަތިވެރި ނިޢުމަތަށް، ﷲއަށް ޙަމްދު ކުރާށެވެ. އަދި ތިބާއަކީ އެމީހުންގެ ތެރެއިންވާ މީހެއް ނޫންނަމަ، ދުޢާއަކީ ﷲ ސުބުޙާނަހޫ ވަތަޢާލާ ތިބާ އެމީހުންގެ ތެރެއިން ލެއްވުމެވެ. އެއީ ކޮންބައެއްކަން ތިބާއަށް އެނގޭހެއްޔެވެ؟
އެއީ ފަތިސް ނަމާދު ކުރުމުގައި ދެމިތިބޭ މީހުންނެވެ. މިމަތިވެރި ވެގެންވާ ފަރުޟު އަދާކުރުމުގައި ދެމިތިބޭ މީހުންނެވެ. އެއީ މި މަތިވެރިވެގެންވާ އިސްލާމީ ޝަރީޢަތުގައި ވަރުގަދައަށް ހިފަހައްޓައިގެންތިބޭ މީހުންނެވެ. އެމީހުން ކޮންމެ އާދުވަހެއް ފަށައިގަންނަނީ މިމަތިވެރި ޢަމަލުންނެވެ. މިމަތިވެރި ނަމާދު އަދާކުރުމުގައި ދެމިތިބޭމީހުންނަށް ﷲ ގެ ހަޟުރަތުގައި، މަލާއިކަތުން ހެކިވެވަޑައިގަންނަވައެވެ. އަދި ޖަމާޢަތުގައި މިމަތިވެރި އަޅުކަން އަދާކޮށްފި މީހާ، މުޅި ރޭގަނޑު އެއްކޮށް ނަމާދުކުރި ފަދައެވެ.
މިމަތިވެރި ނަމާދަށް ރައްކާތެރިވުމަކީ ސުވަރުގެ ވަނުމުގެ ސަބަބުތަކުގެ ތެރެއިން ސަބަބެކެވެ. މިނަމާދަށް ވުޟޫކުރުމަކީ އެހާމެމަތިވެރި ކަމެކެވެ. އަދި މިއަޅުކަން އަދާކުރުމަށް ހިނގާފައި ދިއުމަކީ ނުހަނު ޘަވާބު ހުރިކަމެކެވެ. މިނަމާދުގެ ފަހުގައިވާ ވަގުތަކީ ބަރަކާތް ބާވައިލައްވާ ވަގުތެކެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ. "اللهمَّ بَارِكْ لأُمَّتي في بُكُوْرِها" (أخرجه أحمد وأبو داوود والترمذي وابن ماجه)
މާނައީ: "އޭ ﷲ! ތިމަންކަލޭގެފާނުގެ އުއްމަތަށް އެއުއްމަތުގެ ހެނދުނުގައި ބަރަކާތް ލައްވާދޭނވެ."
އެއީ މިވަޤުތުގެ ބަރަކާތުގެ އަހުލުވެރިންނެވެ. އަދި އެމީހުންނަކީ حيَّ على الصلاة، حيَّ على الفلاح އަށް އިޖާބަދޭ މީހުންނެވެ. އެމީހުންނަށް އަމާންކަމާއި ސަލާމަތްކަން ހުއްޓެވެ. އެމީހުންނަކީ ފުރިހަމަގޮތުގައި އަޅުވެތިވުމުގެ މާނަ އެނގޭ، الصَّلاةُ خَيْرٌ مِن النَّومِ އަށް ފުރިހަމަ ގޮތުގައި އިޖާބަދޭ މީހުންނެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ.
"بَشِّرِ المشَّائينَ في الظُّلَمِ إلى المسَاجدِ بِالنُّورِ التَّامِ يَوْمَ القِيامَةِ" (أخرجه الترمذي وأبو داوود)
މާނައީ: "މިސްކިތްތަކަށް އަނދިރީގައި ހިނގާފައިދާ މީހުންނަށް، ޤިޔާމަތްދުވަހުގައި ފުރިހަމަ ނޫރެއް ވާކަމުގެ އުފާވެރި ޚަބަރު ދޭށެވެ."
ސުވަރުގޭގައި ﷲ ސުބުޙާނަހޫ ވަތަޢާލާގެ ވަޖުހުފުޅު ފެންނާނޭ މީހުންނަށް އެދުވަހުން އެލިބޭ ނަސީބަށްވުރެ ބޮޑު ނަސީބެއް އެއްވެސް އިންސާނަކަށް ދުވަހަކުވެސް ނުލިބޭނެއެވެ. އެދުވަހުން އެ ނަސީބު ލިބިއްޖެ މީހަކަށް އިމެއްނެތް އުފާވެރިކަން ހުއްޓެވެ.
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ.
"إنَّكُمْ سَتَرَوْنَ ربَّكُم كمَا تَرَونَ هذا القَمَرَ لا تُضامونَ في رؤيتِه، فَإِنْ اسْتَطَعْتُم الّا تُغلبوا عَلَى صلاةٍ قبلَ طلوعِ الشَّمسِ وقبلَ غروبِها فافعلُوا ثمَّ قرأَ: (وَسَبِّحْ بِحَمْدِ رَبِّكَ قَبْلَ طُلُوعِ الشَّمْسِ وَقَبْلَ الْغُرُوبِ) (ق: ٣٩)" (أخرجه مسلم)
މާނައީ: "މިހަނދު (ސާދަ ވިލޭރޭގެ ހަނދު) ފެންނަ ފަދައިން (ޤިޔާމަތް ދުވަހުގައި) ތިޔަބައިމީހުން ތިޔަބައިމީހުންގެ ވެރި ރައްބު ދެކޭނެތެވެ. އެއިލާހަށް ބެލުމުގައި ތިޔަބައިމީހުންނަށް އެއްވެސް ގެއްލުމެއް ނުވާނެއެވެ. ފަހެ އިރު އެރުމުގެ ކުރިންނާއި އިރު އޮއްސުމުގެކުރިން ނަމާދުކުރުމުގެ މައްޗަށް (އެބަހީ ފަތިސް ނަމާދާއި ޢަޞުރު ނަމާދު އޭގެ ވަޤުތުގައި ކުރުމުގެ މައްޗަށް) ބަލިވެނުގަތުމަށް ތިޔަބައިމީހުންނަށް ކުޅަދާނަވެގެން ވާނަމަ ފަހެ ތިޔަބައިމީހުން އެކަން ކުރާހުށިކަމެވެ. ދެން އެކަލޭގެފާނު މިއާޔަތް ކިޔަވާ ވިދާޅުވިއެވެ. 'ކަލޭގެފާނު ކަލޭގެފާނުގެ ވެރި ރައްބަށް، އިރު އެރުމުގެ ކުރިންނާއި އިރު އޮއްސުމުގެ ކުރިން ޙަމްދު ކުރުމާ އެކު ތަސްބީޙަ ކިޔާހުށިކަމެވެ."
މިތާނގައި، ބަލިވެނުގަނެ ކުޅަދާނަ ވެގެންވާނަމައޭ ޙަދީޘް ކުރެއްވުމުގެ މުރާދަކީ އެހެން ނަމާދުތައްވެސް އަދާކުރުމާއެކު، އެދެނަމާދަށް އިތުރަށް ރައްކާތެރިވުމެވެ. އެހެނީ ނަމާދުކުރުމުގެ ކުޅަދާނަކަން ލިބިގެން ނުވާ މީހަކު އަޅުގަނޑުމެންގެ ތެރޭގައި ނުވެއެވެ.
އެމީހުންނަކީ ﷲ ސުބުޙާނަހޫ ވަތަޢާލާގެ ރައްކާތެރިކަމުގައި ތިބޭމީހުންނެވެ. ކަންނެތްކަމުން ހަށިގަނޑު ސަލާމަތް ވެގެންވާ މީހުންނެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ.
"مَنْ صلَّى الصُّبْحَ فَهُوَ في ذِمَّةِ الله" (أخرجه مسلم)
"ފަތިސް ނަމާދު (ޖަމާޢަތުގައި) ކޮށްފިމީހާ ދަންނައެވެ. ފަހެ އޭނާ ވާހުށީ ﷲގެ ބެއްލެވުމުގެ ދަށުގައެވެ."
އަދިވެސް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ކުރައްވާފައިވާ ޙަދީޘެއްގެ މާނައިގައި ވެއެވެ.
"ތިޔަބައިމީހުންކުރެ މީހަކު ނިދާހިނދު އޭނާގެ ކަނދުރާގައި ޝައިޠާނާ ތިން ގޮށްޖަހައެވެ. (ދެން އޭނާ ބުނާނެއެވެ.) ތިބާގެ މައްޗަށް ދިގު ރެއެއް ވެއެވެ. ފަހެ ނިދާށެވެ. ފަހެ އޭނާ ހޭލައި ﷲއަށް ޛިކުރު ކޮއްފިނަމަ (އެބަހީ ނިދިން ހޭލާ ކިޔަން ވާރިދުވެފައިވާ ދުޢާ ކިޔައިފިނަމަ) އެއް ގޮށް މޮހިގެންދެއެވެ. ދެން އޭނާ ވުޟޫ ކޮށްފިނަމަ އަނެއް ގޮށް މޮހިގެން ދެއެވެ. ދެން އޭނާ ނަމާދު ކޮށްފިނަމަ ތިންވަނަ ގޮށް މޮހިގެން ދެއެވެ. ފަހެ އޭނާ ހެނދުނުކުރާހުށީ މުރާލި ހީވާގި މީހެއްގެ ގޮތުގައެވެ. އެހެން ނޫނީ އޭނާ ހެނދުނުކުރާހުށީ ހިތް ނުތަނަވަސް ކަންނެތް މީހެއްގެ ގޮތުގައެވެ."
ރަޙްމާނުވަންތަ އިލާހުގެ މަލާއިކަތުން އެމީހުންނަށް ހެކިވުން އެމީހުންނަށް ފުދިގެން ވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ.
"يَتَعَاقَبُوْنَ فِيْكُمْ مَلائِكَةٌ بِالنَّهَارِ، وَيَجْتَمِعُوْنَ فِيْ صَلاةِ الفَجْرِ وَصَلاةِ العَصْرِ، ثُمَّ يَعْرُجُ الذِيْنَ باتُوا فِيْكُمْ فَيَسْأَلُهُمْ رَبُّهُمْ- وَهُوَ أَعْلَمُ بِهِمْ- كَيْفَ تَرَكْتُمْ عِبادِي؟ فَيَقُوْلُونَ: تَرَكْناهُمْ يُصَلُّونَ، وأتينَاهُم وهُم يُصلُّون " (متفق عليه)
"ތިޔަބައިމީހުންގެ ތެރޭގައި މަލާއިކަތުން ރޭގަނޑާއި ދުވާލު ޑިއުޓީ ކުރައްވައެވެ. ފަތިސް ނަމާދުގެ ވަގުތުގައާއި ޢަޞުރު ނަމާދުގެ ވަގުތުގައި އެބޭކަލުން ޖަމާވެވަޑައިގަންނަވައެވެ. ދެން ތިޔަބައިމީހުންގެ ތެރޭގައި ރޭގަނޑު ހޭދަކުރެއްވި މަލާއިކަތުން، މައްޗަށް އަރާވަޑައިގަންނަވަތެވެ. ފަހެ އެބޭކަލުންގެ ވެރި ރައްބު، ދެނެވޮޑިގެންވާ ޙާލު، އެބޭކަލުންނާ ސުވާލުކުރައްވަތެވެ. ތިމަން ﷲގެ އަޅުތަކުން ތިޔަބޭކަލުން ދޫކޮށްލެއްވީ ކޮން ޙާލަތެއްގައި ހެއްޔެވެ؟ ފަހެ އެބޭކަލުން ދަންނަވަތެވެ. ތިމަންބޭކަލުން އެއުރެން ދޫކޮށްލެއްވީ އެއުރެން ނަމާދުކުރާ ޙާލުގައެވެ. އަދި އެއުރެންގެ ގާތަށް ތިމަންބޭކަލުން ވަޑައިގެންނެވީ ވެސް އެއުރެން ނަމާދުކުރާ ޙާލުގައެވެ."
އެމީހުންނަކީ ފަރުޟު ފަސް ނަމާދުގެ ޖަމާޢަތަށް ފުރިހަމައަށް ރައްކާތެރިވާ މީހުންނެވެ. އެމީހުން ކުރާ ވުޟޫއަކީ އެމީހުންގެ ދަރަޖަ އުފުލުމުގެ ސަބަބެކެވެ. އަދި ނަމާދަށް ހިނގާފައިދާ ދިއުމަކީ ކުރެވޭ ނުހަނު ގިނަ ދަރުމައެކުލެވިގެންވާ ހެޔޮކަމެކެވެ. އަދި މިސްކިތުގައި އިށީނދެގެން އިންނަ އިނުމަކީ ﷲ ސުބުޙާނަހޫ ވަތަޢާލާގެ ރަޙްމަތް ލިބޭނެ ކަމެކެވެ.
"مَنْ غَدَا ِإلى المسْجِدِ أوْ رَاحَ أَعَدَّ الله لَهُ فِيْ الجنَّةِ نُزُلاً كُلَّما غَدَا أَوْ رَاحَ" (متفق عليه)
"މިސްކިތަށް ގޮސްފައި އަންނަ މީހާއަށް ﷲ، ސުވަރުގޭގައި މެހުމާންދާރީއެއް ތައްޔާރު ކޮށްދެއްވާނެތެވެ. އެއީ އޭނަ ގޮސްފައި އަންނަ ކޮންމެ ފަހަރަކު އެވެ."
ފަތިސް ނަމާދަށް ރައްކާތެރިވާ މީހުންނަށް ސަލާމަތްކަން ހުއްޓެވެ. ރޭގަނޑު ހަތަރުދަމު ހޭލާތިބެ މަޖާނެގުމުން ދުރުހެލިވެ، މިމަތިވެރި އަޖުރު އެމީހުން ޙާޞިލު ކޮށްފިއެވެ. އެމީހުން، ނަމާދަށް ތެދުވުމަށްޓަކައި އެމީހުންގެ ގަޑިތައް ތައްޔާރުކުރާތަން ފެންނާނެއެވެ. އަދި ވުޟޫކޮށް، ނިދުމުގެކުރިން ކިޔަން ވާރިދުވެފައިވާ ޛިކުރު ކިޔާތަން ފެންނާނެއެވެ. އަދި ހޭނުލެވޭނެހެން ހީވެއްޖެނަމަ، ނަމާދަށް ހޭލެއްވުމަށް އެހެންމީހެއްގެ ކައިރިން އެދެއެވެ. އެމީހުންގެ ހިތްތައް ވަނީ އީމާންކަމުން ފުރިގެންނެވެ. އެއްވެސް ސަބަބަކާއިހުރެ ނިދުން ލަސްވެގެން ނަމާދަށް ހޭލެވުން ލަސްވެއްޖެނަމަ، ހޭލެވުމުން އަވަހަށް ފުންމައިގެން ތެދުވެ ނަމާދަށް އަވަސްވެގަނެއެވެ. އެމީހުންނަކީ މިމަތިވެރި އަޅުކަމުގައި ދެމިތިބޭ މީހުންނެވެ. އެމީހުންނަކީ ﷲ ސުބުޙާނަހޫ ވަތަޢާލާގެ ޙަޟްރަތުގައި އެންމެ ލޮބުވެތިކަންބޮޑުވެގެންވާ، މިމަތިވެރި ޢަމަލު ކުރުމުގެ ސަބަބުން ކާމިޔާބު ލިބިގެންވާ މީހުންނެވެ. އިބްނު މަސްޢޫދު ރަޟިޔަﷲ ޢަންހުގެ އަރިހުން ރިވާވެގެން ވެއެވެ. އަހަރެން، ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމައާ ސުވާލުކުރީމެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާގެ ޙަޟްރަތުގައި އެންމެ ލޮބުވެތިކަންބޮޑުވެގެންވާ ޢަމަލަކީ ކޮބާހެއްޔެވެ؟ އެހިނދު އެކަލޭގެފާނު ޙަދީޡްކުރެއްވިއެވެ. "الصَّلاةُ على وَقْتِها..." (متفق عليه) "ނަމާދު އޭގެ ވަޤުތުގައި އަދާކުރުމެވެ."
ނަމާދުތަކަށް ފަރުވާކުޑަކޮށް އެނަމާދުތައް އޭގެވަގުތުން ފަސްކުރާ މީހާއަށް ހުރި ހިތާމައެއްގެ ބޮޑުކަމާއެވެ! އެމީހުންނަށް އެކުރެވޭ ފާފައިގެ ބޮޑުކަން އެމީހުންނަށް ވިސްނޭނެނަމައެވެ. އެމީހުންނަށް ގެއްލިގެން ދިޔައީ ކިހާބޮޑު ނިޢުމަތެއް ހެއްޔެވެ؟ ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީ ކުރައްވާފައި ވެއެވެ. فَوَيْلٌ لِلْمُصَلِّينَ * الَّذِينَ هُمْ عَنْ صَلَاتِهِمْ سَاهُونَ ( الماعون: ٤ - ٥)
"ފަހެ އެބައިމީހުންގެ ނަމާދާއިމެދު ޣާފިލުވެތިބެގެން ނަމާދުކުރާ މީހުންނަށް ގެއްލުމާއި ހަލާކު ހުށްޓެވެ."
އަދިވެސް ވަޙީކުރައްވާފައިވެއެވެ.
فَخَلَفَ مِنْ بَعْدِهِمْ خَلْفٌ أَضَاعُوا الصَّلَاةَ وَاتَّبَعُوا الشَّهَوَاتِ فَسَوْفَ يَلْقَوْنَ غَيًّا (مريم: ٥٩)
"އެއުރެންނަށް ފަހު (އިސްވެ ދިޔަ ހެޔޮލަފާ މީހުންނަށް ފަހު) ނުބައި ބަޔަކު އައެވެ. އެބައި މީހުން ނަމާދު ނަގައިލިއެވެ. އަދި އަމިއްލަ އެދުމަށް ތަބާވިއެވެ. ފަހެ ގަދަފަދަވެގެންވާ ޢަޛާބާ ފަހުން އެމީހުން ބައްދަލުކުރާނެތެވެ."
އަދި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ.
"أوَّلُ مَا يُحاسَبُ بِهِ العَبْدُ يَوْمَ القِيامَةِ الصلاة، فَإِنْ صَلحَتْ صَلحَ سَائِر عَمَله، وَإِنْ فَسَدَتْ فَسَدَ سَائِرُ عَمَله" (أخرجه الطبراني)
"ޤިޔާމަތް ދުވަހު އެކަމަކުން އަޅާގެ ޙިސާބުބެއްލެވޭނެ އެންމެ ފުރަތަމަ ޢަމަލަކީ ނަމާދެވެ. ފަހެ ނަމާދު ރަގަޅުވެއްޖެނަމަ އޭނާގެ ހުރިހާ ޢަމަލެއް ރަގަޅުވާހުއްޓެވެ. އަދި ނަމާދު ފާސިދުވެއްޖެނަމަ އޭނާގެ ހުރިހާ ޢަމަލެއް ފާސިދުވާހުއްޓެވެ."
އޭ ޖަމާޢަތުގައި ނަމާދުކުރުމަށް ރައްކާތެރި ނުވާމީހާއެވެ! ޚާއްޞަކޮށް ފަތިސް ނަމާދުކުރުމަށް ފަރުވާކުޑަކުރާ މީހާއެވެ! ތިބާ ހިނގާނެ މަގެއް ކަމުގައި ޝައިޠާނާގެ މަގު ޚިޔާރު ކުރީ ކީއްވެގެން ހެއްޔެވެ؟ ތިބާގެ ކަންފަތަށް، ޝައިޠާނާ ހީސްލުމަށް ރުހެނީ ކީއްވެގެން ހެއްޔެވެ؟ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހުގައި، އިރު އަރަންދެން ނިދާފައި އޮތް މީހެއްގެ ވާހަކަ ދެންނެވުމުން ޙަދީޘް ކުރެއްވިއެވެ.
"ذَاكَ رَجُلٌ بالَ الشَّيْطانُ في أُذُنَيْهِ" (متفق عليه)
"އެއީ ޝައިޠާނާ އެމީހެއްގެ ކަންފަތަށް ކުޑަގިފިލި ކޮއްފައިވާ މީހެކެވެ."
އޭ އަޚާއެވެ! އަމިއްލަ ނަފްސާމެދު ވިސްނާލަބަލާށެވެ! އެންމެ ފަހުން ޖަމާޢަތުގައި ފަތިސްނަމާދު ކުރީ ކޮންދުވަހަކު ކަން ހަނދާން އެބަހުރިތޯއެވެ؟ ފަތިސްނަމާދު ޖަމާޢަތުގައި ނުކޮށް، އޭގެ ގިނަ ހަކަތައިން މަޙްރޫމްވެގެން އަހަރެމެން ދާން ބޭނުންމިވާ މަންޒިލާ ހަމައަށް ވާޞިލްވެވޭނެ ހެއްޔެވެ؟
ﷲ ސުބުޙާނަހޫ ވަތަޢާލާއަށް ބިރުވެތިވާށެވެ. ތައުބާވުމަށް އަވަސްވެގަންނާށެވެ. އޭރުން ކުރެވިފައި ހުރި ފާފަތައް ފުހެވޭނެއެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ ތިޔަ އަޚާއަށް ދެއްވާފައިވާ ނިޢުމަތްތަކުގެ މަތިން ހަނދާން ނައްތާނުލާށެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާގެ މަދަދަށް އެދި އަބަދުވެސް ދަންނަވާށެވެ. ފަތިސް ނަމާދަށް ހޭނުލެވުމުގެ އެންމެބޮޑު ސަބަބުކަމުގައިވާ، ރޭގަނޑު ލަސްވަންދެން ހޭލާހުރުމުން ދުރުހެލިވާށެވެ.
ތިރީގައި މިދަންނަވާ ކަންތައްތައް ކުރުމުން ﷲ ސުބުޙާނަހޫ ވަތަޢާލާގެ އިރާދަފުޅުން ފަތިސް ނަމާދަށް ހޭލުން ފަސޭހަ ކަމަކަށް ވާނެއެވެ.
• ނިދުމުގެކުރިން ވުޟޫކޮށް އަދި ނިދުމުގެކުރިން ކިޔުމަށް ވާރިދުވެފައިވާ ދުޢާތަށް ކިޔުން.
• ނަމާދަށް ހޭލެއްވުމަށް މީހެއްގެ ކައިރީގައި ބުނުން
• އެލާރމް ގަޑިޔެއް ބެހެއްޓުން
• ހޭލެވުމުން އެންމެ ފުރަތަމަ ކަމަކަށް ﷲ ސުބުޙާނަހޫ ވަތަޢާލާއަށް ޛިކުރު ކުރުން.
• ދެވަނަ ފަހަރަށް ނިންދެވުމަށް ޝައިޠާނާއަށް ފުރުޞަތު ނުދީ، ހޭލެވުމުން އަވަހަށް އެނދުން ތެދުވުން.
• ﷲ ސުބުޙާނަހޫ ވަތަޢާލާ ޙަރާމް ކުރައްވަފައިވާ ކަންތައްތަކުން، ޚާއްޞަކޮށް ޙަރާމް ތަންތަނަށް ބެލުމުން ދުރުހެލިވުން. އެހެނީ ޙަރާމް ކަންތައްތައް ކުރުމަކީ ހެޔޮ ޢަމަލުތަކުން މަޙްރޫމުވާ ކަމެކެވެ.
• ހެޔޮ ޢަމަލުތައް ކުރުމުގައި އެކަކު އަނެކަކަށް ވާދަކުރާ މީހުންނަށް ދެއްވާނެކަމަށް ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޢުދުވެ ވޮޑިގެންފައިވާ މަތިވެރި ދަރަޖައިގެ މަތިން ހަނދާން ކުރުން.
• ފަތިސްނަމާދަށް ހޭލުމަށް އާދަކުރުން.
ރަސޫލﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ.
"ثَلاثَةٌ كلُّهُمْ ضامِنٌ على اللهِ إِنْ عاشَ رُزِقَ وكُفِيَ، وَإِنْ ماتَ أَدْخَلَهُ اللهُ الجنَّةَ، وَمِنْهُمْ: مَنْ خَرَجَ إلى المسْجِدِ فَهُوَ ضامِنٌ عَلى الله" (أخرحه أبو داوود وابن حبان)
"ﷲ އެބަޔަކާއި ޖާމިނުވެ ވޮޑިގެންވާ ތިންބަޔަކު ވެއެވެ. އެބައިމީހުން ދިރިތިބެއްޖެނަމަ ރިޒުޤު ދެއްވާހުއްޓެވެ. އަދި ފުދޭ ހުއްޓެވެ. އަދި އެމީހުން މަރުވެއްޖެނަމަ ﷲ އެބައިމީހުން ސުވަރުގެ ވައްދަވާހުއްޓެވެ. އެބައިމީހުންގެތެރޭގައި މިސްކިތަށް ދިއުމަށްޓަކައި (ގެއިން) ނިކުންނަމީހާ ހިމެނިގެންވެއެވެ. ފަހެ އޭނާއާއި ﷲ ޖާމިނުވެ ވޮޑިގެންވެއެވެ."
ދުޢާއަކީ އަޅުގަނޑުމެން އެންމެންނަށް ވެސް ﷲ ސުބުޙާނަހޫ ވަތަޢާލާ ދެދުނިޔޭގެ ބާއްޖަވެރިކަން ދެއްވަވާ އެއިލާހުގެ ސުވަރުގެ ވެއްދެވުމެވެ.
وصلَّى الله على نبيِّنا محمَّدٍ وعلى آله وصحبه.

އިތުރަށް ވިދާޅުވޭ

4.12.09

ތިބާގެ ދުޢާއަކީ މުސްތަޖާބު ދުޢާއަކަށް ހަދަންބޭނުންނަމަ..2

މުޙައްމަދު ޝަމްޢޫން
އެންމެހައި ޙަމްދު ތަޢުރީފާއި ޘަނާ ޙައްޤުވެގެންވަނީ ﷲ ތަޢާލާ އަށެވެ. އެއިލާހީ އަޅުގަނޑުމެން ނެތުމުގެ ތެރެއިން ވުޖޫދަށް ގެންނަވައި ޙައްޤާއި ބާޠިލު ވަކިކޮށް ދެއްވެވި އިލާހެވެ. ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާ ކުރަނީ ޙައްޤާއި ބާޠިލް ވަކިކޮށްދެއްވެވުމަށްޓަކާ މި އުންމަތަށް ފޮނުއްވެވި، ނަބީކަމާއި ރަސޫލުކަން ޚަތިމުކުރެއްވެވި މާތް ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހިވަސައްލަމައަށެވެ. އަދި މިޞަލަވާތުގައި އެކަލޭގެފާނުގެ އާލުންނާއި، އަޞްޙާބުންނާއި، ޤިޔާމަތަށް ދާންދެން އެކަލޭގެފާނު ނަމުނާއަކަށް ބަލައިގެން ދުނިޔަވީ ޙަޔާތް ވޭތުކުރަމުންދާހާ ބަޔަކު ޝާމިލުކުރަމެވެ.
ލޮބުވެތި އަޚާއެވެ! ލޮބުވެތި އުޚްތާއެވެ! ތިބާގެ ދުޢާއަކީ މުސްތަޖާބު ދުޢާއަކަށް ހަދަން ބޭނުންކަމުގައިވަނީނަމަ : -
4. ޙަލާލު ތަކެތި ފިޔަވައި އެހެން އެއްޗެއް ނުކެއުމަށް ސަމާލުވާށެވެ. އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާވެގެންވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްކުރެއްވެވިއެވެ. أَيُّهَا النَّاسُ إِنَّ اللهَ طَيِّبٌ لَا يَقْبَلُ إِلَّا طَيِّبًا وَإِنَّ اللهَ أَمَرَ الْمُؤْمِنِيْنَ بِمَا أَمَرَ بِهِ الْمُرْسَلِيْنَ فَقَالَ { يَا أَيُّهَا الرُّسُلُ كُلُوا مِنَ الطَّيِّبَاتِ وَاعْمَلُوا صَالِحًا إِنِّي بِمَا تَعْمَلُونَ عَلِيمٌ} (المؤمنون: 51 ) وَقَالَ { يَا أَيُّهَا الَّذِينَ آمَنُواْ كُلُواْ مِنْ طَيِّبَاتِ مَا رَزَقْنَاكُمْ وَاشْكُرُواْ لِلّهِ إِن كُنتُمْ إِيَّاهُ تَعْبُدُونَ} (البقرة: 172 )
" އޭ މީސްތަކުންނޭވެ! ހަމަކަށަވަރުން ﷲ ތަޢާލާއަކީ ހުރިހާ އުނި ސިފަތަކުން ހުސްޠާހިރުވެވޮޑިގެންވާ އިލާހެވެ. އަދި އެއިލާހު ހެޔޮ (ރަނގަޅު) އެއްޗެއް މެނުވީ ޤަބޫލެއްނުކުރައްވަތެވެ. އެއިލާހު މުއުމިނުންނަށްވެސް އަމުރުކުރައްވަވަނީ އެއިލާހުގެ ރަސޫލު ބޭކަލުންނަށް އަމުރު ކުރެއްވެވި ކަންތައްތަކެވެ. (ރަސޫލު ބޭކަލުންނާއި މުޚާޠަބު ކުރައްވަވައި)، ވަޙީ ކުރައްވަވާފައިވެއެވެ. ' އޭ އެންމެހައި ރަސޫލުންނޭވެ! ޙަލާލު ރަނގަޅު ތަކެތިން ތިޔަބޭކަލުން ފަރިއްކުޅުއްވައި އުޅުއްވާށެވެ. އަދި ޞާލިހު ޢަމަލު ކުރައްވާށެވެ. ހަމަކަށަވަރުން ތިމަންއިލާހީ، ތިޔަބޭކަލުން ކުރައްވާ ކަންތައް މޮޅަށް ދެނެވޮޑިގެންވާ އިލާހެވެ.' އަދި (މުއުމިނުންނާއި މުޚާޠަބު ކުރައްވަވައި)، ވަޙީކުރައްވަވާފައިވެއެވެ. ' އޭ އިމާންވެއްޖެ މީސްތަކުންނޭވެ! ތިމަން އިލާހު ދެއްވަވާފައިވާ ޙަލާލު ރިޒުޤުން ތިޔަބައިމީހުން ކައިބޮއެ އުޅޭށެވެ.' ثُمَّ ذَكَرَ الرَّجُلَ يُطِيْلُ السَّفَرَ أَشْعَثَ أَغْبَرَ يَمُدُّ يَدَيْهِ إِلَى السَّمَاءِ يَا رَبُّ يَا رَبُّ وَمَطْعَمُهُ حَرَامٌ وَمَشْرَبُهُ حَرَامٌ وَمَلْبَسُهُ حَرَامٌ وَغُذِّيَ بِالْحَرَامِ فَأَنَّى يُسْتَجَابُ لِذَلِكَ ؟ އެއަށްފަހު އެކަލޭގެފާނު ޙަދީޘްކުރެއްވެވިއެވެ. ބޯހޭވި ހިރަފުހުންތަތްތެޅިފައިވާ މީހަކު އޭނާގެ ދެއަށް މައްޗަށް ނެގުމަށްފަހު، އޭ ހައްދަވައި ގެންގުޅުއްވާ އިލާހެވެ! އޭ ހައްދަވައި ގެންގުޅުއްވާ އިލާހެވެ! ބުނެ ދުޢާ ކުރެތެވެ. ނަމަވެސް އޭނާގެ ކާއެއްޗެއްސަކީ ޙާރާމް އެއްޗިއްސެވެ. އަދި އޭނަ ބޯންގެންގުޅެނީ ޙަރާމް އެއްޗިއްސެވެ. އޭނަ ލާން ގެންގުޅޭ ފޭރާމަކީ ޙަރާމް ގޮތުގައި ހޯދާފައިވާ އެއްޗިއްސެވެ. އަދި އޭނާގެ ޖިސްމު ހެދިބޮޑުވެފައިވަނީ ޙަރާމް އެއްޗެހި ކައިގެންނެވެ. އެފަދަ މީހެއްގެ ދުޢާ އިޖާބަކުރެވޭނީ ކިހިނަކުންހެއްޔެވެ؟ (ޞަޙީހް މުސްލިމް)
ސަޢުދް ބިން އަބީ ވައްޤާޞް ރަޟިޔަﷲ ޢަންހަކީ އެކަލޭގެފާނުގެ ދުޢާ، ﷲތަޢާލާ ވަގުތުން އިޖާބަކުރައްވަވާ ކަމަށް މަޝްހޫރުވެވަޑައިގެންފައިވާ ބޭކަލެކެވެ. އެކަލޭގެފާނު ދުޢާއެއް ކުރައްވަވައިފިނަމަ، ލަސްތަކެއްނުވެ އެކަލޭގެފާނުގެ ދުޢާ އިޖާބަވެގެންދެއެވެ. މިކަމުގެ ސިއްރާއި ބެހޭގޮތުން އެކަލޭގެފާނާއި ސުވާލު ވެވުމުން އެކަލޭގެފާނު ވިދާޅުވިއެވެ. "ކިހިނަކުން ހޯދާފައިވާ އެއްޗެއްތޯ ބެއްލެވުމަށްފަހު މެނުވީ ތިމަންކަލޭގެފާނު އެއްވެސް އެއްޗެއް ފަރިއްނުކުޅުއްވަމެވެ."
5. ﷲއާއި މެދު ރަނގަޅަށް ވިސްނާށެވެ. ތިމާއާމެދު ކަންތައްވެގެންދާނީ އަބަދުވެސް ރަނގަޅަށް ކަމަށް ވިސްނާށެވެ. ތިމާއަށް ދެރަގޮތެއް އެއިލާހު މެދުވެރި ނުކުރައްވާނެކަން ޔަޤީން ކުރާށެވެ. އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާވެގެންވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްކުރެއްވެވިއެވެ. اُدْعُوْا اللهَ وَأَنْتُمْ مُوْقِنُوْنَ بِالْإِجَابَةِ، فَإِنَّ اللهَ لَا يَسْتَجِيْبُ دُعَاءً مِنْ قَلْبٍ غَافِلٍ لَاهٍ (حسنه الألباني في صحيح الجامع) " ތިޔަބައިމީހުންގެ ދުޢާ ﷲ ތަޢާލާ އިޖާބަ ކުރައްވާނެކަމުގެ ޔަޤީންކަމާއެކު ދުޢާކުރާށެވެ. ފަހެ ހަމަކަށަވަރުން ޣާފިލު، ޝައްކުން ފުރިގެންވާ ހިތަކުން ކުރާ ދުޢާ ﷲ އިޖާބަ ނުކުރައްވަވަތެވެ." ލޮބުވެތި އަޚާއެވެ! ލޮބުވެތި އުޚްތާއެވެ! ތިބާގެ ދުޢާ ﷲތަޢާލާ އިޖާބަ ނުކުރައްވަވަންވީ ކީއްވެހެއްޔެވެ؟ ތިބާއަކީ އެއިލާހުގެ އަމުރަށް ކިޔަމަންވާ، އެއިލާހުގެ ނަބިއްޔާ ނަމޫނާއަކަށްބަލާ، އެއިލާހު އެދީންފިޔަވައި އެހެންދީނެއް އަޅުތަކުންގެ ކިބައިން ޤަބޫލު ނުކުރައްވާނެކަމަށް އަންގަވާފައިވާ އިސްލާމްދީނުގެ އަހުލުވެރިއެކެވެ. ލޮބުވެތި އަޚާއެވެ! ލޮބުވެތި އުޚްތާއެވެ! ތިބާގެ ދުޢާ ﷲތަޢާލާ އިޖާބަ ނުކުރައްވަވަންވީ ކީއްވެހެއްޔެއެވެ؟ އެއިލާހުވަނީ އެއިލާހުގެ އަމުރަށް ނުކިޔަމަންތެރިވުމުގެ ސަބަބުން ރަޙުމަތުން ބޭރު ކުރެވިގެންވާ މަލްޢޫނުގެ ދުޢާވެސް އިޖާބަކުރައްވާފައެވެ. ލޮބުވެތި އަޚާއެވެ! ލޮބުވެތި އުޚްތާއެވެ! ﷲ ތަޢާލާ އިޖާބަ ކުރައްވާނެކަން ޔާޤީންކުރާ ހާލު އެއިލާހަށް ދުޢާ ކުރާށެވެ.
6. ދުޢާކުރާއިރު ތިބާގެ ހިތް ޙާޟިރުކުރާށެވެ. އަދި ތިބާ ކުރާދުޢާގެ މާނައާމެދު ވިސްނާށެވެ. ތިބާ، ދުޢާ ތިޔަކުރަނީ ޢާލަމްތަކުގެ ވެރި އިލާހަށްކަން ހިތްމައްޗަށް ގެނެސްގަންނާށެވެ.
-ނުނިމޭ-
_______________________________
މި ލިޔުމަށް މަޢުލޫމާތު ނަގާފައިވަނީ ޔަމަނުގެ ޝެއިޚަކު ލިޔުއްވަވާފައިވާ މަޤާލާއަކުންނެވެ.

އިތުރަށް ވިދާޅުވޭ

3.12.09

ތިބާގެ ދުޢާއަކީ މުސްތަޖާބު ދުޢާއަކަށް ހަދަންބޭނުންނަމަ..1

މުޙައްމަދު ޝަމްޢޫން
އެންމެހައި ޙަމްދު ތަޢުރީފާއި ޘަނާ ޙައްޤުވެގެންވަނީ ﷲ ތަޢާލާ އަށެވެ. އެއިލާހީ އަޅުގަނޑުމެން ނެތުމުގެ ތެރެއިން ވުޖޫދަށް ގެންނަވައި ޙައްޤާއި ބާޠިލު ވަކިކޮށް ދެއްވެވި އިލާހެވެ. ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާ ކުރަނީ ޙައްޤާއި ބާޠިލް ވަކިކޮށްދެއްވެވުމަށްޓަކާ މި އުންމަތަށް ފޮނުއްވެވި، ނަބީކަމާއި ރަސޫލުކަން ޚަތިމުކުރެއްވެވި މާތް ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހިވަސައްލަމައަށެވެ. އަދި މިޞަލަވާތުގައި އެކަލޭގެފާނުގެ އާލުންނާއި، އަޞްޙާބުންނާއި، ޤިޔާމަތަށް ދާންދެން އެކަލޭގެފާނު ނަމުނާއަކަށް ބަލައިގެން ދުނިޔަވީ ޙަޔާތް ވޭތުކުރަމުންދާހާ ބަޔަކު ޝާމިލުކުރަމެވެ.
ލޮބުވެތި އަޚާއެވެ! ލޮބުވެތި އުޚްތާއެވެ! ތިބާގެ ދުޢާއަކީ މުސްތަޖާބު ދުޢާއަކަށް ހަދަން ބޭނުންކަމުގައިވަނީނަމަ : -
1.މާތް ﷲއަށް ޚާލިޞްކޮށް ދުޢާ ކުރާށެވެ. އެއިލާހު ފިޔަވައި އެހެން އެއްވެސް ފަރާތަކަށް ދުޢާ ނުކުރާށެވެ. އަދި އެއިލާހަށް ދުޢާ ކުރުމުގައި އެހެން އެއްވެސް ފަރާތެއް ބައިވެރި ނުކުރާށެވެ. އެއީ ކިތަންމެ ބޮޑު ވަލީ ވެރިއެއްކަމުގައި ވިއަސްމެއެވެ. ފަހެ ހަމަކަށަވަރުން ދުޢާއަކީ އަޅުކަމެކެވެ. އަދި ކިއެއްތަ އަޅުކަމުގެ ތެރެއިންވެސް އެންމެ މާތް އެންމެ ޝަރަފުވެރި އަޅުކަމެވެ. އެހެންކަމުން ﷲއަށް ޚާލިޞްކޮށް ނުކުރާހާ ހިނދަކު، އެއިލާހު ދުޢާ އިޖާބަނުކުރައްވަވާނެތެވެ. ﷲ ތަޢާލާ ވަޙީ ކުރައްވަވާފައިވެއެވެ. وَأَنَّ ٱلْمَسَـٰجِدَ لِلَّهِ فَلاَ تَدْعُواْ مَعَ ٱللَّهِ أَحَداً (الجن:18) " އަދި ހަމަކަށަވަރުން މިސްކިތްތައްވަނީ ﷲތަޢާލާއަށެވެ. ފަހެ ތިޔަބައިމީހުން އެއިލާހާއެކު އެހެން އެއްވެސް ފަރާތަކަށް ދުޢާ(އަޅުކަން) ނުކުރާށެވެ." އަދިވެސް އެއިލާހު ވަޙީކުރައްވަވާފައިވެއެވެ. فَٱدْعُواْ ٱللَّهَ مُخْلِصِينَ لَهُ ٱلدّينَ وَلَوْ كَرِهَ ٱلْكَـٰفِرُونَ (غافر: 14) " ފަހެ ތިޔަބައިމީހުން ﷲއަށް ޚާލިޞްކޮށް ދުޢާކުރާށެވެ. ކާފިރުން ކިތަންމެ ނުރުހުނު ކަމުގައިވިއަސްމެއެވެ." އިބްނު އައްބާސް ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާވެގެންވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ އެކަލޭގެފާނަށް ޙަދީޘްކުރެއްވެވިއެވެ. إِذَا سَأَلْتَ فَاسْأَلِ اللهَ، وَإِذَا اسْتَعَنْتَ فَاسْتَعِنْ بِاللهِ (صححه الألباني في صحيح الجامع) "ތިބާ ކަމަކަށް އެދެންޔާ (ދުޢާކުރަންޔާ)، ﷲގެ ޙަޟްރަތުން އެދޭށެވެ. އަދި ތިބާ އެހީތެރިކަމަކަށް އެދެންޔާ، ﷲގެ ޙަޟްރަތުން އެދޭށެވެ."
2.ކެތްތެރިވާށެވެ. ތިމަންނަގެ ދުޢާ އަދިވެސް އިޖާބަ ނުކުރައްވައޭ ބުނެ އަވަސްއަރައިނުގަންނާށެވެ. އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާވެގެންވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްކުރެއްވެވިއެވެ. يُسْتَجَابُ لِأَحَدِكُمْ مَا لَمْ يَعْجَلْ، يَقُوْلُ: دَعَوْتُ فَلَمْ يُسْتَجَبْ لِيْ (رواه البخاري ومسلم) " ތިޔަބައިމީހުން 'އަހަރެން ދުޢާކޮށްފީމެވެ. އަދިވެސް އަހަރެންގެ ދުޢާ އިޖާބަނުކުރައްވަވައެވެ.' ބުނެ އަވަސްއަރައިނުގަންނަހާ ހިނދަކު، ތިޔަބައިމީހުންގެ ދުޢާ އިޖާބަކުރެއްވޭނެއެވެ." އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާވެގެންވާ އެހެން ޙަދީޘެއްގައިވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްކުރެއްވެވިއެވެ. لَا يَزَالُ يُسْتَجَابُ لِلْعَبْدِ مَا لَمْ يَدْعُ بِإِثْمٍ أَوْ قَطِيْعَةِ رَحِمٍ، مَا لَمْ يَسْتَعْجِلْ. قِيْلَ: يَا رَسُوْلَ اللهِ، مَا الْاِسْتِعْجَالُ؟ قَالَ: يَقُوْلُ: قَدْ دَعَوْتُ، وَقَدْ دَعَوْتُ، فَلَمْ أَرَ يَسْتَجِيْبُ لِيْ، فَيَسْتَحْسِرُ عِنْدَ ذَلِكَ، وَيَدَعُ الدُّعَاءَ (رواه مسلم ) " އަޅާ ފާފައަކަށް ނުވަތަ ރަޙިމްގެ ގުޅުންކެނޑުމަށް ދުޢާ ނުކުރާހާ ހިނދަކު، އޭނާ އަވަސްއަރައިނުގަންނަ ކަމުގައިވަނީނަމަ އޭނާގެ ދުޢާ އިޖާބަ ކުރެއްވޭނެއެވެ. އެހިނދު ސުވާލުކުރެވުނެވެ. އޭ ﷲގެ ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމައެވެ. އަވަސްއަރައިގަތުމަކީ ކޮބައިތޯއެވެ؟ އެކަލޭގެފާނު ޙަދީޘްކުރެއްވެވިއެވެ. އޭނާ ބުނެތެވެ. އަހަރެން ދުޢާކޮށްފީމެވެ. ދުޢާކޮށްފީމެވެ. އަދިވެސް އަހަރެންގެ ދުޢާ އިޖާބަކުރައްވާތަނެއް އަހަންނަކަށް ނުފެނެއެވެ. ދެންފަހެ ދުޢާކުރުމަށް ފޫހިކޮށް އޭނާ ދުޢާކުރުން ދޫކޮށްލަތެވެ." އިބްނުލް ޤައްޔިމް ރަޙިމަހުﷲގެ ބަސްފުޅެއްގައި އައިސްފައިވެއެވެ. " އިޖާބަ އަވަސްނުވުމުގެ ސަބަބުން ދުޢާކުރުން ދޫކޮށްލާ މިހާގެ މިސާލަކީ، އޮށްތަކެއް އިންދައި އެއަށް ފެންދީ ބަލަހައްޓަމުންއައިސް، މެވާއެޅުން ލަސްވުމުން އެ ދޫކޮށްލާ މީހާގެ މިސާލެވެ." (الجواب الكافي)
3.ހުރިހާ ފާފަތަކުން ތައުބާވާށެވެ. އަދި ﷲގެ ސީދާވެގެންވާ މަގަށް ރުޖޫޢަވާށެވެ. ފަހެ ހަމަކަށަވަރުން، ގިނަމީހުންގެ ދުޢާތައް އިޖާބަވުން ލަސްކުރަނީ އެބައިމީހުންގެ ފާފަތަކެވެ. ޢުމަރު ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ. " ﷲޙަރާމްކުރައްވަވާފައިވާ ކަންތައްތަކުން ދުރުވެގެންވާމީހާގެ ދުޢާއާއި އަޅުކަންތައް ﷲ ތަޢާލާ ޤަބޫލުކުރައްވަވައެވެ." އަދި ސަލަފުންގެ ބައެއް ބޭކަލުން ވިދާޅުވާކަމުގައިވެއެވެ. " ދުޢާ އިޖާބަވުން ލަސްވެގެން ނުއުޅޭށެވެ. ތިބާވަނީ ފާފަތަކުން، (އިޖާބަވުން އަވަސްވުމުގެ) މަގު ބަންދުކޮށްފައެވެ."
ލޮބުވެތި އަޚުންނާއި އުޚްތުންނޭވެ! ދުޢާކުރާ ފާފަވެރިޔާގެ މިސާލަކީ ދުނިޔޭގެ ރަސްރަސްކަލުންގެ ތެރެއިން ރަސްކަލަކާ ހަނގުރާމަކޮށް، އޭނައާއި ޢާދާވާތްތެރިކަމުގައި އެތައް ދުވަސްތަކެއް ވޭތުކުރުމަށްފަހު، އޭނާގެ އިޙްސާންތެރިކަމަށް އެދި ދާމީހާގެ މިސާލެވެ. އެނައާއި އެރަސްގެފާނާއި ދެމެދުގައިވާ ގުޅުން ރަނގަޅު ނުކުރަނީސް، ރަސްގެފާނު އެފަދަމީހަކަށް އިޙްސާންތެރިވާނެ ހެއްޔެވެ؟
-ނުނިމޭ-
__________________________________
މި ލިޔުމަށް މަޢުލޫމާތު ނަގާފައިވަނީ ޔަމަނުގެ ޝެއިޚަކު ލިޔުއްވަވާފައިވާ މަޤާލާއަކުންނެވެ.

އިތުރަށް ވިދާޅުވޭ