3.12.09

ތިބާގެ ދުޢާއަކީ މުސްތަޖާބު ދުޢާއަކަށް ހަދަންބޭނުންނަމަ..1

މުޙައްމަދު ޝަމްޢޫން
އެންމެހައި ޙަމްދު ތަޢުރީފާއި ޘަނާ ޙައްޤުވެގެންވަނީ ﷲ ތަޢާލާ އަށެވެ. އެއިލާހީ އަޅުގަނޑުމެން ނެތުމުގެ ތެރެއިން ވުޖޫދަށް ގެންނަވައި ޙައްޤާއި ބާޠިލު ވަކިކޮށް ދެއްވެވި އިލާހެވެ. ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާ ކުރަނީ ޙައްޤާއި ބާޠިލް ވަކިކޮށްދެއްވެވުމަށްޓަކާ މި އުންމަތަށް ފޮނުއްވެވި، ނަބީކަމާއި ރަސޫލުކަން ޚަތިމުކުރެއްވެވި މާތް ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހިވަސައްލަމައަށެވެ. އަދި މިޞަލަވާތުގައި އެކަލޭގެފާނުގެ އާލުންނާއި، އަޞްޙާބުންނާއި، ޤިޔާމަތަށް ދާންދެން އެކަލޭގެފާނު ނަމުނާއަކަށް ބަލައިގެން ދުނިޔަވީ ޙަޔާތް ވޭތުކުރަމުންދާހާ ބަޔަކު ޝާމިލުކުރަމެވެ.
ލޮބުވެތި އަޚާއެވެ! ލޮބުވެތި އުޚްތާއެވެ! ތިބާގެ ދުޢާއަކީ މުސްތަޖާބު ދުޢާއަކަށް ހަދަން ބޭނުންކަމުގައިވަނީނަމަ : -
1.މާތް ﷲއަށް ޚާލިޞްކޮށް ދުޢާ ކުރާށެވެ. އެއިލާހު ފިޔަވައި އެހެން އެއްވެސް ފަރާތަކަށް ދުޢާ ނުކުރާށެވެ. އަދި އެއިލާހަށް ދުޢާ ކުރުމުގައި އެހެން އެއްވެސް ފަރާތެއް ބައިވެރި ނުކުރާށެވެ. އެއީ ކިތަންމެ ބޮޑު ވަލީ ވެރިއެއްކަމުގައި ވިއަސްމެއެވެ. ފަހެ ހަމަކަށަވަރުން ދުޢާއަކީ އަޅުކަމެކެވެ. އަދި ކިއެއްތަ އަޅުކަމުގެ ތެރެއިންވެސް އެންމެ މާތް އެންމެ ޝަރަފުވެރި އަޅުކަމެވެ. އެހެންކަމުން ﷲއަށް ޚާލިޞްކޮށް ނުކުރާހާ ހިނދަކު، އެއިލާހު ދުޢާ އިޖާބަނުކުރައްވަވާނެތެވެ. ﷲ ތަޢާލާ ވަޙީ ކުރައްވަވާފައިވެއެވެ. وَأَنَّ ٱلْمَسَـٰجِدَ لِلَّهِ فَلاَ تَدْعُواْ مَعَ ٱللَّهِ أَحَداً (الجن:18) " އަދި ހަމަކަށަވަރުން މިސްކިތްތައްވަނީ ﷲތަޢާލާއަށެވެ. ފަހެ ތިޔަބައިމީހުން އެއިލާހާއެކު އެހެން އެއްވެސް ފަރާތަކަށް ދުޢާ(އަޅުކަން) ނުކުރާށެވެ." އަދިވެސް އެއިލާހު ވަޙީކުރައްވަވާފައިވެއެވެ. فَٱدْعُواْ ٱللَّهَ مُخْلِصِينَ لَهُ ٱلدّينَ وَلَوْ كَرِهَ ٱلْكَـٰفِرُونَ (غافر: 14) " ފަހެ ތިޔަބައިމީހުން ﷲއަށް ޚާލިޞްކޮށް ދުޢާކުރާށެވެ. ކާފިރުން ކިތަންމެ ނުރުހުނު ކަމުގައިވިއަސްމެއެވެ." އިބްނު އައްބާސް ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާވެގެންވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ އެކަލޭގެފާނަށް ޙަދީޘްކުރެއްވެވިއެވެ. إِذَا سَأَلْتَ فَاسْأَلِ اللهَ، وَإِذَا اسْتَعَنْتَ فَاسْتَعِنْ بِاللهِ (صححه الألباني في صحيح الجامع) "ތިބާ ކަމަކަށް އެދެންޔާ (ދުޢާކުރަންޔާ)، ﷲގެ ޙަޟްރަތުން އެދޭށެވެ. އަދި ތިބާ އެހީތެރިކަމަކަށް އެދެންޔާ، ﷲގެ ޙަޟްރަތުން އެދޭށެވެ."
2.ކެތްތެރިވާށެވެ. ތިމަންނަގެ ދުޢާ އަދިވެސް އިޖާބަ ނުކުރައްވައޭ ބުނެ އަވަސްއަރައިނުގަންނާށެވެ. އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާވެގެންވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްކުރެއްވެވިއެވެ. يُسْتَجَابُ لِأَحَدِكُمْ مَا لَمْ يَعْجَلْ، يَقُوْلُ: دَعَوْتُ فَلَمْ يُسْتَجَبْ لِيْ (رواه البخاري ومسلم) " ތިޔަބައިމީހުން 'އަހަރެން ދުޢާކޮށްފީމެވެ. އަދިވެސް އަހަރެންގެ ދުޢާ އިޖާބަނުކުރައްވަވައެވެ.' ބުނެ އަވަސްއަރައިނުގަންނަހާ ހިނދަކު، ތިޔަބައިމީހުންގެ ދުޢާ އިޖާބަކުރެއްވޭނެއެވެ." އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާވެގެންވާ އެހެން ޙަދީޘެއްގައިވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްކުރެއްވެވިއެވެ. لَا يَزَالُ يُسْتَجَابُ لِلْعَبْدِ مَا لَمْ يَدْعُ بِإِثْمٍ أَوْ قَطِيْعَةِ رَحِمٍ، مَا لَمْ يَسْتَعْجِلْ. قِيْلَ: يَا رَسُوْلَ اللهِ، مَا الْاِسْتِعْجَالُ؟ قَالَ: يَقُوْلُ: قَدْ دَعَوْتُ، وَقَدْ دَعَوْتُ، فَلَمْ أَرَ يَسْتَجِيْبُ لِيْ، فَيَسْتَحْسِرُ عِنْدَ ذَلِكَ، وَيَدَعُ الدُّعَاءَ (رواه مسلم ) " އަޅާ ފާފައަކަށް ނުވަތަ ރަޙިމްގެ ގުޅުންކެނޑުމަށް ދުޢާ ނުކުރާހާ ހިނދަކު، އޭނާ އަވަސްއަރައިނުގަންނަ ކަމުގައިވަނީނަމަ އޭނާގެ ދުޢާ އިޖާބަ ކުރެއްވޭނެއެވެ. އެހިނދު ސުވާލުކުރެވުނެވެ. އޭ ﷲގެ ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމައެވެ. އަވަސްއަރައިގަތުމަކީ ކޮބައިތޯއެވެ؟ އެކަލޭގެފާނު ޙަދީޘްކުރެއްވެވިއެވެ. އޭނާ ބުނެތެވެ. އަހަރެން ދުޢާކޮށްފީމެވެ. ދުޢާކޮށްފީމެވެ. އަދިވެސް އަހަރެންގެ ދުޢާ އިޖާބަކުރައްވާތަނެއް އަހަންނަކަށް ނުފެނެއެވެ. ދެންފަހެ ދުޢާކުރުމަށް ފޫހިކޮށް އޭނާ ދުޢާކުރުން ދޫކޮށްލަތެވެ." އިބްނުލް ޤައްޔިމް ރަޙިމަހުﷲގެ ބަސްފުޅެއްގައި އައިސްފައިވެއެވެ. " އިޖާބަ އަވަސްނުވުމުގެ ސަބަބުން ދުޢާކުރުން ދޫކޮށްލާ މިހާގެ މިސާލަކީ، އޮށްތަކެއް އިންދައި އެއަށް ފެންދީ ބަލަހައްޓަމުންއައިސް، މެވާއެޅުން ލަސްވުމުން އެ ދޫކޮށްލާ މީހާގެ މިސާލެވެ." (الجواب الكافي)
3.ހުރިހާ ފާފަތަކުން ތައުބާވާށެވެ. އަދި ﷲގެ ސީދާވެގެންވާ މަގަށް ރުޖޫޢަވާށެވެ. ފަހެ ހަމަކަށަވަރުން، ގިނަމީހުންގެ ދުޢާތައް އިޖާބަވުން ލަސްކުރަނީ އެބައިމީހުންގެ ފާފަތަކެވެ. ޢުމަރު ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ. " ﷲޙަރާމްކުރައްވަވާފައިވާ ކަންތައްތަކުން ދުރުވެގެންވާމީހާގެ ދުޢާއާއި އަޅުކަންތައް ﷲ ތަޢާލާ ޤަބޫލުކުރައްވަވައެވެ." އަދި ސަލަފުންގެ ބައެއް ބޭކަލުން ވިދާޅުވާކަމުގައިވެއެވެ. " ދުޢާ އިޖާބަވުން ލަސްވެގެން ނުއުޅޭށެވެ. ތިބާވަނީ ފާފަތަކުން، (އިޖާބަވުން އަވަސްވުމުގެ) މަގު ބަންދުކޮށްފައެވެ."
ލޮބުވެތި އަޚުންނާއި އުޚްތުންނޭވެ! ދުޢާކުރާ ފާފަވެރިޔާގެ މިސާލަކީ ދުނިޔޭގެ ރަސްރަސްކަލުންގެ ތެރެއިން ރަސްކަލަކާ ހަނގުރާމަކޮށް، އޭނައާއި ޢާދާވާތްތެރިކަމުގައި އެތައް ދުވަސްތަކެއް ވޭތުކުރުމަށްފަހު، އޭނާގެ އިޙްސާންތެރިކަމަށް އެދި ދާމީހާގެ މިސާލެވެ. އެނައާއި އެރަސްގެފާނާއި ދެމެދުގައިވާ ގުޅުން ރަނގަޅު ނުކުރަނީސް، ރަސްގެފާނު އެފަދަމީހަކަށް އިޙްސާންތެރިވާނެ ހެއްޔެވެ؟
-ނުނިމޭ-
__________________________________
މި ލިޔުމަށް މަޢުލޫމާތު ނަގާފައިވަނީ ޔަމަނުގެ ޝެއިޚަކު ލިޔުއްވަވާފައިވާ މަޤާލާއަކުންނެވެ.

އިތުރަށް ވިދާޅުވޭ

29.11.09

ނަފްސު މުހާސަބާކުރަމާ ހިންގަވާށެވެ.

މުޙައްމަދު ޝަމްޢޫން
الْحَمْدُ لِلَّهِ رَبِّ الْعَالَمِيْنَ. وَالصَّلَاةُ وَالسَّلَامُ عَلَى أَشْرَفِ الْأَنْبِيَاءِ وَالْمُرْسَلِيْنَ. نَبِيِّنَا وَحَبِيْبِنَا وَقُدْوَتِنَا مُحَمَّدٍ وَعَلَى آلِهِ وَأَصْحَابِهِ وَمَنْ تَبِعَهُمْ بِإِحْسَانٍ إِلَى يَوْمِ الِّدْينِ. أَمَّا بَعْدُ
ދުވަސްތައް މިހިރަ ފާއިތުވަނީއެވެ. އެކިމީހުންގެ އަޖަލުތައް އައިސް އެބައިމީހުންނާއި ބައްދަލުކުރަނީއެވެ. އެތައްހާސް ބައެއްގެ މައްޗަށް ކަށުނަމާދު ނުކުރެވޭ ދުވަހަކަށް އިރުއަރައި ނުއޮއްސެއެވެ. މަންމަގެ އުގުން ކަށްވަޅަށް މީސްތަކުން ދަތުރު ކުރަނީއެވެ. ދުނިޔަވީ ލައްޒަތުތަކާއި މަލައްޒާތުތަކަށް އެބައިމީހުން އަލްވަދާއު ކިޔަނީއެވެ. 40 އަހަރުވުމުން ތައުބާވުމަށް ޢަޒުމްކޮށްގެން، ޣާފިލުކަމުގެ ނިދިން ނިދާފައި ތިއްބާ ނަރަކައިގެ އަނދަވަޅުތަކުގެ ތެރެއިން އަނދަވަޅަކަށް ދާންޖެހެނީއެވެ. ނަމަވެސް މިއިން ޢިބްރަތް ޙާޞިލްކޮށް، އަމިއްލަ ނަފްސު މުހާސަބާކޮށް ތައުބާވުމަށް އަވަސްވެގަންނަނީ ފަހެ ކޮންބައެއްތޯއެވެ؟

އޭ ލޮބުވެތި އަޚުންނާއި އުޚްތުންނޭވެ! އަޅުގަނޑުމެންގެ ވަގުތު އައިސްޖެހޭނީ ކޮންއިރަކުކަމެއް ނޭނގެއެވެ. ތައުބާވެ ނަފްސު މުހާސަބާކުރުމަށް އަވަސްވަމާ ހިންގަވާށެވެ. ﷲ ތަޢާލާ ވަޙީކުރައްވަވާފައިވެއެވެ. { يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّهَ وَلْتَنظُرْ نَفْسٌ مَّا قَدَّمَتْ لِغَدٍ وَاتَّقُوا اللَّهَ إِنَّ اللَّهَ خَبِيرٌ بِمَا تَعْمَلُونَ }(الحشر:18) "އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ﷲ އަށް (ބިރުވެތިވެ) ތަޤުވާވެރިވާށެވެ. އަދި މާދަމާއަށް(ޤިޔާމަތް ދުވަހަށް)ޓަކައި ކޮންމެ ނަފްސެއްވެސް ކޮށްފައިވަނީ ކޮންކަމެއްތޯ ބަލާށެވެ. އަދި ތިޔަބައިމީހުން ﷲއަށް ތަޤުވާވެރިވާށެވެ. ހަމަކަށަވަރުން، ﷲ އީ، ތިޔަބައިމީހުން ކުރާކަންތައް މޮޅަށް ދެނެވޮޑިގެންވާ އިލާހެވެ." ޢުމަރު ރަޟިޔަﷲ ޢަންހު ވިދާޅުވެފައިވެއެވެ. حَاسِبُوْا أَنْفُسَكُمْ قَبْلَ أَنْ تُحَاسَبُوْا " ތިބައިމީހުންގެ ހިސާބު (ﷲ ތަޢާލާ) ބެއްލެވުމުގެ ކުރީން، އަމިއްލަ ނަފްސު ހިސާބުކުރާށެވެ."
އޭ ލޮބުވެތި އަޚުންނާއި އުޚްތުންނޭވެ! އަޅުގަނޑުމެންގެ އަމިއްލަ ނަފްސުތަކާއި ސުވާލު ކުރަމާ ހިންގަވާށެވެ. އުޚްރަވީ ޙަޔާތް ބާއްޖަވެރިކުރުމަށްޓަކާ އަޅުގަނޑުމެން ކޮށްފައިވަނީ ކޮންކަމެއްތޯއެވެ؟ އަޅުގަނޑުމެންގެ ޢަމަލުގެ ފަތުގައި ގިނަވާނީ ހެޔޮޢަމަލުތައް ތޯއެވެ؟ ޤަބުރުގެ އެކަނިވެރިކަމަށްޓަކާ އަޅުގަނޑުމެން ތައްޔާރުކޮށްފައިވަނީ ކޮންކަމެއްތޯއެވެ؟ އަޅުގަނޑުމެން އެންމެފަހުން މުޞްޙަފު ހުޅުވާލީ ކޮންދުވަހަކުތޯއެވެ؟ އަޅުގަނޑުމެންގެ ނަމާދުތައް އަޅުގަނޑުމެންނަށް ކުރެވިފައިވަނީ ﷲ ތަޢާލާ ޤަބޫލުކުރައްވާފަދަ ގޮތަކަށް، ޚުޝޫޢަތްތެރިކަމާއެކުގައިތޯއެވެ؟ އަޅުގަނޑުމެން ﷲގެ ޙަޟްރަތުގައި، ފާފަފުއްސަވައި ނަރަކައިން ސަލާމަތްކޮށްދެއްވުމަށް އެދުނީ ކިތައް ފަހަރުތޯއެވެ؟ އަޅުގަނޑުމެން މި ހިނގަމުންދަނީ ﷲ ރުހިވޮޑިގަންނަވާ މަގުގައިތޯއެވެ؟ އަޅުގަނޑުމެން އިޚްތިޔާރުކޮށްފައިވާ ރަޙުމަތްތެރީންނަކީ ﷲ ރުވޮޑިގަންނަވާ މަގުން ހިނގުމަށް އަޅުގަނޑެމެންނަށް އެހީތެރިވެދޭ ބަޔެއްތޯއެވެ؟ ...؟ ...؟ ...؟
އޭ ލޮބުވެތި އަޚުންނާއި އުޚްތުންނޭވެ! ﷲ ތަޢާލާއަށް ސިއްރާއި ފާޅުގައި ބިރުވެތިވަމާ ހިންގަވާށެވެ. އަޅުގަނޑުމެން ކުޑަކަމެއްގެ ގޮތުގައި ދެކިގެން ކުރަމުންދާ އެންމެކަމެއްވެސް އަޅުގަނޑުމެން ނަރަކަވަންތަވެރީން ކަމުގައި ހަދާފާނެއެވެ. އެހެންކަމުން އަޅުގަނޑުމެންގެ ސަލަފުން މިފަދަކަންތައްތަކަށް ވަރަށްބޮޑަށް ސަމާލުވެލެއްވެވިއެވެ. އެއްފަހަރަކު، ޢަބްދުﷲ ބިން މުބާރަކު ރަޙިމަހުﷲ ޚުރާސާނުން ބަޣުދާދަށް ވަޑައިގެންނެވިއިރު، ޚުރާސާނުގެ މީހެއްގެ އަތުން ހޯއްދެވި ޤަލަމެއް އެމީހާއަށް އަނބުރާ ނުދެއްވަވާ ވަޑައިގެންނެވުނެވެ. އެކަލޭގެފާނަށް އެ ޤަލަމް ފެނިވަޑައިގެންނެވުމާއެކު 'ސުބުޙާނަﷲ' އޭ ވިދާޅުވެ، އެ ގަލަމް އެމީހާއަށް ރައްދު ކުރެއްވެވުމަށްޓަކާ ހަމަ ވަގުތުން ޚުރާސާނަށް ދަތުރުފެއްޓެވިއެވެ.
ސުބުޙާނަﷲ.. އަޅުގަނޑުމެން އަމާނާތްތަކާމެދު ކަންތައްކުރަނީ މިފަދަ ގޮތަކަށްތޯއެވެ؟ ޢަބްދުﷲ ބިން މުބާރަކު ރަޙިމަހުﷲ އެންމެ ކުޑަކުޑަ ޤަލަމެއް ރައްދުކުރެއްވެވުމަށްޓަކާ ބަޣުދާދުން ޚުރާސާނަށް އެތައްދުރުރާސްތާތަކެއް ކަޑައްތުކުރެއްވެވުމަށްފަހު، ވަޑައިގެންނެވީއެވެ. އެބޭކަލުންނަށް މީސްތަކުންގެ ޙައްޤުތަކުގެ އަގު ވަޒަންކުރެއްވޭތީއެވެ. ކިތަންމެ ކުޑަކަމެއްގެ ސަބަބުންވެސް ނާކާމިޔާބުގެ އަހުލުވެރިންގެ ތެރެއިންވެދާނޭކަން އެބޭކަލުންނަށް އެނގިވަޑައިގަންނަވާތީއެވެ.
އޭ ލޮބުވެތި އަޚުންނާއި އުޚްތުންނޭވެ! ވަގުތުފާއިތުވުމުގެ ކުރީން، ތެދުވެރި ތައުބާއަކުން ތައުބާވެ އުޚްރަވީޙަޔާތް ބާއްޖަވެރި ކުރުމަށްޓަކާ މަސައްކަތްކުރަމާ ހިންގަވާށެވެ. ޢަރަބި ޅެންވެރިޔަކު ވިދާޅުވެފައި ވެއެވެ.
وَلَدَتْكَ أُمُّكَ يَابْنَ آدَمَ بَاكِياً ***وَالنَّاسُ حَوْلَكَ يَضْحَكُوْنَ سُرُوْرًا
އޭ އާދަމުގެ ދަރިޔާއެވެ. ތިބާގެ މަންމަ ތިބާ ވިހެއީ (ވޭނާއެކު)ރޮއެރޮއެވާ ހާލުގައެވެ. އެވަގުތު (ތިބާގެ ޢާއިލާގެ)މީސްތަކުން، (ތިބާ އުފަންވުމުގެ އުފަލުގައި) ހެމުންދިޔައެވެ.
فَاعْمَلْ لِنَفْسِكَ أَنْ تَكُوْنَ إِذَا بَكَوْا*** فِيْ يَوْمِ مَوْتِكَ ضَاحِكاً مَسْرُوْراً
ތިބާ މިދުނިޔެއަށް އަލްވަދާޢުކިޔާދުވަހު އެބައިމީހުން ރޮއެ ހިތާމަކުރާއިރު، ތިބާ އުފަލުގައި ވުމަށްޓަކާ (ހެޔޮ) ޢަމަލު ކުރާށެވެ.

އިތުރަށް ވިދާޅުވޭ

28.11.09

އައްޔާމުއްތަޝްރީޤް

މުޙައްމަދު ޝަމްޢޫން
އެންމެހައި ޙަމްދު ތަޢުރީފާއި ޘަނާ ޙައްޤުވެގެންވަނީ ﷲ ތަޢާލާއަށެވެ. އެއިލާހީ އަޅުގަނޑުމެންނަށްޓަކައި ހެޔޮކަމުގެ މޫސުމްތައް ލެއްވެވި އިލާހެވެ. ޞަލަވާތާއި ސަލާމްލެއްވެވުން އެދި ދުޢާކުރަނީ، އެ މޫސުމްތަކުގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފާނޭގޮތް ދަސްކޮށްދެއްވި މާތް ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހިވަސައްލަމައަށެވެ. މި ޞަލަވާތުގައި އެކަލޭގެފާނުގެ އާލުންނާއި އާޞްޙާބުންނާއި، ޤިޔާމަތަށްދާންދެން އެކަލޭގެފާނު ދެއްކެވި މަގުން ހިނގަމުންދާހާ ބަޔަކު ޝާމިލުކުރަމެވެ.
އާދެ، އަޅުގަނޑުމެން މިހާރު ވޭތުކުރަމުން މިދަނީ ޒިކުރުކުރުން އިތުރުކޮށް، ﷲ ތަޢާލާއަށް ކުއްތަންވުމަށްޓަކާ އެއިލާހު ލައްވަވާފައިވާ ދުވަސްތަކުގެ ތެރެއިން ދުވަސްތަކެކެވެ. އެދުވަސްތަކާއި ބެހޭގޮތުން ﷲތަޢާލާގެ ވަޙީބަސްފުޅު وَاذْكُرُواْ اللّهَ فِي أَيَّامٍ مَّعْدُودَاتٍ "ޢަދަދު ކަނޑައެޅިގެންވާ ދުވަސްތަކެއްގައި ﷲ ހަނދުމަކޮށް(ތަކްބީރުކިޔައި) އުޅޭށެވެ" ބާވައިލެއްވުނު ދުވަސްތަކެވެ. އާދެ އައްޔާމުއްތަޝްރީޤުގެ ދުވަސްތަކެވެ.
އައްޔާމުއްތަޝްރީޤަކީ ޙައްޖުމަހުގެ 11، 12، 13 ތިންދުވަހެއެވެ. މިދުވަސްތަކަށް 'އައްޔާމުމިނާ' ވެސް ކިޔެއެވެ. މިދުވަސްތަކަކީ ޙައްޖުގެ މާތްއަޅުކަމަށްފަހު ﷲއަށް ޙަމްދުކޮށް، ޝުކުރުކޮށް، އުފާފާޅުކުރުމަށް އޮތް ދުވަސްތަކެކެވެ. ޞަޙީހް މުސްލިމުގައި ނުބައިޝަތުލް ހުޒަލީ ރަޟިޔަﷲޢަންހުގެ ކިބައިން ރިވާވެގެން އައިސްފައިވެއެވެ. أَيَّامُ التَّشْرِيْقِ أَيَّامُ أَكْلٍ وَشُرْبٍ "އައްޔާމުއްތަޝްރީޤަކީ ކެއުމާއި ބުއިމުގެ ދުވަސްތަކެކެވެ." ޞަޙީހް މުސްލިމްގެ އެހެން ރިވާޔަތެއްގައި ވެއެވެ. وَذِكْرٍلِلَّهِ " އަދި ﷲ ގެ މަތިން ހަނދުމަކުރުމުގެ(ތަކްބީރުކިއުމުގެ) ދުވަސްތަކެކެވެ."
މި ދުވަސްތަކުގައި ޙައްޖުވެރިންގެތެރެއިން ހަދްޔުކަތިނުލެވުނު މީހާ ފިޔަވައި އެހެން އެއްވެސް މީހަކު ރޯދަ ހިފުން ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަ ވަނީ މަނާ ކުރައްވަވާފައެވެ. عن الزهري عن عروة عن عائشة . وعن سالم عن ابن عمر رضي الله عنهم قَالَا : لَمْ يُرَخَّصْ فِيْ أَيَّامِ التَّشْرِيْقِ أَنْ يُصَمْنَ إِلَّا لِمَنْ لَمْ يَجِدْ الهَدْيَ "ޢާއިޝާ ރަޟިޔަﷲ ޢަންހާއާއި އިބްނު ޢުމަރު ރަޟިޔަﷲ ޢަންހުމާ ވިދާޅުވިއެވެ. އައްޔާމުއްތަޝްރީޤުގައި ހަދްޔުނުލިބުނު މީހާ ފިޔަވައި އެހެންމީހަކަށް ރޯދަ ހިފަން ހުއްދަދެވިގެންނުވެއެވެ." (ޞަޙީޙުލް ބުޚާރީ)

އިތުރަށް ވިދާޅުވޭ

26.11.09

ޢީދު ދުވަހުގެ ޙުކުމްތަކުގެ ތެރެއިން...

މުޙައްމަދު ޝަމްޢޫން
الْحَمْدُ لِلَّهِ رَبِّ الْعَالَمِيْنَ. وَالصَّلَاةُ وَالسَّلَامُ عَلَى أَشْرَفِ الْأَنْبِيَاءِ وَالْمُرْسَلِيْنَ. نَبِيِّنَا وَحَبِيْبِنَا وَقُدْوَتِنَا مُحَمَّدٍ وَعَلَى آلِهِ وَأَصْحَابِهِ وَمَنْ تَبِعَهُمْ بِإِحْسَانٍ إِلَى يَوْمِ الِّدْينِ. أَمَّا بَعْدُ
އަޅުގަނޑުމެންނާއި ކުރިމަތިމިލަނީ މުސްލިމުން އުފާފާޅުކުރުމަށްޓަކާ ﷲ ތަޢާލާ ލައްވަވާފައިވާ ދެދުވަހުގެ ތެރެއިން ދުވަހެކެވެ. އާދެ އަޟްޙާޢީދު ދުވަހެވެ. އަނަސްބިން މާލިކް ރަޟިޔަﷲޢަންހު ވިދާޅުވިއެވެ. كَانَ لِأَهْلِ الْجَاهِلِيَّةِ يَوْمَانِ فِي كُلِّ سَنَةٍ يَلْعَبُوْنَ فِيْهِمَا فَلَمَّا قَدِمَ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ الْمَدِيْنَةَ قَالَ كَانَ لَكُمْ يَوْمَانِ تَلْعَبُوْنَ فِيْهِمَا وَقَدْ أَبْدَلَكُمُ اللهُ بِهِمَا خَيْرًا مِنْهُمَا يَوْمَ الْفِطْرِ وَيَوْمَ الأَضْحَى (قال الشيخ الألباني : صحيح ) "ޖާހިލިއްޔަޒަމާނުގެ އަހުލުވެރިން އުފާފާޅުކޮށްއުޅޭ 2 ދުވަހެއް އޮތެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަ މަދީނާއަށް ވަޑައިގެންނެވުމަށްފަހު ޙަދީޘްކުރެއްވެވިއެވެ. ތިޔަބައިމީހުން އުފާފާޅުކޮށްއުޅުނު 2 ދުވަހުގެ ބަދަލުގައި އެއަށްވުރެ މާ ހެޔޮކަންބޮޑު ދެދުވަސް ﷲ ތަޢާލާ ލައްވަވައިފިއެވެ. އެއީ ފިޠުރުގެ ދުވަހާއި އަޟްޙާގެދުވަހެވެ." މިފަދަ ދުވަހެއް އަޅުގަނޑުމެންނާއި ކުރިމަތިލުމުގެ ކުރިން އެދުވަހު، ކުރަންޖެހޭ ކަންތައްތައް ދެނެގަތުމަކީ މުހިއްމުކަމެކެވެ. އެހެންކަމުން ޢީދުދުވަހުގެ ބައެއް ޙުކުމްތައް އަޅުގަނޑުގެ އަމިއްލަ ނަފްސަށާއި ތިޔަލޮބުވެތި އަޚުންނާއި އުޚްތުންނަށް ހަނދާން ކޮށްދޭން ގަސްތުކުރަމެވެ.
1. ޢަރަފާތްދުވަހުގެ(ޙައްޖުމަހުގެ 9ވަނަ ދުވަހުގެ) ފަތިސްނަމާދު ނިމުނީއްސުރެ އައްޔާމުއްތަޝްރީޤުގެ ފަހުދުވަހުގެ(ޙައްޖުމަހުގެ 13ވަނަ ދުވަހުގެ) އަޞްރު ވަގުތާއި ހަމައަށް މިސްކިތްތަކާއި މަގުތަކާއި ބާޒާރުތަކާއި ގެތަކުގައި ތަކްބީރުކިއުން ސުންނަތްވެގެންވެއެވެ.
2. ފިރިހެނުން ތަކްބީރުކިޔާނީ ބާރަށެވެ. އަދި އަންހެނުން ސިއްރުންނެވެ.
3. އަޅުގަނޑުމެންގެ ތެރޭގައި ކިޔަމުންދާގޮތަށް، ޖަމާޢީކޮށް އިމާމްމިހާގެ ފަހަތުން ތަކްބީރުކިޔުމަކީ އޮންނަ ގޮތެއްނޫނެވެ.
4. ތަކްބީރުގެ ޞިފައަކީ: اللهُ أَكْبَرُ، اللهُ أَكْبَرُ، اللهُ أَكْبَرُ، لَا إِلَهَ إِلَّا اللهُ وَاللهُ أَكْبَرُ، اللهُ أَكْبَرُ، وَلِلَّهِ الْحَمْدُ
5. ޢީދުނަމާދަށް ދިއުމުގެ ކުރިން ހިނައިގަތުން ސުންނަތްވެގެންވެއެވެ.
6. އަތުގައިވާ އެންމެރަނގަޅު ހެނދުންލުމާއި މީރުވަސްދުވާ ހުވަނދުލުމަކީވެސް ސުންނަތްވެގެންވާކަމެކެވެ.
7. ފިޠުރުޢީދު ދުވަހު، ޢީދުނަމާދަށް ދިއުމުގެ ކުރިން (ކަދުރުފަދަ) އެއްޗެއް ކެއުން ސުންނަތްވެގެންވެއެވެ. ޢަޟްޙާޢީދު ދުވަހު، ކެއުން ސުންނަތްވެގެންވަނީ ޢީދުނަމާދަށް ފަހުގައެވެ.
8. ޢީދުނަމާދުގެ ވަޤުތަކީ އިރު އެރީއްސުރެ، އިރުމެދުން ފިލައްޖެއުމަށްދާންދެނެވެ.
9. އަންހެނުންނާއި ކުޑަކުދިންވެސް ޢީދުނަމާދަށް ގެންދިއުމަކީ ސުންނަތްވެގެންވާ ކަމެކެވެ. ނަމަވެސް އަންހެނުން ގެންދިއުމުގައި ޝަރުޠުތަކެއް ކަނޑައެޅިފައިވެއެވެ.
ހ. ފިރިހެނުންނާއި މަސްހުނިނުވުން.
ށ. ފުރިހަމައަށް ހިޖާބުވެގެން ތިބުން
ނ. ޢަތަރު ނުލުން
10. ޢީދުނަމާދުގައި އޮންނަނީ 2 ރަކުޢަތެވެ. ފުރަތަމަރަކުޢަތުގައި ތަކްބީރަތުލް އިޙްރާމަށްފަހު 7 ތަކްބީރުކިޔުން ސުންނަތްވެގެންވެއެވެ. އަދި ފާތިޙާސޫރަތަށްފަހު ޤާފުސޫރަތް ނުވަތަ އަޢުލާސޫރަތް ކިޔެވުމަކީވެސް ސުންނަތްވެގެންވާކަމެކެވެ. ދެވަނަރަކުޢަތުގައި ސަޖިދައިންތެދުވަމުންކިޔާ ތަކްބީރުގެ އިތުރަށް 5 ތަކްބީރުކިޔުން ސުންނަތްވެގެންވެއެވެ. އަދި ފާތިޙާސޫރަތަށްފަހު ވާޤިޢާސޫރަތް ނުވަތަ ޣާޝިޔާސޫރަތް ކިޔެވުން ސުންނަތްވެގެންވެއެވެ.
11. ޝެއިޚް ޢުޘައިމީން ރަޙިމަހުﷲ ވިދާޅުވެފައިވަނީ ޢީދުނަމާދަކީ ޢައިނިއްޔަ ފަރުޟެއްކަމުގައެވެ. ޝެއިޚުލް އިސްލާމް އިބްނި ތައިމިއްޔާ ރަޙިމަހުﷲގެ ރައުޔަކީވެސް މިއެވެ. އަދި ބައެއް ޢިލްމުވެރިން ފަރުޟުކިފާޔާއެއްކަމުގައި ވިދާޅުވާއިރު އަނެއްބައި ޢިލްމުވެރިން އެއީ ގަދަވެގެންވާސުންނަތެއް ކަމުގައިވެސް ވިދާޅުވެއެވެ.
12. ޢީދުނަމާދުގައި ބަންގިގޮވުމެއް، އަދި ޤަމަތްދިނުމެއްވެސް ނުވެއެވެ. އަދި ޢީދުނަމާދުގެ ކުރީގައިވެސް އަދި ފަހުގައިވެސް ސުންނަތްކުރުން ޘާބިތުވެގެނެއްނުވެއެވެ. ނަމަވެސް ޢީދުކުރާ މުޞައްލާއަށް މިސްކިތުގެ ޙުކުމް އަންނާނޭކަމަށް ޝެއިޚް ޢުޘައިމީން ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. އެހެންކަމުން ޝެއިޚްބުރަވެލައްވަނީ ތަޙިއްޔަތުލް މަސްޖިދް އެތަނުގައި ކުރެވޭނޭކަމަށެވެ.
13. ޢީދުނަމާދުކުރުން ސުންނަތްވެގެންވަނީ ހުސްބިމެއްގައެވެ. މަޖުބޫރީހާލަތަކަށްޓަކައި މެނުވީ މިސްކިތުގައި ޢީދުނަމާ ނުކުރެވޭނޭ ކަމުގައި ޢިލްމުގެ އަހުލުވެރިން ވިދާޅުވެއެވެ.
14. ޢީދުނަމާދުގައި ދެ ޚުޠުބާވެއެވެ. ހުކުރުނަމާދާއި ޚިލާފަށް ޢީދުނަމާދުގެ ޚުޠުބާ ކިޔާނީ ނަމާދުކުރުމަށްފަހުގައެވެ.
15. ޚުޠުބާނިމުމުން ޢުޟްޙިޔާ ކަތިލުމަށް އަވަސްވެގަތުމަކީ ސުންނަތެކެވެ. ނަމަވެސް އެދުވަހު އުޟްޙިޔާ ކަތިނުލެވޭ މީހާއަށް، އައްޔާމުއްތަޝްރީގުގެ 3 ވަނަ ދުވަސް ނިމުމުގެ ކުރިން ކަތިލެވިދާނެއެވެ. އަދި އުޟްޙިޔާއިން އެއްވެސް މިންވަރެއް ވިއްކުން ހުއްދަވެގެން ނުވެއެވެ.
16. ޢީދުނަމާދަށްދިޔަމަގު ނޫން އެހެންމަގެއް، ގެއަށް ދިއުމުގައި އިޚްތިޔާރުކުރުން ސުންނަތްވެގެންވެއެވެ.
17. އެކަކު އަނެކަކަށް، ޢީދުގެ ތަހުނިޔާއެއްގެ ގޮތުގައި ' تَقَبَّلَ اللهُ مِنَّا وَمِنْكَ ' ކިޔުމަކީ ސަލަފުންގެ ބައެއްބޭކަލުންގެ ކިބައިން ޘާބިތުވެފައިވާ ކަމެކެވެ.
18. ގިނަގިނައިން ޒިކުރު ކުރުމަކީ، ޚާއްޞަކޮށް ޢީދުދުވަހު އަދި ޢާންމުކޮށް ހުރިހާދުވަހެއްގައިވެސް ކުރުން ސުންނަތްވެގެންވާ ކަންތައްތަކުގެތެރެއިން ކަމެކެވެ.
19. ޢީދުދުވަސް ހުކުރުދުވަހަކަށް ވެއްޖެނަމަ ކަންތައް ކުރަންވީ ގޮތާމެދު ޢިލްމުވެރިންގެ ތަފާތު ރައުޔުތަކެއް އައިސްފައިވެއެވެ.
ހ. ޢީދުނަމާދާއި ހުކުރުނަމާދާއި، ދެނަމާދު ކުރުންވެސް ވާޖިބުވާނެއެވެ. މިއީ ގިނަ ފިޤުޙުޢިލްމުވެރިންގެ ރައުޔެވެ.
ށ. ދެނަމާދު ކުރުން ވާޖިބުވާނީ ހަމައެކަނި އިމާމް މީހާއަށެވެ.
ނ. ވާޖިބުވެގެންވަނީ ދެ ނަމާދުން ކޮންމެވެސް އެއްނަމާދެއް ކުރުމެވެ. މި ރައުޔަށް ބުރަވާމީހުން ޢީދުނަމާދު ކޮށްފިނަމަ، ހުކުރު ނަމާދު އެމީހުންގެ މައްޗަށް ވާޖިބެއްނުވާނެއެވެ. ނަމަވެސް އެމީހުން މެންދުރުނަމާދު ކުރަން ޖެހޭނެއެވެ. އެންމެ ރަނގަޅުގޮތަކީ ވާޖިބުނުވިކަމުގައި ވިއަސް ދެނަމާދަށްވެސް ދިއުމެވެ. އޭރުން ޚިލާފުން ސަލާމަތްވެވުނީއެވެ.

އިތުރަށް ވިދާޅުވޭ

25.11.09

ޢަރަފާތްދުވަހުގެ މަޒިއްޔާތަކުގެ ތެރެއިން ...

މުޙައްމަދު ޝަމްޢޫން
الْحَمْدُ لِلَّهِ رَبِّ الْعَالَمِيْنَ. وَالصَّلَاةُ وَالسَّلَامُ عَلَى أَشْرَفِ الْأَنْبِيَاءِ وَالْمُرْسَلِيْنَ. نَبِيِّنَا وَحَبِيْبِنَا وَقُدْوَتِنَا مُحَمَّدٍ وَعَلَى آلِهِ وَأَصْحَابِهِ وَمَنْ تَبِعَهُمْ بِإِحْسَانٍ إِلَى يَوْمِ الِّدْينِ. أَمَّا بَعْدُ
1. އެއްދުވަހަކު ޔަހޫދީންގެ މީހަކު ޢުމަރު ރަޟިޔަﷲޢަންހަށް ބުންޏެވެ. އޭ އަމީރުލްމުއުމިނީންއެވެ. އަޅުގަނޑުމެންނަށް ބާވައިލެއްވުނު ނަމަ، އެއާޔަތް ބާވައިލެއްވުނު ދުވަސް އަޅުގަނޑުމެން ޢީދެއްގެ ގޮތުގައި ފާހަނގަކުރާނޭފަދަ ޢާޔަތެއް މުސްލިމުން އެބައިމީހުންގެ ފޮތުން ކިޔަވަމުންދެއެވެ. ޢުމަރު ރަޟިޔަﷲޢަންހު ދެންނެވިއެވެ. އެއީ ކޮން އާޔަތެއްހެއްޔެވެ؟ އޭނާ ޖަވާބުގައި، الْيَوْمَ أَكْمَلْتُ لَكُمْ دِينَكُمْ وَأَتْمَمْتُ عَلَيْكُمْ نِعْمَتِي وَرَضِيتُ لَكُمُ الإِسْلاَمَ دِينًا (سورة المائدة :3) " މިއަދު ތިޔަބައިމީހުންގެ ދީން ތިޔަބައިމީހުންނަށް، ތިމަންއިލާހު ފުރިހަމަކޮށްދެއްވަވައިފީމެވެ. އަދި ތިމަންއިލާހުގެ ނިޢުމަތް، ތިޔަބައިމީހުންގެ މައްޗަށް ތިމަންއިލާހު ފުރިހަމަކޮށްދެއްވަވައިފީމެވެ. އަދި އިސްލާމްދީން، ތިޔަބައިމީހުންނަށް ދީނެއްކަމުގައި ތިމަން އިލާހު ރުހިވޮޑިގެންފީމެވެ." މި އާޔަތް ކިޔެވިއެވެ. އެހިނދު ޢުމަރު ރަޟިޔަﷲޢަންހު ވިދާޅުވިއެވެ. ﷲގެ ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަގެ މައްޗަށް ތި އާޔަތް ބާވައިލެއްވުނު ދުވަހާއި ތަންވެސް އަހަރެމެންނަށް އެނގެއެވެ. އެއީ ހުކުރުދުވަހެއްގައި އެކަލޭގެފާނު ޢަރަފާތުގައި ހުންނަވަނިކޮށެވެ. (ޞަޙީހުލް ބުޚާރީ ވަ ޞަޙީހު މުސްލިމް)
2. ޢާއިޝާ ރަޟިޔަﷲ ޢަންހާގެ ކިބައިން ރިވާވެގެންވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްކުރެއްވެވިއެވެ. مَا مِنْ يَوْمٍ أَكْثَرَ مِنْ أَنْ يُعْتِقَ اللهُ عَزَّ وَجَلَّ فِيْهِ عَبْداً مِنْ النَّارِ ، مِنْ يَوْمِ عَرَفَةَ....( ޞަޙީހު މުސްލިމު) "ޢަރަފާތްދުވަހަށް ވުރެ ގިނައިން ﷲތަޢާލާ، އަޅުތަކުން ނަރަކައިން މިންޖުކުރައްވަވާ ދުވަހެއްނުވެއެވެ."
3. ޢަބްދުއްރަޙްމާން ބިން ޔަޢްމަރު ރަޟިޔަﷲއަންހުގެ ކިބައިން ރިވާވެގެންވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްކުރެއްވެވިއެވެ. الحَجُّ عَرَفَةٌ (ސުނަން ތިރްމިޒީ) "ޙައްޖަކީ ޢަރަފާތެވެ." (މާނައަކީ ޢަރަފާތްދުވަސް ނުލިބޭ މީހަކަށް ޙައްޖެއް ނުވެއެވެ.)
4. އަބޫ ޤަތާދާ ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާވެގެންވެއެވެ. ޢަރަފާތް ދުވަހުގެ ރޯދައާއި ބެހޭގޮތުން ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމައާއި ސުވާލުކުރެވުމުން އެކަލޭގެފާނު ޙަދީޘްކުރެއްވެވިއެވެ. يُكَفِّرُ السَّنَةَ المَاضِيَةَ وَالبَاقِيَةَ (ޞަޙީހް މުސްލިމް) " ފާއިތުވި އަހަރުގެ ފާފައާއި ކުރިއަށް އޮތް އަހަރުގެ ފާފަ ފޮހެ ދެއެވެ."
_______________________________________________
ސަމާލުކަމަށް: މިއަހަރު(1430ހ.)ގެ ޢަރަފާތް ދުވަހަކީ 26 ނޮވެމްބަރު 2009 ވާ ބުރާސްފަތި ދުވަހެވެ. ވީމާ ޢަރަފާތްދުވަހު ރޯދަ ހިއްޕެވުމަށް ސަމާލުކަން ދެއްވަވާށެވެ. އަދި އެހެން އަޚުންނާއި އުޚްތުންނަށްވެސް މި ފުރުސަތު ނަންގަވާނުލެއްވެވުމަށް ނަޞޭޙަތްތެރިވެލައްވަވާށެވެ.

އިތުރަށް ވިދާޅުވޭ

24.11.09

މުސްލިމުންގެ ހައިބަތު

މުޙައްމަދު ޝަމްޢޫން
الْحَمْدُ لِلَّهِ رَبِّ الْعَالَمِيْنَ. وَالصَّلَاةُ وَالسَّلَامُ عَلَى أَشْرَفِ الْأَنْبِيَاءِ وَالْمُرْسَلِيْنَ. نَبِيِّنَا وَحَبِيْبِنَا وَقُدْوَتِنَا مُحَمَّدٍ وَعَلَى آلِهِ وَأَصْحَابِهِ وَمَنْ تَبِعَهُمْ بِإِحْسَانٍ إِلَى يَوْمِ الِّدْينِ. أَمَّا بَعْدُ
މުސްލިމުން އެއްޚިލާފަތެއްގެ ދަށުގައި އުޅުނު ދުވަސްވަރެވެ. މުސްލިމުންގެ ޚަލީފާ މުޢުތަޞިމް އާދައިގެ މަތިން އޭނާގެ މަޖިލީހުގައި، މުސްތަޝާރުންނާއި ވާހަކަ ދައްކަވަން ހުންނެވި ވަގުތެކެވެ. ކުއްލިއަކަށް މަޖިލީހުގައި ތިބި އެންމެންގެ ލޯތައް ހުއްޓުނީ އޭޝިޔާއިން އައި މީހަކާ ދިމާލަށެވެ. ޚަލީފާއަށް ސަލާމްގޮވުމަށްފަހު، އޭނާ ބުންޏެވެ. " އޭ މުއުމިނުންގެ އަމީރެވެ. އަޅުގަނޑު މި އައީ ޢައްމޫރިއްޔާއިންނެވެ. އެތަނުގެ ބާޒާރުން އަޅުގަނޑަށް މުސްލިމު އަންހެނަކު ފެނުނެވެ. އެއަންހެންމިހާ ރޫމީންގެ މީހެއްގެ އަތުން އެއްޗެއް ގަތުމަށްޓަކައި އޭނައާއި ވާހަކަދައްކަމުން ދިޔައެވެ. ނަމަވެސް ރޫމީކަލޭގެ، އެ އަންހެންމީހާގެ ވާހަކައަށް އެހާބޮޑު ސަމާލުކަމެއް ނުދީ އެއްޗިހި ގޮވަންފެށިއެވެ. އެއަންހެން މީހާވެސް އޭނާ ގޮވަމުންދިޔަ އެއްޗިއްސަށް ޖަވާބު ދެމުން ދިޔައެވެ. ދެން އެ ރޫމީކަލޭގެ، އެއަންހެންމީހާގެ ކޯތާފަތްމަތީ، ދަތްތައްވެސް ބިންދައިގެންދާފަދަ އެތިފަހަރެއް ޖެހިއެވެ. އެހިނދު އެއަންހެން މީހާ ބާރުއަޑުން 'އޭ މުޢުތަޞިމެވެ!' ކިޔާ ގޮވިއެވެ. އެވަގުތު ރޫމީކަލޭގެ އެ ނިކަމެތި އަންހެންމީހާއަށް މަލާމާތްކުރަމުން ބުންޏެވެ. މުޢުތަޞިމަށް ކުރެވޭނީ ކޮންކަމެއްހެއްޔެވެ؟ އޭނާއަށް އަހަންނާހަމައަށް އާދެވޭނީ ކިހިނެއްހެއްޔެވެ؟ އޭ މިހިރަ މޮޔަމީހާއެވެ. މުޢުތަޞިމް ކަޅާއި ހުދުގެ އަހެއްގައި އައިސް ކަލެއަށް ނަޞްރުދީ އެހީތެރިވަންދެން އޭނާގެ އިންތިޒާރުގައި ހުންނާށެވެ. "
އެ މިހާ މިވާހަކަތައް ކިޔާދީ ނިމުމުން، މުސްލިމުންގެ ޚަލީފާ މުޢުތަޞިމް އޭނައާއި ސުވާލުކުރިއެވެ. އެވަގުތު ކަލޭ ކަންތައްކުރީ ކިހިނެއް ހެއްޔެވެ؟ ޖަވާބުގައި އޭނާ ބުންޏެވެ. އެނުލަފާމީހާގެ ބޯ އޭނާގެ ކަނދުރާއިން ވަކިކުރުމަށްޓަކާ އަޅުގަނޑުގެ ކަނޑި އުރައިން ދެމީމެވެ. ނަމަވެސް ރޫމީންތައް އައިސް އަޅުގަނޑު ވަށާލިއެވެ. ދެން އެއަންހެންމީހާ ކައިރިއަށް ގޮސް، އޭނާގެ އަޑު މުއުމިނުންގެ އަމީރަށް ފޯރުކޮށްދިނުމަށް ވަޢުދުކުރީމެވެ. އެވަގުތު ރޫމީންތައް އަޅުގަނޑުމެންނަށް މަލާމާތް ކުރަމުން ދިޔައެވެ. އެމީހުން ހީކުރަމުންދަނީ އެމީހުންގެ ކިއްލާތަކުގެ އެހީގައި، އަމީރުލް މުޢުމިނީންގެ ހަމަލާތަކުން އެމީހުންނަށް ސަލާމަތްވެވޭނެކަމަށެވެ.
އޭނާގެ ޖަވާބު އަޑުއެހުމަށްފަހު މުޢުތަޞިމުގެ މޫނު ރަތްވިއެވެ. އަދި ޢައްމޫރިއަޔާއާ ވީ ދިމާލަށް ބެލުމަށްފަހު ބުންޏެވެ. އާދޭހެވެ. އޭ މިނިވަން މުސްލިމު އުޚްތާއެވެ. އިޖާބައަކަށްފަހު އިޖާބައެއްދެމެވެ. ތިބާގެ ހަޅޭކުގެ އަޑު މުޢުތަޞިމަށް އިވިއްޖެއެވެ. އަދި ތިބާއަށް އިޖާބަދީފިއެވެ. މިކަން ރޫމީންނަށް އެނގިގެންދާނެއެވެ. އެހެންބުނުމަށް ފަހު މަޖިލީހުގައި ތިބި މުސްތަޝާރުންގެ މަޝްވަރާއަކަށް އެދުނެވެ. އެމީހުންވެސް ތިބީ މުޢުތަޞިމުފަދައިން އެއަންހެންމީހާގެ ގޮވުމަށް އިޖާބަދިނުމަށް ޢައްމޫރިއްޔާއަށް ދިޔުމަށް ތައްޔާރަށެވެ. އެހިނދު 12000 ކަޅާއި ހުދުގެ އަސްތަކުގައިވާ 12000 މީހުންގެ ލަޝްކަރެއް ތައްޔާރުކުރުމަށް މުޢުތަޞިމު އަމުރުކުރިއެވެ.
މުޢުތަޞިމު ލަޝްކަރާއިގެން ޢައްމޫރިއްޔާއަށް ގޮސް، އެތަން ފަތަޙަކުރިއެވެ. އަދި އެ އަންހެންމީހާ ޙާޟިރުކުރިއެވެ. އެއަންހެންމީހާ މުޢުތަޞިމަށް ޝުކުރުއަދާކޮށް އޭނާއަށްޓަކައި ކާއިނާތުގެ ވެރި އިލާހަށް ދުޢާކުރިއެވެ. އެހިނދު މުޢުތަޞިމު ބުންޏެވެ. ތިޔަ އުޚްތާއަށް މުޢުތަޞިމު އިޖާބަދީފިހެއްޔެވެ؟ ޖާވާބުގައި އެ އަންހެންމީހާ ބުންޏެވެ. އާދޭހެވެ.
މިއީ އެދުވަސްވަރު، މުސްލިމުންގެ ހައިބަތާއި ޤުއްވަތު ހުރި މިންވަރެވެ. މުސްލިމު އަންހެނެއްގެ ހަޅޭކުގެ އަޑަށް އަޅުގަނޑުމެންގެ ސަލަފުން ދީފައިވާ އިޖާބައެވެ. ނަމަވެސް މިއަދު ޢިރާޤާއި ފަލަސްޠީނާއި އަދި އެހެންޤައުމުތަކުގައި އުޅޭ މުސްލިމު އުޚްތުންގެ ހަޅޭކުގެ އަޑަށް އިޖާބަދެނީ ފަހެ ކާކުހެއްޔެވެ؟ މިއަދު މުސްލިމުން މިދަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކަތިލެވެމުންނެވެ. މުސްލިމު ކުޑަކުދީންތައް މިދަނީ ޔަތީމުވަމުންނެވެ. އުޚްތުންތައް މިދަނީ ހުވަފަތް ވަމުންނެވެ. ޢާއިލާގެ ހުރިހާ އެންމެންގެ ކުރިމަތީގައި އުޚްތުންގެ ޢިއްފަތްތެރިކަން މިދަނީ ފޭރެމުންނެވެ. މުސްލިމުން މިފަދަ ޙާލަތަކަށް ވެއްޓުނީ ފަހެ ކީއްވެތޯއެވެ؟ ޖަވާބު ވަރަށް ސާފެވެ. މުސްލިމުން އެބައިމީހުންގެ ދީނާއި ދުރަށް ދިޔުމުގެ ސަބަބުންނެވެ. ﷲއާއި އެއިލާހުގެ ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ބަސްފުޅުތަށް ދޫކޮށް، ހަވާނަފްސަށް ތަބަޢަވުމުގެ ސަބަބުންނެވެ. އެބައިމީހުން އެކަކު އަނެކަކަށް ހަނގުރާމަކުރަން ފެށުމުގެ ސަބަބުންނެވެ. ﷲ ތަޢާލާ ވަޙީ ކުރައްވަވާފައިވެއެވެ. وَأَطِيعُواْ اللّهَ وَرَسُولَهُ وَلاَ تَنَازَعُواْ فَتَفْشَلُواْ وَتَذْهَبَ رِيحُكُمْ وَاصْبِرُواْ إِنَّ اللّهَ مَعَ الصَّابِرِينَ (سورة الأنفال:46) " އަދި ﷲއާއި އެއިލާހުގެ ރަސޫލާއަށް ތިޔަބައިމީހުން ކިޔަމަންވާށެވެ. އަދި ތިޔަބައިމީހުން ދެބަސްވެ އަރައިރުން ނުވާށެވެ. (ދެބަސްވެ އަރައިރުންވާނަމަ) ތިޔަބައިމީހުން ފިނޑިވެ، ތިޔަބައިމީހުންގެ ބާރުނެތިގެން ހިނގައިދާނެއެވެ. އަދި ތިޔަބައިމީހުން ކެތްތެރިވާށެވެ. ހަމަކަށަވަރުން ﷲ ވޮޑިގެންވަނީ ކެތްތެރީންނާ އެކުގައެވެ."
އެހެންކަމުން މިއުންމަތުގެ ހައިބަތާއި ޤުއްވަތު އަނުބުރާ ގެންނަން ބޭނުންނަމަ އަޅުގަނޑުމެންނަށް އޮތީ ދީނަށް ރުޖޫޢަވުމެވެ. ﷲއާއި އެއިލާހުގެ ރަސޫލާއަށް، ބަހާއި ޢަމަލުން ތަބާވެ އެއިލާހުގެ ދީނަށް ނަޞްރުދިނުމެވެ.ﷲތަޢާލާ ވަޙީކުރައްވަވާފައިވެއެވެ. يَا أَيُّهَا الَّذِينَ آمَنُوا إِن تَنصُرُوا اللَّهَ يَنصُرْكُمْ وَيُثَبِّتْ أَقْدَامَكُمْ (سورة محمد: 7) " އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ﷲ(ގެ ދީނަށް) ނަޞްރުދޭކަމުގައިވަނީނާމަ، އެއިލާހު ތިޔަބައިމީހުންނަށް ނަޞްރުދެއްވަވާނެއެވެ. އަދި ތިޔަބައިމީހުންގެ ފައިތިލަތައް ޘާބިތުކޮށްދެއްވަވާނެއެވެ."

އިތުރަށް ވިދާޅުވޭ

23.11.09

އިސްލާމީ މަޝްހޫރު ބައެއް ޢިލްމްވެރިން އަވަހާރަވި ތާރީޚު-8

އަބޫ ޢައްމާރު މުޙައްމަދު ސިނާން
ހިޖުރައިން 1300 އަހަރު ފަސް
1301 ވަނަ އަހަރު
ހަމަދު އިބްން އަޠީޤް
1304 ވަނަ އަހަރު
އަލް ލަކްނަވީ
1307 ވަނަ އަހަރު
ޞިއްދީޤް ޙަސަން ޚާން އަލް ޤަނޫޖީ
1317 ވަނަ އަހަރު
ނުޢުމާން އިބްން މަޙްމޫދު އާލް އަލޫސީ
1320 ވަނަ އަހަރު
ސައްޔިދު ނަޛީރު ހުސައިން ދިހްލަވީ
1326 ވަނަ އަހަރު
އައް ސިހްސަވާނީ، މުޙައްމަދު ބަޝީރު
1332 ވަނަ އަހަރު
ޖަމާލުއްދީން އަލް ޤާޞިމީ
1338 ވަނަ އަހަރު
ޠާހިރު އަލް ޖަޒާއިރީ
1339 ވަނަ އަހަރު
ޢަބްދުﷲ އިބްން ޢަބްދުލްލަޠީފް އާލުއްޝައިޚް
1342 ވަނަ އަހަރު
މަޙްމޫދު ޝުކްރީ އާލް އަލޫސީ
1349 ވަނަ އަހަރު
ސުލައިމާން އިބްން ސަހްމާން
ޝަމްސުލް ޙައްޤް އަލް އަޡީމްއާބާދީ
ޞާދު އިބްން ޙަމްދު އިބްން ޢަޠީޤް
1352 ވަނަ އަހަރު
ޢަބްދުއްރަޙްމާން އަލް މުބާރަކްޕޫރީ
1359 ވަނަ އަހަރު
ޢަބްދުލްޙަމީދު އިބްން ބާދީސް
1367 ވަނަ އަހަރު
މުޙައްމަދު އިބްން ޢަބްދުލްލަޠީފް އާލުއްޝައިޚް
1373 ވަނަ އަހަރު
ޢަބްދުﷲ އަލް އަންޤަރީ
1376 ވަނަ އަހަރު
އައް ޞާދީ، ޢަބްދުއްރަޙްމާން އިބްން ނާޞިރު
1377 ވަނަ އަހަރު
އަޙްމަދު މުޙައްމަދު ޝާކިރު
ޙާފިޡު އަލްޙަކަމީ
1378 ވަނަ އަހަރު
މުޙައްމަދު ޙާމިދު އަލް ފަޤީހް
1380 ވަނަ އަހަރު
މުޙައްމަދު ބަޝީރު އަލް އިބްރާހިމީ
1386 ވަނަ އަހަރު
މުޢައްލަމީ އަލް ޔަމަނީ
1389 ވަނަ އަހަރު
މުޙިއްބުއްދީން އަލް ޚަޠީބް
މުޙައްމަދު އިބްން އިބްރާޙީމް އާލުއްޝައިޚް
ޢަބްދުﷲ އަލް ޤަރާވީ
1392 ވަނަ އަހަރު
ޢަބްދުއްރަޙްމާން އިބްން ޤާސިމް އަލް ޢާޞިމީ އަލް ޙަންބަލީ
1393 ވަނަ އަހަރު
އައް ޝިންޤިޠީ، މުޙައްމަދު އަލް އަމީން
ޢަބްދުލްޙައްޤް އަލް ހާޝިމީ

ހިޖުރައިން 1400 އަހަރު ފަސް
1408 ވަނަ އަހަރު
ތަޤީއުއްދީން އަލް ހިލާލީ
1413 ވަނަ އަހަރު
މުޙައްމަދު ޙަމޫދު އައް ތުވައިޖަރީ
1414 ވަނަ އަހަރު
ޢަބްދުއްރައްޒާޤް އަލް ޢަފީފީ
ޢުބައިދުﷲ ރަޙްމާނީ އަލް މުބާރަކްޕޫރީ
1417 ވަނަ އަހަރު
ބަދީއުއްދީން ޝާޙް އައް ސިންދީ އައް ރާޝިދީ
މުޙައްމަދު އަމާން އަލް ޖަމީޢު
1418 ވަނަ އަހަރު
މަޙްމޫދު ޝާކިރު
ހައްމާދު އަލް އަންޞާރީ
1419 ވަނަ އަހަރު
ޢުމަރު މުޙައްމަދު ފުލާތާ
1420 ވަނަ އަހަރު
ޢަބްދުﷲ އިބްން ޢަބްދުލްޢަޒީޒް ބިން ބާޒް
މުޙައްމަދު ނާޞިރުއްދީން އަލް އަލްބާނީ
އަބުލް ޙަސަން ޢަލީ އައް ނަދުވީ
ޢަޠިއްޔާ މުޙައްމަދު ސާލިމް
ސައްޔިދު އައް ސާބިޤް
މުޙައްމަދު އިބްން ޞާލިޙް އަލް މަންޞޫރު
1421 ވަނަ އަހަރު
ޢަލީ އައް ސިނާން
މުޙައްމަދު ބިން ޞާލިޙް އަލް ޢުޘައިމީން

- ނިމުނީ -

އިތުރަށް ވިދާޅުވޭ

22.11.09

އިބްނުލްމުބާރަކު ޢާބިދުލްޙަރަމައިނަށް ފޮނުވި ސިޓީ

ޢަލީ ނިޝާމް

ހިޖްރައިން 170 ވަނަ އަހަރެވެ. ބައެއް ރިވާޔަތްތަކުގައި ވާގޮތުން ނަމަ 177 ވަނަ އަހަރެވެ. مُحَمَّدُ بِنْ إِبْرَاهِيْمُ بِنْ أَبِيْ سُكَيْنَةَ , طَرْسُوْسُ(ބުނެވޭގޮތުގައި މިއީ މިހާރުގެ ތުރުކީ) އިން ނިކުންނަން ވެގެން عَبْدُ اللهِ بِنْ الْمُبَارَكُ އަށް އަލްވަދާޢު ކިޔަނިކޮށް مُحَمَّدُ بِنْ إِبْرَاهِيْمُ بِنْ أَبِيْ سُكَيْنَةَ އަށް عَبْدُ اللهِ بِنْ الْمُبَارَكُ ޅެންބައިތުތަކެއް ކިޔައި ދިނެވެ. އަދި އެ ޅެންބައިތުތަށް الْفُضَيْلُ بِنْ عِيَاضُ(ޢާބިދުލްޙަރަމައިން) އަށް ރައްދުކޮށްދިނުމަށް އެދުނެވެ. އެޅެންބައިތުތަކަކީ:
يَا عَابِدَ الحَرمَيْنِ لَوْ أَبْصَرْتَنَا ****** لَعَلِمْتَ أَنَّكَ فِي الْعِبَادَةِ تَلْعَبُ
އޭ ދެޙަރަމްކޮޅުގައި އަޅުކަން ކުރާ އަޅުވެރިޔާ އެވެ. ތިބާ އަށް އަހަރެމެން ފެނިއްޖެއްޔާ ތިބާ ތިކުރާ އަޅުކަމަކީ އަހަރަމެން މިކުރާ ކަންތަކާ އަޅާބަލާއިރު ކުޑަކުދިން ކުޅޭ ކުޅިވަރެއް ކަހަލަ ކަމެއް ކަން ތިބާއަށް އެނގޭނެއެވެ.
مَنْ كَانَ يَخْضِبُ خَدَّهُ بِدُمُوْعِهِ **** فَنُحُوْرُنَا بِدِمَائِنَا تَتَخَضَّبُ
އެމީހެއްގެ ކޯތާފަތް ކަރުނައިން ތަތްތަޅުވާ މީހާއަށް އެނގެން ވާނެ އަހަރަމެންގެ ކަރުތައް ތަތްތެޅެނީ ލެއިންކަން
أَوْ كَانَ يُتْعِبُ خَيْلَهُ فِيْ بَاطِلٍ ***** فَخُيُوْلُنَا يَوْمَ الصَّبِيْحَةِ تَتْعَبُ
ނޫނީ އެމީހެއްގެ އަސްތައް ބޭކާރު ގޮތުގައި ވަރުބަލި ކުރުވާ ފަރާތައް އަހަރަމެންގެ އަސްތައް ވަރުބަލި ވަނީ ހަނގުރާމައިގެ މައިދާނުގައި ހަނގުރާމަކުރުމުގަ ކަން
رِيْحُ الْعَبِيْرِ لَكُمْ وَنَحْنُ عَبِيْرُنَا ***** وَهْجُ السَّنَابِكِ وَالْغُبَارُ الْأَطْيَبُ
ތިމީހުނަށް ވަނީ ޢަތަރުގެ މީރުވަހެވެ. އަހަރެމެނަށް ޢަތަރެއް ކަމުގައި ވަނީ ލޮންސި ޖެހުނީމަ ބުރާ އަލިފާން ކަންޏާއި ހިރަފުހެވެ. އެ އެއްޗެހި މާ ފޮނިވެގެންވެއެވެ.
وَلَقَدْ أَتَانَا مِنْ مَقَالِ نَبِيِّنَا ******** قَوْلٌ صَحِيْحٌ صَادِقٌ لَا يَكْذِبُ
އަހަރަމެންނަށް ރަސޫލާ (صلى الله عليه وسلم) ގެ ބަސްފުޅެއް ވަނީ ވާރިދުފައެވެ. އެއީ ޞައްޙަ އަދި އެހެންމެ ތެދުވެރި، ދޮގު ނުވާނެ ބަސްފުޅެކެވެ.
لَا يَسْتَوِيْ وَغُبَارُ خَيْلِ اللهِ فِيْ ***** أَنْفِ امْرِئٍ وَدُخَانُ نَارٍ تَلْهَبُ
އަހެއް ދުވެފަ ދިޔުމުން އެއަރާ، އިންސާނާގެ ނޭފަތް ފުރާލާ ހިރަފުސްތަކާއި، އަނދައަނދައި ހުންނަ ނަރަކައިގެ އަލިފާނުގެ ދުމާއި ދުވަހަކުވެސް އެއް ނުވާނެއެވެ.
هَذَا كِتَابُ اللهِ يَنْطِقُ بَيْنَنَا ******** لَيْسَ الشَّهِيْدُ بِمَيِّتٍ لَا يَكْذِبُ
އަހަރަމެންނާއި މުޚާޠަބު މިކުރަނީ ﷲ ގެ ފޮތެވެ. (އެފޮތް ބުނެއެވެ) ޝަޙީދަކީ މައްޔިތެއް ނޫނެވެ. އެފޮތް ދުވަހަކުވެސް ދޮގެއް ނަހަދާނައެވެ.

مُحَمَّدُ بِنْ إِبْرَاهِيْمُ بِنْ أَبِيْ سُكَيْنَةَ ވިދާޅުވިއެވެ. އެ ޅެންބައިތުތަށް ހިފައިގެން الْمَسْجِدُ الْحَرَمُ އަށް ދިޔަތަނުން އެތަނުން الْفُضَيْلُ بِنْ عِيَاضُ އާއި ބައްދަލުވިއެވެ. ތިމަންނަ އެޅެން ބައިތުތައް އެކަލޭގެފާނަށް ކިޔާ ދިނުމުން އެކަލޭގެފާނުގެ ދެލޯ ކަރުނައިން ފުރުނެވެ. އަދި ވިދާޅުވިއެވެ. أَبُوعَبْدِ الرَّحْمَان(عَبْدِ اللهِ بِنْ الْمُبَارَكُ) ތެދުބުނެފިއެވެ. އަދި ތިމަންނައަށް ނަޞޭޙަތްތެރި ވެއްޖެއެވެ. ދެން الْفُضَيْلُ بِنْ عِيَاضُ ވިދާޅުވިއެވެ. ތިބާ އަކީ ޙަދީޘް ލިޔާ މީހުންގެ ތެރެއިން މީހެއްހެއްޔެވެ؟ ތިމަންނަ ބުނީމެވެ. އާއެކެވެ. الْفُضَيْلُ بِنْ عِيَاضُ ވިދާޅުވިއެވެ. އަހަރަމެންނަށް أَبُوعَبْدِ الرَّحْمَان ފޮނުވި ޅެންތަކުގެ ޖަވާބެއްގެ ގޮތުގައި މި ޙަދީޘް ލިޔާށެވެ. އަދި الْفُضَيْلُ بِنْ عِيَاضُ ތިމަންނަ އަށް (ޙަދީޘް) ކިޔާދިނެވެ.

مَنْصُورُ بِنْ الْمُعْتَمِرْ އަހަރެމެންނަށް ކިޔާދިނެވެ. أَبُو صَالِحُ، أَبُو هُرَيْرَة ގެ ކިބައިން ރިވާކުރިއެވެ. އެކަލޭގެފާނު(އަބޫ ހުރައިރާ) ވިދާޅުވިއެވެ. މީހަކު ބުންޏެވެ. އޭ ރަސޫލާ (صَلَّى اللهُ عَلَيْهِ وَسَلَّمَ) އެވެ. ﷲ ގެ މަގުގައި ހަނގުރާމަ ކުރާ މުޖާހިދެއްގެ ދަރުމަ އާއި ޘަވާބު ލިބޭނޭ ޢަމަލެއް ތިމަންނައަށް އުނގަންނަވައި ދެއްވާށެވެ. ފަހެ ރަސޫލާ (صَلَّى اللهُ عَلَيْهِ وَسَلَّمَ) ޙަދީޘް ކުރެއްވިއެވެ. މެދުކަނޑާ ނުލައި ނަމާދު ކުރަން ތިބާ އަށް ކުޅަދާނަވެގެން ވޭހެއްޔެވެ؟ އަދި ނުވިއްލައި، ރޯދަހިފަން ތިބާ އަށް ކުޅަދާނަ ވެގެން ވޭހެއްޔެވެ؟ ދެންފަހެ (އެމީހާ) ބުންޏެވެ. އޭ ﷲ ގެ ރަސޫލާ (صَلَّى اللهُ عَلَيْهِ وَسَلَّمَ) އެވެ. ތިމަންނަ ތިކަން ކުރުމަށް ކުޅަދާނަވެގެންވާ ވަރަށްވުރެ މާ ބަލިކަށްޓެވެ. ދެން ނަބިއްޔާ (صَلَّى اللهُ عَلَيْهِ وَسَلَّمَ) ޙަދީޘް ކުރެއްވިއެވެ.

"އެފަރާތެއްގެ އަތްޕުޅުގައި ތިމަންކަލޭގެފާނުގެ ނަފްސު ވާ ފަރާތް ގަންދީ ބުނަމެވެ. ތިބާ އެގޮތަށް ކަންތައް ކުރިކަމުގައި ވިޔަސް ތިބާ އަށް މުޖާހިދެއްގެ މަޤާމަށް ނުދެވޭނެވެ. ތިބާއަށް ނޭނގޭތަ މުޖާހިދެއްގެ އަސް ދިރިހުރިހާ ހިނދަކު އެމުޖާހިދަށް އެއަހުގެ ސަބަބުން ހެޔޮކަންލިޔެވޭ ކަމެއް؟ "
__________________________________________
މި މަޢުލޫމާތުތައް ނަގާފައި ވަނީ تفسير ابن كثير ގެ 3 ވަނަ مجلد ގެ 328 އަދި 329 ވަނަ صفحة އިން.

އިތުރަށް ވިދާޅުވޭ