19.11.09

ވަގުތު ފާއިތުވުމުގެ ކުރިން...

މުޙައްމަދު ޝަމްޢޫން
الحمد لله رب العالمين. والصلاة والسلام على أشرف الأنبياء والمرسلين. نبينا وحبيبنا وقدوتنا محمد وعلى آله وأصحابه ومن تبعهم بإحسان إلى يوم الدين. أما بعد.
ﷲ ތަޢާލާގެ ފޮތަށް ބަލައިފިމީހަކަށް އެއިލާހު ވަގުތުތައް ގަންދެއްވަވައި ހުވާ ވަޙީ ކުރައްވަވާފައިވާތަން ފެންނާނެއެވެ.ފަތިސްވަގުތު ގަންދެއްވަވައި އެއިލާހު ވަޙީކުރައްވަވާފައިވެއެވެ.)وَالْفَجْرِ( ޟުޙާވަގުތު ގަންދެއްވަވައި އެއިލާހު ވަޙީ ކުރައްވަވާފައިވެއެވެ.) وَالضُّحَى (މެންދުރުވަގުތު ގަންދެއްވަވައި އެ އިލާހު ވަޙީ ކުރައްވަވާފައިވެއެވެ.)وَالنَّهَارِ إِذَا تَجَلَّى( ހަވީރު ވަގުތު ގަންދެއްވަވައި އެއިލާހު ވަޙީ ކުރައްވަވާފައިވެއެވެ.) وَالْعَصْرِ (އަދި ރޭގަނޑުގެ ވަގުތު ގަންދެއްވަވައި އެއިލާހު ވަޙީ ކުރައްވަވާފައިވެއެވެ.)وَاللَّيْلِ إِذَا يَغْشَى (މިއިން ދޭހަވަނީ ކޮން އެއްޗެއްތޯއެވެ؟ އިސްލާމްދީނުގައި ވަގުތަށް ދެވިފައިވާ އަހަންމިއްޔަތުކަމެވެ. ވަގުތަށް ދެވިފައިވާ ޤަދަރެވެ. އެހެނީ ﷲ ތަޢާލާ އެއްޗެއް ގަންދެއްވަވާނީ އެ އިލާހުގެ ޙަޟްރަތުގައި އެއަށް ދެވިފައިވާ ޤަދަރެއްގެ މަތިވެރިކަން ބަޔާންކޮށް ދެއްވެވުމަށްޓަކައެވެ.
އާދެ ! ވަގުތަކީ ވަރަށް އަގުހުރި އެއްޗެކެވެ. އެއީ އިންސާނާގެ ރައުސުލްމާލެވެ. އޭނާގެ ޙަޔާތެވެ. މިދުނިޔޭގައި އޭނާ ވޭތުކުރާ ކޮންމެ ވަގުތުކޮޅަކީ އޭނާގެ ޙަޔާތުން މަދުވެގެންދާ ވަގުތުކޮޅެކެވެ. އަޖަލާ ގާތްކުރާ ވަގުތުކޮޅެކެވެ. އަލް އިމާމް ޙަސަނުލްބަޞަރީ ރަޙިމަހުﷲ ގެ ބަސްފުޅެއްގައި އައިސްފައިވެއެވެ. يا ابن آدم أنت أيام، كلما ذهب يوم منها ذهب بعضك، ويوشك إذا ذهب بعضك أن يذهب كلك وأنت لا تعلم، فاعمل، فاليوم عمل ولا حساب، وغدا حساب ولا عمل " އޭ އާދަމުގެ ދަރިޔާއެވެ. ތިބާއަކީ ދުވަސްތަކެކެވެ. ފާއިތުވެގެންދާ ކޮންމެ ދުވަހަކީ ތިބާގެ ޢުމުރުން މަދުވެގެންދާ ދުވަހެކެވެ. އަދި ތިބާ ޣާފިލުކަމުގެ ނިދިން ނިދާފައި އޮއްވާ، ދުވަސްތައް މަދުވަމުން މަދުވަމުންގޮސް، ތިބާގެ ނިމުން އައިސް ތިބާއާ ބައްދަލުކޮށްފާނެތެވެ. އެހެންވީމާ (ޣާފިލުކަމުގެ ނިދިން ހޭލައި) ހެޔޮ ޢަމަލުކުރާށެވެ. އެހެނީ މިއަދު(ދުނިޔޭގައި) އޮތީ ޢަމަލެވެ. ޙިސާބެއް ނެތެވެ. އަދި މާދަމާ (އާޚިރަތުގައި) އޮތީ ޙިސާބެވެ. ޢަމަލެއް ނެތެވެ." ނަމަވެސް މިކަމާ މެދު ވިސްނާ ފިކުރު ކުރަނީ ކޮންބައެއްތޯއެވެ؟ މިއިން ޢިބްރަތް ޙާޞިލުކުރަނީ ފަހެ ކޮންބައެއްތޯއެވެ؟
މީސްތަކުން މިވަނީ ދުނިޔޭގެ ކެހިވެރިމަޅިތަކުގައި ޖެހިފައެވެ. ޝައިޠާނާގެ ވަސްވާހަށް ތަބާވެފައެވެ. ޝަހުވަތުގެ ކަނޑަށް ޣަރަޤު ވެފައެވެ. ކުޅިވަރާއި މަޖަލަށް ގެއްލިފައެވެ. އެބައިމީހުންދަނީ އުފާ ފާޅުކުރަމުންނެވެ. އުފަންދުވަހުގެ ޕާރޓީތައް ބާއްވަމުންނެވެ. ކައިވެންޏާއި އެހެނިހެން ކަންތަކަށް އަހަރުފުރުމުގެ މުނާސަބަތުތައް ފާހަގަކުރަމުންނެވެ. އެއީ އެބައިމީހުންގެ ޢުމުރުން މަދުވާ ދުވަސްތަކެއްކަން އެބައިމީހުންނަކަށް އިޙްސާސެއްނުކުރެވެއެވެ. އެބައިމީހުންނަށް ވަގުތުގެ އަގު ވަޒަނެއްނުކުރެވެއެވެ. عن ابن عباس رضي الله عنهما قال: قال رسول الله: نعمتان مغبون فيهما كثير من الناس: الصحة والفراغ އިބްނު އައްބާސް ރަޟިޔަﷲ ޢަންހުމާ ވިދާޅުވިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްފުޅުކުރެއްވެވިއެވެ. " ގިނަ ބަޔަކަށް އޭގެ އަގު ވަޒަންނުކުރެވޭ (އެއަށް ފަރުވާކުޑަކޮށްފައިވާ) ދެ ނިޢުމަތެއްވެއެވެ. އެއީ ޞިއްޙަތާއި ހުސްވަގުތެވެ."
އާދެ! މަދުބަޔަކަށް މެނުވީ، ނިޢުމަތްތަކުގެ އަގު ވަޒަންކުރެވެނީ އެ ނިޢުމަތްތަކުން މަޙުރޫމުވުމުންނެވެ. ލޮލުގެ ނިޢުމަތުގެ އަގު ވަޒަންކުރެވެނީ ލޯ ފަންވީމައެވެ. ސިއްޙަތުގެ ނިޢުމަތުގެ އަގު ވަޒަންކުރެވެނީ ބަލިވީމައެވެ. އަދި ވަގުތުގެ ނިޢުމަތުގެ އަގުވަޒަން ކުރެވެނީ އެ ނިޢުމަތުން މަޙުރޫމުވުމުންނެވެ. އާދެ، މަރުވުމުންނެވެ. ޤަބުރުތަކުގެ އަހުލުވެރިންގެ ހަޅޭކުގެ އަޑު އިވޭނަމަ، މިކަން އަޅުގަނޑުމެންނަށް ވަރަށް ރަނގަޅަށް އެގުނީހެވެ. ދުނިޔޭގައި ބޭކާރުގޮތުގައި ނަގާލި ވަގުތުތަކާމެދު އެބައިމީހުންދަނީ ހިތާމަ ކުރަމުންނެވެ. އަދިއެއްފަހަރު އެވަގުތު ލިބޭނޭނަމަ ކިހާ ރަނގަޅުހޭ ބުނަމުންނެވެ.) رَبَّنَا أَخْرِجْنَا نَعْمَلْ صَالِحًا غَيْرَ الَّذِي كُنَّا نَعْمَلُ (" އޭ އަޅަމެން ހައްދަވައިގެންގުޅުއްވަވާ އިލާހެވެ. އަޅަމެން ކުރަމުންގެންދިޔަ (ނުބައި)ޢަމަލުތަކާއި ޚިލާފަށް ޞާލިހު ޢަމަލުކުރުމަށްޓަކައި، އަޅަމެން (ނަރަކައިން)ނެރުއްވަވާފާނދޭވެ.(އަދިއެއްފަހަރު ދުނިޔެއަށް ފޮނުއްވަވާފާނދޭވެ.)"
ނިޢުމަތްތަކުގެ އަގު ވަޒަންކުރެއްވެވި ބޭކަލުން، އެބޭކަލުންގެ ވަގުތުން އެންމެ ސިކުންތެއްވެސް ބޭކާރު ގޮތުގައި ހޭދަވެގެންދިޔަނުދެއްވެވުމަށް ވަރަށް ބޮޑު އަހަންމިއްޔަތުކަމެއް ދެއްވެވިއެވެ. އަލް އިމާމް ޙަސަނުލްބަޞަރީ ރަޙިމަހުﷲ ވިދާޅުވިއެވެ.( لقد أدركت أقواماً كانوا على أوقاتهم أشد حرصاً منكم على أموالكم) " ތިޔަބައިމީހުން މުދަލަށް ރައްކާތެރިވާވަރަށްވުރެ ބޮޑަށް އެބައިމީހުންގެ ވަގުތުތަކަށް ރައްކާތެރިވެލައްވާ ބޭކަލުންތަކަކާ ތިމަންކަލޭގެފާނަށް ބައްދަލުވިއެވެ." އެބޭކަލުންގެ ވަގުތުތައް އެބޭކަލުން ހޭދަކުރެއްވެވީ ޢިލްމު އުނގެނިވަޑައިގަތުމުގައެވެ. ނުވަތަ ޢިލްމު އުގަންނަވައި ދެއްވެވުމުގައެވެ. ނުވަތަ އަޅުކަންކުރެއްވެވުމުގައެވެ. ޚަޠީބުލްބަޣްދާދީ ރަޙިމަހުﷲ އަށް ބައްލަވާށެވެ. އެކަލޭގެފާނު މަގުމަތިން ހިންގަވާ ވަޑައިގަންނަވާއިރުވެސް ވަޑައިގަންނަވަނީ ފޮތެއް މުޠާލަޢާ ކުރައްވަވަމުންނެވެ. އަދި އިބްނުރަޖަބް އަލްހަންބަލީ ރަޙިމަހުﷲ އަށް ބައްލަވާށެވެ. އެކަލޭގެފާނު އަވަހާރަވުމަށްފަހު އެކަލޭގޭފާނު ލިޔުއްވަވާފައިވާ ފޮތްތައް އެކަލޭގެފާނުގެ މުޅި ޢުމުރަށް ބަހާލެވުނު އިރު ކޮންމެ ދުވަހަކަށް ނުވަފޮތް ވެއެވެ. އަދި ޖަޢުފަރު ބިން ޢަލީ ރަޙިމަހުﷲ އަށް ބައްލަވާށެވެ. އިމާމް މާލިކު ރަޙިމަހުﷲ ވިދާޅުވިއެވެ. ( ما دخلت على جعفر بن علي إلا وجدته على إحدى ثلاث: إما قائماً يصلي، أو جالساً يقرأ القرآن، أو جالساً يذكر الله) " ޖަޢުފަރުބިން ޢަލީ ރަޙިމަހުﷲ، ނަމާދު ކުރައްވަވަން ނުވަތަ ޤުރުއާން ކިޔަވާ ވިދާޅުވާން ނުވަތަ ޒިކުރުކުރައްވަަވަން ނުހުންނަވާ ވަގުތެއްގައި ތިމަންކަލޭގެފާނަށް، އެކަލޭގެފާނުގެ އަރިހަށް ނުދެވެއެވެ."
އެއިންބޭކަލެއްގެ ވަގުތުން އެންމެ ހިނދުކޮޅެއްވެސް ފައިދާއެއްނެތް ގޮތުގައި ހޭދަ ކުރެވިއްޖެއްޔާ، އެބޭކަލުން އެކަމާއި ރޮއެ ހިތާމަ ކުރައްވަވައެވެ. އިބްނު މަސްޢޫދު ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ. (ما ندمت على شيء ندمي على يوم غربت شمسه، نقص فيه أجلي ولم يزد فيه عملي). " ތިމަންކަލޭގެފާނުގެ (ހެޔޮ) ޢަމަލު އިތުރުނުވެ، ޢުމުރުން ފާއިތުވާ ދުވަހެއްގެ މައްޗަށް ތިމަންކަލޭގެފާނު ހިތާމަ ކުރައްވާ ވަރަށް، އެއްވެސް ކަމަކާ ތިމަންކަލޭގެފާނު ހިތާމަ ނުކުރައްވަމެވެ."
އޭ ލޮބުވެތި އަޚުންނާއި އުޚްތުންނޭވެ! މި ކަންތައްތަކުން ޢިބްރަތްލިބިގަނެ، ވަގުތުގެބޭނުން ހެޔޮގޮތުގައި ހިއްޕަވާށެވެ. ގެއްލިއްޖެ ވަގުތެއް އަނބުރާ ނުލިބޭނެއެެވެ. އަލް އިމާމް ޙަސަނުލްބަޞަރީ ރަޙިމަހުﷲ ގެ ބަސްފުޅެއްގައި އައިސްފައިވެއެވެ. "ما من يوم ينشق فجره إلا وينادى: (يا ابن أدم أنا يوم جديد وعلى عملك شهيد فاغتنمني وتزود مني، فأنا لا أعود إلى يوم القيامة ) " ހާލުގެ ދުލުން، ' އޭ އާދަމުގެ ދަރިޔާއެވެ. އަހަންނަކީ އާ ދުވަހަކީމެވެ. އަދި ތިބާގެ ޢަމަލުގެ މައްޗަށްވާ ހެކިވެރިޔަކީމެވެ. އަހަރެންގެ ބޭނުން ހެޔޮގޮތުގައި ހިފައި (އާޚިރަތަށްޓަކައި) ކޮއްތު އިތުރުކުރާށެވެ. ފަހެ ޤިޔާމަތާއި ޖެހެންދެން އަހަރެން ދެން އެނބުރި ނާންނާނަމެވެ.' ނުބުނާ ދުވަހަކަށް ފަޖުރު ނުލައެވެ." އެހެންކަމުން ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ވަނީ ވަގުތުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް އުއްމަތަށް ނަޞޭޙަތްދެއްވަވާ ވަޞިއްޔަތް ކުރައްވަވާފައެވެ. އެއީ ޢުމުރުގެ އެންމެ ފަހު ސިކުންތުކޮޅުކަމުގައި ވިއަސްމެއެވެ. އެކަލޭގެފާނުގެ ޙަދީޘްފުޅެއްގައި އައިސްފައިވެއެވެ. ( إن قامت الساعة وبيد أحدكم فسيلة، فإن استطاع ألا تقوم حتى يغرسها فليفعل ). " ތިޔަބައިމީހުންގެ ތެރެއިން މީހެއްގެ އަތުގައި ކުޑަ ކަދުރު ރުކެއް އޮއްވާ ޤިޔާމަތުގެ ވަގުތު ޖެހުނަސް، އޭނާއަށް ކުޅަދާނަކަން ލިބިގެންވާނަމަ އެ އިންދާފައި ނޫނީ ނުތެދުވާށެވެ."
އޭ ލޮބުވެތި އަޚުންނާއި އުޚްތުންނޭވެ! ދާއިމީ ދުނިޔެ ބާއްޖަވެރި ކުރުމަށްޓަކައި، މި ފަނާވަނިވި ދުނިޔޭގައި ލިބިފައިމިވާ ކުޑަ ވަގުތުކޮޅުގެ ބޭނުން އޭގެ އެންމެ ފުރިހަމަގޮތުގައި ހިއްޕަވާށެވެ. )كُلُوا وَاشْرَبُوا هَنِيئًا بِمَا أَسْلَفْتُمْ فِي الْأَيَّامِ الْخَالِيَةِ(" ދުނިޔޭގައި ތިޔަބައިމީހުން ހޭދަކުރި ދުވަސްތަކުގައި ތިޔަބައިމީހުން ކުރި ހެޔޮ ޢަމަލުތަކުގެ ޖަޒާއެއްގެ ގޮތުން އަރާމުގައި ކައިބޮއި އުޅޭށެވެ." މިފަދައިން ބުނެވޭ މީހުންގެ ތެރެއިން ވުމަށް މަސައްކަތް ކުރައްވަވާށެވެ. އެންމެ ސިކުންތެއްވެސް ފައިދާއެއްނެތް ގޮތުގައި ހޭދަނުކުރައްވަވާށެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޙަދީޘްފުޅެއްގައި އައިސްފައިވެއެވެ. (ليس يتحسر أهل الجنة على شيء إلا على ساعةٍ مرت بهم لم يذكروا الله عز وجل فيها ) " ﷲ ގެ މަތިން ހަނދުމަނުކޮށް، ދުނިޔޭގައި ހޭދަކުރެވުނު ވަގުތުކޮޅުފިޔަވައި އެހެން އެއްވެސް ކަމަކާއި، ސުވަރުގޭގެ އަހުލުވެރިން ހިތާމަ ނުކުރާނެއެވެ."
އޭ ލޮބުވެތި އަޚުންނާއި އުޚްތުންނޭވެ! ދުނިޔޭގައި، ﷲ ގެ އަމުރުފުޅުތަކާއި ޚިލާފުވެ، ފަނާވަނިވި ދުނިޔެއަށްޓަކާ އާޚިރަތް ވިއްކާލި މީހުން ދާންއޮތް ތަނަކީ ނަރަކައެވެ. އެހިނދު، ހެޔޮޢަމަލުކުރުމަށް ވަޢުދުވެ، އަދި އެއްފަހަރު ދުނިޔެއަށް ފޮނުއްވަވައި ދެއްވެވުން އެދި އެބައިމީހުން ރޯނެއެވެ. ދެންފަހެ ﷲ ތަޢާލާ އެބައިމީހުންނަށް ޖަވާބުގައި ވަޙީކުރައްވާނެތެވެ. )أَوَلَمْ نُعَمِّرْكُم مَّا يَتَذَكَّرُ فِيهِ مَن تَذَكَّرَ وَجَاءكُمُ النَّذِيرُ فَذُوقُوا فَمَا لِلظَّالِمِينَ مِن نَّصِيرٍ( "ހަނދުމަކުރާނޭ މީހަކު ހަނދުމަކުރާހާ ދުވަހު ތިމަންއިލާހު ތިޔަބައިމިހުންގެ ޢުމުރު ނުދަންމަވަންތޯއެވެ؟ އަދި އިންޒާރުކުރައްވަވާނޭ ބޭކަލަކު ތިޔަބައިމީހުންގެ ގާތަށް ވަޑައިގަތެވެ. ފަހެ ތިޔަބައިމީހުން ޢަޒާބުގެ ރަހަލިބިގަންނާށެވެ. އަނިޔާވެރިންނަށް ނަޞުރުދެއްވަވާނޭ ފަރާތެއްނުވެއެވެ."
އޭ ލޮބުވެތި އަޚުންނާއި އުޚްތުންނޭވެ! ސާޅީސް ނުވަތަ ފަންސާސް އަހަރުވަންދެން ދުނިޔޭގައި ހުންނަވާނޭކަމަށް އުއްމީދުނުކުރައްވަވާށެވެ.މިޖުމްލަ ކިޔާ ނުނިމެނީސްވެސް މަރާއި ބައްދަލުކުރަންޖެހިދާނެކަމަށް ވިސްނަވާށެވެ. މަޝްހޫރު ޅެންވެރިޔާ އަޙުމަދު ޝައުޤީ ވިދާޅުވެފައިވެއެވެ.
دقات قلب المرء قائلة له *** إن الحياة دقائق وثواني
ހިތުގެ ވިންދު އިންސާނާކައިރީ ބުނަމުންދެއެވެ. ހަމަކަށަވަރުން ޙަޔާތަކީ މިނެޓްތަކަކާއި ސިކުންތުތަކެކެވެ.

ހެދުނުވެއްޖެއްޔާ ހަވީރު ވަންދެން ދުނިޔޭގައި ހުންނަވާނޭކަމަށް އުއްމީދުނުކުރައްވަވާށެވެ. އަދި ހަވީރުވެއްޖެއްޔާ ހެދުނު ވަންދެން ދުނިޔޭގައި ހުންނަވާނޭކަމަށްވެސް އުއްމީދުނުކުރައްވަވާށެވެ. ހެޔޮ ޢަމަލުތައް، ފަހުންކުރުމަށް ލަސްނުކުރައްވަވާށެވެ. އޭ ލޮބުވެތި އުޚްތުންނޭވޭ! ޙައްޖުދުވަހު ނުވަތަ އަހަރުފެށޭ ދުވަހު ބުރުޤާ އެޅުއްވުމަށް ނުތިއްބަވާށެވެ. އެދުވަސް ޖެހުމުގެ ކުރިން މަރު އައިސް ބައްދަލުކޮށްފިއްޔާ ދެން ކުރާނެ ހަމަ އެއްކަމެއްވެސް ނޯންނާނެއެވެ. އަލްއިމާމް ޙަސަނުލްބަޞަރީ ރަޙިމަހުﷲ ވިދާޅުވިއެވެ. (إياك والتسويف فإنك في يومك ولست بغدك) " ' ސައުފަ ' (ފަހުންކުރާނަން ނުވަތަ ކުރާނަން)، މި ބަހުން ހުށިޔާރުވެ ރައްކާތެރިވާށެވެ. ފަހެ ހަމަކަށަވަރުން ތިބާ ތިހިރީ މިއަދުގައެވެ. މާދަމާއެއްގަނޫނެވެ." އަދި ސަލަފުންގެ އެހެންބޭކަލެއްގެ ކިބައިން ރިވާވެގެން އައިސްފައިވެއެވެ. (احذروا سوف فإنها من جنود إبليس) " ' ސައުފަ ' (ފަހުންކުރާނަން ނުވަތަ ކުރާނަން)، މި ބަހުން ހުށިޔާރުވެ ރައްކާތެރިވާށެވެ. ފަހެ ހަމަކަށަވަރުން އެއީ ޝައިޠާނާގެ ލަޝްކަރުގެ މީހެކެވެ."
تزود من التقوى فإنك لا تدري *** إذا جنّ ليل هل تعيش إلى الفجر
ތަޤުވާވެރިކާމާއި ހެޔޮޢަމަލު އިތުރުކުރާށެވެ. ރޭގަނޑުވެއްޖެއްޔާ ފަތިސްވަންދެން ދިރިހުންނާނޭކަމެއް ނޭނގެއެވެ.


އިތުރަށް ވިދާޅުވޭ

ނިޢުމަތްތަކުގެ ތެރެއިން - ޒުވާން ޢުމުރު

މުޙައްމަދު ޝަމްޢޫން
الحمد لله رب العالمين. والصلاة والسلام على أشرف الأنبياء والمرسلين. نبينا وحبيبنا وقدوتنا محمد وعلى آله وأصحابه ومن تبعهم بإحسان إلى يوم الدين. أما بعد
އާދެ! އިންސާނާ ޚަލްޤު ކުރެއްވެވުމަށްފަހު ﷲ ތަޢާލާވަނީ އަދަދުނުކުރެވޭހާ ގިނަގުނަ ނިޢުމަތްތަކެއް އޭނާއަށް ދެއްވަވާފައެވެ. އެ ނިޢުމަތްތަކާމެދު ވިސްނައި، އޭގެ އަގުވަޒަންކޮށް، އޭގެ ބޭނުން ﷲ އެންގެވި ގޮތަށް ހިފައި، އެ ނިޢުމަތް ދެއްވިކަމަށްޓަކާ އެއިލާހަށް ޝުކުރު އަދާކުރަނީ ކޮންބައެއްތޯބެއްލެވުމަށްޓަކައެވެ. އެހެންވީމާ ނިޢުމަތްތަކާއިމެދު ވިސްނައި އެއަށް ޝުކުރު އަދާކުރާ އަޅުންތަކެއްކަމުގައިވެވޭތޯ ގަދައަޅާ މަސައްކަތްކުރަމާތޯއެވެ!
އާދެ! ﷲ ތަޢާލާ އަޅުގަނޑުމެންނަށް ދެއްވެވި ނިޢުމަތްތަކުގެ ތެރެއިން ޒުވާންކަމުގެ ނިޢުމަތަކީ ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް އިސްލާމްދީނުގައި ދެވިފައިވާ ނިޢުމަތެކެވެ. މިކަން އަޅުގަނޑުމެންނަށް ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަގެ ޙަދީޘްފުޅުތަކުން ވަރަށް ރަނގަޅަށް ހާމަވެގެންދެއެވެ. އެކަލޭގެފާނުގެ ޙަދީޘްފުޅެއްގައި އައިސްފައި ވެއެވެ. عن معاذ بن جبل قال : قال رسول الله صلى الله عليه و سلم : لا تزول قدما عبد يوم القيامة حتى يسأل عن أربع خصال عن عمره فيما أفناه وعن شبابه فيما أبلاه وعن ماله من أين اكتسبه وفيما أنفقه وعن علمه ماذا عمل فيه. " މުޢާޒް ބިން ޖަބަލް ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްފުޅު ކުރެއްވެވިއެވެ. ހަތަރު ކަމަކާ ބެހޭގޮތުން ސުވާލު ކުރެވުމަށްފަހު މެނުވީ، ޤިޔާމަތްދުވަހު އަޅާގެފައި ހަރަކާތްނުކުރެވޭ ހުއްޓެވެ. އޭނާގެ ޢުމުރު ހޭދަކުރި ގޮތާ ބެހޭގޮތުންނެވެ. އަދި އޭނާގެ ޒުވާންދުވަސްވަރު ހޭދަކުރި ގޮތާ ބެހޭގޮތުންނެވެ. އަދި އޭނާ މުދާ ހޯދި ގޮތާއި، ހޭދަކުރި ގޮތާ ބެހޭގޮތުންނެވެ. އަދި އޭނާ ޢިލްމަށް ޢަމަލުކުރި ގޮތާ ބެހޭގޮތުންނެވެ." މި ޙަދީޘްފުޅުގައި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ބަޔާންކޮށްދެއްވަވާފައިވަނީ ޤިޔާމަތް ދުވަހު އަޅާއާއި ކުރެވޭނޭ ސުވާލުތަކުގެ ތެރެއިން ބައެއް ސުވާލުތަކެވެ. ފުރަތަމަ އޭނާގެ ޢުމުރު ހޭދަކުރި ގޮތާއި ބެހޭ ގޮތުންނެވެ. ﷲ ތަޢާލާ ރުހި ވޮޑިގަންނަވާ ގޮތުގައިތޯއެވެ. ނުވަތަ ޝައިޠާނާ ރުހޭ ގޮތަށްތޯއެވެ. އެއަށްފަހު އޭނާގެ ޒުވާންދުވަސްވަރު އޭނާ ހޭދަކުރި ގޮތާއި ބެހޭ ގޮތުންނެވެ.
އާދެ! ޒުވާންދުވަސްވަރަކީ ޢުމުރުގެ ބައެކެވެ. އެހެންކަމުން ޢުމުރާއި ބެހޭގޮތުން ސުވާލު ކުރެވުނީމަ، އޭގެތެރޭގައި ޒުވާންދުވަސްވަރުވެސް ހިމެނޭނެއެވެ. އެހެންކަމަށް ވުމާ އެކުވެސް ދެވަނަފަހަރަށް ޒުވާންދުވަސްވަރާއި ބެހޭގޮތުން ސުވާލު ވެވުމުން، އިސްލާމްދީނުގައި ޒުވާންދުވަސްވަރަށް ދެވިފައިވާ އަހައްމިއްޔަތުކަން އެނގިގެންދެއެވެ. އެހެންކަމުން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ވަނީ ޒުވާންދުވަސްވަރުގެ ބޭނުން ރަނގަޅުގޮތުގައި ހިފުމަށް ނަޞޭޙަތް ދެއްވަވާފައެވެ. عن ابن عباس رضي الله عنهما قال : قال رسول الله صلى الله عليه و سلم لرجل و هو يعظه : اغتنم خمسا قبل خمس : شبابك قبل هرمك و صحتك قبل سقمك و غناك قبل فقرك و فراغك قبل شغلك و حياتك قبل موتك. " އިބްނު ޢައްބާސް ރަޟިޔައްﷲ ޢަންހު ވިދާޅުވިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ މީހަކަށް ނަޞޭޙަތް ދެއްވަވަމުން ޙަދީޘްފުޅުކުރެއްވެވިއެވެ. ފަސްކަމެއް ތިބާއާއި ކުރިމަތިވުމުގެ ކުރިން ފަސްކަމެއްގެ ފައިދާ ހެޔޮގޮތުގައި ލިބިގަންނާށެވެ. މުސްކުޅިވުމުގެ ކުރިން ޒުވާންކަމުގެފައިދާ ހެޔޮގޮތުގައި ލިބިގަންނާށެވެ. ބަލިވުމުގެ ކުރިން ދުޅަހެޔޮކަމުގެ ފައިދާ ހެޔޮގޮތުގައި ލިބިގަންނާށެވެ. ފަޤީރުވުމުގެ ކުރިން މުއްސަނދިކަމުގެ ފައިދާ ހެޔޮގޮތުގައި ލިބިގަންނާށެވެ. މަޝްޣޫލުވުމުގެ ކުރިން ހުސްވަގުތުގެ ފައިދާ ހެޔޮގޮތުގައި ލިބިގަންނާށެވެ. އަދި މަރުވުމުގެ ކުރިން ޙަޔާތުގެ ފައިދާ ހެޔޮގޮތުގައި ލިބިގަންނާށެވެ."
އެހެންވީމާ ޒުވާންދުވަސްވަރުގެ ބޭނުން ހެޔޮގޮތުގައި ހިފަމާތޯއެވެ! ﷲ އަމުރު ކުރެއްވެވި ކަންތައްކުރުމުގައެވެ. އެއިލާހުގެ ރުހިވޮޑިގަތުން ހޯދުމުގައެވެ. ސަލާމަތް ހިތަކާއިގެން އަންނަ މީހަކަށް ފިޔަވައި، ސަލާމަތްކަމެއްނުވާ ދުވަހު ކުރެވޭނޭ ސުވާލުތަކަށް ޖަވާބު ތައްޔާރުކުރުމުގައެވެ.
އޭ ލޮބުވެތި އަޚުންނާއި އުޚްތުންނޭވެ! ސާޅީސް ނުވަތަ ފަންސާސް އަހަރުވީމާ އަޅުކަންކުރުމަށް ނުތިއްބަވާށެވެ.އެހެނީ ސާޅީސް ނުވަތަ ފަންސާސް އަހަރުވަންދެން ދުނިޔޭގައި ހުންނާނޭ ކަމުގެ ޔަޤީންކަން އޮތީ ފަހެ ކާކަށްތޯއެވެ؟ މަރު އައިސް ޖެހުމާއެކު މި ދުނިޔެއަށް އަލްވަދާޢު ކިޔަން ޖެހޭނެއެވެ. މި ދުނިޔޭގައި ހޭދަކުރާ ކޮންމެ ދުވަހަކީ އަޅުގަނޑުމެން މަރާއި ގާތް ކުރާ ދުވަހެކެވެ. އެދުވަހަކާއި ބެހޭގޮތުން ސުވާލުވެވޭނޭ ދުވަހެކެވެ. ވަގުތު ފާއިތުވުމަށްފަހު ކުރާނޭ އެއްވެސްކަމެއް ނޯންނާނެއެވެ. ޤިޔާމަތްދުވަހު 'ތިމަންނަ ވެއްޔަށްވީނަމަ ކިހާ ރަނގަޅުހޭ ' ބުނާ މީހުންގެ ތެރެއިން ނުވުމަށް މަސައްކަތްކުރުމުގައި އަޅުގަނޑުމެން އެކަކު އަނެކަކަށް އެހީތެރިވަމާ ހިންގަވާށެވެ. އަޅުގަނޑުމެންގެ ޒުވާންދުވަސްވަރުއްސުރެ މަރުވަންދެން ﷲ އެންގެވިގޮތަށް އުޅުމުގައި ދެމިތިބެން މަސަކަތްކުރަމާ ހިންގަވާށެވެ. އޭރުން ﷲ އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ވެގެންދާނީ ކާމިޔާބު ލިބޭމީހުންގެ ތެރެއިންނެވެ. އެހެނީ އަބޫހުރައިރާ ރަޟިޔައްﷲ ޢަންހުގެ އަރިހުން ރިވާވެގެން އައިސްފައިވާ ޙަދީޘްފުޅެއްގައިވެއެވެ. سَبْعَةٌ يُظِلُّهُمْ اللَّهُ فِي ظِلِّهِ يَوْمَ لَا ظِلَّ إِلَّا ظِلُّهُ. " ﷲ ގެ ހިޔާވަހިކަން ފިޔަވާ އެހެން އެއްވެސް ހިޔާވަހިކަމެއް ނުވާދުވަހު (ޤިޔާމަތްދުވަހު)، ﷲ ތަޢާލާ ހަތް ބަޔަކަށް އެއިލާހުގެ ހިޔާވަހިކަމުން ހިޔާވަހިކަން ދެއްވަވައެވެ." އޭގެ ތެރެއިން ދެވަނަ މީހަކަށް އައިސްފައި ވަނީ وَشَابٌّ نَشَأَ فِي عِبَادَةِ رَبِّهِ . " ﷲ އަށް އަޅުކަންކުރުންމަތީ ދެމިހުރެ ބޮޑުވެގެން އައި ޒުވާނާއެވެ."

އިތުރަށް ވިދާޅުވޭ

14.11.09

އިސްލާމީ މަޝްހޫރު ބައެއް ޢިލްމްވެރިން އަވަހާރަވި ތާރީޚު -3

އަބޫ ޢައްމާރު މުޙައްމަދު ސިނާން
ހިޖުރައިން 200އަހަރު ފަސް
204 ވަނަ އަހަރު
އައްޝާފިޢީ
206 ވަނަ އަހަރު
ޔަޒީދު އިބްން ހާރޫން
211 ވަނަ އަހަރު
އަބްދުއްރައްޒާޤު އައްޞަންޢާނީ
220 ވަނަ އަހަރު
އަލް ޙުމައިދީ
224 ވަނަ އަހަރު
އަބޫ ޢުބައިދު ޤާސިމް އިބްން ސަލާމް
228 ވަނަ އަހަރު
ނުޢައިމް ބިން ހައްމާދު
233 ވަނަ އަހަރު
ޔަޙްޔާ އިބްން މަޢީން، އަބޫ ޒަކަރިއްޔާ
234 ވަނަ އަހަރު
ޢަލީ އިބްން އަލް މަދީނީ
އަބޫ ޚައިޘަމާ
235 ވަނަ އަހަރު
އިބްން އަބީ ޝައިބާ
238 ވަނަ އަހަރު
އިސްޙާޤް އިބްނު ރާހޫޔާ
240 ވަނަ އަހަރު
ޤުޠައިބާ އިބްން ސަޢީދު
އަބޫ ޘައުރު ، އިބްރާޙީމް އިބްން ޚާލިދު
241 ވަނަ އަހަރު
އަޙްމަދު އިބްން ޙަންބަލް
255 ވަނަ އަހަރު
އައް ދާރިމީ، އަބޫ މުޙައްމަދު ޢަބްދުﷲ އިބްން ޢަބްދުއްރަޙްމާން
256 ވަނަ އަހަރު
އަލް ބުޚާރީ
އަޙްމަދު އިބްން ސިނާން
261 ވަނަ އަހަރު
މުސްލިމް އިބްން އަލް ޙައްޖާޖް އަލް ޤުޝައިރީ އަންނައިސާބޫރީ
264 ވަނަ އަހަރު
އަބޫ ޒުރުޢަތުއްރާޒީ
އަލް މުޒަނީ
265 ވަނަ އަހަރު
މުޙައްމަދު އިބްން ސަހްނޫން
266 ވަނަ އަހަރު
ޞާލިޙް އިބްން އަޙްމަދު
272 ވަނަ އަހަރު
އަބޫބަކްރު އިބްން އަޘްރަމް
273 ވަނަ އަހަރު
މުޙައްމަދު ބިން ޔަޒީދު އިބްން މާޖާ
274 ވަނަ އަހަރު
އައް ތިރުމިޛީ
275 ވަނަ އަހަރު
އަބޫ ދާވޫދު އައް ސިޖިސްތާނީ
276 ވަނަ އަހަރު
އިބްނު ޤުޠައިބާ
277 ވަނަ އަހަރު
އަބޫ ޙާތިމް އައްރާޒީ
280 ވަނަ އަހަރު
އައް ދާރިމީ
281 ވަނަ އަހަރު
އިބްނު އަބިއްދުންޔާ
283 ވަނަ އަހަރު
ސަހުލު އިބްނު ޢަބްދުﷲ
287 ވަނަ އަހަރު
އިބްނު އަބީ ޢާޞިމް
290 ވަނަ އަހަރު
ޢަބްދުﷲ އިބްން އަޙްމަދު
294 ވަނަ އަހަރު
އަލް މަރްވަޒީ
297 ވަނަ އަހަރު
އަލް ޖުނައިދު އަލް ބަޣްދާދީ
- ނުނިމޭ -

އިތުރަށް ވިދާޅުވޭ

13.11.09

އިސްލާމީ މަޝްހޫރު ބައެއް ޢިލްމްވެރިން އަވަހާރަވި ތާރީޚު -2

އަބޫ ޢައްމާރު މުޙައްމަދު ސިނާން
ހިޖުރައިން 100އަހަރު ފަސް
100 ވަނަ އަހަރު
އަބޫ ޠުފައިލް
101 ވަނަ އަހަރު
ޢުމަރު އިބްން ޢަބްދުލްޢަޒީޒް
103 ވަނަ އަހަރު
އައް ޝަޢަބީ
104 ވަނަ އަހަރު
މުޖާހިދު އިބްން ޖަބްރު
ޤަތާދާ
އަބޫ ޤިލާބާ
106 ވަނަ އަހަރު
ސާލިމް އިބްން ޢަބްދުﷲ އިބްން ޢުމަރު
އަލް ޤާޞިމް އިބްން މުޙައްމަދު އިބްން އަބީބަކުރު
ތާވޫސް އިބްން ކައިސާން
107 ވަނަ އަހަރު
އިބްން ޝައުޒަބް
110 ވަނަ އަހަރު
އަލް ހަސަން އަލް ބަޞްރީ
މުޙައްމަދު އިބްން ސީރީން
114 ވަނަ އަހަރު
ޢަޠާ އިބްން އަބީ ރިބާޙް
މުޙައްމަދު އިބްން ޢަލީ އިބްން ޙުސައިން
117 ވަނަ އަހަރު
އައްނާފިޢު
ޤަތާދާ
އިބްން އަބީ މުލައިކާ
124 ވަނަ އަހަރު
އައް ޒުހުރީ، އިބްން ޝިހާބް
126 ވަނަ އަހަރު
ޢާމިރު އިބްން ދީނާރު
127 ވަނަ އަހަރު
ޢަބްދުﷲ އިބްން ދީނާރު
130 ވަނަ އަހަރު
މާލިކު އިބްން ދީނާރު
131 ވަނަ އަހަރު
އައްޔޫބް އައް ސަޚްތިޔާނީ
މުޙައްމަދު އިބްން އަލް މުންކަދިރު
132 ވަނަ އަހަރު
އަބޫ ޒިނާދު
136 ވަނަ އަހަރު
ޒައިދު އިބްން އަސްލަމް
ރަބީޢާ އިބްން އަބީ އަބްދުއްރަޙުމާން
139 ވަނަ އަހަރު
ޔޫނުސް އިބްން ޢުބައިދު
148 ވަނަ އަހަރު
ޖައުފަރު އައް ޞާދިޤް
އަލް އަޢްމަޝް
150 ވަނަ އަހަރު
އަބޫ ޙަނީފާ
އިބްން ޖުރައިޖް
151 ވަނަ އަހަރު
ޢަބްދުﷲ އިބްން ޢަވްން
157 ވަނަ އަހަރު
އަލް ޢަވްޒާޢީ
160 ވަނަ އަހަރު
ޝުޢުބާ އިބްން އަލް ޙައްޖާޖް
އިބްރާހީމް އިބްން އަދްހަމް
164 ވަނަ އަހަރު
އިބްން އަލް މާޖިޝޫން
167 ވަނަ އަހަރު
ސުފްޔާން އައް ޘަވްރީ
ހައްމާދު އިބްން ސަލަމާ
175 ވަނަ އަހަރު
އައްލައިޘް އިބްން އައްޞާދް
177 ވަނަ އަހަރު
ޤާޟީ ޝުރެއިޚް އިބްން ޢަބްދުﷲ
179 ވަނަ އަހަރު
މާލިކް އިބްން އަނަސް
ހައްމާދު އިބްން ޒައިދު
181 ވަނަ އަހަރު
ޢަބްދުﷲ އިބްން އަލް މުބާރަކް
182 ވަނަ އަހަރު
އަބޫ ޔޫސުފް
186 ވަނަ އަހަރު
މުޢާފީ އިބްން ޢިމްރާން
187 ވަނަ އަހަރު
ފުޟައިލް ބިން ޢިޔާޟް
189 ވަނަ އަހަރު
މުޙައްމަދު އިބްން އަލް ޙަސަން އައްޝައިބާނީ
191 ވަނަ އަހަރު
އަލް މަޢްމަރު އިބްން ރަޝީދު
193 ވަނަ އަހަރު
އަބޫބަކުރު އިބްން ޢައްޔާޝް
197 ވަނަ އަހަރު
ސުފްޔާން އިބްން ޢުޔައިނާ
ވަކީޢު އިބްން އަލް ޖައްރާޙް
198 ވަނަ އަހަރު
ޢަބްދުއްރަޙްމާން އިބްން މަހްދީ
ޔަޙްޔާ އިބްން ސަޢީދު އަލް ޤައްޠާން
ޢަބްދުﷲ އިބްން ވަހްބް
- ނުނިމޭ -

އިތުރަށް ވިދާޅުވޭ

11.11.09

ހަތަރު ގެރީގެ ވާހަކަ

އަބޫ ޢައްމާރު
އެންމެހާ ޙަމްދު ޘަނާ ޙައްޤުވެގެންވަނީ ޢާލަމްތަކުގެ ވެރި ﷲ އަށެވެ. އަހަރަމެން އެކަލާނގެ އެހީއަށާއި ފާފަފުއްސެވުމަށް އެދެމެވެ. އަދި އަހަރެމެން އަމިއްލަ ނަފްސުތަކާއި ނުބައި ފާފަތަކުގެ ނުބައިކަމުން ސަލާމަތްކޮށްދެއްވުމަށްވެސް އެދެމެވެ. ﷲ ހިދާޔަތް ދައްކަވައިފި މީހަކު މަގުފުރެދިގެންނުދާ ހުއްޓެވެ. އަދި އެކަލާނގެ މަގުފުރައްދަވައިފިމީހަކަށް ހިދާޔަތް ދައްކާނެ ދެވަނަ އެހެން ފަރާތެއްނުވެއެވެ.
ﷲ ސުބްޙާނަހޫ ވަތަޢާލާ ވަޙީކުރެއްވިއެވެ.
"يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّهَ حَقَّ تُقَاتِهِ وَلا تَمُوتُنَّ إِلَّا وَأَنْتُمْ مُسْلِمُونَ"
(آل عمران:102)
"އޭ އީމާންވި މީސްތަކުންނޭވެ! ތިޔަބައިމީހުން ﷲ އަށް ތަޤްވާވެރިވުން (ބިރުވެތިވުން) ޙައްޤުގޮތުގައި އެއިލާހަށް ތަޤްވާވެރިވާށެވެ. އަދި މުސްލިމުންގެ ގޮތުގައި މެނުވީ ތިޔަބައިމީހުން މަރުވެ ނުދާށެވެ."


عمر بن الخطاب رضي اللّه عنه، އުބައްޔު ބުނު ކަޢުބް رضي اللّه عنه އާއި ސުވާލުކުރެއްވިއެވެ. "ތަޤްވާ ގެ މާނައަކީ ކޮބައިތޯއެވެ؟" އުބައްޔު ބުނު ކަޢުބް ދެންނެވިއެވެ. "އޭ އަމީރުލް މުއުމިނީންއެވެ! ކަށިފަޅާފައިވާ ގަސްތަކެއް ހެދިފައިވާ ބިމެއްގައި ކަލޭގެފާނު ހިންގެވީމުތޯއެވެ؟" ޢުމަރުގެފާނު ޖަވާބުދެއްވިއެވެ. "އާނއެކެވެ." އުބައްޔު ބުނު ކަޢުބް ދެންނެވިއެވެ. " (އެފަދަ ބިމެއްގައި ހިނގާއިރު) ހައްދަވަނީ ކިހިނެއްތޯއެވެ؟" ޢުމަރުގެފާނު ޖަވާބުދެއްވިއެވެ. " އަހަރެންގެ ހެދުން މައްޗަށް ނަގަމެވެ. އަދި ހިނގާއިރު ވަރަށް ފަރުވާތެރިވަމެވެ." ދެން އުބައްޔު ބުނު ކަޢުބް ދެންނެވިއެވެ. " ތަޤްވާއަކީ އެއީއެވެ."
އަޅުގަނޑުމެން ދަތުރުކުރަމުން މިދާ ބިމަކީ ކަށިގަސްތަކުން ފުރިފައިވާ ބިމެކެވެ. ޝައިޠާނާއާއި އޭނާގެ އަޢުވާނުން އަބަދުވެސް މަސައްކަތްކުރަމުން އެދަނީ އަހަރެމެން ތެދުމަގުން އެއްކިބާކޮށް ނުބައިމަގަށް އެރުވުމަށެވެ. ދުނިޔޭގައި ތަޤްވާވެރިވުމަކީ ތިބާގެ ހެދުން މައްޗަށް ނެގުމެވެ. (އެބަހީ ދުނިޔޭގެ ހެއްލުންތަކަށް ބިރުވެތިވެ ރައްކާތެރިވުމެވެ.) އަދި ހިނގާއިރު ފަރުވާތެރިވުމެވެ. (އެބަހީ ދުނިޔޭގައި އުޅޭއިރު ޝައިތާނާގެ ކެހިވެރި މަޅިތަކަށް އަބަދުވެސް ފަރުވާތެރިވުމެވެ.) އެހައި އިރުން ތިބާ ވާނީ ޝައިޠާނުންގެ ނުބައި ވަސްވާސްތަކުން ސަލާމަތްތެރިވެގެންނެވެ. ތަޤްވާގެ ޙަޤީޤީ މާނައަކީ މިއީއެވެ. ﷲ އަޅަމެން ތަޤްވާވެރިވާމީހުންގެ ތެރެއިން ލައްވާނދޭވެ!
އެންމެހާ އަޚުންނާއި އުޚުތުންނޭވެ! ބަޔާންކޮށްދޭން މިއުޅެނީ ޢިބްރަތްތެރި ފިލާވަޅުތަކެއް އަޅުގަނޑުމެނަށް ލިބޭނޭ ވާހަކައެކެވެ. އެވާހަކަ އަންނަނީ މިފަދައިންނެވެ.
"ހަތަރު ގެރި އުޅުނެވެ. އޭގެތެރެއިން އެއް ގެރި ހުދެވެ. އަދި އަނެއް ތިން ގެރި ކަޅެވެ. މިގެރިތައް އުޅެމުންދަނީ ވަލުކުއްތާތަކުން ފުރިފައިވާ ސަރަހައްދެއްގައެވެ. މިކުއްތާތަކުގެ ޝިކާރައިން މިގެރިތައް ސަލާމަތްވާ ހަމައެކަނި ގޮތަކީ މިހަތަރު ގެރި އަބަދުވެސް އެކުއެކީގައި އުޅޭކަމެވެ. އެގެރިތައް އަބަދުވެސް އެއްގެރި އަނެއް ގެރީގެ ސަލާމަތަށް ވިސްނައި، ދިމާވެދާނެ ނުރައްކަލަކަށް އަބަދުވެސް ހުޝިޔާރުވެއެވެ. މިކަމުގެ ސަބަބުން މިގެރިތައް އެވަލުކުއްތާތަކުގެ ކިބައިން ސަލާމަތްވެއެވެ.
ނަމަވެސް އެއްދުވަހު ކަޅު ތިން ގެރި ބައްދަލުވުމެއް ބޭއްވިއެވެ. އަދި އެބައިމީހުން ބުންޏެވެ. "މި ހުދު ގެރީގެ ސަބަބުން ތިމަންމެނަށް ވަރަށް އުނދަގުލާ ކުރިމަތިލާންޖެހެއެވެ. ތިމަންމެންގެ ކުލައަކީ ކަޅުކުލަކަމުގައިވީތީ ރޭގަނޑު ތިމަންމެން ފިލައިފިނަމަ އެހެން ޖަނަވާރުތަކަކަށް ތިމަންމެނެއް ނުފެނެއެވެ. ނަމަވެސް މިހުދު ގެރި އެހެން ޖަނަވާރުތަކަށް ފެނެއެވެ. ވުމާއެކު އޭނާ ތިމަންމެންގެ ތެރެއިން އެއްކިބާ ކޮށްލަންވީއެވެ. އަހަރެމެން ތިން މީހުން އެކުއެކީގައި އުޅޭނީއެވެ. އަދި އެހުދު ގެރި އެކަނިމާއެކަނި އުޅެން ދޫކޮށްލަންވީއެވެ. އެހެނީ އޭނާގެ ސަބަބުން އަހަރެމެންނަށް އުޅެން އުނދަގޫވެއެވެ." މިދުވަހަށްފަހު ކަޅު ތިން ގެރި އުޅެނީ އެކީގައެވެ. އަދި ހުދު ގެރި އުޅެނީ އެކަނިމާއެކަންޏެވެ. ކަޅު ތިންގެރި ހުދުގެރި 'ބޮއިކޮޓް' ކުރީއެވެ.
ވަލުކުއްތާގެ ވިސްނުންތޫނުކަމުން ގެރިތަކުގެ މެދުގައި އޮތް އެކުވެރިކަން ނެތިއްޖެކަން ވިސްނިއްޖެއެވެ. ވަލުކުއްތާތަކުގެ ތެރެއިން ކުއްތާއެއް ތަންވަޅު ބަލާފައި ދިޔަގޮތަށްގޮސް ހުދުގެރި އަތުލައިގަނެގެން ކާންފަށައިފިއެވެ. ކަޅު ތިންގެރި އެބައިމީހުންގެ އެކުވެރިޔާގެ މަސްތައް ނޮޅައި ވީދައިގެން ކަމުން ގެންދިޔަތަން ބަލަހައްޓައިގެން ތިބީއެވެ.
ޖެހިގެންއައިރޭ އެވަލުކުއްތާ، ކަޅު ތިން ގެރީގެ ތެރެއިން ގެރިއަކަށް ހަމަލާދީފިއެވެ. ކީއްވެތޯއެވެ؟ ސަބަބަކީ އެއިގެ ތެރެއިން އެއް ގެރި މަދުވުމުގެ ސަބަބުން އެގެރިތަކުގެ ބާރުދެރަވެފައިވާތީއެވެ. މިހާރު ކުރީގައި ހަތަރު ގެރި އެއްކޮށް އުޅުނުހައި ބާރުގަދައެއްނޫނެވެ. މިތިންގެރި، އެގެރިތަކުގެ އެކުވެރިޔާ އެކަހެރިކޮށްލުމުގެ ނަތީޖާއަކަށްވީ، ވަލުކުއްތާ އެއިގެތެރެއިން އެއްގެރި ޝިކާރަކޮށްލުމެވެ. މިހާރު ބާކީ ތިބީ ދެ ގެރިއެވެ.
ހަމައެފަދައިން ޖެހިގެން އައިރޭ މާބޮޑު އުނދަގުލަކާއިނުލައި އެއިގެތެރެއިން އެއްގެރި ޝިކާރަކޮށްލައިފިއެވެ. ސަބަބަކީ ބާކީ ތިބީ ދެ ގެރިކަމަށްވެފައި އެމީހުންގެ ބާރުދެރަވެފައިވާތީއެވެ. އެންމެ ފަހުރޭ ބާކީ އޮތީ އެންމެ ގެރިއެކެވެ. ބިރުވެރިކަމާއިއެކު ގޮތްހުސްވެފައިހުރެ ކުއްތާގެ ކިބައިން ސަލާމަތްވުމަށްޓަކައި ފަރާތްފަރާތަށް ގެރި ދުއްވައިގެންފިއެވެ. ނަމަވެސް މިހާރަކު ގެރި ސަލާމަތްކުރާނެ، އަދި އެހީވެދޭނެ ފަރާތެއްނެތެވެ. ކުއްތާވެސް ގެރި އަތުލެވޭނެކަމުގެ ޔަޤީންކަމާއިއެކު ގެރި ފަހަތުން ދުއްވައިގެންފިއެވެ. އަދި ގެރި ވަރުބަލިވެގެން ބިންމައްޗަށް ވެއްޓޭނެކަން ކުއްތާއަށް އެނގެއެވެ. ގެރިއަށް ކުރެވޭނެ އެއްވެސް ކަމެއް ނެތެވެ. ކުއްތާ ވަރަށް އުފަލުން ގޮސް ގެރީގެ ކަރުގައި ދައިގެންފިއެވެ. އެވަގުތު ގެރީގެ އެންމެ ފަހު ބަސްތައް ބުނަމުން ދިޔައެވެ. ވަރަށްވެސް މުހިއްމު ބަސްތަކެކެވެ. އެބަސްތަކުން އަހަރެމެންނަށް އަގުހުރި ފިލާވަޅުތަކެއް ޙާޞިލްވާނޭ ބަސްތަކެކެވެ. މިކަޅުގެރި ބުނަމުން ދިޔައެވެ. "ކުއްތާ ހުދުގެރި ޝިކާރަކުރި ދުވަހު އަހަރެންވެސް ޝިކާރަކޮށްފިއެވެ. ހުދުގެރި ޝިކާރަކޮށްލުމަށް ދޫކޮށްލިދުވަހަކީ ތިމަންގެ އަޖަލު ނިމުމަށް ދޮރު ހުޅުވައިލި ދުވަހެވެ. އެދުވަހަކީ އަހަރެން މަރުވި ދުވަހެވެ. އަހަރެން މިވަގުތަކު މަރެއްނުވަމެވެ. އަދި މިއަދަކުވެސް އަހަރެން މަރެއް ނުވާނެއެވެ.... އަހަރެން މަރުވި ދުވަހަކީ ކުއްތާއަށް ހުދުގެރި ކާލުމަށް ދޫކޮށްލިދުވަހެވެ."
އެންމެހައި ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ޔަޤީންވާކަމަކީ ތިޔައިގެ ތެރެއިން ބައެއްމީހުނަށް މިވާހަކައިން ޢިބްރަތްތެރި ފިލާވަޅުތަކެއް ދޭހަވާނެކަމެވެ. މިހާރު މިބަޔާންކޮށްދޭން އުޅެނީ މި ފިލާވަޅުތަކުގެ ތެރެއިން ބައެއް ފިލާވަޅުތަކެވެ. إن شاء لله.
ފުރަތަމަ ފިލާވަޅު : އިސްލާމީ އުއްމަތް.
މިވާހަކަޔަކީ މިއަދު މުސްލިމުންގެ ޙާލަތު ބަޔާންކޮށްދޭ ވާހަކައެކެވެ. މިއީ އަދުގެ ދުނިޔޭގައި ހަމަ ކަންހިނގަމުންދާގޮތެވެ. އަހަރެމެން މިތިބެނީ އިސްލާމީ ޤައުމަކަށްފަހު ޤައުމެއް ކާފަރުންގެ އަތްދަށުވާތަން ބަލާށެވެ. އަހަރެމެން ހަމައެކަނި ބަލަހައްޓައިގެން ތިބެނީއެވެ. ކުރެވޭ އެއްވެސް ކަމެއްނެތް ޙާލަތުގައެވެ. އެންމެ ފުރަތަމަ ފަލަސްޠީން ބީވެގެން ދިޔައިރު ކުރެވުނު ކަމެއް ނެތެވެ. ޤައުމަކަށް ފަހު ޤައުމެއް މައްސަލަތަކުގެ ތެރެއަށް ވެއްޓެމުން ދަނީއެވެ. ތިބާއަށް ކަޝްމީރު ފެންނާނެއެވެ. ހަމައެފަދައިން ޝީޝާން، އަދި އަފްޣާނިސްތާންވެސް ފެންނާނެއެވެ. އެންމެފަހުން ޢިރާޤެވެ. އެކަން ހުއްޓުވުމަށް އުއްމަތައް ކުރެވުނު ކަމެއް ނެތެވެ. އުއްމަތުގެ މީހުން ބަލަހައްޓައިގެން ތިބީއެވެ. ޢިރާޤް މިހާރު އެވަނީ ފުންވަޅުގަނޑަކަށް ވެއްޓިފައެވެ. އެތަނުގައިކުރާ ހަނގުރާމައަށް ނިމުމެއް ނާދެއެވެ. އަދި މި ހަނގުރާމަ ފުޅާވެގެން ޖެހިގެން އޮތް ސީރިޔާފަދަ ޤައުމުތަކަށް ފެތުރިގެން ދިޔުމާއި ކައިރިވެއްޖެއެވެ. ދެން މި އަނދަވަޅަށް ވެއްޓޭނެ ޤައުމެއް އެންމެ މޮޅަށް ދެނެވޮޑިގެންވަނީ ﷲ އެވެ! މި ޤައުމުތައް ޖަހައިގަތީ މިއަދަކު ނޫނެވެ. މީގެ އެތައް އަހަރުތަކެއްގެ ކުރިން މިޤައުމުތައްވަނީ ޖަހައިގެންފައެވެ. އިސްލާމީ އެއް ޤައުމު ބީވެގެން ދިޔުމަށް ދޫކޮށްލުމަކީ އިސްލާމީ ކޮންމެ ޤައުމަކާއި އަހަރެމެންގެ ތެރެއިން ކޮންމެ މީހަކުވެސް ބީވެގެން ދިޔުމަށް ދޫކޮށްލުމެވެ.

ދެވަނަ ފިލާވަޅު : އެއްބައިވަންތަކަން.
މިވާހަކައިން ދޭހަކޮށްދެނީ ބައިބައިވުމުގެ ހިތި ނަތީޖާއެވެ. މިގެރިތައް އެއްބައިނުވުމުގެ ސަބަބުން ވަލުކުއްތާއަށް މަގުފަހިވެގެންދިޔައީ އޭގެތެރެއިން އެއް ގެރި ޝިކާރަކުރުމަށެވެ. މިހެންވުމުގެ ސަބަބުން އެބައިމީހުންނަށްޖެހުނީ ދުޝްމަނާގެ ކުރިމަތީގައި ބަލިވެ ނިކަމެތިވާށެވެ. އޭ އަޚުންނާއި އުޚުތުންނޭވެ! ރަސޫލާ صلى الله عليه وسلم ވަނީ މިއުއްމަތުގެ މިސާލެއް ބަޔާންކުރައްވާފައެވެ. ނުޢުމާން އިބްން ބަޝީރު رضي اللّه عنه ރިވާކުރެއްވިއެވެ. ރަސޫލާ صلى الله عليه وسلم ޙަދީޘްފުޅުކުރެއްވިއެވެ.
« مَثَلُ الْمُؤْمِنِينَ فِى تَوَادِّهِمْ وَتَرَاحُمِهِمْ وَتَعَاطُفِهِمْ مَثَلُ الْجَسَدِ إِذَا اشْتَكَى مِنْهُ عُضْوٌ تَدَاعَى لَهُ سَائِرُ الْجَسَدِ بِالسَّهَرِ وَالْحُمَّى ». (رواه مسلم)
މާނައީ: "މުއުމިނުންގެ މިސާލަކީ އެއުރެން އެކަކު އަނެކަކުދެކެ ލޯބިވުމުގައްޔާއި، އެކަކު އަނެކަކަށް ހަމްދަރުދީވުމުގައްޔާއި، އެކަކު އަނެކަކަށް އޯގާތެރިވުމުގައި އެއްހަށިގަނޑެއްގެ މިސާލެވެ. ހަށިގަނޑުން ގުނަވަނަކަށް ތަކުލީފެއް ޖެހޭ ހިނދު ނިދިނައިސް ހޭލާހުރުމާއި ހުންއައުމުގެ ސަބަބުން މުޅި ހަށިގަނޑަށް އެކަމުގެ ވޭން އިޙުސާސްވެއެވެ."
ރަސޫލާ صلى الله عليه وسلمގެ މި ޙަދީޘްފުޅުގެ މާނައަކީ ތިބާގެ އިނގިލިން ނުވަތަ ފައިން ނުވަތަ ހަށިގަނޑުން އެއްވެސް ގުނަވަނެއް ޒަޚަމްވެއްޖެކަމުގައި ވަނީނަމަ އެކަމުގެ ސަބަބުން ލިބޭ ވޭނުގެ ސަބަބުން ނިންޖެއް ނާންނާނެއެވެ. އަދިހަމައެއާއިއެކު ހަށިގަނޑުން ހުމުގެ އަސަރު ފެންނަން ފަށައެވެ. އެއީ އެޒަޚަމްވެފައިވާ ތަނުގައި އުފެދިފައިވާ ނުރައްކާތެރި ބެކްޓީރިޔާތަކާއި ދެކޮޅަށް ހަށިގަނޑު ކުރާ ހަނގުރާމައިގެ އަސަރެވެ. އެފަދަ ޙާލަތެއްގައި ހަށިގަނޑު މަސައްކަތް ކުރަމުން އެދަނީ ދުޝްމަނުންގެ ކިބައިން ކާމިޔާބު ލިބޭތޯއެވެ. ވުމާއިއެކު މިހަނގުރާމައިގައި މުޅި ހަށިގަނޑު ބައިވެރިވެއެވެ. މިއީ ރަސޫލާ صلى الله عليه وسلم މިއުއްމަތުގެ މިސާލު ޖައްސަވާފައިވާ ގޮތެވެ.
ކަންމިހެންހުރުމާއިއެކު ދުނިޔޭގެ އިރުމަތީ ނުވަތަ ހުޅަނގުގައި، ދެކުނު ނުވަތަ އުތުރުގައި ހުރި މުސްލިމަކު އެމީހާގެ މެދު ހަށީގައި ނުވަތަ އިނގިއްޔެއްގައި ރިއްސައިފި ކަމުގައިވިޔަސް، ތިބާގެ އަމިއްލަ ޢާއިލާ މީހެއް ފަދައިން އެކަމުގެ އިހްސާސް ކުރަންޖެހޭނެއެވެ. ތިބާ ވިސްނަނީ ހަމައެކަނި ތިބާގެ އަމިއްލަ ނަފުސާއި ތިބާގެ އާއިލާ މީހުންނާއި މެދުގައިކަމުގައިވާނަމަ އެއީ ގޯހެކެވެ. މިފަދަ ވިސްނުމެއް ގެންގުޅެފިކަމުގައިވާނަމަ ތިބާއަކީ މާތް ރަސޫލާ صلى الله عليه وسلم ޙަދީޘްކުރައްވާފައިވާ "އެއް ހަށިގަނޑުގެ" ބައެއް ނޫނެވެ. އެހެނީ އެކަލޭގެފާނު އެބަޔާންކުރައްވަނީ މިއުއްމަތުގެ މިސާލަކީ އެއް ހަށިގަނޑެއްކަމުގައެވެ. އެމީހާއަކީ އެހެން ޤައުމެއް އެހެން ޖަމާޢަތެއް ނުވަތަ އެހެން މަޛްހަބެއްގެ މީހެއް ކަމުގައިވީނަމަވެސް އެމީހާވަނީ މުސްލިމުންގެ ތެރެއިން ކަމުގައިވާނަމަ، އެމީހާ ހިމެނޭނީ މި "އެއް ހަށިގަނޑު" ގެ މިސާލުގެ ތެރޭގައެވެ.
ނަމަވެސް ހިތާމަޔަކީ ބައެއް ފަހަރަށް "މުސްލިމުންނަކީ ހަމައެކަނި އަހަރެންނާއި އަހަރެންގެ ޖަމާޢަތުގެ މީހުން" ކަމަށް ވިސްނޭތީއެވެ. ކީއްވެތޯއެވެ؟ ސަބަބަކީ އަނެކާއަކީ ތިމާގެ ޖަމާޢަތުގެ މީހަކަށްނުވާތީ ނުވަތަ ތިމާ އުޅޭގޮތަށް ތަބާނުވާތީއެވެ. މީހެއްގެ މައްޗަށް ކުފުރު ސާބިތުނުވާހާ ހިނދަކު އެމީހަކުވާނީ މުސްލިމުންގެ ތެރެއިންނެވެ. މުސްލިމެއްގެ ކިބައިން ތިމާ ހިތްނޭދޭ ސިފައެއް ފެނުނުކަމުގައިވިޔަސް އޭނާއާއި ރުޅިވެ ގުޅުން ކަނޑައިހެދުމަކީ ހެޔޮވާވަރުގެކަމެއް ނޫނެވެ. އަހަރެމެންގެ ތެރޭގައި ޒާތީ މައްސަލަތައް، ޢާއިލީ މައްސަލަތައް ނުވަތަ ގޯތިގެދޮރުގެ މައްސަލަތައް ފަދަ މައްސަލަތަކުގައި ތިމާގެ އަޚާއާއި ގުޅުން ކަނޑާލާތަން މިކުޑަ މުޖުތަމަޢުން ފެންނަކަމީ ހިތާމަހުރިކަމެކެވެ. ތިމާގެ އަޚާއާއި ތިން ދުވަހަށްވުރެ އިތުރަށް ވާހަކަ ނުދައްކައި ހުރުމަކީ ރަސޫލާ صلى الله عليه وسلم ނަހީކުރައްވާފައިވާކަމެކެވެ. އަހަރެމެން ވާންޖެހޭނީ އަހަރެމެންގެ އަޚުންނަށް މަޢާފުކުރާ އަދި އެބައިމީހުންގެ މައްޗަށް ޢުޛުރު ހޯދާ ބައެއްކަމުގައެވެ. އެމީހަކީ އެހެން މަޛްހަބެއް، އެހެން ޖަމާޢަތެއް ނުވަތަ އެހެން ޤައުމެއްގެ މީހެއްކަމުގައި ވީނަމަވެސް ތަފާތެއްނެތެވެ.
މިހާރު އަހަރެމެން އެންމެންވެސް ވާހަކަ ދައްކަމުންދަނީ އެއްބައިވަންތަކަމުގެ މުހިއްމުކަމާއިބެހޭ ގޮތުންނެވެ. އެއްބައިވަންތަކަމަކީ ތިމާގެ އަޚާ އެހީއަކަށް އެދިއްޖެ ޙާލަތެއްގައި، ކުލައަކަށް ވަކި ޖަމާޢަތަކަށް ވަކި އާއިލާއަކަށް ނުވަތަ ވަކި ޤައުމަކަށް ބެލުމެއްނެތި ވެދެވެން އޮތް އެހީއެއް ފޯރުކޮށްދިނުމެވެ. އަދި ދޭދޭ ފަރުދުން އެކަކު އަނެއްކަކަށް ހެޔޮކޮށްހިތައި ވީވަރަކުން އެހީވެ ވާގިވެރިވުމެވެ. އަދި އެކެއްގެވެސް އަބުރާ ޢިއްޒަތައް އުނިކަމެއް އަތުވެދާނޭފަދަ އެންމެހާ ކަންތައްތަކުން ދުރުހެލިވެ ރައްކާތެރިވުމެވެ.
ރަސޫލާ صلى الله عليه وسلم ހަދީޘްފުޅުކުރައްވާފައިވާ "...ހަށިގަނޑުން ގުނަވަނަކަށް ތަކުލީފެއް ޖެހޭ ހިނދު ނިދިނައިސް ހޭލާހުރުމާއި ހުންއައުމުގެ ސަބަބުން މުޅި ހަށިގަނޑަށް އެކަމުގެ ވޭން އިޙުސާސްވެއެވެ." މި ބަސްފުޅަށް އިތުރަށް ވިސްނާލަމާތޯއެވެ. ދުނިޔޭގެ އެކިކަންކޮޅުތަކުގައި އަހަރެމެންގެ އަޚުންނާއި އުޚުތުންނަށް ދިމާވާ ދަތިތަކާއި މުޞީބާތްތަކުގައި އަހަރެމެން ބައިވެރިވާންޖެހޭނެއެވެ. ފަލަސްޠީނާއި، ޢިރާޤް، އަފްޣާނިސްތާން އަދި ކަޝްމީރު ފަދަ ޤައުމުތަކަކީ އަހަރެމެންގެ ޤައުކަމުގައި ނުވިނަމަވެސް، އެޤައުމުތަކުގައި ކަންތައްތައް ވަމުންދާގޮތާއި މެދު ފިކުރުކޮށްލަންޖެހެއެވެ. މިފަދަ ބައެއް ޤައުމުތަކުގައި ސިޔާސީ އަދި ދާޚިލީ މައްސަލަތައް ހުރިކަމުގައި ވީނަމަވެސް، މުސްލިމުންގެ ހައިސިއްޔަތުން އެބައިމީހުންނާއި ތަފާތުކުރުމެއް އޮވެގެން ނުވާނެއެވެ. އެބައިމީހުންގެ މެދުގައި މިފަދަ މައްސަލަތަކެއް ހުރިކަމުގައި ވީނަމަވެސް އަހަރެމެން ދެކެންޖެހޭނީ، އެޤައުމެއްގައިވާ ރައްޔިތުންނަކީ އަހަރެމެންގެ މުސްލިމް އަޚުންނާއި އުޚުތުންކަމުގައެވެ. އަދި މުޅި އިސްލާމީ އުއްމަތާއި ދޭތެރޭގައިވެސް ވިސްނަންޖެހޭނީ މިފަދައިންނެވެ. މިފަދައިން ނުވިސްނާމީހަކީ އުއްމަތުގެ ތެރެއިންވާ މީހެއްނޫނެވެ.
عبد الله بن مسعود رضي الله عنهما ގެ ކިބައިން ރިވާވެގެންވެއެވެ. ރަސޫލާ صلى الله عليه وسلم ހަދީޘްފުޅުކުރެއްވިއެވެ.
«الْمَرْءُ مَعَ مَنْ أَحَبَّ يَوْمَ الْقِيَامَةِ ». (رواه البخاري و الترمذي)
މާނައީ : "ޤިޔާމަތްދުވަހުގައި މީހާ ވާހުށީ އޭނާ (ދުނިޔޭގައި) ލޯބިވީ މީހަކާ އެކުގައެވެ."
ޤިޔާމަތްދުވަހު ތިބާވާހުށީ ތިބާ ލޯބިވީ ފަރާތަކާއިއެކުގައެވެ. ތިބާ ލޯބިވީ މުސްލިމުންދެކެ ކަމުގައިވާނަމަ ތިބާ ވާހުށީ މުސްލިމުންނާއި އެކީގައެވެ. އަދި ތިބާ ލޯބިވީ ކާފަރުންދެކެ ކަމުގައިވާނަމަ ތިބާ ވާހުށީ ކާފަރުންނާއިއެކުގައެވެ. މިއީ ﷲ ސުބްޙާނަހޫ ވަތަޢާލާގެ ޙުކުމެވެ.
ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ހުރި ހިތާމައެއްގެ ބޮޑުކަމާއެވެ! އަޅުގަނޑުމެންގެ ތެރެއިން ގިނަ އަޚުންތަކަކާއި އުޚުތުންތަކެއް ދަނީ ކާފަރުން ދެކެ އިންތިހާއަށް ލޯބިވަމުންނެވެ. ފިލްމުސްޓާރުންނާއި އަދި އެހެންވެސް މިފަދަ މީސްމީހުންގެގޮތްތަކާއި އަޅާ ހެދުންތައް ކޮޕީކޮށް އެބައިމީހުންނާއި އެއްގޮތްވުމަށް މަސައްކަތްކުރަމުންނެވެ. އެއިންމީހަކު އަހަރެމެންގެ ޤައުމަށް އަތުވެއްޖެކަމުގައިވާނަމަ މިކަން ވަރަށް ބޮޑަށް ފާހަގަކުރެވޭނެއެވެ. އަދި ދުވާލުގެ ގިނަ ވަގުތުތަކެއްގައި މިޚިޔާލީ ފަލްސަފާގެ ދުނިޔެއަށް ޣަރަޤްވެގެން އިންނަކަމީ މިކަމުގެ މިސާލުތަކެވެ. މިގޮތަށް އެބައިމީހުންނާއި އެއްގޮތްވުމުގެ ނުބައިކަމާއިބެހޭގޮތުން އައިސްފައިވާ ވަޢީދުގެ ބަސްފުޅުތައް ނީވޭކަހަލައެވެ. އަދި އިވެން ބޭނުންވެސް ނުވާ ކަހަލައެވެ.
އެންމެހައި ބެލެނިވެރިންނޭވެ! ދަރިންނަކީ ﷲ ސުބްޙާނަހޫ ވަތަޢާލާ އަހަރެމެންނާއި ޙަވާލުކުރައްވާފައިވާ އަމާނާތެކެވެ. އަދި ހަމަ އެހެންމެ ބޮޑު ނިޢުމަތެއްވެސް މެއެވެ. އަހަރެމެންގެ ތެރެއިން ކޮންމެ މީހަކީ މިމަސްޢޫލިއްޔަތާއިމެދު ޤިޔާމަތްދުވަހު ﷲ ސުބްޙާނަހޫ ވަތަޢާލާގެ ދަރުބާރުގައި ސުވާލުކުރެވި، އެކަމަށް ޖަވާބުދާރީ ވާންޖެހޭނެމީހެއްކަމާއިމެދު ވިސްނާލެއްވީމުތޯއެވެ؟ އަހަރެމެންގެ ލޮބުވެތި ދަރިންތައް "ހެރީޕޮޓަރ" ފަދަ ޚިޔާލީ ފުލޯކުގެ ދުނިޔެއަށް ވެއްދުވީ ފަހެ ކީއްވެ ހެއްޔެވެ؟ "ބޮލީވުޑް" ގެ އިޝްޤީ ލޯބީގެ ދުނިޔެއަށް ދަރިންތައް ދޫކޮށްލި ދޫކޮށްލުމަކީ މިދެއްވި ބޮޑު އަމާނާތައް ޚިޔާނާތްތެރިވުން ނޫންތޯއެވެ؟
ހިތާމައިގެ މައްޗަށް ހިތާމަހުއްޓެވެ! ގުރޭޑް ހަތަރެއް ފަހެއްގައި އުޅޭ ކުޑަކުދިން ހިންދީބަހުން ވާހަކަ ދައްކައި ހަދާއިރު، ޤުރުއާން ކިޔަވަން ނޭނގޭކަމީ ޢަޖައިބުވާ ވަރުގެ ކަމެއްނޫންތޯއެވެ؟ ދަރިން ތަރުބިއްޔަތުކުރުމުގައި އެކަލޭގެފާނުދެކެ ލޯބިވުމަށް އަހަރެމެންގެ މާތް ނަބިއްޔާ ދެއްވި އިރުޝާދަށް އެއްވެސް ބެލުމެއް ނެތެވެ. ދަރިންތައް ލޯބިކުރަމުން ދަނީ އެކާފަރުންގެ ހެދުން އެޅުމުގެ ވައްޓަފާޅިއާއި އެބައިމީހުންގެ ދިރިއުޅުމެވެ. ދަރިން މިފަދަ މަގަކުން ދިޔުމަށް ދޫކޮށްލުމަކީ އަހަރެމެންނަށްވެސް އަދި އެކުދިންނަށްވެސް ދުނިޔެއާއި އާޚިރަތުގައި ހިތާމަ ލިބޭނޭކަމެކެވެ. ޤިޔާމަތްދުވަހު އަހަރެމެންގެ ރަސޫލާއާއި އެކަލޭގެފާނުގެ މަތިވެރި ޞަޙާބީންނާއި އެކުގައިވުމުގެ ޢަޒުމުގައި އެބޭކަލުންނަށް ލޯބިކޮށް، އަހަރެމެންގެ ދަރިންނަށް އެބޭކަލުންދެކެ ލޯބިވުމަށް ދަސްކޮށްދިނުމަކީ ކިހާ ބުއްދިވެރިކަމެއްތޯއެވެ. އެބޭކަލުންގެ ދިރިއުޅުއްވުމާއި މަތިވެރި އަޚްލާޤުން ޢިބްރަތްލިބިގަތުމަކީ އަހަރެމެންނަށާއި އަހަރެމެންގެ ދަރިންނަށް ފަލާޙާއި ކާމިޔާބު ލިބުމުގެ ދޮރެވެ.
ތިންވަނަ ފިލާވަޅު : މުސްލިމަކު ހަލާކުގެ ތެރެއަށް ދޫކޮށްލުމުގެ ނުބައިކަން.
عبد الله بن عمر رضي الله عنهماގެ ކިބައިން ރިވާވެގެންވެއެވެ. ރަސޫލާ صلى الله عليه وسلم ޙަދީޘްފުޅު ކުރެއްވިއެވެ. "ކޮންމެ މުސްލިމަކީ އަނެއް މުސްލިމާގެ އަޚާއެވެ. އޭނާ، އޭނާގެ އަޚާއަށް އަނިޔާވެރިއެއް ނުވާނެއެވެ. އަދި ދުޝްމިނުންނާ ޙަވާލެއްވެސް ނުކުރާނެއެވެ. އަދި އެމީހެއްގެ އަޚާގެ ބޭނުންތައް ފުއްދާދިނުމުގައިވާ މީހާ ދަންނައެވެ. މާތްﷲ އޭނާގެ ބޭނުންތައް ފުއްދައިދިނުމުގައި ވޮޑިގެންވެއެވެ. އަދި މުސްލިމެއްގެ ކިބައިން ތަކުލީފެއް ދުރުކޮށްދީފި މީހާ ދަންނައެވެ. މާތްﷲ އޭނާގެ ކިބައިން ޤިޔާމަތްދުވަހުގެ ތަކުލީފުތަކުގެ ތެރެއިން ތަކުލީފެއް ދުރުކޮށް ދެއްވާނެއެވެ. އަދި މުއުމިނެއްގެ ޢައިބު ފޮރުވައިދީފި މީހާ ދަންނައެވެ. މާތްﷲ އޭނާގެ ޢައިބު ޤިޔާމަތް ދުވަހުގައި ފޮރުވައިދެއްވާނެއެވެ." (ޞަޙީޙުލްބުޚާރީ)
މަތީގައި ބަޔާންވެދިޔަ ވާހަކައަށް އަހަރެމެން ވިސްނާލަމާ ހިނގާށެވެ. ކަޅު ތިންގެރި ހީކޮށްގެންތިބީ، އެމީހުންގެ ތެރެއިން ހުދުގެރި އެއްކިބާކޮށްލުމުން އެމީހުން ސަލާމަތްވާނެކަމަށެވެ. ނަމަވެސް ކަންތައްވީ މުޅިން ދިމާ އިދިކޮޅަށެވެ. މި ތިންގެރިއަށްވެސް އެންމެފަހުން ހުދުގެރިއަށް ޖެހުނު މުޞީބާތް ޖެހުނީއެވެ.
ދެން އަޅުގަނޑުމެންގެ ޙާލަތަށް ވިސްނަވާ ލައްވާށެވެ. ކާފަރުން މުސްލިމުންގެ ބޮލުގައި ޓެރެރިޒަމްގެ ކުށްއަޅުވައި، އެތައް މުސްލިމުންނެއްވަނީ އެބައިމީހުންގެ ޖަލުތަކުގައި ހައްޔަރުކޮށްފައެވެ. އަހަރެމެންނަށް ހީވަނީ ހަމަ ކަޅުތިން ގެރިޔަށް ހީވި ގޮތެވެ. އަހަރެމެންނަށް ހީވަނީ ކާފަރުން، މުސްލިމުންގެ ތެރެއިން ޓެރަރިސްޓުންގެ ނަންދީގެން އުޅޭ މީހުން ޖަލައްލައި ބަންދުކުރުމުން، ކާފަރުން މުސްލިމުންނާއި ދެކޮޅަށް ފަށައިގެން އެއުޅޭ ހަނގުރާމަ ހުއްޓާލައިފާނެކަމަށެވެ. މިއީ ހަމަ ކުށްހީއެކެވެ. ކާފަރުންގެ ގޮތްތަކަށް އަހަރެމެން ބޯނުލަނބާހާ ހިނދަކު އެބީހުން ދެކޭނީ އަހަރެމެންނަކީ އެމީހުންގެ ދުޝްމަނުން ކަމުގައެވެ. އަހަރެމެންގެ އަޚުންތައް ކާފަރުންގެ އަތްމައްޗަށް ދޫކޮށްލައިފި ކަމުގައިވާނަމަ އަހަރެމެންނަށްވެސް އާޚިރުގައި ޖެހޭނީ ހަމަ އެއް މުޞީބާތެކެވެ.
އެންމެހާ އަޚުންނާއި އުޚުތުންނޭވެ! އަހަރެމެންގެ ސަލާމަތް ބޭނުންކަމުގައިވާނަމަ މިގޮތަށް މިކަން ވުން ހުއްޓުވަން އެބަޖެހެއެވެ. އަހަރެމެންގެ ތެރެއިން އެންމެ އަޚަކުވެސް ކާފަރުންގެ އަތްމައްޗަށް ބީވެގެން ހިނގައްޖެ ކަމުގައިވާނަމަ، ﷲ ސުބްޙާނަހޫ ވަތަޢާލާގެ އެހީތެރިކަމާއި މަދަދު އަހަރެމެންނަށް ނުލިބިދާނެތީ ބިރުވެތިވާން ޖެހެއެވެ. އެހެނީ ރަސޫލާ صلى الله عليه وسلم ޙަދީޘްފުޅުކުރައްވާފައި އެވަނީ "...އަދި އެމީހެއްގެ އަޚާގެ ބޭނުންތައް ފުއްދާދިނުމުގައިވާމީހާ ދަންނައެވެ. މާތްﷲ އޭނާގެ ބޭނުންތައް ފުއްދައިދިނުމުގައި ވޮޑިގެންވެއެވެ. އަދި މުސްލިމެއްގެ ކިބައިން ތަކުލީފެއް ދުރުކޮށްދީފި މީހާ ދަންނައެވެ. މާތްﷲ އޭނާގެ ކިބައިން ޤިޔާމަތްދުވަހުގެ ތަކުލީފުތަކުގެ ތެރެއިން ތަކުލީފެއް ދުރުކޮށް ދެއްވާނެއެވެ..." އެހެންކަމުން މިއަދު އަހަރެމެންގެ އަޚުންނަށް އެހީތެރިވެއްޖެ ކަމުގައިވާނަމަ އަހަރެމެން އެންމެބޮޑަށް އެހީއާއި މަދަދަށް ބޭނުންޖެހޭ ޤިޔާމަތް ދުވަހު ﷲ ގެ އެހީތެރިކަން އަހަރެމެންނަށް ލިބޭނެއެވެ.
އަހަރެމެންނަށް އެނގޭ ހަޤީޤަތަކީ ﷲ ސުބްޙާނަހޫ ވަތަޢާލާގެ އެހީ އާއި މަދަދުނެތި އަހަރެމެންނަށް ހުރިތަނުން ގުޑައިވެސް ނުލެވޭނެކަމެވެ. އެކަލާނގެ އެހީ އާއި މަދަދު އަހަރެމެންނާއި އެއްކޮށްވުމަށް ބޭނުންކަމުގައިވާނަމަ އަވަހަށް އަހަރެމެންގެ އަޚުންނަށް އެހީވާން ވީއެވެ. އަޚަކު ކާފަރުންގެ އަތްމައްޗަށް ދޫކޮށްލައިގެން ކާފަރުންގެ ރުހުން ހޯދުމަށް މަސައްކަތް ނުކުރާށެވެ. އިސްލާމީ މުޅި އުއްމަތް ހަލާކުކޮށްލައިގެން މެނުވީ ޝައިތާނާ ހިތްހަމައެއް ނުޖެހޭނެއެވެ. އަހަރެމެން އޭނާ ހިތް ހަމަޖެއްސުމަށް ކިތަންމެ ކަމެއް ކުރިކަމުގައި ވީނަމަވެސް އެއީ ކާމިޔާބުވާނެ ކަމެއްނޫނެވެ. އެހެނީ އޭނާއަކީ آدم عليه السلام އާއި ހިސާބުން ފެށިގެން ޤިޔާމަތާ ހަމައަށް އަހަރެމެންގެ ދުޝްމަނެކެވެ. ހަމައެހެންމެ އެންމެހާ އިންސީންގެވެސް ދުޝްމަނެކެވެ.
މިއަދު އަހަރެމެންގެ ތެރެއިން ބޭނުންޖެހިފައިވާ މުސްލިމަކަށް އަޅައިނުލައި ދޫކޮށްލައިފިކަމުގައިވާނަމަ، ޤިޔާމަތް ދުވަހު ﷲ ސުބްޙާނަހޫ ވަތަޢާލާ އަހަރެމެން ދޫކޮށްލައިފާނެތީ ބިރުވެތިވާންޖެހެއެވެ.
والله المستعان وعليه التكلان، وصلّى الله وسلّم وبارك على عبده ورسوله نبيّنا محمد وعلى آله وأصحابه أجمعين، والحمد لله ربّ العالمين
-ނިމުނީ-
______________________________
ނޯޓް: މިލިޔުމަކީ ޝެއިޚް އަންވަރުލް ޢަވްލާކީ ދެއްވާފައިވާ ޚުޠުބާއެއް އަސްލަކަށް ބަލައިގެން، ލިޔެވިފައިވާ ލިޔުމެކެވެ.

އިތުރަށް ވިދާޅުވޭ

10.11.09

ސުވާލާއި ޖަވާބު -3

ސުވާލު: ތަރާވީޙް ނަމާދުގައި ތަސްބީޙަ ކިޔުމަކީ އޮންނަކަމެއްތޯއެވެ؟ ނުވަތަ ނޫންތޯއެވެ؟ މި ދެގޮތުން ރަނގަޅު ގޮތަކީ ކޮބައިތޯއެވެ؟
ޖަވާބު: الْحَمْدُ لِلَّهِ رَبِّ الْعَالَمِيْنَ. وَالصَّلَاةُ وَالسَّلَامُ عَلَى أَشْرَفِ الْأَنْبِيَاءِ وَالْمُرْسَلِيْنَ. نَبِيِّنَا وَحَبِيْبِنَا وَقُدْوَتِنَا مُحَمَّدٍ وَعَلَى آلِهِ وَأَصْحَابِهِ وَمَنْ تَبِعَهُمْ بِإِحْسَانٍ إِلَى يَوْمِ الِّدْينِ. أَمَّا بَعْدُ
ޒިކުރުކުރުމަކީ(ތަސްބީޙަކިޔުމަކީ) އަޅުކަމެކެވެ. އަޅުކަމުގެ އަޞްލަކީ، (ޝަރުޢީ ދަލީލަކުން ޘާބިތުނުވާހާ ހިނދަކު) ހުއްދަނުވުމެވެ. ﷲގެ ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހިވަސައްލަމަވަނީ، އެކަލޭފާނުގެ އަޞްޙާބުބޭކަލުންނާއެކު ރަމަޟާންމަހުގެ ރޭއަޅުކަން، މަދު ރޭތަކަކުނަމަވެސް ކުރައްވަވާފައެވެ. އަދި އެކަލޭގެފާނުގެ މާތް ޞަޙާބީންވަނީ ވަކިވަކިންވެސް، އަދި ޖަމާޢަތުގައިވެސް ރަމަޟާންމަހުގެ ރޭއަޅުކަން ކުރައްވަވާފައެވެ. ނަމަވެސް އެއިން އެއްވެސް ބޭކަލަކު ކޮންމެ ދެރަކުޢަތަކަށްފަހު، ނުވަތަ ކޮންމެ ހަތަރު ރަކުޢަތަކަށްފަހު އަޅުގަނޑުމެންގެ ތެރެއިން ބައެއް އަޚުން ކުރަމުންދާގޮތަށް ދުޢާ(ޒިކުރު) ކުރެއްވެވިކަމަކަށް ޘާބިތުވެފައެއްނުވެއެވެ.
އެހެންކަމުން އެފަދަ ގޮތަކަށް ދުޢާކުރުމަކީ ނުވަތަ ޒިކުރު ކުރުމަކީ ދީނުގެ ތެރެއަށް އަލަށް ވެއްދިފައިވާ ކަންތައްތަކެއް ކަމުގައި ދަންނަވަމެވެ. އިބްނުލް ޙާއްޖުގެ ނަމުން މަޝްހޫރުވެވަޑައިގެންފައިވާ އިމާމު، އެކަލޭގެފާނުގެ ފޮތް 'އަލްމަދްޚަލް' ގައި ވިދާޅުވެފައިވަނީ އެއީ ބިދުޢައެއްކަމުގައެވެ.
ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަގެ ޙަދީޘްފުޅެއްގައި އައިސްފައިވެއެވެ. كُلُّ ِبدْعَةٍ ضَلَاَلةٌ "ކޮންމެ ބިދުޢައަކީ މަގުފުރެދުމެކެވެ." އެހެންކަމުން އަޅުގަނޑުމެންނަށް އޮތީ ދީނުގެ ތެރެއަށް އަލަށް ވެއްދިފައިވާ ކަންތައްތަކުން ދުރުވެ، އެކަންތައްތައް އަޅުގަނޑުމެންގެ މުޖުތަމަޢުން ނައްތާލުމުގައި އެކަކު އަނެކަކަށް އެހީތެރިވެ، ވާގިވެރިވުމެވެ. وَاللهُ أَعْلَمُ

ޖަވާބު ދިނީ: މުޙައްމަދު ޝަމްޢޫން

އިތުރަށް ވިދާޅުވޭ

9.11.09

ސުވާލާއި ޖަވާބު -2

ސުވާލު: ޙައިޟުވެރިޔާ ނުވަތަ ނިފާސްވެރިޔާގެ ކިބައިން ރަމަޟާންމަހު ގެއްލިގެންދާ ރޯދަ ގަޟާކުރުމުގެ ކުރިން، އޭނާ ހިފަންވީ ޝައްވާލުމަހުގެ ހަރޯދަތޯ؟ ނުވަތަ އޭނާ އިސްކުރަންވީ ޤަޟާކުރަންޖެހިފައިވާ ފަރުޟުރޯދަތައްތޯ؟ މި ދެގޮތުން އެންމެ ރަނގަޅު ގޮތަކީ ކޮބައިތޯ؟

ޖަވާބު: الْحَمْدُ لِلَّهِ رَبِّ الْعَالَمِيْنَ. وَالصَّلَاةُ وَالسَّلَامُ عَلَى أَشْرَفِ الْأَنْبِيَاءِ وَالْمُرْسَلِيْنَ. نَبِيِّنَا وَحَبِيْبِنَا وَقُدْوَتِنَا مُحَمَّدٍ وَعَلَى آلِهِ وَأَصْحَابِهِ وَمَنْ تَبِعَهُمْ بِإِحْسَانٍ إِلَى يَوْمِ الِّدْينِ. أَمَّا بَعْدُ
ޤަޟާކުރަންޖެހޭ ފަރުޟުރޯދަތަކެއް ހުއްޓައި ސުންނަތްރޯދަ ހިފުމާއި ބެހޭގޮތުން ޢިލްމުވެރިންގެ ދެ ރައުޔެއް އައިސްފައިވެއެވެ.

ފުރަތަމަ ރައުޔު: ފަރުޟުރޯދަ ޤަޟާކުރުމުގެކުރިން ސުންނަތް ރޯދަ ހިފުން ހުއްދަވެގެންނުވެއެވެ. އެހެނީ ފަރުޟަށްވުރެ ސުންނަތަށް އިސްކަން ނުދެވޭނެއެވެ.

ދެވަނަ ރައުޔު: ފަރުޟުރޯދަ ޤަޟާކުރުމުގެ ކުރިން ސުންނަތް ރޯދަ ހިފުމަކީ ހުއްދަކަމެކެވެ. އެހެނީ ފަރުޟު ރޯދަ ޤަޟާކުރުމުގެ ވަގުތު އަނެއް ރޯދަމަހާއި ހަމައަށް ދެމިގެންދެއެވެ.


ދެން އުފެދޭ ސުވާލަކީ މި ދެރައުޔުން، ރަނގަޅީ ކޮންރައުޔެއްތޯއެވެ؟ އާދެ، އަޅުގަނޑަށް ބޮޑަށް ބުރަވެވެނީ ދެވަނަ ރައުޔަށެވެ.

ސަބަބު: ފަރުޟު ނަމާދެއްގެ ވަގުތުވެފައި އޮއްވައި، ވަގުތު އޮވެއްޖެނަމަ އެފަރުޟު އަދާކުރުމުގެ ކުރިން ސުންނަތް ނަމާދެއް ކުރުމަކީ ހުއްދަކަމެކެވެ. ފަރުޟަށްވުރެ ސުންނަތަށް އިސްކަން ނުދެވޭނީ ފަރުޟު އަދާކުރާނޭ ވަގުތެއް ނެތްނަމައެވެ. ހަމަ މިގޮތަށް ރޯދަވެސް ފަރުޟުރޯދަ ޤަޟާކުރާނޭ ވަގުތު އޮވެއްޖެނަމަ، އެފަރުޟުރޯދަ ޤަޟާކުރުމުގެ ކުރިން ސުންނަތްރޯދަ ހިފުން ހުއްދަވާނެއެވެ. ނަމަވެސް އެ ފަރުޟުރޯދަ ޤަޟާކުރާނޭ ވަގުތުނެތްނަމަ، ފަރުޟަށްވުރެ ސުންނަތް ރޯދައަށް، އިސްކަން ނުދެވޭނެއެވެ.


މިސާލު: މީހަކު ޤަޟާކުރަންޖެހިފައި އޮތީ 8 ރޯދައެވެ. އެހެންވެއްޖެނަމަ، ޝަޢުބާންމަހުގެ 20 ނުވަތަ 21 ޖެހެންދެން އޭނާއަށް ސުންނަތް ރޯދަ ހިފިދާނެއެވެ. ނަމަވެސް ޝައުބާންމަހުގެ 20 ނުވަތަ 21 ޖެހުމަށް ފަހު އޭނާއަށް ސުންނަތް ރޯދަ ނުހިފޭނެއެވެ. އެހެނީ އޭނާ ޤަޟާކުރަންޖެހިފައިވާ 8 ރޯދަ ހިފުމަށް، އޭނާއަށް އިތުރުވަގުތެއް ނެތެވެ.


މިހާ ހިސާބަށް، މިވާހަކަ ދެކެވުނީ ފަރުޟުރޯދަ ޤަޟާކުރުމުގެ ކުރިން ސުންނަތްރޯދަ ހިފުމުގެ ޙުކުމާއި ބެހޭގޮތުންނެވެ. އާދެ، ހުއްދަތޯ ނުވަތަ ހުއްދަނޫންތޯއެވެ. ކުރީގައިވެސް ބަޔާންކުރި ފަދައިން އަޅުގަނޑަށް ބުރަވެވެނީ ހުއްދަ ކަމަށެވެ. ނަމަވެސް މިދެގޮތުން އެންމެ އައުލާކަންބޮޑީ(އެންމެ ރަގަޅީ)، ކޮންގޮތެއް ތޯއެވެ؟ ޖަވާބު: އެންމެ ރަގަޅީ ފުރަތަމަ، ފަރުޟުރޯދަ ޤަޟާކުރުމެވެ.

ސަމާލުކަމަށް: މަތީގައި ބަޔާން ކުރެވިފައިވާ ސުންނަތްރޯދަތަކުގެ ތެރޭގައި ޝައްވާލުމަހުގެ 6 ރޯދަ ނުހިމެނޭނެއެވެ. އެހެނީ ޝައްވާލުމަހުގެ 6 ރޯދަ، އެހެން ސުންނަތްރޯދަތަކާއި ތަފާތެވެ. ޝައްވާލުމަހުގެ 6 ރޯދައާއި ބެހޭގޮތުން ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްފުޅުކުރައްވަވާފައިވެއެވެ. مَنْ صَامَ رَمَضَانَ وَ أَتْبَعَهُ سِتًّا مِنْ شَوَّالَ كَانَ كَصِيَامِ الدَّهْرِ "ރަމަޟާންމަހު ރޯދަ ހިފުމަށްފަހު، ޝައްވާލުމަހު ހަ ރޯދަ ހިފައިފިމީހާ މުޅިއަހަރު ރޯދަހިފި ފަދައެވެ."


މި ޙަދީޘްފުޅުގައި އައިސްފައި މިވަނީ ރަމަޟާންމަހުރޯދަ ހިފުމަށްފަހު ޝައްވާލުމަހުގެ 6 ރޯދަހިފާ މީހެއްގެ ވާހަކައެވެ. އެހެންކަމުން ރޯދަޤަޟާކުރަން ޖެހިފައިވާ މީހާ، މުޅި ރަމަޟާންމަހުރޯދަ ހިފިކަމަކަށް ނުވާނެއެވެ. އޭނާ ރޯދަ ޤަޟާކުރުމުގެ ކުރިން ޝައްވާލުމަހުގެ 6 ރޯދަ ހިފިކަމުގައިވިޔަސް، ޙަދީޘުގައި ބަޔާންކުރެވިފައިވާ ޘަވާބެއް އޭނާއަކަށް ނުލިބޭނެއެވެ. އޭނާއަށް ލިބޭނީ ސުންނަތް ރޯދައެއް ހިފުމުގެ ޘަވާބެވެ.

ޙަދީޘްގައި ބަޔާންކުރެވިފައިވާ ޘަވާބު ލިބޭނީ ރޯދަ ޤަޟާކުރުމަށްފަހު ޝައްވާލުމަހުގެ 6 ދުވަހު ރޯދަ ހިފުމުންނެވެ. ޝައްވާލުމަހުގެ، ކޮންމެ 6 ދުވަހަކު ހިފިއަސް، އެމަހުގެ 6 ދުވަހު ރޯދަހިފިކަމަށްވާނެއެވެ. ފުރަތަމަ 6 ދުވަހު ހިފުން ލާޒިމުވެގެނެއް ނުވެއެވެ. وَاللهُ أَعْلَمُ

ޖަވާބު ދިނީ: މުޙައްމަދު ޝަމްޢޫން

އިތުރަށް ވިދާޅުވޭ

8.11.09

ލޮބުވެތި ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ނަސަބުފުޅު

މުޙައްމަދު ޝަމްޢޫން
الْحَمْدُ لِلَّهِ رَبِّ الْعَالَمِيْنَ. وَالصَّلَاةُ وَالسَّلَامُ عَلَى أَشْرَفِ الْأَنْبِيَاءِ وَالْمُرْسَلِيْنَ. نَبِيِّنَا وَحَبِيْبِنَا وَقُدْوَتِنَا مُحَمَّدٍ وَعَلَى آلِهِ وَأَصْحَابِهِ وَمَنْ تَبِعَهُمْ بِإِحْسَانٍ إِلَى يَوْمِ الِّدْينِ. أَمَّا بَعْدُ
އެކަލޭގެފާނަކީ ޢަދްނާނުގެ ދަރިކަލުން މަޢުދްގެ ދަރިކަލުން ނިޒާރުގެ ދަރިކަލުން މުޟަރުގެ ދަރިކަލުން އިލްޔާސްގެ ދަރިކަލުން މުދްރިކާގެ ދަރިކަލުން ޚުޒައިމާގެ ދަރިކަލުން ކިނާނާގެ ދަރިކަލުން ނަޟްރުގެ ދަރިކަލުން މާލިކުގެ ދަރިކަލުން ފިހުރުގެ ދަރިކަލުން ޣާލިބުގެ ދަރިކަލުން ލުއައްޔުގެ ދަރިކަލުން ކަޢުބުގެ ދަރިކަލުން މުއްރާގެ ދަރިކަލުން ކިލާބުގެ ދަރިކަލުން ޤުޞައްޔުގެ ދަރިކަލުން ޢަބްދުމަނާފުގެ ދަރިކަލުން ހާޝިމްގެ ދަރިކަލުން ޢަބްދުލްމުއްޠަލިބުގެ ދަރިކަލުން ޢަބްދުﷲގެ ދަރިކަލުން މުޙައްމަދު ޞައްލަﷲ ޢަލައިހިވަސައްލަމައެވެ.

މިއީ ޞަޙީޙުލް ބުޚާރީގައި އެކަލޭގެފާނުގެ ނަސަބުފުޅު ޒިކުރު ކުރެވިފައިވާ މިންވަރެވެ. އަދި މިއީ ޢިލްމުވެރިން ޢިޖުމާޢުވެފައިވާ މިންވަރުވެސްމެއެވެ. އެހެނީ އެކަލޭގެފާނުގެ ކާފަ ޢަދްނާން އިން ފެށިގެން އާދަމް ޢަލައިހިއްސަލާމްއާއި ހަމައަށް އެކަލޭގެފާނުގެ ނަސަބު އިތުބާރުކުރެވޭ އެއްވެސް މަގަކުން ޘާބިތުވެފައެއްނުވެއެވެ. ނަމަވެސް ޢަދްނާން އަކީ އިބްރާހީމް ޢަލައިހިއްސަލާމްގެ ދަރިކަލުން އިސްމާޢީލް ޢަލައިހިސަލާމްގެ ދަރިފަސްކޮޅުން ވަޑައިގެންނެވި ބޭކަލެއްކަން ޞައްޙަމަގުން ޘާބިތުވެފައިވެއެވެ.

އެކަލޭގެފާނުގެ މަންމާފުޅަކީ ބަނޫ ޒަހްރާގެ ބޭކަނބަލެކެވެ. އެކަލޭގެފާނުގެ ނަސަބުފުޅު މަންމާފުޅުގެ ނަސަބުފުޅާއި ބައްދަލުވަނީ ކިލާބް ބިން މުއްރާ އާއި ހަމައިންނެވެ.

ﷲ ތަޢާލާ އެކަލޭގެފާނު ލައްވަވާފައިވަނީ އިންސާނުންގެ ތެރެއިން އެންމެ ޠާހިރު، އެންމެ މަތިވެރި ނަސަބުން އަދި އެންމެ ޝަރަފުވެރި ޤަބީލާއިން ވަޑައިގެންނެވި ބޭކަލެއްކަމުގައެވެ. އިމާމް މުސްލިމް އެކަލޭގެފާނުގެ ޞަޙީޙުގައި ރިވާކުރައްވަވާފައިވާ ޙަދީޘްފުޅެއްގައި އައިސްފައިވެއެވެ. إِنَّ اللهَ اصْطَفَى كِنَانَةَ مِنْ وَلَدِ إِسْمَاعِيْلَ وَاصْطَفَى قُرَيْشًا مِنْ كِنَانَةَ وَ اصْطَفَى مِنْ قُرَيْشٍ بَنِيْ هَاشِمَ وَ اصْطَفَانِيْ مِنْ بَنِيْ هَاشِمَ. " ﷲ ތަޢާލާ އިސްމާޢީލް ޢަލައިހިއްސަލާމްގެ ދަރިފަސްކޮޅުން ކިނާނާ އިޚްތިޔާރުކުރައްވަވައި މާތްކުރެއްވެވިއެވެ. އަދި ކިނާނާގެ ދަރިފަސްކޮޅުން ޤުރައިޝުން އިޚްތިޔާރުކުރައްވަވައި މާތްކުރެއްވެވިއެވެ. އަދި ޤުރައިޝުންގެ ތެރެއިން ހާޝިމްވަންހަ މާތްކުރެއްވެވިއެވެ. އަދި ހާޝިމްވަންހައިން ތިމަންކަލޭގެފާނު އިޚްތިޔާރު ކުރައްވަވައި މާތް ކުރެއްވެވިއެވެ."

އިތުރަށް ވިދާޅުވޭ